ރިޕޯޓް

ދެ ވެހިކަލެއްގައި އެއް ނަމްބަރެއް ހަރުކުރާ މައްސަލަ ބޮޑުވަނީ

މާލޭގެ މަގެއްގައި ވެހިކަލް ދުއްވަނީ: ފޭކް ނަމްބަރު ބޯޑު ޖަހައިގެން އުޅަނދު ދުއްވާ މައްސަލަ ބޮޑު ކަމަށް ފުލުހުން ބުނޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގަވާއިދާ ހިލާފުވެގެން ސައިކަލް ޓޯކޮށްފައިވާ ކަމަށް ޓްރެފިކް ފުލުހުން ގުޅާފައި ބުނިއިރު، ޕީއެސްއެމްގެ ކުރީގެ އެމްޑީ ޒީނާ ޒާހިރު އިނީ އޭނާގެ ސައިކަލް މަތީގަ އެވެ. ސައިކަލް ދުއްވާތާ ހަ އަހަރު ވި އިރު ދުވަހަކު ވެސް އޭނާގެ ސައިކަލް ޓޯކުރަން ޖެހޭ ފަދަ ކަމެއް ދިމައެއް ނުވެ އެވެ. އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ އޭނާ ސައިކަލްގައި އިންދައި ފުލުހުން އެގޮތަށް ބުނުމުންނެވެ.

މައްސަލަ ފުލުހުން ބެލިއިރު ވީ ގޮތަކީ، ޒީނާގެ ސައިކަލް ނަމްބަރު ޖަހައިގެން އެހެން ސައިކަލެއް ދުއްވަނިކޮށް އަތުލައިގަނެވުނީ އެވެ.

މިއީ، މި ފަހަކަށް އައިސް މާލޭގައި އާންމުކަމަކަށް ވެއްޖެ މައްސަލައެކެވެ.

ޒީނާ ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓުގައިވާ ގޮތުން، އޭނާގެ ނަންބަރުގައި ވަގަށް ދުއްވި ސައިކަލަކީ ވެސް އޭނާ ދުއްވާ ބްރޭންޑުގެ ހަމަ އެ ކުލައިގެ ސައިކަލެކެވެ.

ޒީނާ ވިދާޅުވީ ފޭކް ނަންބަރު ބޯޑުޖަހައިގެން ދުއްވީ ވަގަށް ނެގުމަށް ފަހު، ބޭރު މީހަކަށް ވިއްކާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑުގެ ނަމުގައި ދުއްވަނީ ކިތައް ސައިކަލުތޯ ބަލާލަން ބޭނުމެވެ،" އޭނާގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

ކާރުތަކުގައި ފޭކް ނަންބަރު ބޯޑު ޖަހައިގެން ބޭނުންކުރާ މައްސަލަ އަބަދުވެސް އޮވެ އެވެ. އެކަމަކު ސައިކަލަކީ ފަސޭހައިން ރަޖިސްޓަރީ ކުރެވޭ އެއްޗަކަށް ވާތީ ސައިކަލުގައި މި މައްސަލަ އެހާ އާންމެއް ނޫނެވެ.

ފުލުހުންގެ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގެ ހެޑް، ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އިބްރާހިމް އިމްރާން "މިހާރު" އަށް ވިދާޅުވީ ސައިކަލާއި ކާރުގައި ވެސް ފޭކް ބޯޑު ޖަހައިގެން އުޅޭ މައްސަލަތައް ދޭތެރެއަކުން ފެންމަތިވާ ކަމަށެވެ.

މާލެ ބޮޑުތަކުރުފާނު މަގުގައި ވެހިކަލް ދުއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިމްރާން ވިދާޅުވީ ގިނައިން ފޭކު ބޯޑު ޖަހައިގެން ދުއްވަނީ ވަގަށް ނަގާ ސައިކަލްތަކުގައި ކަމަށެވެ.

