ރިޕޯޓް

ޖަރީމާތައް ރާވާ މީހުންގެ ނުރައްކާ މިފަހަރު ބޮޑެއް ނުވި

އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުރި ދެ ކޮންޓެއިނާ ސިނގިރެޓް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މީހުން: ވައްކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ ތެރެއިން ދޫކޮށްލީ އެކަން ރާވައި ހިންގި ކަމުގެ ތުހުމަތު އޮތް މީހުން.

ބޮޑެތި ޖަރީމާތަކުގެ ފަހަތުގައި ތިބޭ ބަޔަކު ހޯދުން ވެފައި އޮންނަނީ އެންމެ މުހިންމު އެކަމަކު ގޮންޖެހުން ބޮޑު ކަމަކަށެވެ. ރާވައިގެން ހިންގާ ކުށްތަކުގައި އަމަލީ ގޮތުން ބައިވެރިވާ "އާދައިގެ" މީހުން ހައްޔަރުކޮށް އަދަބު ދެވުނަސް އިންސާފުގެ ހިތްހަމަޖެހުން ނުލިބޭ މައިގަނޑު ސަބަބަކަށް ވެފައި އޮންނަނީ ޖަރީމާތައް ރާވައި ހިންގާ މީހުން ނުހޯދުމެވެ.

އެކަމަކު އެމްޕީއެލް ވިޔަފާރި ބަނދަރުގެ ވަރުގަދަ ސެކިއުރިޓީ ފޫއަޅުވާލައި ހިންގި ސިނގިރޭޓްގެ ބޮޑު ވައްކަމުގެ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކަންކުރި ގޮތުން އުފެދުނު ސުވާލުތައް ގިނަ އެވެ.

ފައިސާއިން އަގުކުރާ ނަމަ މި ފަހުން ރާއްޖޭގައި ކުރި އެންމެ ބޮޑު އެއް ވައްކަމުގެ މޭސްތިރިންގެ ގޮތުގެ ތުހުމަތުވާ މަޝްހޫރު އަދި ނުފޫޒުގަދަ ދެ ވިޔަފާރިވެރިން ކަމަށްވާ މުހައްމަދު ވަހީދު (ދިގަލި) އާއި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ބަންދުން ދޫކޮށްލީ އެވެ. ބޮޑު ސުވާލަކީ ދޫކޮށްލަން ނިންމި ސަބަބެވެ.

ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުން ކަމަށް ވެފައި މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ހެކި ލިބިފައި ނުވުމެވެ. އެހެންވެ ޕީޖީން މި ގަބޫލުކުރީ ބަންދުގައި ބައިތިއްބާނީ ކުށެއްގައި އަމަލީ ގޮތުން ބައިވެރިވި މީހުން އެކަނި ކަމަށެވެ.

ޕީޖީ އޮފީހުގެ މި ސަބަބު، އާންމުންގެ އެތައް ބައެކޭ އެއްގޮތަށް ގާނޫނީ ގިނަ ބޭފުޅުންނަށް ވެސް ވީ ތާކުންތާކު ނުޖެހޭ ކަމަކަށެވެ.

"އެ ނިންމުން ހަމައެއް ނުޖެހޭ އެއްގޮތަކަށް ވެސް، އެއް ކަމަކީ ރާވައި ހިންގާ މީހުން ނުފައިބާނެ އަމަލީ މައިދާކަށް. އަމަލީ މައިދާނުގައި އުޅޭ މީހުން ނުދާނެ ރާވާ ހިންގާކަށް. އަސްލު ރާވައި ހިންގާ މީހުން މާ ނުރައްކާތެރި އެކަން ފިޒިކަލީ ކުރާ މީހުންނަށް ވުރެ. އަމަލީ ގޮތުން ކަމެއް ކުރެވެނީ ރާވާ ހިންގާ އެކަމަށް ފަންޑު ކުރީމާ،" މީގެ ކުރިން ޕީޖީ އޮފީހުގައި މަސައްކަތް ކުރެއްވި ބޭފުޅަކު، މަސްލަހަތަށްޓަކައި ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުށެއް ކުރުމުގެ "މާސްޓަމައިންޑުން"ނަކީ ރާވާ ހިންގާ އަދި ފަންޑުކުރާ މީހުންނެވެ. ޖިނާއީ އަދުލުގެ ނިޒާމުގައި އެންމެ ބޮޑު އިސްކަމެއް ދީގެން ހިފައި ހުއްޓުވަން ޖެހޭނީ ވެސް އެމީހުންކަން އޭނާ ފާހަގަކުރެއްވި އެވެ. ކުށްކުރުން ހުއްޓުވަން ބޭނުން ނަމަ، ދައުލަތުން އަމަލު ކުރަން ޖެހޭނީ އެގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"...ޕީޖީގެ ނިންމުން މި އައީ އެއާ މުޅިން އިދިކީލަކޮށް،" އޭނާ ވިދާޅުވި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް: ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލުމުން ވަނީ ފާޑުކިޔުން އަމާޒުވެފައި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ސިނގިރޭޓް ވައްކަމުގެ ތަހުގީގަށް ފުލުހުންނަށް ހޯދުނު އެންމެ ބޮޑު ކުރިއެރުމެއް ކަމަށް އެ އިދާރާއިން ވެސް ދެކެނީ ވައްކަމުގެ މޭސްތިރިން ކަމަށް ބެލެވޭ މީހުން އަތުލައިގަނެވުމެވެ. އާންމުކޮށް ތަހުގީގުތަކުގައި ފުލުހުންނަށް އޮންނަ ބޮޑު ގޮންޖެހުމަކީ ވެސް އެއީ އެވެ. އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ ކަމަކީ ވެސް އެއީ އެވެ.

މިސާލަކަށް، މަސްތުވާތަކެތީގެ ކުށްތަކުގައި އެކަމުގެ އެންމެ އަޑީގައި ތިބޭ މީހުން ނުހޯދުމެވެ. ބޮޑެތި މަރުގެ މައްސަލަތަކުގައި އެކަން ރާވައި، ފަންޑުކުރި މީހުން ނުހޯދުމެވެ. ޓެރަރިޒަމްގެ މައްސަލަތަކުގައި ވެސް ހަމަ މިހެންނެވެ.

ކުށެއް ރާވައި ހިންގާ މީހުންނަކީ ތަހުގީގަށް ވެސް ހޯދަން އެންމެ އުނދަގޫ މީހުންނަށް ވާއިރު، ސިނގިރޭޓް ވައްކަމުގައި މި ތުހުމަތު އޮތް މީހުން ދޫކޮށްލުމަކީ، ފުލުހުންގެ ތެރޭގައި ވެސް ކަންބޮޑުވުން އޮތް ކަމެކެވެ.

"ފުލުހުން ކައިރީގައި އަބަދުވެސް މި ބުނަނީ ރާވައި ހިންގާ މީހުން ހޯދާށޭ. އެ މީހުން ހޯދައިގެން ގެނައީމާ މި ބުނަނީ އަމަލީ ގޮތުން ހިންގި މީހާ ހޯދާށޭ. އެހެންވީމާ ރަނގަޅު އެއްގޮތެއް ވެސް ނެތް. ރާވައި ހިންގާ މީހުން ނުފެނިއްޖެ ނަމަ ބުނަނީ އެއީ ފެއިލިއާއެކޭ،" ފުލުހުންގެ އިސް އޮފިސަރަކު، އޭނާގެ ކަންބޮޑުވުން ހިއްސާ ކުރެއްވި އެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކެވި ގާނޫނީ ވަކީލަކު ވެސް ވިދާޅުވީ ދިގައްޔާއި އާއްޓޭ، ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބަދަލުކުރަން ދައުލަތުން ހުށަހެޅުމުން ސުވާލު އުފެދޭ ކަމަށެވެ. އެއީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އެދުނު ސަބަބުތައް އެގޮތުގައި ދެމިއޮތީމަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަނީ؛

● ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށް ބެލެވުން؛

● ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވުން

● ފިލައިފާނެ ކަމަށް ބެލެވުން؛

● ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުން.

ވަކީލު ވިދާޅުވި ގޮތުގައި އަމަލީ ގޮތުން ކުށެއް ކުރަން އުޅުނު މީހަކަށް ވުރެ، މި ހާލަތްތައް އޮތުމުން އެންމެ އެކަށީގެންވަނީ ބޮޑު ކުށެއް ރާވައި ހިންގި މީހުންގެ ކަމަށެވެ. ހާއްސަކޮށް މިފަދަ ބޮޑު ވައްކަމެއްގެ މޭސްތިރިންގެ ގޮތުގައި ތުހުމަތުވާނީ ބާރާއި ނުފޫޒު އޮތް ބަޔަކަށެވެ.

"މި ދައްކަނީ އާދައިގެ ބައެއްގެ ވާހަކައެއް ނޫން. އެ މީހުންގެ ނުފޫޒާއި ބާރާއި ފައިސާއިން، ޔުނިފޯމް އެޅި އޮފިސަރުންތަކެއް ލައްވާ ބޮޑު ވައްކަމެއް ކުރި ކަމުގެ ތުހުމަތު. ބޮޑު ދެ ކޮންޓެއިނަރު، ފުޅާ ސެކިއުރިޓީ އޮތް ބަނދަރަކުން ނެރެ، އެ މުޅި ވައްކަން ހިންގަން ފަންޑުކުރި ބައެއްގެ ވާހަކަ، ނޫނީ އެ ތުހުމަތު އޮތް ބައެއްގެ ވާހަކަ،" ވަކީލް ވިދާޅުވި އެވެ.

"ދެން ވެސް ހެއްކަށް ނުފޫޒު ފޯރުވުމާއި ހެކި ފޮރުވުމާއި ފިލައިގެން ދިޔުމުގެ އިހުތިމާލު އަދި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ އިހުތިމާލު ވެސް އޮތީ ހަމަ އެ މީހުންގެ. އަމަލީ ގޮތުން މިކަމުގައި އުޅުނު މުވައްޒަފުންގެއެއް ނޫން، އަދި ފައިސާ ދީގެން ކޮންޓެއިނަރު ނައްތާލަން ގެންގުޅުނު އާދައިގެ ބަންގްލަދޭޝް މީހާއެއް ވެސް ނޫން."

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ އެންމެން އާންމު ސަބަބަކީ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތުން ކަން ކްރިމިނަލް ކޯޓުގެ އެފަދަ އަމުރުތަކުން ސާފުވެ އެވެ. މުޖުތަމައުއަށް ނުރައްކާ ވަނީ، ހައި ކޯޓުން މީގެކުރިން ނިންމި ނިންމުމެއްގައި ބުނެފައިވާ ފަދައިން މީހެއްގެ ގައިގައި ޖެހުން ނުވަތަ ވަޅިއެޅުމުގެ ސަބަބުން މީހަކަށް ލިބޭ ފަދަ ޖިސްމާނީ ހާނިކައެއް ނުވަތަ އަނިޔާއަކުން އެކަންޏެއް ނޫނެވެ.

ނަމަވެސް، ގިނަބަޔެއްގެ ބައިވެރިވުމާއި އެއްބާރުލުމާ އެކު، ރޭވުންތެރިކަމާއެކު ހިންގާ ކުށްތަކުން މުޖުތަމައުއަށް ނުރައްކާވާކަން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގެ ހުކުމްގައި ހައި ކޯޓުން ބުނެފައިވެ އެވެ.

ގަވައިދާ ހިލާފަށް އަތުލާފައިވާ ސިނގިރޭޓް ނައްތާލަނީ: ސިނގިރޭޓް ވައްކަމުގެ މައްސަލައިގެ ބަންދާ މެދު ޕީޖީ ނިންމި ނިންމުމާ މެދު ފާޑުކިޔުން ބޮޑު - ފޮޓޯ: މިހާރު

ވަކީލް ވިދާޅުވި ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުކުރާ މީހަކު، ބަންދުން ދޫކޮށްލަން އެދުމަކީ ޕީޖީއަށް ގާނޫނީ ގޮތުން އޮތް ބާރެއް ނަމަވެސް، އެ ސަބަބު ވާން ޖެހޭނީ ގާނޫނުގައި ބުނާ ހާލަތްތައް ވުޖޫދުން ނެތިދާކަން ބަޔާންކުރާ ސަބަބަކަށެވެ. ޕީޖީން ބުނެދޭން ޖެހޭނީ ގާނޫނުގައި ބުނާ ހާލަތްތައް މި ވަގުތަށް އެމީހެއްގެ މައްޗަށް ނެތް ކަމެވެ. ކުށެއްގައި އަމަލީ ގޮތުން ބައިވެރިނުވުމަކީ، އެމީހަކު ޝަރީއަތް ނިމެންދެން ބަންދުން ދޫކޮށްލަން ދެއްކޭނެ ސަބަބެއް ކަމަށް އޭނާ ގަބޫލެއް ނުކުރެ އެވެ.

އެހެން ދެކޭ ސަބަބެއްގެ ގޮތުން، ހައި ކޯޓުގެ ނިންމުމެއް ފާހަގަކުރެއްވި އެވެ. އެއީ ޔޯގާ އިވެންޓާ ގުޅިގެން ހިންގި ހަމަނުޖެހުމާ ގުޅިގެން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ހައްޔަރުކުރި ޝައިހް ފަޒްލޫންގެ ބަންދާ މެދު އެ ކޯޓުން ނެރެފައިވާ ހުކުމެއްގައި ބަޔާންކޮށްފައިވާ ކަމެކެވެ. އެ ހުކުމްގައި ބުނެފައިވަނީ ބަންދުކުރެވިފައިވާ މީހެއްގެ ބަންދަށް ލުޔެއް ދޭ ނަމަ ނުވަތަ ޝަރުތުތަކާ އެކު ދޫކޮށްލަން ނިންމާ ހާލަތުގައި ވެސް ކަންކަން ވަޒަންކުރަންވާނީ ތުހުމަތުކުރެވިފައިވާމީހާގެ ނިސްބަތުން ކަމަށެވެ.

އެ މީހާއަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުކުރެވިފައިވާ މީހެއް ނަމަ، މުޖުތަމައުއަށް ނުރައްކާ އޮތް ކަމަށް ބެލުނު ސަބަބު ސީދާ އެ މީހާގެ ފުށުން ނެތިގޮސްފައިވޭތޯ ބަލަންޖެހޭނެ ކަމަށް ހުކުމްގައިވެ އެވެ.

ބަންދަށް ލުޔެއް ދިނުމުގައި ނުވަތަ ޝަރުތުކޮށް ބަންދުން ދޫކޮށްލުމުގައ،ި ތުހުމަތުކުރެވޭ ކުށުގައި ތުހުމަތުކުރެވޭ ފަރާތުގެ ބައިވެރިވުން ކުޑަކަމަށް ފެންނަ ނަމަ އެކަން، ނުވަތަ ކުށް ކޮށްފައިވާ ހާލަތާއި ކުށްކުރުމުގައި އަނިޔާވެރިކަން ހިމެނޭ މިންވަރު ކުޑަކަމަށް ބެލެވޭ ނަމަ އެ ހާލަތު ބަދަލުވެފައިވާ ގޮތް، ނުވަތަ އެއާ ހިލާފަށް ކަމެއް ތަހުގީގު މަރުހަލާގެ ތެރޭގައި ފާޅުވެފައިވާ ނަމަ އެކަމެއް ނުވަތަ އެފަދަ ފަރާތެއްގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަ ވެފައިވާ ނަމަ، އެގޮތެއް ބަޔާންކޮށްދޭންވާނެ ކަމަށް އެ ހުކުމްގައި ބުނެފައިވެ އެވެ.

ހައި ކޯޓުން މިފަހުން ނެރުނު އެހެން ހުކުމެކެވެ. އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރާ ގުޅޭ ހައި ކޯޓުގެ އެ ހުކުމްގައި ބުނެފައިވަނީ ބަންދާ މެދު ގޮތެއް ނިންމުމުގައ،ި ހާލަތެއް ވުޖޫދުގައި ވޭތޯ ފަނޑިޔާރު ގޮތް ނިންމަން ޖެހެނީ، އެފަދަ ހާލަތެއް ވުޖޫދުވުން އެފަދަ ހާލަތެއް ވުޖޫދު ނުވުމަށް ވުރެ ގާތްކަން ބޮޑުކަމުގެ މައްޗަށް ރިއާޔަތްކޮށްގެން ކަމަށެވެ.

