އައްޑޫ ހައި ސްކޫލުގައި ހިންގި މާރާމާރީގައި ޓީޗަރު ދަރިވަރުގެ ކުރިމަތިލުން ހިނގަނީ.
11 ޑިސެމްބަރ 2025 - 09:47
އައްޑޫ ހައި ސްކޫލްގެ ދަރިވަރަކާއި ޓީޗަރެއްގެ ދެމެދުގައި ހިނގި ތަޅާފޮޅުމެއްގެ ވީޑިއޯ އިއްޔެ އާންމުވުމާ އެކު ގައުމުގެ ބޮޑު ބަހުސަށް އެކަން ވެއްޖެ އެވެ. ދަރިވަރާއި ޓީޗަރު ވެސް އެކަކު ގަޔަށް އަނެކަކު އަތްލައި އަނިޔާވެރިކޮށް އަމަލުކުރަމުން ދިޔަ މަންޒަރާ އެކު އަލުން ފެށުނީ ކޮންމެ ކަމެއް ވިޔަސް އަބަދުވެސް ދަރިވަރުން ރަނގަޅުކޮށް، ޓީޗަރުން ކުށްވެރި ކުރުމުގެ ވިސްނުމާ އެކު ސްކޫލް މާހައުލުގައި އޮތް ބޮޑު ނުތަނަވަސްކަމުގެ ޒަމާންވީ ބަހުސެވެ. ދަރިވަރުން ރަނގަޅު ކުރުމުގެ ނިޔަތުގައި ދޭ "އަދަބު" ވެސް ކުށަކަށް ބަދަލުވާ ހޫނު ބަހުސެވެ.
ފުރަތަމަ އާންމުވި ވީޑިއޯ ކްލިޕްގައި، ދަރިވަރާއި ޓީޗަރު ތަޅާފޮޅަމުން ދިޔައިރު އެހެން ދަރިވަރުން ހީ މަޖާކޮށް ވީޑިއޯ ކުރަމުން ދިޔަ ގޮތުން އެއީ އެ ކުދިންނަށް އާންމު، އާދައިގެ ކަމަކަށް ވެފައިވާ މަންޒަރެއް ކަމަށް ދޭހަވެ އެވެ. މަންޒަރު ވީޑިއޯކުރި ކަމަށް ބެލެވޭ ދަރިވަރުގެ ލެޕްޓޮޕުން ވެސް ހުޅުވައިގެން އިނީ ގޭމެއް ކަމަށް ވާއިރު މުޅި އެ މާހައުލު ތަސައްވުރު ކޮށްލެވެ އެވެ. މުޅި އެ ކުލާސް ބޮއްސުންލާފައިވާތާ އެތައް ދުވަހެއް ވެފައިވާ ކަން ވީޑިއޯތަކުން ސާފެވެ. އެކަމަކު، އައްޑޫ ހައި ސްކޫލްގެ މެނޭޖުމަންޓު ވެސް އޮތީ ބަލަހައްޓައިގެންނެވެ.
މިކަމުގައި ހިމެނޭ ބިދޭސީ ޓީޗަރު ސަސްޕެންޑްކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ. އެ ހިސާބުން އަނެއްކާވެސް މި ފެށީ ދަރިވަރުންގެ އުޅުމާއި އަހުލާގު ކިތަންމެ ގޯސް ވިޔަސް އެޅޭނެ ފިޔަވަޅެއް ނެތް ވާހަކަ އާއި އެ ކުދިންނަށް ކިޔަވައިދޭން ދާ ޓީޗަރުންނަށް ހިމާޔަތެއް ހައްގެއް ނެތް ކަމުގެ ވާހަކަ އެވެ. އެއްބަޔަކަށް ޓީޗަރު ގޯސްވި އިރު އަނެއް ބަޔަކަށް ހުރިހާ ވެސް މައްސަލަ އަކީ ދަރިވަރުންގެ އަހުލާގެވެ. މިފަދަ ކަންކަމުގައި ގެންގުޅޭ ރަސްމީ ސިޔާސަތުގެ ދެކޮޅުނުޖެހޭ ކަމެވެ.