ސައިކަލަށް ވުރެ އެ މައްސަލަ ބޮޑީ ކާރުތަކުގައި ކަމަށް ވާއިރު، އެއް ކާރުގެ ނަމްބަރު އެހެން ކާރެއްގައި ޖަހައިގެން ދުއްވާ ތަން ފެނިގެން ފުލުހުންނަށް މައްސަލަ ހުށަހަޅާފައި އެބަހުއްޓެވެ.

"އެއް ކާރުގައި އޮންނަ ނަމްބަރެއް އަނެއް ކާރުގައި އޮންނަ މައްސަލަ އެބަ ދިމާވޭ. ސައިކަލަށް ވުރެ ކާރުގައި މި މައްސަލަ އެބަ ދިމާވޭ. ސައިކަލުގައި ވެސް ދޭތެރެއަކުން އެބަ ދިމާވޭ މި މައްސަލަ،" އިމްރާން ވިދާޅުވި އެވެ.

ފޭކު ބޯޑުގައި ކާރު ދުއްވުން ގިނައީ ބެލެވޭ ގޮތުގައި ޓްރާންސްޕޯޓުގައި ރަޖިސްޓްރީކުރަން އުނދަގޫތަކެއް ކުރިމަތިވާތީ އެވެ. ގަރާޖެއް އޮވެގެން ނޫން ގޮތަކަށް ކާރު ރަޖިސްޓްރީ ނުކޮށްދެ އެވެ. ބޮޑު އަގުގައި ގަރާޖު ސިޓީ ހޯދަން ޖެހުމާއި އެކަމަށް އުފުލަން ޖެހޭ ތަކުލީފު ބޮޑުކަމުން އެހެން މީހުންގެ ވެހިކަލް ނަމްބަރުގައި "ވަގަށް" ކާރު ދުއްވަ އެވެ.

މިއީ 2019 ވަނަ އަހަރުގެ ތެރޭގައި އެއް ނަމްބަރު ބޯޑުގައި ދުއްވި ދެ ކާރު. އެ ފަހަރު ވެސް އޭގެ ތެރެއިން އެއް ކާރު ޓޯކުރި.-- ޓްވިޓާ ފޮޓޯ: ތާއެމްސް

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގައި އޮންނަ ގޮތުން ކާރު ރަޖިސްޓްރީކުރާއިރު ގަރާޖެއް އޮންނަން ޖެހެ އެވެ. މިކަން ހަމަޖައްސަން ބައެއް މީހުން ލައްކައިން ހަރަދުކޮށްގެން ގަރާޖު ސިޓީ ހޯދަ އެވެ.

މިގޮތަށް ކާރު ދުއްވަނިކޮށް ކޮންމެވެސް ކަމަކާ ހެދި ފުލުހުންގެ އަތުގައިޖެހޭ ފަހަރަކު ނޫނީ މިފަދަ ކަންކަން ފަޅައެއް ނާރަ އެވެ.

އިމްރާން ވިދާޅުވި ގޮތުގައި މީހަކު އެކަން ރިޕޯޓުކޮށްގެން ނުވަތަ ޓޯކުރާ ހިސާބުން ނޫން ގޮތަކަށް ބޯޑުގެ މައްސަލަ ފުލުހަށް އެނގޭކަށް ވެސް ނޯވެ އެވެ. ދެން އެކަން ކުރެވޭނެ ގޮތަކަށް އޮންނަނީ ކޮންމެ ވެހިކަލެއް ހުއްޓުވައި އިންޖީނުގެ ޗެސިސް ނަންބަރު ބަލައިގެންނެވެ.

އިމްރާން ވިދާޅުވީ ފޭކް ބޯޑު ހަދައިގެން އުޅޭ މައްސަލައެއް އާންމުންގެ ތެރެއިން މީހަކަށް ފާހަގަވެއްޖެ ނަމަ، ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. ޝަކުވާ ހުށަހެޅުމުން މިހާތަނަށް އެފަދަ ބައެއް މައްސަލަތައް ބަލައި ފޭކް ބޯޑު ޖަހައިގެން ވެހިކަލް ދުއްވި ފަރާތް ޖޫރިމަނާކޮށް، ވެހިކަލް ޓޯކޮށްފައި ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަގު ބޯޑު ޖަހައިގެން ދުއްވަންޏާ ހަމަ އެ މައްސަލަތައް އަޅުގަނޑުމެން ތަހުގީގުކުރާނެ."

އިމްރާން ވިދާޅުވި ގޮތުގައި ވެހިކަލުގެ އިންޖީނު ނަމްބަރާއި ޗެސިސް ނަމްބަރުން ސައިކަލުގެ ނަމްބަރާއި އޯނަރުގެ މައުލޫމާތު އެނގޭނެ އެވެ. އެހެންވެ، ވަގު ބޯޑު ޖަހައިގެން ދުއްވާ ހާލަތުގައި ވެސް ވެހިކަލް ދުއްވި ފަރާތާއި އެ ވެހިކަލުގެ އަސްލު އޯނަރު ޖޫރިމަނާކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ޕާކިން ޒޯނެއްގައި ސައިކަލްތަކެއް ޕާކުކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެފަދަ މައްސަލައެއްގައި މިފަހުން ޒުވާނެއްގެ ކާރު 10 ދުވަހަށް ޓޯކޮށް 10،000ރ. އިން ޖޫރިމަނާކުރި އެވެ.

އެ ޒުވާނާ ބުނި ގޮތުގައި އޭނާ އެ ކާރު ގެނައީ އައްޑޫންނެވެ. އެހެން ޒޯނެއްގެ ވެހިކަލެއް މާލޭގައި ދުއްވަން ޒޯނު ބަދަލުކުރަން ޖެހުނަސް އެކަން ކުރުމުގެ މަރުހަލާ ދިގުވެގެން "ފަސޭހަ"ކޮށްލުމަށް އޭނާގެ އެކުވެރިއެއްގެ ކާރުގެ ނަމްބަރު ބޭނުންކުރީ އެވެ.

އެ މައްސަލާގައި އޭނާ ޖޫރިމަނާކުރިޔަސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޯޑުގެ ވެރި ފަރާތުން ބޭނުންނުވުމުން ދޫކޮށްލީ އެވެ.

"އައްޑޫގައި ރަޖިސްޓާ ކޮށްފައި އިން ކާރެއް ގެނެސް ޒޯން ބަދަލުނުކުރެވި، ކެތްމަދުވެގެން ދުއްވާލީ. މީހެއްގެ ބޯޑެއް ޖެހީމަ އޭނާ ކައިރި އަހާ އޭނާ މައްސަލަ ޖައްސަން ބޭނުންވޭތޯ. އެކަމަކު އަހަރެން ރައްޓެއްސެއްގެ ބޯޑު ޖެހީމަ އޭނާ މައްސަލައަކަށް ނުހެދީމަ ދެން ޖޫރިމަނާކޮށްފައި ޓޯކުރީ،" އޭނާ ބުންޏެވެ.

ފޭކް ބޯޑު ޖަހައިގެން ވެހިކަލް ދުއްވުމުގެ މައްސަލަ ބޮޑުވެފައިވާ އިރު، އެ ނަމްބަރު ރަޖިސްޓްރީކޮށްދީފައިވާ ފަރާތަކަށް ގިނަފަހަރަށް އެކަން މި އެނގެނީ ގަވާއިދާ ޚިލާފުވެގެން ހުއްޓުވާ ހިސާބުންނެވެ. މިގޮތަށް ވަގު ބޯޑުގައި ދުއްވަނީ ކިތައް ސައިކަލް ކަމެއް އެނގޭނެ ގޮތެއް ނެތެވެ.

މައްސަލާގައި ފިޔަވަޅު އެޅެނީ، ޒީނާއަށް ދިމާވި ގޮތަށް އޭނާގެ ނަމްބަރު ބޯޑު އެހެން މީހަކު ބޭނުންކުރާ ކަން ފަޅާއެރުމުންނެވެ. ފުލުހުން ބުނާ ގޮތުގައި، މަގުމަތިން އެފަދަ ކަމެއް ފާހަގަވެގެން އާއްމުންގެ މީހަކު ރިޕޯޓްކުރި ނަމަވެސް އެ މައްސަލައެއް ބަލައި ފިޔަވަޅު އަޅާނެ އެވެ.

