ރަށްފުށުން ފެންނަނީ ފަޅުކަމެވެ. ޒުވާން ކުދިން ސްކޫލު ނިންމާ ގޮތަށް، އުފަން ވަޒަން ދޫކޮށް މާލެއަށް ދިރިއުޅުން އެ ބަދަލުކުރަނީ މަަތީ ތައުލީމަށް ކިޔަވާށެވެ. ކިޔަވާ ނިމިގެން އެ މީހުން އެނބުރި ރަށަށް ގޮސް އަދާކުރާނެ ވަޒީފާއެއް ނެތެވެ. އެހެންވެ، ތައުލީމަށް ފަށާ އެ ދަތުރުގައި އެނބުރި ދިއުމެއް ނެތެވެ. މާލޭގައި ތާ އަބަދަށް ހަރުލަނީ އެވެ.
އެކަމަކު މާލޭގައި ތަނެއް ކުއްޔަށް ހިފައިގެން އެކަނި އުޅެވޭ ވަރަށް ވުރެ ކުލިތައް ބޮޑެވެ. އެހެންވެ އުޅެން ޖެހެނީ ތިން ހަތަރު މީހަކު ބައިވެރިވެރިވެގެން ނުވަތަ ކުދިން ބައިތިއްބާ ކޮންމެވެސް ތަނެއްގަ އެވެ.
އެކަހަލަ ގޮތަކަށް މާލޭގައި ދިރިއުޅެމުން އައިސް އަމިއްލަ ދިރިއުޅުމެއް ފަށާ ހިސާބަށް ގޮސް ކައިވެނިކުރާއިރު ދެމަފިރިން ވަޒީފާ އަދާކޮށް އާމްދަނީ ހޯދައިގެން ނޫން ގޮތަކަށް ވަކިން އުޅެވޭނެ ގޮތެއް ނެތެވެ. މި ހާލެއްގައި އުޅެމުން، ދަރިއަކު ހޯދައިގެން ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟
ރާއްޖޭގެ އާބާދީ އިތުރުވާ ރޭޓް ދަށްވެ އާބާދީ މުސްކުޅިވަމުން ދިއުމުގެ ކަންބޮޑުވުން އެންމެ ބޮޑަށް ގުޅިފައި އޮތް ކަމަކީ މިއީ ކަމަށް ވެދާނެ އެވެ. ރާއްޖޭގެ އާބާދީގެ ދެބައި ކުޅަ އެއްބައި މާލެއަށް ޖަމާވެ، ދިރިއުޅުން، ގަނަތެޅުމަކަށްވުމެވެ.
ނުވަދިހައިގެ އަހަރުތަކުގައި، ދަރިމައިވުމުގެ ރޭޓް ރާއްޖޭގައި ހުރީ 7.4 ގަ އެވެ. މާނައަކީ، ދަރިމައިވާ އުމުރުގައި އެވްރެޖުކޮށް ހަތް ކުދިންނަށް ވުރެ ގިނައިން ހޯދުމެވެ. އޭގެ ތިރީހަކަށް އަހަރު ފަހުން 2022 ގައި ހެދި ބޯހިމެނުމުގެ ނަތީޖާ އިން ދައްކަނީ ދަރިމައިވުމުގެ ރޭޓަކީ 1.7 ކަމަށެވެ. މާނައަކީ ރާއްޖޭގައި މިހާރު ހޯދަނީ ދެ ކުދިންނަށް ވުރެ މަދުންނެވެ.
އެއީ އާބާދީގެ ނިސްބަތުން ކަންބޮޑުވާން ޖެހޭ ކަމެކެވެ.