ސްކޫލެއްގެ ދަރިވަރުންތަކެއް އެސެމްބްލީގައި: ދަރިވަރުންގެ އަހުލާގު ރަނގަޅުކުރުމަށް އެކަށީގެންވާ ވަރާ ގާތަށް ވެސް މަސައްކަތް ނުކުރެވޭ ކަމުގެ ކަންބޮޑުވުން އެބަ އޮތް. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެ ވީޑިއޯއަށް ފަހު ހަމަ އެ ދަރިވަރު ހަމަ އެ ޓީޗަރަށް އުދަގޫކޮށް ބުލީކުރާ މަންޒަރު ފެންނަ އެތައް ވީޑިއޯއެއް އާންމުވެއްޖެ އެވެ. ޓީޗަރުގެ ބޮލުގައި ގަލަމަކުން ތަޅާތީ އާއި ބޮލަށް އެއްޗެއް އަޅާތީ އާއި ކްލާސްތެރޭ ޓީޗަރަށް ބިރުދައްކާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް އެބަހުއްޓެވެ.
އެ ސްކޫލްގެ ބައެއް ދަރިވަރުން ބުނި ގޮތުގައި އެ ދަރިވަރާއި ޓީޗަރާ ދެމެދު އެފަދަ މައްސަލަތައް ޖެހޭތާ ކިތަންމެ ދުވެހެކެވެ.
ގްރޭޑް 12 ގެ އެ ދަރިވަރު ޓީޗަރަށް އަނިޔާކޮށް ބުލީކުރާ ވާހަކަ ސްކޫލްތެރޭގައި ވެސް ދައްކާ ކަމަށާއި އެކަމަކު އެ މައްސަލަ ކަމަކަށްވީ ވީޑިއޯ ލީކްވުމުން ކަމަށް "މިހާރު" އާ ވާހަކަ ދެއްކި ބައެއް ދަރިވަރުން ބުންޏެވެ.
"ވަރަށް އެގޮތަށް އުޅޭ ކުއްޖެއް އެއީ. ބައެއް މީހުން އެބަ ކިޔާ އެ ކުއްޖާ އަސްލު ހުންނަން ޖެހޭ ކްލާހެއް ވެސް ނޫނޭ އެއީ. އަސްލު ދެ މީހުން ވެސް ގޯސް، ޓީޗަރު ވެސް، ކުއްޖާ ވެސް،" ދަރިވަރަކު ބުންޏެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އިއްޔެ އާންމުވި ވީޑިއޯގައި ޓީޗަރު ރުޅި އައިސްގެން އުޅުނީ އެ ދަރިވަރުގެ ފޯނުން އަންހެނެއްގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ދައްކަން ފެށުމުން އެކަން ހުއްޓުމަށް ޓީޗަރު ތަކުރާރުކޮށް ބުނުމުން ވެސް އެކަން ނުހުއްޓުމުންނެވެ.
އައްޑޫ ހައި ސްކޫލްގައި ދަރިވަރުން އޭ ލެވެލް އިމްތިހާނު ހަދަނީ: އެ ސްކޫލްގައި ޓީޗަރަކާއި ދަރިވަރަކާ ދެމެދު ހިނގި ހަމަނުޖެހުމާ އެކު ދަރިވަރުންގެ އަހުލާގާ މެދު ބޮޑު ބަހުސެއް ވަނީ ފެށިފައި. -- ފައިލް ފޮޓޯ
އެކަމަކު، އެހެން ދަރިވަރަކު ބުނީ ޓީޗަރު ވެސް މީގެ ކުރިން ކުދިންގެ ގަޔަށް އަތްލައިގެން މައްސަލަ ޕްރިންސިޕަލަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
ސްކޫލް ޕްރިންސިޕަލަށް ގުޅުމުން ފޯނު ނުނަންގަވާތީ މިކަމުގައި އޭނާގެ ބަހެއް ނުލިބުނެވެ.
