ރިޕޯޓް

ދެ ޝަހީދުންގެ ހަނދާންތަކުން ދިޔަމިގިލީ ހިތްތައް އަދިވެސް ރިހިރިހި

ތ. ދިޔަމިގިލިން،  ހުސެއިން ހަބީބް، މިހާރު

03 ނޮވެމްބަރ 2025 - 09:14

2 comments

މި ރަށު ބަނަފްސާގޭ މަރިޔަމް ހަސަނުގެ ލޮލުން، އެ ވާހަކަ ދައްކާލިޔަސް ކަރުނަ ހިލެ އެވެ. ނޮވޮމެބަރު 3، 1988 ގައި ބާޣީން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވެގެން ބިންމައްޗަށް ވެއްޓުނު އެންމެ ޒުވާން ހަށިގަނޑަކީ އުމުރުން 16 އަހަރުގެ، މި ރަށު ކާނިމާގެ ޖަވާދު އުމަރެވެ. މަރިޔަމް ހަސަނުގެ އެއްބަނޑު ކޮއްކޮ އެވެ.

އެ އުދުވާނުގައި ސިފައިންގެ ތެރެއިން ޝަހީދުވި އޮފިސަރުންގެ ތެރެއިން މި ރަށު ރަބީއުގޭ މުހައްމަދު ހަސަންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު ހަސަން، ބޭބެގެ ހަނދާންތަކުގެ ވާހަކަ ކިޔައިދެމުން ދިޔައިރު އަޑުބެދިއްޖެ އެވެ.

އެކަމަކު މިއީ ހަމައެކަނީ އެ ދެ އާއިލާ އަށް އެކަނި ކުރެވޭ އިހްސާސެއް ނޫނެވެ. މި ރަށުން ބައްދަލުވެ އެ ވާހަކަ ދެއްކި ކޮންމެ މީހަކަށް ވެސް އެ އިހުސާސް ކުރެވެ އެވެ.

"އެއްބަނޑުއެއްބަފާ މީހަކަށް ހަމައެކަނި ހުރީ ވެސް ބޭބެ. ކުއްލިއަކަށް މަރުވެގެން ދިޔައީމަ ވަރަށް ބޮޑު ހިތްދަތިކަމަށްވި،" ބޭބެ މުހައްމަދުގެ މަރާ ބެހޭގޮތުން އަހުމަދު "މިހާރު" އަށް ކިޔައި ދިނެވެ.

ނޮވެމްބަރު ތިނެއްގެ ހަމަލާގައި ޝަހީދުވި މުހައްމަދު ހަސަންގެ ކޮއްކޮ އަހްމަދު ހަސަން: ބޭބެގެ ކުއްލި ވަކިވުމުގެ ހިތްދަތިކަން އޭނާ އިހްސާސް ކުރޭ

"އަނެއްކާ ސިފައިން ގޭގެ ވަޒީފާގައި އުޅެފަ ވެސް ޗުއްޓިއަކަށް އައިސްފިއްޔާ ރަށުގެ ކަންތައްތަކުގައި ވެސް ބޭބެ އުޅޭނެ. އެންމެންނާ ގުޅޭ ސަމާސާކޮށް ހަދާ މީހެއް އެއީ."

ރަށު ކައުންސިލު އިދާރާގެ އެގްޒެކެޓިވް ޑައިރެކްޓަރު ޔަހްޔާ ރަޝީދު ވިދާޅުވި ގޮތުގައި މާލެ އަށް ހަމަލާ ދީފި ކަމުގެ ހަބަރު ވީއެޗްއެފް ސެޓް މެދުވެރިކޮށް ލިބުނީ އެ ދުވަހުގެ ހެނދުނު 10 ޖެހި އިރު އެވެ.

"އެކަމަކު ރަށުގެ ދެ މީހުންނަށް ކަމެއް ދިމާވެގެން އުޅޭކަމެއް އޭރަކު ނޭނގޭ. ރަށު ދެ މީހުންގެ މަރުގެ ހަބަރު ލިބުނީ ހަވީރު ވީ ފަހުން،" އޭނާ ވިދާޅުވި އެވެ.