"ޓައިޑްސް އޮފް ޓުމޯރޯ" ގެ ނަމުގައި ޔޫއެންއެފްޕީއޭ އިން މި ފަހުން ތައްޔާރުކުރި ޑޮކިއުމަންޓްރީއަށް ދެއްވި އިންޓަވިއެއްގައި އެތަނުގެ އިސް ވެރިޔާ ޝާދިޔާ އިބްރާހިމް ވިދާޅުވީ މި އަހަރު ރާއްޖެ އޭޖިން ގައުމަކަށްވާއިރު 2045 ގައި ރާއްޖެ ވަނީ އޭޖްޑް ގައުމަކަށް ކަމަށެވެ. އަދި 2052 ގައި ސުޕަ އޭޖްޑް ގައުމަކާ ދިމާލަށް ރާއްޖެ މިސްރާބު ޖަހާފައިވާ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ ވަރަށް ބާރަށް އާބާދީއަށް މި ބަދަލު އަންނަނީ،"
އެކަމަކު އާބާދީއަށް މިހާ ބޮޑު ބަދަލެއް އަންނަން މި މެދުވެރިވީ ކޮން ސަބަބެއް ހެއްޔެވެ؟ އެއީ އެކަމާ ގުޅިގެން އާންމުން ހޭލުންތެރިވެގެން ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލެއްގެ ސަބަބުން މެދުވެރިކަމެއްތޯ ހޯދަން ޖެހެ އެވެ.
ޝާދިޔާ ވިދާޅުވި ގޮތުގައި އާބާދީގެ ބޮޑު ބައެއް އަންހެނުން ހިއްސާކުރާއިރު އަންހެނުންނަށް އިސްކަންދީގެން، ކުދިން ހޯދައި އާއިލާއެއް ފަށައި އަދި އިގްތިސާދީ ދާއިރާގައި ހަރަކާތްތެރިވުމަށް އެހީތެރިވެދޭނެ މާހައުލެއް ތައްޔާރުކުރުމަށް ޔޫއެންއެފްޕީއޭ އިން ވެސް ބާރު އަޅާ ކަމެކެވެ.
އުޅެންޖެހިފައިވާ ހާލަތުން، ދަރިން ހޯދަން ބޭނުންނުވުން!
ކުރިން ފޫޅުމައެއްގެ ގޮތުގައި މަސައްކަތްކުރި ސަމީމާ، އެ ޑޮކިއުމަންޓްރީގައި ބުނީ އިހުގައި އަންހެނުން ވަޒީފާއަށް ގޮސް ނޫޅޭ ކަމަށާއި އެހެންވެ އެ މީހުން އޭރު ތިބެނީ ކުދިންނާ އެކު ގޭގައި ކަމަށެވެ. އެކަމަކު މި ޒަމާނުގައި ދެ މީހުން ވަޒީފާއަށް ދާއިރު އެ މީހުންނަށް ގިނަ ދަރިން ލިބުމަކީ ދަރިން ބަލަން އުނދަގޫވާ ކަމެއްގެ ގޮތުގައި އޭނާ ދެކެ އެވެ.
"މިހާރު ގިނަ މީހުން ދަނީ ވަޒީފާއަށް ވިއްޔާ. ވަޒީފާއަށް ދާއިރުގައި ކުދިން ގިނައިއްޔާ އުނދަގޫވާނެ. އޭރުގައި އެހެން ނޫން. އޭރުގައި ދާނެކަށް ވަޒީފާއެއް ނޯވެ. ދެން ހަމަ ތިބޭނީ ކުދިން ގޮވައިގެން ގޭގައި. ފިރިމީހާ ދާނީ މަސައްކަތަށް،"
ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފައުންޑަރު، އާޝާ ހުސެއިން ވިދާޅުވީ އިހުގައި ދަރިން ބަލައި އުޅުނީ ބޮޑު އާއިލާއެއްގެ ތެރޭގައި އެކަކު އަނެކެއްގެ އެހީތެރިކަމާ އެކު ނަމަވެސް ދިރިއުޅުން ސިޓީއަށް ބަދަލުކޮށް ދެމަފިރިން ކުދިންނާ އެކު ކުޑަ ތަންކޮޅެއްގެ ތެރޭގައި އުޅެނީ އެކަނިމާއެކަނި ކަމަށެވެ.