އެއާ އެކު، މިހާރު އާންމުވަމުންދާ އެކި ވީޑިއޯ ކްލިޕްތަކުން ފެންނަނީ ދެޖިންސު މަސްހުނި އެ ކްލާސްރޫމްތެރޭގައި ދަރިވަރުންގެ ފަރާތުން ނުޖެހޭ "ހުތުރު" މަންޒަރުތަކެވެ.
މި ހާދިސާއާ އެކު، ސުކޫލް މާހައުލުގައި ޓީޗަރުންނަށް ކުރިމަތިވަމުންދާ ފުރައްސާރަ އާއި މަލާމާތާއި އުނދަގުލުގެ ވާހަކަތަކުން ސޯޝަލް މީޑިއާ ފުރާލައިފި އެވެ. ދަރިވަރުންގެ ފަރާތުން ޓީޗަރުންނަށް ދޭން ޖެހޭ އަދަބު އިހުތިރާމު ނުލިބޭ ވާހަކަ އަނެއްކާވެސް ގިނަވެއްޖެ އެވެ.
އެއް ޓީޗަރަކު ބުނީ "ބިދޭސީ ޓީޗަރުން އެ މީހުންގެ ގައުމާއި އާއިލާ ދޫކޮށް ދިވެހި ދަރިންނަށް ތައުލީމުދޭން" އައިސް އުޅޭ އިރު ބައެއް ދަރިވަރުންގެ ފަރާތުން ކުރިމަތިވީ ޖެއްސުމާއި ފުރައްސާރަ ވަރަށް ބޮޑު ކަމަށެވެ. އެކަމަކު އެއީ ބިދޭސީ ޓީޗަރުންނަށް އެކަނި އޮތް މައްސަލައެއް ވެސް ނޫނެވެ.
"މިހާރު މުޅިން ވެސް ކުދިންގެ ހައްގުތައް. ކުދިންގެ ހައްގުތައް ގިނަވެގެން ގޮސް އެ ކުދިންނަށް އެނގޭ ބިދޭސީއެއް ވިޔަސް ދޭސީއެއް ވިޔަސް [އެޑިއުކޭޝަން] މިނިސްޓްރީން އިސްކުރާނީ ދަރިވަރުކަން. އަދަބު ލިބޭނީ ޓީޗަރަަށްކަން އިނގޭ މިހާރު ކުދިންނަށް،" ކިޔަވައި ދިނުމުގައި 18 އަހަރު ވެފައިވާ ޓީޗަރަކު ބުންޏެވެ.
ޓީޗިން ޑިގްރީ ނިންމުމަށް ފަހު ވެސް އެ ދާއިރާއިން ކުރިއަށްދާން ބޭނުން ނުވި އެއް ސަބަބަކީ ޓީޗަރުންނަށްވުރެ ދަރިވަރުންގެ ހައްގުތައް އިސްވެ ޓީޗަރުންނަށް ކުރާ އިހުތިރާމް ގެއްލިފައި އޮތުން ކަމަށް އެހެން މީހަކު ބުންޏެވެ.
"މިދިޔަ އަހަރު ކިޔަވައިދޭން ޖެހުނު ކްލާހެއްގެ ދަރިވަރަކު ވަރަށް ހުތުރު ބަހުން ވާހަކަ ދައްކައި، އިންޒާރުދީ، މޭޒެއް ކޮށްޕާލި ގަޔާ ދިމާލަށް. ދަރިވަރު ރުޅި އައިސްގެން. އެ ކްލާހުން ނުކުތީ ބިރުން ތުރުތުރު އަޅަމުން،" އެހެން ޓީޗަރަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައިވެ އެވެ.