އެ ރެޔަށް އިރުއޮއްސުނު އިރު މުޅި ރަށަށް ފުން ހިތާމަ އާއި މޮޅުވެރިކަމެއް ވެރިވި އެވެ.

މަރިޔަމް ހަސަން ބުނި ގޮތުގައި އެއީ އޭނާގެ ހަޔާތުގައި ކުރިމަތިވި ހިތާމަވެރި ރޭތަކުގެ ތެރެއިން އެއް ރެޔެވެ.

ޝަހީދު ޖަވާދުގެ ހަނދާނުގައި ދިޔަމިގިލީގައި ބިނާކޮށްފައިވާ ކުޑަކުދިންގެ ޕާކު

"މަގޭ ޖަވާދަކީ ވަރަށް ހެޔޮ ވަރަށް ރަނގަޅު ކުއްޖެއް. އެޔޮ [އޭނާ] އެކަންޏެވެސް ނޫން މުހައްމަދަކީ ވެސް އެކަހަލަ ކުއްޖެއް،" މާމާ ދަރިފުޅު ކައިރީގައި ބައިންދައިގެން އިނދެ މަރްޔަމް ހަސަން ކިޔައި ދިނެވެ.

ޖަވާދާ އޭރު އެންމެ ގާތް މީހަކީ މިރަށު މުރިނގު މޫސާ ފަތުހީ އެވެ. ޖަވާދާއި ފަތުހީއަކީ އޭރު އެއް އުމުރެއްގެ ޒުވާނުންނެވެ.

އޭނާ ބުނީ ގޮތުގައި އެ އުމުރުގެ އެހެން ޒުވާނުންނަށް ވުރެ ޖަވާދުގެ ވިސްނުން މާ ތޫނެވެ. ދުރަށް ވިސްނަ އެވެ.

ޖަވާދު އުމަރުގެ އެއްބަނޑު ދައްތަ މަރިޔަމް ހަސަން: އަހަރުތަކެއް ފާއިތުވެގެން ދިޔައިރު ވެސް ކޮއްކޮގެ ހަނދާންތައް އާއަވެ ހުރި ކަމަށް އޭނާ ބުނޭ.

"އޭރު ވެސް ރަށަށް އައިސް އުޅެންޏާ ނިދަން އަންނާނީ މަމެންގެ ގެއަށް، މުރިނގަށް. މާލޭގައި އުޅެފައި އައިސް (ހަދިޔާއަކަށް) ގެނައީ ގަމީހެއް. ދެން އަންނަ ފަހަރަކުން ހަދިޔާއަކަށް ގަޑިއެއް ގެނެސްދޭނަން އިނގޭޔޭ ބުނެފަ ދިޔަ ފަހަރު އެ މަރުވީ،" ފަތުހީ ކިޔައި ދިނެވެ.

ދެ ޒުވާނުންގެ މަރާ އެކު ރަށަށް ވެރިވެފައި އޮތް ހިތާމަ، ދިގު މުއްދަތަކަށް ދެމިގެން ދިޔަ އެވެ. ތިން މަހެއްހާ ދުވަހަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއް ބަލަހައްޓަން ހުރިހާ ރަށަކަށް ސަރުކާރުން އެންގި އިރު, ދިޔަމިގިލި އޮތީ އެ މޮޅިވެރިކަމާއި މާޔޫސްކަމުގެ ތެރޭގަ އެވެ.

ރަށް ބަލަހައްޓަން އެންމެ އިސްކޮށް ހަވާލުވީ ރަށުގެ އޭރުގެ ބޮޑު ކަތީބު މަރްހޫމް ހުސައިން ހަސަން މަނިކެވެ. އޭނާގެ އެހީތެރިޔަކީ އޭރު ވެސް ރަށު އޮފީހުގައި ވަޒީފާ އަދާކުރަމުންދިޔަ ރަޝީދެވެ.