"ދަރިން ބަލައި އުޅުނީ ކުރީ ޒަމާނުގައި ވިއްޔާ ބޮޑު އާއިލާއެއް ވެގެން އެހީއާ އެކީގައި. ސިޓީއަކަށް އައިމާ އުޅެން މި ޖެހެެނީ ކުޑަތަނެއްގައި އެކަނި ދެމަފިރިއަކު، އެކަނި ކުއްޖެއް ގޮވައިގެން ނޫނީ ކުދިން ގޮވައިގެން،"
އާޝާ ވިދާޅުވީ އެ ކޮމިއުނިޓީން އެއްކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ދަރިން ހޯދާ މިންވަރު މަދުވުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލާއި ކާއެއްޗެހީގައި ހުންނަ ކެމިކަލާއި ދިރިއުޅުން މާ ސްޓްރެސްވުމުގެ ސަބަބުންނާއި ރަނގަޅު ވަޔަށް އެކްސްޕޯސް ނުވުން ހިމެނޭ ކަމަށެވެ.
މެންޓަލް ހެލްތު އެންޑް ސޯޝަލް އެޑްވޮކޭޓް ހައްވާ ލީޝާ ވަނީ އެކަމާ ގުޅިގެން އޭނާގެ ހިޔާލުތައް ވެސް ހިއްސާކުރައްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަރިން ހޯދާ މިންވަރު ދަށްވެފައި މި ވަނީ މާލީ ހާލަތާއި މާލޭ ސަރަހައްދަށް ޖަމާވުމުން ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގެ ސަބަބުންނެވެ.
"ވަރަށް ކުދިކުދި ތަންކޮޅުތަކުގައި އުޅެންޖެހިފައި މި ވަނީ. އަދި ހާއްސަކޮށް ރެންޓް ހައިވުމާއި ކުދިންތަކެއް ހޯދައިގެން ކުދިންތަކަށް އެކޮމޮޑޭޓް ވާނެ ތަނެއް ނެތުމާއި ކުދިންނަށް ހަރަދުކުރަން ވެސް ހަމަ އުނދަގޫވެގެން މި ދަނީ،" ލީޝާ ވިދާޅުވި އެވެ.
ރޭޑިއޯ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އައިޝަތު ނައީމާ ބުނި ގޮތުގައި ދަރިން ހޯދާ އަދަދު މަދުވެފައި ވަނީ ސިއްހީ ހިދުމަތާއި ތައުލީމު އެހާ އަގުބޮޑުވެފައި، ވަޒިފާގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުން އާއިލާއަށް ދޭން ބޭނުންވާ ވަގުތު ނުދެވޭނެތީ އެވެ.
"ފިރިހެނަކު އެކަނި މަސައްކަތްކޮށްގެން ހޯދާ ފައިސާއަކުން މިހާރު ދިރިއުޅުން ހަމަޖެއްސޭކަށް ނޯވޭ."
ދިރިއުޅުމުގެ ވައްޓަފާޅި އާއި ބޯހިޔާވަހިކަމުގެ ދަތިކަން!
ރަށްރަށް ފަޅުކޮށް މީހުން މާލެ ހިޖުރަކުރާ ވާހަކައަކީ އަބަދުވެސް ދައްކާ ވާހަކައެކެވެ. އެކަމަކު އުޅެ ބޮޑުވި ވަޒަން ދޫކޮށް އެހެން ތަނެއްގައި ބޮޑު އަގެއްގައި އުޅެން އައުމަކީ އެއްވެސް މީހަކު ހިތާ ހިތުން ބޭނުންވެގެން ކުރާނެ ކަމެއް ހެއްޔެވެ؟
މާލެއަށް ބަދަލުވި ބައެއް ޒުވާނުން ބުނާ ގޮތުގައި އެ މީހުން މާލެއަށް އައީ ކޮންމެހެން އަންނަން ބޭނުންވެގެނެއް ނޫނެވެ. އެ މީހުންނަށް ރަށުގައި މުސްތަގުބަލެއް އޮތް ކަމަށް ގަބޫލު ނުކުރެވެނީ އެވެ. ކިޔަވައިގެން އެކަމާ ގުޅޭ ދާއިރާއަކުން ވަޒީފާއެއްގައި އުޅެން ޒުވާނުން ބޭނުންވެ އެވެ. އެ ފުރުސަތު ރަށްރަށުގައި ނެތީ އެވެ. ގިނަ ފަހަރަށް، ޓީޗަރެއް ނުވަތަ ނަރުހަކަށް ނުވާ ނަމަ، ރަށުން ވަޒީފާ ހޯދަން އުނދަގޫވެ އެވެ.