ހަމަދު ސްކޫލުގެ ދަރިވަރުން އައްޑޫ ހައި ސްކޫލަށް މިދިޔަ މަހު ކުރި ޒިޔާރަތެއްގައި ފޮޓޯއެއް ނަގަން އެތުރިލައިގެން: ސްކޫލް މާހައުލުގައި ހުރި ބޮޑެތި މައްސަލަތަކަށް ފިޔަވަޅު ނޭޅި ކަންކަން ގޯހުން ގޯހަށްދާ ކަމުގެ ޝަކުވާ ބޮޑު. -- ފޮޓޯ: އައްޑޫ ހައި ސްކޫލް ފޭސްބުކް ޕޭޖް
އޭނާ ބުނީ އެ ދުވަހު އެ ގަތް ބިރު އަދިވެސް އިއްޔެ ވީ ކަމެއްހެން ހަނދާން އެބަހުރި ކަމަށާއި އެކަމަކު ޖެހިގެން އައި ދުވަހު ހަމަ އެ ކްލާހަށް ކިޔަވައިދޭ ދާން ޖެހުނު ކަމަށެވެ. އޭނާ ވެސް ދެއްކީ ދަރިވަރުންގެ ހައްގުތައް ގިނަކަމުގެ ވާހަކަ އެވެ.
ނަމަވެސް ޓީޗަރުންގެ ދިފާއުގައި ބަހެއް ބުނެލަން ކެރޭ މީހުން މަދުވުމާއި ޓީޗަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ ވާހަކަ ދައްކާނެ ބަޔަކު ނެތް ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރި އެވެ.
އައްޑޫ ހައި ސްކޫލުގައި ހިންގި މާރާމާރީގައި ޓީޗަރު ދަރިވަރުގެ ކުރިމަތިލުން ހިނގަނީ.
ބައެއް ޓީޗަރުން ގަބޫލުކުރާ ގޮތުގައި ދަރިވަރުންގެ ފަރާތުން ތަކުރާރުކޮށް އެފަދަ އަމަލުތައް ފެންނަމުން ދިއުމުގައި ބެލެނިވެރީންގެ އިހުމާލު ވެސް ބޮޑެވެ. އެފަދަ އަމަލުތައް ދަރިވަރެއްގެ ކިބައިން ފެނުނަސް ކުއްޖަކު އިސްލާހުކޮށް އެ ކަންކަން ހުއްޓުވަން ދަރިވަރަށް ނަސޭހަތްދީ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ޓީޗަރާ ދިމާކޮށްލުން ގިނައީ އެވެ؛ ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް ތިމާގެ ދަރި އަބަދުވެސް ރަނގަޅީ އެވެ.
ޓީޗަރުންގެ ޝަކުވާ އަކީ، އެ މީހުންނަށް ދަރިވަރުން ކޮންޓްރޯލް ނުވުމެވެ. ދަރިވަރުންގެ ކުރިމަތީގައި އަދި އެހެން ތަނެއްގައި ވިޔަސް ދަރިވަރުން ބޭނުންހާ ގޮތަކަށް އުޅެނީ އެވެ. ޓީޗަރަށް އޮތީ އަތް އުރާލައިގެން ބަލަން ހުރުމެވެ.
މިހާރު އޮތް ސުވާލަކީ ވެސް އެއީ އެވެ. ޓީޗަރުގެ މައްސަލަ ބަލައި އަދަބު ދީ ވަޒީފާއިން ވަކިކޮށް ޑީޕޯޓްކޮށްލީމާ އެ ނިމުނީ ހެއްޔެވެ؟ ދަރިވަރުންގެ އުޅުމާއި އަހުލާގުގެ ވާހަކަ ދައްކައިގެން ނުވާނެ ހެއްޔެވެ؟ މުޅި ކުލާސް ހަމައިން ނެއްޓެމުން ދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށް ބެލެވޭއިރު ސްކޫލްގެ މެނޭޖުމަންޓު ކޮބައި ހެއްޔެވެ؟
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަޠީ
11 December 2025
މީގެ ކުރީގެ ޒަމާންތަކުގައިވެސް ސްކޫލްތަކުގައި އެތައްހާސް ދަރިވަރުންނެއް ކިޔަވއިފި. ދުވަހަކުވެސް މިހާ ދަށުދަރަޖައިގެ ކަންތައްތަކެއް ސްކޫލްތެރެއަކު ނުހިނގާ. އެދުރުންނަށް އޮންނަ ގަދަރާއި ލޯބި މާ މަތިކޮށް އޮތީ. މިހާރު އަޚްލާޤޭ ކިޔާ އެއްޗެއް ނޯވޭ. ލާނެއްވީވަރެއް އެއީ މޮޅުވުން. ތަރުބިއްޔަތު ކުރެވޭނީ އެކަށޭނަ އަދަބުވެސްދީގެން. އަދި ދަރިވަރުންނަށް ބޭނުންހާ ގޮތަކަށް އުޅުމަށް ފުރުޞަތު ނުދީ ސްކޫލުގެ މާޙައުލު މުޅިން ބަދަލުކޮށް ސްކޫލްތަކަށް ފުރުޞަތުދީގެން.