އެ ހާލަތަކީ، ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވަން މަސައްކަތްކޮށްފާނެ ކަމުގެ ހާލަތު ކަމުގައި ވިޔަސް އެކަން ދެނެގަންނަން އޮތް މިންގަނޑަކީ އެއީކަން ހުކުމްގައި ފާހަގަކުރި އެވެ. މި ހުކުމްގައި ކަނޑައަޅާފައިވަނީ މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމުގައި ގާޒީ ބަލަންޖެހޭ ކަންކަން ކަމުގައިވިޔަސް، މީހެއް ބަންދުން ދޫކޮށްލަން ދައުލަތުން ވެސް އެދެން ޖެހޭނީ މި ހަމައިގެ މަތިން ކަމަށް ވަކީލު ގަބޫލުކުރައްވަ އެވެ.

އެހެންވެ މިއީ އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ބޭނުންވާ ނިންމުމެކެވެ. ގާނޫނުއަސާސީގައި ބުނާ ހަމަހަމަކަން ގާއިމުވެފައިވާކަން ކަށަވަރުކޮށްދޭންޖެހެ އެވެ.

"...އެ ނިންމުމަށް ވާސިލުވި ގާނޫނީ ހަމައެއް ދޭން ޖެހޭނެ. އަމަލީ ގޮތުން ކުށުގައި ބައިވެރިނުވުމަކީ އެ ހަމައެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ބޮޑު ދެ ވިޔަފާރިވެރިން ދޫކޮށްލީ ގާނޫނީ ސަބަބުތައް އެއްކައިރިކޮށް، އެއީ ވަކި ފެންވަރެއްގެ ބަޔަކަށް ވީތީ ނޫންކަމުގެ ޔަގީންކަން ސުވާލެއް ނެތް މިންވަރަށް ދެވިގެން ނޫނީ ޝައްކުތަކަށް ޖާގަ އޮންނާނެ އެވެ.

40 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 3%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޅެ

15 December 2025

ސަދޫމު ޖަސްޓިސްގަ އޮންނާނީ ސަދޫމު ޕީޖީ

The name is already taken The name is available. Register?

ގަވާއިދު އާއި ގާނޫނު

15 December 2025

ގަވައިދު ތަކާ ގާނޫނު ތަކަކީ މަކުނުވާ ފަަދަ އެއްޗެކެވެ. އޭގައި ބެދި ހައްޔަރު ވާނީ ކުދިކުދި ސޫފިތަކެވެ. ބޮޑެތި އެއްޗެހި އެގައި ޖެހުނު ނަމަވެސް ނިކަން ފަސޭހައިން ވާފައްތައް ކަޑާ ލަފައި މިންޖުވާނެއެވެ.

The name is already taken The name is available. Register?

ޔަގީންް

15 December 2025

މައްސަލް ނިމެންދެން ބަންދުކޮށްފައިވާ މީހާ ދޫކޮށްލާނީ މައްސަލަ ނިމުނީމާ. އެހެންވީމާ ތިއޮތީ ގިނަ ބަޔަކަށް ނޭގުނަކަސް މައްސަލަ ނިންމާފާ.

The name is already taken The name is available. Register?

ގެދޮރޭ

15 December 2025

މީ ތަސައްރަފް ނުފުދޭ ކުޑަކުއްޖަކަށްވަސް ތަސައްވުރު ކުރެވޭނޭ ކަމެއް. ޔަޢުނީ ރާއްޖޭގައި މިކަން ހިނގާނެ ނުވަތަ ކުރާނެ ގޮތް. މީ ސަޕްރައިޒް އެއް ނޫން. ޔަގީންކޮށް އެނގެން އޮތް ކަމެއް

The name is already taken The name is available. Register?

އެމްސް

14 December 2025

މިޤައުމުން ބިދޭސީންވެސް މަދުކުރެވޭނީ ވިޔަފާރިވެރިންގެ ދަށުނުވާން ސަރުކާރުތަކަށް ދަސްވި ދުވަހަކުންނެވެ!

The name is already taken The name is available. Register?

ޔޫކޭ

15 December 2025

މިނިޒާމުގެ ތެރެއިން ވިޔަފާރި ވެރިން ދަށުނުވެ ކާކު ވެރިކަމަށް އަންނާނީ، ވެރިކަމަށް އަންނަން ކުރާ ކެންޕޭނުގަ މިލިޔަނުން ވިޔަފާރިވެރިން އަތުން ދަރަނި ނަގައިގެން އައިސް ވެރިކަމުގެ ފަސް އަހަރުތެރޭ ކުރާވައްކަމުން ކިރިޔާ ދަރަނި ހަލާސްވަނީ، ދެން އަމިއްލަ މުއްސަނދިކަމަށް އަނެއް ފަސްއަހަރަށް ފައިނަގަންޖެހޭ

The name is already taken The name is available. Register?

ލަޔީ

14 December 2025

ޕީޖީއަށާއި ޕޮލިހުންނަށް އޮތް އިތުބާރު ގެއްލިގެންދަނިކޮށް އަނެއްކާ އިތުރަށް އެ އިތުބާރު ގެއްލިގެން މި ދިޔައީއެވެ. ރަނގަޅުވާނެކަމަށް ކުރި އުއްމީދު އެއްކޮށް ދިޔައީއެވެ. ހީކުރީ އިންސާފުވެރިކޮށް ޤައުމުގެ ކަންކަން ކުރިއަށް ދާނެކަމަށެވެ. އެހެނަސް ޖެހިލުމެއްނެތި ދނީ ބޭއިންސާފުން ކަންކަން ނިންމަމުންނެވެ. ބިރެއް ޖެހިލުމެއްނެތިއެވެ. ވަރަށްފަސޭހައިން ބޯ ދަމައިގަނެގެން އެހެންމީހުންގެ ކުރިމަތީގައި ލަދެއްޙަޔާތެއްނެތި އުޅެންކެރޭބާއެވެ. މީދެން ފުކެއްބޮޑުވަރެވެ.

The name is already taken The name is available. Register?

ޢަލީ ކުރުސީ

14 December 2025

ޕީޖީ ބޮޑަށް ވައްތަރީ ވެއިޓަރަކާ، ޢަމަލުތައް ހުރީވެސް އެފަދައިން!

The name is already taken The name is available. Register?

ޑރ ވާންޗޯ

14 December 2025

ޕީޖީ އެހިންގާ އިއުތިރާފުގެ އެއްބަސްވުންތަކާ ޖަރީމާތައް ރައީސްއަށް ހަމަ އެނގި ނުލައްވަނީބާ؟.

The name is already taken The name is available. Register?

ދަލޭކަ ދައިތަ

14 December 2025

ކޮރަޕްޓް ނުވާނެ ދިވެއްސެއްނެތީ. ކިތަންމެ ދީންވެރިވިއަސް މިލިއަނުން ދިނީމަ އެބަޔަކަށް ދުނިޔެ ރަނަށްވާކަން ފައިސާވެރިން ދަނޭ. މި ފައިސާވެރިން، ފައިސާވެރިންނަށް ވީވެސް މިހެން. ފައިސާނެތްމީހާ ކޮރަޕްޝަނުން ފައިސާވެރިއަކަށްވީމަ އޭނައަށް ވ ރަނގަޅަށް އިގޭ ފައިސާއަށް ދަހިވެތި ބާރާ ނުފޫޒުއޮތް މަތީމަގާމުގައި ހުންނަމީހާ ގަނެލެވޭކަން. މަދުމީހަކު ނޫނީ، ވަގުތީ ދުނިޔޭގެ ލައްޒަތު އަރުގައި ލާފަތިބީމަ މި ސައިކަލް ނުހުއްޓޭނެ. އަލިފެއްހެން ހެދިގެން ތިބޭކަންއެކަނި.

The name is already taken The name is available. Register?

ސުހުރާބު

14 December 2025

ކަލްޕަބިލިޓީ އަކީ އިންވާސްލީ އެޕްލައިޑް އެއްޗެއް ރާއްޖޭގެ ކޯޓުތަކުގައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454