އަޅުގަނޑުމެންގެ ތެރޭގައި ކުދިން ހޯދާ ވަރު ނޫނީ އާއިލާއެއް ހޯދުމަށް މި އަންނަ ޑިލޭސް މިކަހަލަ ކަންކަން އެޑްރެސް ކުރަން އެބަޖެހޭ ހުރިހާ ސެކްޓަރެއް އަދި ޓޫރިޒަމް ތެރޭގައި. އާއިލާއާ ރައްޓެހި މާހައުލެއް މަސައްކަތުގެ ދާއިރާގައި އުފަައްދަން އެބަޖެހޭ،
ވަަޒީފާގެ މާހައުލަށް ބެލިޔަސް ޓޫރިޒަމް ފަދަ ދާއިރާތަކުގައި ދިވެހި އަންހެނުންގެ އަދަދު މަދެވެ. އެމްއޭސީއެލްގެ ޗެއާޕާސަން ކަމުގައި ހުންނެވި އަދި ކަނޑޫފާ ފައުންޑޭޝަންގެ ފައުންޑަރު ނޫރައިން ޖަނާހް ވިދާޅުވީ ފަތުރުވެރިކަމަށް 53 އަހަރު ވާން ގާތްވެފައިވާއިރު އެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ އަންހެނުންގެ ނިސްބަތް ވަރަށް މަދު ކަމަށެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމް ދުނިޔޭގެ މާކެޓުގައި އިޝްތިހާރުކުރުމުގެ މަސައްކަތްކުރާ ވިޒިޓް މޯލްޑިވްސްގެ ޗެއާޕާސަންކަން ވެސް ކުރިން ކުރެއްވި ނޫރައިން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ފަށައިގެން އައިއިރު "ޗައިލްޑް ކެއާ" ފެސިލިޓީތައް ގާއިމުކުރުމާއި އާއިލާ ގެންގުޅެވޭނެ މާހައުލެއް ގާއިމުކޮށްދީފައިނުވާ ކަމަށެވެ.
"ވޯކާސް ވެސް މި އުޅެނީ ރިސޯޓުގައި. ކޮމިއުޓް ކަހަލަ ކޮންސެޕްޓަކަށް ވެސް ނޫން ކަންނޭނގެ މި ދާއިރާ އުފެދިފައި މި އޮތީކީ،" ނޫރައިން ވިދާޅުވެ އެވެ.