މާހިރުދީދީ
11 December 2025
މިއީ މުޅިގައުމު ފެއިލް ވެފައިވާކަމުގެ ހެެއްކެއް. ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިންވެސް، މަދަރުސާ ހިންގުމުގައި ސްކޫލް މެނޭޖްމަންޓާއި އެޑިއުކޭޝަން މިނިސްޓްރީވެސް ތިއޮތީ ފެއިލްވެފައި. ހުރިހާ ތަންތަނަށް ސިޔާސީ މީހުންލައިގެން ސިޔާސީފެންޑާ ހިންގީމައި ވާނެހައިއެއްޗެއް ތިވަނީ. ހިތަދޫގެ ލޮބުވެތި ޕްރިންސިޕަލް އަލްމަރްހޫމް އަލީ ލުތުފީ ނުރާނީ ސްކޫލް ހިންގި ގޮތަށް ސްކޫލް ހިންގަންވީ އެއިރުން ތިކަހަލަ މައްސަލަ ހައްލުވާނެ.
1206
11 December 2025
މަދަރުސީ ދައުރު ނިންމަންޖެހުނީ މި ފަދަ އެތައް ގަނާކުރުމަކާ، ކެތްކުރަން ދަތި އެތަކެއް އަނިޔާ އަތާއި ދުލުން އެކުގައި ކިޔެވި ދަރިވަރުންގެ ކިބައިން ލިބުމަށްފަހު. މި ކަންކަން ހިނގީ ޓީޗަރުންގެ ކުރިމަތީގައި. ނަފުސު ދިފާއު ކުރުމަށް ރުޅިއައުދެވެން ފެށުމުން ޓީޗަރުންގެ މަލާމާތް އަޅުގަނޑަށް ލިބުނު. ނުވިތާކަށް، މާ ރުޅިގަދަ މީހަކު ކަމުގައި ލޭބަލްވެ އަޅުގަނޑަށް ހައްގު ވާކަމަށް އަޅުގަނޑު މިއަދު ވެސް ގަބޫލުކުރާ ސްކޫލު ކެޕްޓަން ފަދަ މަގާމުން މަހްރޫމް ވާން ޖެހުނު.
އަލީބެ
11 December 2025
ހުރިހާ ސްކޫލެއް ސިޔާސީ ވެއްޖެ. ވެރިކަން ބަދަލުވުމާއެކު ފެށެނީ ޕްރިންސިޕަލުން ބަދަލުކުރުމުގެ ސިލްސިލާ. ސްކޫލް ހިންގުން މިނިވަން ބޯޑަކަށް ހަވާލުކުރަންވީ. އެޑިޔުކޭޝަނަކަށް މިކަމެއްނުވާނެ. ސްކޫލުބޯޑްތައްވެސް އުވާލަންވީ. ނުކިޔަމަންތެރިވާނަމަ ސްކޫލުންވެސް ވަކިކުރަންވީ. މިހާރުވެސް ސަރުކާރު ޚަރަދުގަ ޑޯޒްދޭ ޒުވާނުން މަދެއްނޫން. ކުލާހުގެ ބާރުއޮންނަންވާނީ މުދައްރިސްގެ އަތްމަތީގަ. ޓީޗަރުންނާ ދިމާކޮށްލާތީ އެމީހުންވެސް މިހާރު ހަތިޔާރު ބަހައްޓައިފި. ޑިމޮކްރަސީ
އަސްލުު
11 December 2025