ރަށުގެ ރައްޔިތުންގެ ބައްދަލުވުމެއްގައި ކައުންސިލުގެ ރައީސް އަހްމަދު މޫސާ (ކ) އާ އެކު ރަޝީދު (ވ) --- ފޮޓޯ: ދިޔަމިގިލީ ކައުންސިލް

"ހުސައިން މަނިކުބެ [ރަށުގެ އޭރުގެ ބޮޑު ކަތީބު] އާ ދެމީހުން އުޅުނީ. ބައެއް ރޭރޭ އެކަނި ވެސް މުޅި ރަށް ބަލަހައްޓަން ޖެހުނު،" ރަޝީދު ވިދާޅުވި އެވެ.

ހަވާލުކޮށްފައި އޮތް ޒިންމާގެ ބޮޑުކަން ރަޝީދަށް ވިސްނެ އެވެ. ރޭގަނޑުގެ އެ ހިމޭންކަމުގައި ރަށް ބެލެހެއްޓމުގެ ޒިންމާ އަދާކުރަމުން ދިޔައިރު ރަށުން ޝަހީދުވި ދެ ޒުވާނުންގެ ހަނދާންތައް އޭނާގެ ހިތަށް ވެރިކުރުވަ އެވެ.

ޖަވާދަކީ ރަށު އޮފީހުގައި ވެސް ވަޒީފާ އަދާކުރި ޒުވާނެކެވެ. އެ މަސައްކަތަށް އޭނާ ދޭ ސަމާލުކަން ރަޝީދަށް ވަނީ ކިތަންމެ ރަނގަޅަކަށް ވެސް ފެނިފަ އެވެ. މުހައްމަދަކީ ގާތްކޮށް އުޅެއުޅެފައި ދިޔަ މީހެކެވެ.

ރަޝީދު ވިދާޅުވި ގޮތުގައި އެ ހާދިސާ އަށް ފަހު ފުރަތަމަ ތިން މަސް ދުވަހުގެ މުއްދަތަކީ އުނދަގޫގެ ދުވަސްތަކެކެވެ.

"ރަށް ކައިރިން ރޭގަނޑު ދޯންޏެއްގެ އަލި ފެނުނަސް ވަގުތުން އަތޮޅު އޮފީހަށް އަންގަން އަންގާފަ އޮންނަނީ،" އޭނާ ވިދާޅުވި އެވެ.

މުހައްމަދާއި ޖަވާދު ޝަހީދުވިތާ 37 އަހަރު ވެގެން ދިޔައިރު ވެސް އެ ދެ މަރްހޫމުންގެ ހަނދާންތައް މިރަށާ ވަކިވުމެއް ނެތެވެ. އެ ހާދިސާގެ ވާހަކަ ދެއްކިޔަސް އެ ދެ މަރްހޫމުންގެ އާއިލާގެ މެންބަރުންގެ ލޯތައް ފެންކަޅި ވެއެވެ.

"ޓީވީން ދެއްކީމަ އެކަންޏެއް ނޫން އެ ވާހަކަ ދެއްކިޔަސް ދެރަވޭ،" ޖަވާދުގެ ދައްތަ މަރިޔަމް ހަސަން ބުންޏެވެ.

ދިޔަމިގިލީގެ މަންޒަރެއް

މުހައްމަދުގެ މަންމަ އަށް އޭނާ ޝަހީދުވި ކަމުގެ ހަބަރު ދިނީ އޭގެ އަނެއް ދުވަހު އެވެ. އެ ފުން ހިތާމައިގެ ހަބަރު މަންމަ އަށް ދިނުމުން އެ މަންމަ އަށް ކުރިމަތިވި ހާލަތު، އަހުމަދު މިހާރު ވެސް ހަނދާން އެބަހުއްޓެވެ.