51 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 8%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާއްޖެ

27 September 2025

ޒީނާއަށް ވާ ގުޅައިފިތާ ޓޯ ކޮއްގެން ވެސް. އަހަރެމެން ޖެހުނީ ގެއްލިގެން ހޯދާ ނުފެނުނީމާ ޓޯޔާޑަށް ގޮސް އެތާ އޮތްތޯ ބަލަން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފުބެއްޔާ

26 September 2025

ވައްކަން ނަމޫނާވެ ގައުމު ހިންގަން ތިބޭ މީހުން ދުއްވާ ކާރުތަކުގެ ތެރޭގައި އެއަރޕޯޓުން ގެއްލޭ ވެހިކަލްތަކާއި ކޮންމެ ފަހަރަކު ވެރިކަން ބަދަލުވާ ދަނޑިވަޅު މުލިޔާގޭ ގާރާޖުން ގެއްލޭ އަގުބޮޑެތި ކާރުތައް ހިމެނޭ . މިކަންބަލަން ތިބޭމީހުން ހާލަތު ދާދިފަހުން ލީކުވީ ބުރޯ ފައިލު ބަލާލުމުން ގައުމުގެ ހާލަތު އިހްސާސް ކޮށްލަން ފަސޭހަވާނެ

The name is already taken The name is available. Register?

ބޮއްސުން ލައިފަ

25 September 2025

1000 ވެހިކަލް އެއްގެއެއްގެ ނަމުގަ އޮތް އިރު ތިކަން ނުވެ ނުދާނެކަމަށް މި ބަލަނީ. މިތާ ތިއުޅޭބިދޭސީން ބޭނުން އެއްޗެއް ޖަހައިގެން އުޅުނަސް ކަލޭމެނަށް ނޭނގޭނެ. ވެހިކަލް ކެޓަގަރީ ނަންބަރުވެސް ހިތުހުރިގޮތަކަށް. އެއް މޮޑެލްގެ ދެޕިކަޕު ކައިރީގަ އޮންނަ އިރު.

The name is already taken The name is available. Register?

ޢަރުތަ

25 September 2025

ވެހިކަލްގެ ނަމްބަރު ޕްލޭޓްގެ އަކުރުތައް ވަކި ސައިޒަކަށް ވަކި ފޮންޓަކުން ހުންނަން ޖެހޭނެ ކަމަށް ކަނޑައެޅި އެނޫންގޮތަކަށް ނަމްބަރު ބޯޑު ހުރި ވެހިކަލެއް ބްރިޖަށް ވެސް ނޭރޭނެ ކަމަށް އަންގާފަ އޮތީ ، ކިހިނެއްބާވީ، ތަންފީޒުކުރެވޭބާ ހަމަ ޗޮކުން ގޮސްފަ އޮތީ އެމީހަކަށް ފެންނަ އެމީހަކު ހިތާވާ ފޮންޓަކުން ނަމްބަރު ޕޮލޭޓް ހަދައިގެން ޖަހައިގެން ދުއްވަނީ، އެކަމެއް ނުހުއްޓުވުނު ދެތްތޯ

The name is already taken The name is available. Register?

ވފގވދފސ

25 September 2025

"ވަގަށް ނެގުމަށްފަހު ބޭރު މީހަކަށް ވިއްކީ" މިއީ ވަރަށް ގިނަ ގޮތްގޮތުން ބަލާއިރު ޤަބޫލު ކުރެވޭނެ ވާހަކައެއް ނޫން. މާލޭގެ ގިނަ ގަރާޖުތަކުގައި އުޅެނީ ބޭރު މީހުން، ސްޕެއަރޕާޓްސް ވިއްކާ އަދި ސައިކަލު މަރާމާތުކޮށްދޭ!

The name is already taken The name is available. Register?