"ދަރިވަރުންގެ ފަރާތުން ތަކުރާރުކޮށް އެފަދަ އަމަލުތައް ފެންނަމުން ދިއުމުގައި ބެލެނިވެރީންގެ އިހުމާލު ވެސް ބޮޑެވެ. އެފަދަ އަމަލުތައް ދަރިވަރެއްގެ ކިބައިން ފެނުނަސް ކުއްޖަކު އިސްލާހުކޮށް އެ ކަންކަން ހުއްޓުވަން ދަރިވަރަށް ނަސޭހަތްދީ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ޓީޗަރާ ދިމާކޮށްލުން ގިނައީ އެވެ؛ ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް ތިމާގެ ދަރި އަބަދުވެސް ރަނގަޅީ އެވެ." މީ އެންމެ ބޮޑު އެއް ސަބަބު. އަނެއްސަބަބަކީ ޕޮލިސީތަކުން ދިން އިމެއް ނެތް ހައްގުތައް
މިކަމުގެ
11 December 2025
ދެން ސިޔާސީ ވެރިން ސިޔާސީ ޕޯޑިއަމް ތަކަށް އަރާ އަނގަ ޗޭކޮށްފަ ބުނާނެ ތިމަންނާ ހުންނާނީ ހުރިހާ ސައިޓުތަށް ބުލޮކް ކޮށްފައޭ. މިރާއްޖޭގަ ބރހނ މަންޒަރު ގެންގުޅޭ އެއްވެސް ބަޔަކު ނޫޅޭނެޔޭ. އެހުރިހާ ކުދިން މިހާރު އެކަން ހުއްޓާލާފަ ސާދާ ދިރިއުޅުމެއް އުޅެން ފަށައިފިޔޭ..
ޙައްގުބަސް.
11 December 2025
ކޮމްމެ މީހަކުވެސް ލޭމައްޗަ ދާނެދޯ ބެހެންޏަ. ކިޔަވާ ކުދިންގެ އަހުލާގު ވަރައް ގޯސް.
އަދުރު
11 December 2025
މި ހުރިހާ ކަމެއް ހިގާދާއިރުވެސް އެޑިޔުކޭޝަން މިނިސްޓަރުގެ ހަބަރެއް ނުޥޭ. ދަރިވަރުން އަހުލާގު މިވަރަށް ވެއްޓުނީމަވެސް އިސްލާހު ކުރަން އަޅާނެ ފިޔަވަޅެއްގެ ވާހަކަ ސަރުކާރުގެ އެއްވެސް ފަރާތަކުން ނުދައްކާ. ދަރިވަރޭ ކިޔަކަސް 18 އަހަރުގެ ފިރިހެނެއް ކަމަށް މި އަޑު އިވެނީ. އަދި ކުލާހުގަ އޮރިޔާން ކާޑު ގެންގުޅުނު ވާހަކަ ހަބަރު ތަކުގަ މިއޮތީ. މިވަރުންވެސް ސްކޫލުންވެސް އަދި ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާއަކުން ހަމަ އެކައްޗެއްވެސް ނުބުނޭ. ގޯސްވީ ޓީޗަރު.
މުލޭ
11 December 2025
ފިރިހެން ދަރިވަރެއްގެ އުނގުގައި އަންހެން ދަރިވަރަކު ބައިންދައިގެން ފަހަތުން އަންހެން ދަރިވަރުގެ ގަޔަށް އަތްލައިގެން އެޖަހާ ސަކަރާތުން ތިޔަ ދަރިވަރުންގެ އަޚްލާގު ސާފުވާވަރުވޭ. މިއީ އެހެން ދަރިވަރުންގެ ކުރިމަތީގައި ހިންގާ ކަންކަން. އެކަހެރިވެއްޖެއްޔާ އުޅޭނެގޮތް ތަސައްވަރު ކުރެރެވޭ.
އުދުހޭ
11 December 2025
ޑޮކްޓަރު މުރަނގަގަހު ޕީއެޗްޑީއެއް ނެތަސް ޔުނީފޯމުގެ ކުލަ ބަދަލުކުރެވޭނެ