މާލޭ ލިލީމަގުގައި ހުރި ގެއަކުން ވަގަށް އަނބު ބިން މީހަކު ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ގ. ކަންޒުދޮށުގޭގެ އަނބު ގަހުން ވަގަށް އަނބު ބިން މައްސަލައެއްގައި ދައުލަތުން ދައުވާކުރީ މުހައްމަދު ނަސީރު ނަމަކަށް ކިޔާ މީހަކަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލީ އެ ގޭ އަނބު ގަހުން ޖުމްލަ 127 އަނބު، ވަގަށް ބިނދެފައިވާތީ އެވެ.
އޭނާގެ މައްޗަށް އުފުލި ވައްކަން ކުރުމުގެ ކުށަށް ޝަރީއަތުގައި ވަނީ އިއުތިރާފުވެފަ އެވެ.
އޭނާގެ އިއުތިރާފަށް ރިއާޔަތްކޮށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅިއިރު، ދައުލަތުން ބުނެފައިވަނީ އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، އަދަބު އެއް ދަރަޖަ ދަށް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް، އޭނާގެ ކުށުގެ ރެކޯޑަށް ބަލައި، އަދަބު ދެ ދަރަޖަ މަތި ކުރަން ވެސް ޖެހޭ ކަމަށް ބުންޏެވެ.
ދައުވާ ލިބޭ މީހާ އެދުނީ ލުއި އަދަބެއް އިއްވުމަށެވެ.
ނަމަވެސް، ޝަރީއަތުން ނިންމީ އޭނާގެ މައްޗަށް ކުށުގެ އަސާސީ އަދަބު ކަމަށްވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ.