ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަރިމައިވުމުގެ ނިސްބަތް ދަށްވަމުން ދިއުމަކީ އާބާދީ އަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ކަންބޮޑުވުންތަކާއި ބަހުސްތައް އުފެދެމުންދާ ކަމެކެވެ. ދިވެހިރާއްޖޭގައި މި ބަދަލު ފެންނަނީ ވަރަށް ބޮޑަށެވެ. އެހާ ހަލުވި މިނެއްގަ އެވެ. އެގޮތުން 1990 ވަނަ އަހަރު ރާއްޖޭގެ އާބާދީގެ މެދު އުމުރު (މީޑިއަން އޭޖް) 16 އަހަރުގައި ހުރި އިރު މިއަދު އެ އަދަދު ވަނީ ގާތްގަނޑަކަށް 33 އަހަރަށް މަތިވެފަ އެވެ. އަދި 2040 ގެ މެދުތެރެއަށް ދާއިރު ރާއްޖެއަކީ "އުމުރުން ދުވަސްވީ އާބަދީއަކަށް" ވާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.

މިކަމުގެ ފަހަތުގައިވާ ބައެއް ސަބަބުތަކަށް ބަލާއިރު، ގިނަ ޒުވާނުންނަށް އާއިލާ ރޭވުމާ ގުޅޭގޮތުން އެ މީހުން އިހްތިޔާރުކުރާ ގޮތަށް ކަންކަން ކުރުމަށް ބޭނުންވާ އެހީތެރިކަމުގެ ނިޒާމުތައް އެންމެ އެކަށީގެންވާ ގޮތަކަށް އެކަށައެޅިފައި ނެތެވެ. އާއިލާއެއް ބިނާކުރުމުގެ ޝައުގުވެރިކަން ހުއްޓަސް، މިހާރު ހުރި އިޖުތިމާއީ އަދި އިގުތިސާދީ މާހައުލުގެ ސަބަބުން މި އުންމީދުތައް ހަގީގަތަކަށް ހެދުމަށް ގޮންޖެހުންތަކާ ކުރިމަތިވެ އެވެ.

މި އަހަރުގެ ދުނިޔޭގެ އާބާދީ ދުވަހު، އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖޭގައި މި ފުރުސަތުތައް ފުޅާކުރުމަށް އިސްކަންދިނުމެވެ. ދުނިޔޭގެ އާބާދީގެ ހާލަތާ ބެހޭ ގޮތުން 2025  ވަނަ އަހަރު ނެރެފައިވާ ރިޕޯޓް "ދަ ރިއަލް ފާޓިލިޓީ ކްރައިސިސް" ގައި ބަޔާންކޮށްފައިވާ ގޮތުގައި، މީހަކު ހޯދަން ބޭނުންވާ ދަރިންގެ އަދަދާއި ހަގީގަތުގައި ލިބޭ ދަރިންގެ އަދަދާ ދެމެދު ފަރަގެއް ހުންނަ ނަމަ އެ އިން ދޭހަކޮށްދެނީ އިޖުތިމާއީ-އިގްތިސާދީ  އޮނިގަނޑު ވަރުގަދަކޮށް، ހައްގުތަކަށް އިސްކަންދޭ ސިޔާސަތުތަކެއް ބޭނުންވާ ކަމެވެ.

މިގޮތުން ދިވެހިރާއްޖޭގެ ޒުވާނުންނަށް ކުރިމަތިވާ ގިނަ ހުރަސްތަކަކީ މައިގަނޑު ގޮތެއްގައި އިގުތިސާދީ ހަމަޖެހުން ކުޑަވުމާއި ވަޒީފާގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން ހަމަހަމަކަމާ އެކު ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ފުރުސަތުތަތައް ނެތުމުން ދިމާވާ ހުރަސްތަކެކެވެ. 

މި ހުރަސްތަކަކީ މައިގަނޑު ގޮތެއްގައި ނިޒާމީ (ސްޓްރަކްޗަރަލް) މައްސަލަތަކެކެވެ. އިގުތިސާދީ ހާލަތަށް ބަލާއިރު ރާއްޖޭގެ އާބާދީގެ 41 ޕަސެންޓު ދިރިއުޅޭ ގްރޭޓާ މާލޭ ސަރަހައްދުގެ ދިރިއުޅުމުގެ ހަރަދު ބޮޑުވުމާއި އަދި ދަރިމައިވުމުގެ ސިއްހީ ހިދުމަތްތައް ފަސޭހައިން ލިބެން ހުރުމުގެ މުހިންމު ކަމަކީ ދިރިއުޅުމުގައި މިފަދަ ނިންމުންތައް ނިންމާ ވަގުތައް  އަސަރުކުރާ ސަބަބުތަކެވެ.  މީގެ އިތުރުން، ރާއްޖޭގެ ޒުވާނުންގެ 19 ޕަސެންޓަކީ މިހާރު ކިޔަވަމުން ނުދާ ވަޒީފާއެއް ނެތް އަދި ތަމްރީނު ހޯދަމުން ނުދާ(NEET) ޒުވާނުންނެވެ. މިއިން އެނގެނީ ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވެފައިވާ މި އިގްތިސާދުގައި ބައިވެރިވުމަށް ބޭނުންވާ ހުނަރާއި ލިބެން ހުރި ފުރުސަތުތަކާ ދެމެދު ފަރަގެއް ހުރި ކަމެވެ. އަދި ، ގޭތެރޭގެ ޒިންމާތައް އުފުލަންޖެހޭ މިންވަރު އިތުރުވަމުންދާ ކަމެވެ.