ނޫރައިން ވިދާޅުވީ ޒުވާން އުމުރުގައި އަންހެން ކުދިން ޓޫރިޒަމްގެ ދާއިރާއަށް ނުކުތުމަށް ފަހު، ކައިވެނިކޮށް ދަރިއަކު ލިބި، އަދި އެ ކުދިން ސްކޫލަށްދާ އުމުރުގައި އަނބުރާ ވަޒީފާއަށް އަންނަން ބޭނުންވާ ނަމަ، އެމީހުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދޭން ޖެހޭ ކަމަށެވެ. އަދި އަލަށް ތަރައްގީކުރާ ރިސޯޓުތަކުގައި ޗައިލްޑްކެއާ ފެސިލިޓީތައް ހިމެނޭ ފަދަ އަންހެނުންނަށް ދަރިންނާ އެކު ފަސޭހައިން މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމުކުރެވިދާނެ ގޮތަށް ތަރައްގީކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން ކުރިއަށް އޮތް ތަނުގައި ޑިވެލޮޕްކުރެވޭ ރިސޯޓުތަކުގައި އިންޓަގްރޭޓެޑް ގޮތްގޮތަށް އެކަން ކުރެވިދާނެ. އަދި ޗައިލްޑްކެއާ ފެސިލިޓީތަކާއި އަދި ތަންކޮޅެއް ފްލެކްސިބަލް ޑިއުޓީ ރޮޓޭޝަން ކަހަލަ ޕޮލިސީތަކެއް ހެދިދާނެ،"
ދަތި ހާލަތެއްގައި ދިރިއުޅެމުން އައިސް ދަރިން ހޯދުމަކީ ދިރިއުޅުމަށް އިތުރު "ބުރައެއް" ކަމަށް ގިނަ މީހުން ދެކެ އެވެ.
ދެކުނު އޭޝިއާގައި ވެސް މާލެއަކީ އެންމެ ދިރިއުޅެން އަގުބޮޑު ސިޓީ އެވެ.
ބައެއް ޒުވާނުން ބުނާ ގޮތުގައި ރާއްޖޭގައި ކާބޯތަކެއްޗާއި އެހެން ސާމާނުގެ އަގުތައް ވެސް ހުރީ އަތްފޯރާ ވަރަށް ވުރެ މަތީގަ އެވެ.
"މުސްތަގުބަލާ މެދު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ހުރިހާ އެއްޗެއްގެ އަގު ވެސް އެފޯޑުކުރެވޭ ވަރަށް ވުރެ މަތީގައި ހުންނަނީ. ގޭގެ ކުލި ބޮޑުވަނީ. ކާއެއްޗެހީގެ އަގާއި ސާފުތާހިރުވުމަށް މި ބޭނުންކުރާ ސާމާނުގެ އަގު އުފުލެނީ. ހުރިހާ އެއްޗަކަށް އަމިއްލައަށް ހަރަދުކުރާއިރު މުސާރަ އެއްވަރެއްގައި ހުންނައިރު އެއްޗެހީގެ އަގުތައް އުފުލުމަކީ ވަރަށް ކަންބޮޑުވާ ކަމެއް،" ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.
"މިވަގުތު އާއިލާއެއް ފަށާކަށް އެއްގޮތަކަށް ވެސް ނުވިސްނަން. މިވަގުތު ހަމަ ކިރިޔާ އަމިއްލަ މީހާއަށް ހަރަދުތައް ހިފަހައްޓާލަނީ."
އެހެން ޒުވާނަކު ވެސް ބުނީ ހަމަ އެގޮތަށެވެ؛ އަނތްބަކާއި ދަރިއަކު ރަނގަޅަށް ބެލެހެއްޓޭނީ ފުރަތަމަ އެމީހުން އަމިއްލައަށް ހަމަޖެހޭ ދިރިއުޅުމެއް އުޅެލެވިގެންނެވެ.
މުސާރަ އެއްވަރެއްގައި ހުންނައިރު ތަކެތީގެ އަގު އުފުލިގެން ދިއުމަކީ ދިރިއުޅުމުގެ ހަރަދުތައް ދެކޮޅު ޖައްސަން ކުރިމަތިވެފައިވާ ވަރަށް ބޮޑު ހުރަހެއް ކަމަށް އެ މީހުން ބުނެ އެވެ. އެކަމަކު ކުލިން ސަލާމަތްވާން ރަށަށް ދިޔަ ކަމުގައި ވިޔަސް އެ މީހުންނަށް ވަޒީފާ ލިބޭނެ ގޮތެއް ނެތެވެ.
"ރަށުގައި އުޅެން ހިތުލިޔަސް ޖޮބެއް ނުލިބޭނެ،" މިފަހުން ސްކޫލުން ގްރެޖުއޭޓްވި ޒުވާނަކު ބުންޏެވެ.