ޗަޕް

25 September 2025

ހުޅުމާލޭ ފުލުހުން އަޅުގަނޑާ ގުޅާފަ ބުނީ މިވެނި ނަމްބަރެއްގެ ސައިކަލް އެއީ ތިބޭފުޅާ ސައިކަލްހޭ. ޢަޅުގަނޑު ބުނިން އާއެކޭ ކިހިނެއްވީތޯއޭ ވީ. ފުލުހުން ބުނީ މިގުޅާލީ ތިބޭފުޅާގެ ސައިކަލުން ޕެޓްރޯލް ފައިބާތީ ކަމަށް. ބުނެފިން ކޮންތާކު ހުއްޓާތޯއޭ ފައިބަނީ. ހުރީ ހުޅުމާލޭގެ ކޮންމެވެސް ތަނެއްގައޭ ބުނެފި. ބުނެފިން އެސައިކަލް މަތީގައޭ މިއިނީ މާލޭގައި. ދެން އަނެއްކާ ނަމްބަރު އަހައިފި. އަދި ބުނެފި ޖީއެން އެކޭ. އަޅުގަނޑު ބުނެފިން ޖީއެން އަކަށް ނާރާތާ 30 އަހަރޭމީ

The name is already taken The name is available. Register?

ނުތަނަވަސް މޯލްޑިވްސް

25 September 2025

އެއްވެސް ހިންގުންތެރިކަމެއްނެތް މީސްމީހުނަށް މިނިސްޓަރުކަން ދީގެން ރައްޔަތުން ހަނާވަނީ. ވެރިކަމަށް އައިސްގެން ފޮނިކެޑިއިރު އަހަރުމެން ހީކުރީ މީހުން އޮފީސް ނިންމާލާފަ ގެއަށްދާނީވެސް ޑްރޯން އަކުން ކަމަށް. ހުސްސަޅިބައިސާ. ލޮލުގައި އަދުން އެޅުވުން އެއްކަމެއްވެސް ރަގަޅެއްނުން ބޮޑަށް ގޯސްވީ.

The name is already taken The name is available. Register?

ސަނަމް

25 September 2025

ރައީސް ވެސް މިހިރަ މިހިރަ ކަންކަން އިސްލާހުކުރުމަށް ތަންކޮޅެއް ހިންގުންތެރި ހަރުދަނާ މިނިސްޓަރެއް ޓްރާންސްޕޯޓަށް ލިނަމަ ދޯ. މިހާރުވެސް މިއުޅެނީ ލައިސަންގަޑެއް ރިނިއުއަށް ލައިގެން މަސް ދުވަސްވަނީ ކޮންމެ ފަހަރަކު ގުޅީމަ އެކައްޗަށް ކިިޔަނީ ވެބްސައިޓަށް އިޝޫއެއް ދިމާވެގެން މިހަފުތާތެރޭ ނިމޭނެ، އެހެން ބުނާތާ ހަތަރުހަފުތާވެއްޖެ.

The name is already taken The name is available. Register?

‫ދަރި

25 September 2025

ބ‫ޮޑު މުސާރަ ނަގައިގެން ތިބޭ ބޭކަލުންގެ ޒިންމާދާރުކަން ތިޔަ ފެންނަނީ! ކޮންމެ ކަންމައްޗެއްގައި ނޫޔުނީފޯމުގެ ބޭކަލުން އަދި ބޭކަނބަލުން ތިބޭނެ! ރައްޔިތު މީހަކަށް ދުއްޕާނެއް ކުރެވެން އޮތިއްޔާ އެކަމެއް ކުރާނެ!

The name is already taken The name is available. Register?

އަހުމަދީ

25 September 2025

ރަނގަޅައް އިންވެސްޓިގޭޓްކޮއްފިއްޔާމު އިނގޭނެމ މާލޭގަ ދުއްވާ %50 ކާރާކީ ނަހަލާލު ރަޖިސްޓަރި ހައްދާފަ ހުރި ކާރުތައް. ޔައުނީ ސައްހަނޫން ގަރާޖު ސިޓީ ހައްދައިގެން ނުވަތަ ގަނެގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454