"މަންމަ އާއި ބައްޕަ އޭރު އުޅޭނީ ފަހަލާގައި. [ރަށާ އެއް ފަޅެއްގައި އޮންނަ ފަޅު ރަށެއް] އެ ރަށުން ބައެއް ވަރުވާ އަށް ލިޔެގެން ބައްޕަ އުޅޭތީ. މަންމަމެން ބަލާ ރަށު ބަޔަކު (ދޯނީގައި ގޮސް) ރަށަށް ގެނެސްފަ ބޭބެ މަރުވި ވާހަކަ ބުނީ،" ފެންކަޅިވެފައި ހުރެ އަހުމަދު ކިޔައި ދިނެވެ.

"މަންމަ ވަރަށް ހިތްދަތިވެގެން ވަރަށް އަސަރު ވެސް ކުރި. މަންމަ ހަމަޔަކަށް އެޅެން ވެސް ދުވަސްތަކެއް ނެގި. ބައްޕަ ވަރަށް ހިތްވަރުގަދަ."

ޖަވާދާއި މުހައްމަދު ޝަހީދުވުމުން މި ރަށަށް ލިބުނު ހިތްދަތިކަން ރަށުގެ މިހާރުގެ ޒުވާން ޖީލަށް އަމަލީގޮތުން އިހުސާސެއް ނުކުރެވޭނެ އެވެ. ނަމަވެސް މި ޖީލަށް އެ އިހްސާސްތައް ކިޔައި ދީ ވަރުތަވާނެ ހުރިހާ ގޮތްތަކެއް މި ރަށުގައި ހުރީ ހަމަޖެހިފަ އެވެ.

ދިޔަމިގިލީގައި އަލަށް އިމާރާތް ކުރަމުންދާ މިސްކިތް: މި މިސްކިތަށް ނަން ދޭން ހަމަޖެހިފައި ވަނީ ނޮވެމްބަރު 3 ގައި ޝަހީދުވި މި ރަށު މުހައްމަދު ހަސަންގެ ނަމުން.

"ކުޑަކުދިންގެ ޕާކުގެ ނަން ނިސްބަތް ކުރީ ޝަހީދު ޖަވާދަށް. މިހާރު އިމާރާތް ކުރަމުންދާ މިސްކިތަށް ކިޔަން ހަމަޖެހިފައިވާ ނަމަކީ މަސްޖިދުލް ޝަހީދު މުހައްމަދު ހަސަން. [އިސްލާމިކް] މިނިސްޓްރީން ވެސް ވަނީ އެ ނަން އެޕްރޫވްކޮށްދެއްވާފައި،" ރަށު ކައުންސިލުގެ ރައީސް އަހްމަދު މޫސާ ވިދާޅުވި އެވެ.

"އަދި ކައުންސިލުން އެބަ ގެންގުޅެން އެހެން ވިސްނުމެއް ވެސް. ބަނދަރުމަތީގައި ބޮޑު ދިދައާ އެކު ޖުމްހޫރީ މައިދާނުގެ ކޮންސެޕްޓަށް ތަނެއް ތަރައްގީ ކުރަން 'ޝަހީދުންގެ މައިދާން' ގެ ނަމުން ނަން ދީފައި."

އަހްމަދު މޫސާ ވިދާޅުވި ގޮތުގައި ރަށުގައި ހިންގާ ކޮންމެ ހަރަކާތަކާއި ފާހަގަ ކުރާ ކޮންމެ މުނާސަބަތެއްގައި ރަށުގެ ޝަހީދުންގެ ހަނދާންތައް މިރަށުގައި އާ ކުރެ އެވެ. ކުޅިވަރު މުބާރާތެއް ބޭއްވިޔަސް ޝަހީދުންގެ ޒިކުރާއާ ގުޅުވައި އެ ހަނދާތައް މި ޖީލަށް ވާރުތަކޮށްދޭން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިޔަމިގިލީ ކައުންސިލު ބައްދަލުވުމެއްގެ ތެރެއިން: ނޮވެމްބަރު ތިނެއްގެ ޝަހީދުންގެ ޒިކުރާ މި ރަށުގައި އާ ކުރޭ --- ފޮޓޯ: ދިޔަމިގިލީ ކައުންސިލު

ރަށު ސްކޫލުގެ ދަރިވަރުންނަށް ވެސް ދިޔަމިގިލީގެ ދަރިކޮޅާއި ރަށުގެ ތާރީހާއި ޝަހީދުންގެ ވާހަކަތައް ކިޔަވައިދެ އެވެ. ސްކޫލުގެ ޕްރިންސިޕަލް ޔޫސުފް ޒަކަރިއްޔާ ވިދާޅުވީ ގޮތުގައި އޭނާ އަމިއްލަ އަށް ވެސް އެކަމަށް ބޭނުންވާ ލިޔުންތަތައް ތައްޔާރުކޮށް ސްކޫލު މަރުހަލާގައި ދަރިވަރުންނަށް އެ ވާހަކަތައް ބުނެދީ އަންގައިދެ އެވެ.

މި ރަށުގައި ހިންގާ އެކި މުނާސަބަތުތަކަށް ބޭނުންކުރާނެ ލަވަ ޔޫސުފް ލިޔެ ދެ އެވެ. އެއިން ކޮންމެ ލަވައެއްގައި ގައުމީ ހިދުމަތްތެރިންގެ ވާހަކަތަކާ އެކު ދިޔަމިގިލީ ދަރިކޮޅުގެ ރަދުންނާއި ނޮވެމްބަރު ތިނެއްގައި ވަކިވެދިޔަ ރަށުގެ ދެ ޝަހީދުންގެ ވާހަކަތައް އޭނާ ހިމަނަ އެވެ.

"ސްކޫލުގައި ސްޓަޑީ މެޓީރިއަލްސްގެ ގޮތުގައި ވެސް އަޅުގަނޑުމެން އެ އެއްޗިހި ބޭނުން ކުރަން،" ޔޫސުފް ވިދާޅުވި އެވެ.

ގައުމީ އެކި މުނާސަބަތުތަކާ މި ރަށް ބީރައްޓެއްސެއް ނޫނެވެ ހާއްސަކޮށް ނޮވެމްބަރު ތިނެއްގެ ޝަހީދުންގެ ވާހަކަ މި ރަށުގައި އަބަދުމެ ޒިކުރާ ކުރެވޭނެ އެވެ. އަންނަން އޮތް ޖީލަށް އެ ވާހަކަތައް ކިޔައިދީ އުނގަންނައި ވެސް ދޭނެ އެވެ. މި ރަށް އޮތީ އެ ހަނދާންތަކާ އެކުގަ އެވެ.

2 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 14%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 86%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދޮރޭ

03 November 2025

މ.މުލަކުގެ ވާހަކަ އަދި އެއްވެސް ވަރަކަށް ނޭނގޭތީ އެ ވާހަކަ ހިއްސާކޮށްލައިދޭނެ ބޭފުޅަކު އެބަހުރިބާ؟ ކޮމެންޓުގަ ލިޔެފަ އޮތީމަ

The name is already taken The name is available. Register?

ޖައްސާޖައްސާ

03 November 2025

ދިޔަމިގިލި އަކީ ރާއްޖޭގެ ރަސްކަން ކުރިރަށެއް ކަން ތާރީޚްގެ ޑޭޓާ ސެޓް ތަކުން އިނގޭތީވެ ދިޔަމިގިލި އަދި މީމު މުލައް ފަދަ ރަށްރަށު މީހުން އެބަޖެހޭ ސިފައިންގެ އާއި ފުލުހުންގެ މަތީ މަގާމް ތަކަށް ގެންނާން ދިޔަމިގިލި އަކީ ކުށްމަދު ޑްރަގްގެ ވަބާވެސް މަދު ރަށަކަށްވާއިރު އެރަށުގެ ކައުންސިލް އާއި ރައްޔިތުން ގުޅިގެން 2030 އަންނައިރު އެރަށުގެ ސްކޫލް ގައި ކިޔަވާކުދިންނަކީ އެއީ ސޮފްޓްވެއަރ އިންޖިނިއަރިންގް އިން ޕީއެޗްޑީ ހަދައިގެން ތިބި ކުދިންނަށް ހަދާށޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454