އެހެންވެ މުސްތަގުބަލުގައި ރާއްޖޭގައި އުޅުމުގެ ވިސްނުން ވެސް ނުގެންގުޅޭ ޒުވާނުން އެބަ ތިއްބެވެ.
"މިދާވަރުން ރާއްޖޭގައި އުޅޭކަށް އަސްލު ނުވިސްނަން،"
ލީޝާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިވަގުތު އޮތްގޮތާއި އިޖުތިމާއީ މައްސަލަތަކާއި ބޯހިޔާވަހިކަން ފަދަ ކަންކަމާ ގުޅިގެން، ކައިވެނި ކުރާ ރޭޓު މަދުވެ، ކުދިން ހޯދަން ބޭނުންނުވާ މީހުން ގިނަވެފައިވާ ކަމަށެވެ.
ދެން ކުރެވޭނީ ކީއް؟
ޝާދިޔާ ވިދާޅުވީ އާބާދީއަށް މިއަންނަ ބަދަލުގައި އެންމެ މުހިންމު ބަދަލަކީ މަސައްކަތްކުރާ އުމުރުގެ އާބާދީ މަދުވުން ކަމަށެވެ. އޭގެ ބަދަލުގައި، އުމުރުން ދުވަސްވާ މީހުންނާއި ކުޑަކުދިން ގިނަވެ އެވެ. މަސައްކަތްކުރާ މީހުންނަށް ބަރޯސާވާ މީހުން ގިނަވެ އެވެ. އެއީ ބިދޭސީންނަށް މީހުންނަށް ބަރޯސާވުން އިތުރުވުމެވެ.
އެހެންވެ، މި މައްސަލަތަކަށް ހައްލު ހޯދަން ވަނީ މަޖުބޫރުވެފަ އެވެ. ރާއްޖޭގެ 2050 ގެ ތަސައްވުރަށް ކުރާ ޕްލޭންގައި އުފެއްދޭ ކޮންމެ ހިޔާލަކީ އަދި ނިންމާ ކޮންމެ ނިންމުމަކީ ރާއްޖޭގެ އާބާދީއަށް އަންނަ ބަދަލުތަކާއި އާއިލާއެއް ބިނާކުރުމަށް ހުރި ހުރަސްތައް ނައްތާލެވޭނެ ގޮތްތަކަށް ބަލައި އެ މަގަށް ފަހިވާނެ ނިންމުތަކަކަށް ވާން އެބަ ޖެހެ އެވެ.
ޑޮކިއުމަންޓްރީއަށް އިންޓަވިއު ދިން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޑީސެންޓްރަލައިޒޭޝަނަކީ މިކަންކަމުގެ ހައްލަށް ވެދާނެ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީކޮށް އެތަންތަނަށް އިންވެސްޓްކުރެވޭ ނަމަ، މާލޭ ސަރަހައްދުގެ ތޮއްޖެހުން ވަރަށް ބޮޑަށް ހައްލުވެދާނެ ކަމަށް އެ މީހުން ބުންޏެވެ. އޭރުން މާލެއަށް ތައުލީމާއި ސިއްހީ ބޭނުންތައް ފަދަ ކަންކަމުގައި ދިރިއުޅުން ބަދަލުކުރި މީހުންނަށް ވެސް އެމީހުންގެ ވަޒަނާ އެންމެ ކައިރި ހިސާބެއްގައި ހަމަޖެހިލައިގެން އުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުންޏެވެ.
"މި ތަރައްގީކުރަނީ އެންމެ ގިނަ މީހުން ތިބޭ އޭރިއާ. އެތަނަކަށް އިންވެސްޓްކޮށްލައިގެން އެތަނެއް ތޮއްޖެހި ތޮއްޖެހި. މިހާރު ހުޅުމާލޭ އެ އޮތީ ފުރިފައި. ދެން ހިއްކާ ތަންތަން ވެސް ހަމަ ސޭމް ސްޓޯރީ މި އަންނަނީ ދޯ،" އިތުރު މީހަކު ބުންޏެވެ.