ހަމައެހެންމެ، މުޖުތަމައުގައި އަޅާލުމާއި ބެލެހެއްޓުމުގެ ޒިންމާތައް (ކެއާ ވޯކް) ހަމަހަމަ ނޫން ގޮތެއްގައި ބެހިފައި އޮތް އޮތުމަށް ވެސް ހައްލެއް ހޯދަންޖެހެ އެވެ. މިހާރު އާމްދަނީއެއް ނުލިބޭ ގޮތަށް ކުރާ މިފަދަ ގޭތެރޭގެ މަސައްކަތްތަކުގެ ގިނަ ޒިންމާ އަދާކުރަނީ އަންހެނުންނެވެ. މީގެ ސަބަބުން ރަސްމީ މަސައްކަތުގައި ބައިވެރިވުމަށް ހުރަސްއެޅި، ދިގުމުއްދަތުގައި މާލީ ރައްކާތެރިކަން ލިބިގަތުމަށް އަސަރުކުރެ އެވެ. އުމުރުން ދުވަސްވީ މީހުންގެ އަދަދު 2045 އަންނައިރު ތިންގުނަ ވެގެންދާއިރު، މިއީ ސިޔާސަތުތައް ކަނޑައެޅުމުގައި ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމެކެވެ. 

އާބާދީ އަށް އަންނަމުންދާ ބަދަލުތަކާ އެކު، މުސްތަގުބަލަށް ވިސްނައިގެން ސިޔާސަތުތަކެއް ކަނޑަނާޅައިފި ނަމަ ސިއްހީ ބޭނުންތައް އިތުރުވުމުގެ ސަބަބުން އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކަށް ބުރަ ބޮޑުވާނެ އެވެ. ހަމައެއާ އެކު، ތިމާވެށީގެ ބަދަލުތަކާއި އަދި ދިރިއުޅުމުގެ އާދަކާދަތަކަށް އަންނަ ބަދަލުތަކުން މި ގޮންޖެހުންތައް އިތުރުވާއިރު މިކަމަށް އެކަށީގެންވާ ހައްލުތަކެއް ހޯދުމަށް ފުރިހަމަ އަދި ދެމެހެއްޓެނިވި ރޭވުންތަކެއް ބޭނުންވެ އެވެ.

މިކަމުގެ ހައްލަކީ، އަޅާލުމާއި ބެލެހެއްޓުމުގެ ޒިންމާއަކީ ވަކި ވަކި ފަރުދުންގެ ޒިންމާއެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި މުޅި މުޖުތަމަޢު ބައިވެރިވާ އިޖްތިމާއީ އިސްކަމެއްގެ ގޮތުގައި ދެކި "ސްމާޓް ކެއާ ޕޮލިސީ" ތަކެއް އެކުލަވާލުމެވެ. ރަށްރަށުގެ ފެންވަރުގައި ކުދިން ބެލެހެއްޓުމާއި (ޗައިލްޑް ކެއާ) އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅާލާނެ ނިޒާމުތައް ލާމަރުކަޒީކޮށް ގާއިމުކުރުމުން، އަޅާލުމުގެ ޒިންމާތައް ހަމަހަމަކަމާ އެކު ބެހޭނެ އެވެ. މިފަދަ ސިޔާސަތުތަކަކީ ހަމައެކަނި އިޖުތިމާއީ ހިދުމަތްތަކެއް ނޫނެވެ. މިއީ މިންތީގެ ހަމަހަމަކަމަށާއި (ޖެންޑާ އިކުއިޓީ) އިގުތިސާދީ ގޮތުން ބާރުވެރި ކުރުވުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ. މީގެ ސަބަބުން އަންހެނުންނަށް ގައުމީ ތަރައްގީގައި ފުރިހަމަ އަށް ބައިވެރިވުމުގެ ފުރުސަތު ލިބި، ޒުވާނުންނަށް އެ މީހުންގެ މުސްތަގުބަލު ރޭވުމުގެ އިހްތިޔާރާއި ހަމަޖެހުން ލިބޭނެ އެވެ.

 ރާއްޖޭގެ ޒުވާނުންގެ 19 ޕަސެންޓަކީ މިހާރު ކިޔަވަމުން ނުދާ ވަޒީފާއެއް ނެތް އަދި ތަމްރީނު ހޯދަމުން ނުދާ(NEET) ޒުވާނުންނެވެ. މިއިން އެނގެނީ ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވެފައިވާ މި އިގްތިސާދުގައި ބައިވެރިވުމަށް ބޭނުންވާ ހުނަރާއި ލިބެން ހުރި ފުރުސަތުތަކާ ދެމެދު ފަރަގެއް ހުރި ކަމެވެ. އަދި ގޭތެރޭގެ ޒިންމާތައް އުފުލަންޖެހޭ މިންވަރު އިތުރުވަމުންދާ ކަމެވެ.