"ސަދަން، ނޮދަން މިހެން ގޮސް އޭރިއާތައް ތަރައްގީކޮށްގެން އޭރިއާގައި އުޅޭ މީހުންނަށް ރަނގަޅު ލިވިންއެއް ހޯދައިދިނުން އެއީ އެންމެ ރަނގަޅު ކަމަކީ މިހާރު ކުރެވޭނެ. އޭރުން މާލޭގައި ތިބި މީހުން ވެސް އެތަންތަނަށް ދާނެ."
އާޝާ ވެސް ދެކެނީ އެގޮތަށެވެ. ޑީސެންޓްރަލައިޒޭޝަނަށް ގައުމު ބިނާކުރެވިއްޖެ ނަމަ، އިންފާޓިލިޓީއަށް ޓެކްލްކުރަން ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ލީޝާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މަސައްކަތްކުރަނީ ވަކިވަކިން ކަންކަން ރަނގަޅުކުރުމަށެވެ. މިސާލަކަށް، މަސްތުވާތަކެތީ މައްސަލަ ވަކިން ހައްލުކުރަން ނުވަތަ އެޑިއުކޭޝަން ދާއިރާގެ މައްސަލަތަކާއި ވަރީގެ މައްސަލަތައް ވެސް ވަކިވަކިން ހައްލުކުރާށެެވެ. އެކަމަކު އެ ހުރިހާ ކަމެއް ދިމާވަނީ ހައުސިން މައްސަލައިގެ ސަބަބުން ކަމަށާއި އެހެންވެ، އެ މައްސަލައިގެ ތެރެއިން އެކަން ރަނގަޅުކުރަން އުޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ލީޝާ ވިދާޅުވެ އެވެ.
އެކަން ހައްލުކުރަން ބޭނުންވާ ރިސޯސް އެބަހުރި ކަމަށާއި އެހެންވެ ޕޮލިސީ ލެވެލްގައި އެ މަސައްކަތްކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސޯޝަލް އިޝޫސްތައް މިއުޅެނީ ވަރަށް އިންޑެޕެންޑެންޓްލީ ރަނގަޅުކުރަން. މިސާލަކަށް ޑްރަގްސް ކަންތައް ވަކިން ރަނގަޅުކުރަން. އެޑިއުކޭޝަން ކަންތައް ވަކިން ރަނގަޅުކުރަން. ޑިވޯސް ކަންކަން ވަކިން ރަނގަޅުކުރަން. އެ ހުރިހާ ކަމެއްގެ ރޫޓްކޯޒްއަކަށް އެބަވޭ ހައުސިން. އެހެންވީމާ ޕޮލިސީ ލެވެލްގައި ކުރެވޭނެ ކަންކަން އެބަ ހުރި. ރިސޯސަސް ވެސް އެބަ ހުރި."
ގައުމެއްގެ މުސްތަގުބަލަކީ ޒުވާނުން ކަމަށް ވާއިރު އެ މީހުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް މަސައްކަތްކުރަންޖެހެ އެވެ. އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރަންޖެހެ އެވެ. އާއިލާއެއް ބިނާކުރުމަށް އޮތް ހުރަސްތައް ނައްތާލަން ޖެހެ އެވެ.
ޒުވާނުން ބޭނުންވަނީ އަތްފޯރާފަށެއްގައި އުޅެވޭނެ ރާއްޖެއެކެވެ. އެ ހުރިހާ މައްސަލައެއްގެ ހައްލު ލިބެން އޮތީ އެ ރާއްޖެއިންނެވެ. އާއިލާއާ އެކު ހަމަޖެހޭ، އުފާވެރި ދިރިއުޅުމެއް ބިނާކުރެވެން އޮތީ އެ މަގުންނެވެ.