ވިހެއުމާ ގުޅިގެންދޭ ޗުއްޓީއާއި (ޕޭރެންޓަލް ލީވް) އަދި ޒިންމާތައް ހިއްސާ ކުރެވޭނެ އޮނިގަނޑުތައް އަޅުގަނޑުމެންގެ ނިޒާމުގެ ތެރެއަށް ފެއްތުމަކީ، މުޖުތަމައުގެ ދިގުމުއްދަތުގެ ކުރިއެރުމަށް މަގުފަހިވާނެ ކަމެކެވެ. މީގެ އިތުރުން، ފަންނީ ތައުލީމާއި ތަމްރީނު (TVET) ސިނާއަތުގެ ބޭނުންތަކާ ގުޅުވައިދޭންޖެހެ އެވެ. ސަބަބަކީ، އުމުރުން ދުވަސްވީ އާބާދީ ބެލެހެއްޓުމާއި މޫސުމީ ބަދަލުތަކުގެ ނުރައްކާ އޮތް މި ގައުމު ދިފާއު ކުރުމުގެ ޒިންމާ ކުރިއަށް އޮތް ތަނުގައި އުފުލާނީ މިއަދުގެ ޒުވާނުން ކަމަށް ވާތީ އެވެ. އެހެންކަމުން، ދެމެހެއްޓެނިވި އަދި ހަމަހަމަ މުސްތަގުބަލަކަށް ގައުމު ގެންދިއުމަށްޓަކައި އަދުގެ ޒުވާނުންގެ ފަންނީ ހުނަރާއި އިގުތިސާދީ ރައްކާތެރިކަން ކަށަވަރު ކޮށްދޭންޖެހެ އެވެ.

މިއަދު ޒުވާނުންނަށް ކުރާ އިންވެސްޓްމަންޓަކީ، މާދަމާގެ އާބާދީގެ ދެމެހެއްޓެނިވިކަން (ޑެމޮގްރަފިކް ރެޒިލިއަންސް) ކަށަވަރު ކުރެވޭނެ ހަމައެކަނި މަގެވެ. ޒުވާނުންނަށް ބޭނުންވަނީ ހަމައެކަނި ހުދުމަތްތަކެއް ނޫނެވެ. ރޭވުންތެރިކަމާ އެކު ދިރިއުޅެވޭނެ ފަދަ މުސްތަގުބަލެކެވެ. އެއީ އިގުތިސާދީ ރައްކާތެރިކަމާއި ދަރިމައިވުމުގެ ހައްގުތަކަކީ ހަމައެކަނި މަދު ބަޔަކަށް ލިބޭ މޮޅެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައ ދިވެހި ދިރިއުޅުމުގެ އަސާސްތަކަށް ވެފައިވާ މުސްތަގުބަލެކެވެ.

މިފަދަ މުސްތަގުބަލެއް ޔަގީން ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތު ފެމިލީ އެންޑް ވެލްފެއާ އާއި  ޔޫއެންއެފް.ޕީއޭ (UNFPA) ގުޅިގެން، ރާއްޖޭގެ ރަށްތަކާއި މާލޭ ސަރަހައްދަށް އެކަށީގެންވާ، ހަރުދަނާ އަޅާލުމުގެ މޮޑެލްތަކެއް ގާއިމުކުރުމަށް އިލްތިޒާމްވަމު އެވެ. 

އަޅުގަނޑުމެން ހަނދާން ކުރަންޖެހޭ ކަމަކީ، ޒުވާނުން ވިސްނަމުން ދަނީ ހަމައެކަނި އެ މީހުންނަށް ކުރިއަށް އޮތް ތަނުގައި ލިބޭނެ ދަރިންނާ މެދުގައެއް ނޫނެވެ. އެ ދަރިން ދިރިއުޅެން ވާރުތަވާ ދުނިޔެއާ މެދުގައި ވެސް މެ އެވެ. 

ޒުވާނުންގެ އުންމީދުތަކަށް އިހުތިރާމްކުރާ، އަދި ކޮންމެ ޖީލަކަށްމެ ހަމަހަމަކަމާއި އުންމީދާއި އަޅާލުމާއި ދެމެހެއްޓެނިވި މުސްތަގުބަލެއް ކަށަވަރު ކޮށްދޭ ދިވެހިރާއްޖެއެއް ބިނާކުރުމަށް އެންމެން އެކުއެކީގައި މަސައްކަތް ކުރަމާ ހިނގާށެވެ.

އެޑިޓަރުގެ ނޯޓު: މިއީ މިއަދު ފާހަގަކުރަމުން އަންނަ މި އަހަރުގެ ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ޔޫއެންއެފްޕީ ގުޅިގެން ތައްޔާރު ކޮށްފައިވާ ހާއްސަ އާޓިކަލް އެކެވެ.