ކިޔަވައި ނިމިގެން ދިރާގާއި އެމްޑަބްލިއުއެސްސީގައި މަސައްކަތް ކުރުމަށް ފަހު 2016 ގައި އަލީ އަނަސް ސްޓެލްކޯއާ ގުޅުނު ގުޅުނު ފުރަތަމަ ދުވަހުގެ ހަނދާންތައް އޭނާގެ ހިތުގައި ވަރަށް ތާޒާކޮށް އަދިވެސް އެބަހުއްޓެވެ. އެއީ ސިނަމާލެ ބްރިޖު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ދުވަސްވަރެވެ. އަނަސް އެންމެ ފުރަތަމަ ދިޔައީ އެ ބްރިޖުގެ މަސައްކަތަށް، އެ ސަރަހައްދުގައި ހުރި ޓްރާންސްފޯމަރެއް އެހެން ތަނަކަށް ބަދަލުކުރުމަށް ހަރަކާތްތެރިވި ޓީމާ އެކު އެވެ.
"އެ ތަނަށް ގޮސް ހުއްޓާ އެތާ ހުރި އިންޖިނިއަރަކު ބުނީ އެއްޗެއް ދިއްކޮށްލަން، އެކަމަކު އޭރު ނޭނގޭ އެއީ ކޯއްޗެއް ކަމެއް ވެސް. އެހެންވެ ވަރަށް ހިނި ވެސް އައި، އެއީ ކޯއްޗެއްކަން ނޭނގުނީމާ، ނޭނގުނު އެ ދޭކަށް ވެސް،" ޗީފް އިލެކްޓްރިކަލް އިންޖިނިއާ އަނަސް މިދިޔަ 10 އަހަރުގެ ތަޖުރިބާގެ ވާހަކަ ފެށީ ފުރަތަމަ ދުވަހުގެ އެ ހަނދާންތަކުންނެވެ.
މިހާރު އުމުރުން 37 އަހަރުގެ އަނަސްގެ ކިބައިގައި އެ ދުވަހު އިންޖިނިއަރިންގެ އެއްވެސް ތަޖުރިބާއެއް ނެތެވެ. އެކަމަކު ސ. މީދު އަށް އުފަން އަނަސްގެ ބުރަ މަސައްކަތާއި ހުނަރުގެ ސަބަބުން އެސިސްޓެންޓް އިންޖިނިއަރެއްގެ މަގާމުގައި ހުރެ، އިންޖިނިއަރު ކަމަށް ބަދަލުވެ، ސީނިއާ އިންޖިނިއަރުކަން ކުރުމަށް ފަހު، މިހާރު އެ ހުރީ އެ ޑިޕާޓްމަންޓު ހިންގުމަށް ޗީފް އިލެކްޓްރިކަލް އިންޖިނިއަރުގެ މަގާމުގަވެ.
އަނަސް އިންޖިނިއަރިންގެ ދާއިރާ އަށް ޝައުގުވެރިވީ އޯލެވެލް ނިންމުމަށް ފަހު، ވިލާ ގުރޫޕުގެ ފަރާތުން ލިބުނު ސްކޮލާޝިޕް ފުރުސަތެއްގެ ތެރެއިންނެވެ.
"އޭގައި އޮތީ އިލެކްޓްރިކަލް އިންޖިނިއަރިން އާއި މެކޭނިކަލް އިންޖިނިއަރިން. އޭގެ ތެރެއިން އަޅުގަނޑު ނެގީ އިލެކްޓްރިކަލް އިންޖިނިއަރިން. އެ ސްކޮލާޝިޕުން ޑިޕްލޮމާ އަށް ދިޔުމުގެ ތެރޭގައި މި ދާއިރާއަށް ޝައުގުވެރިކަން މި އުފެދުނީ،" އަނަސް ބުންޏެވެ.
ފުރަތަމަ ސީއެޗްއެސްއީގެ ފިޒިކްސް ލެބޯޓްރީގެ ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތްކުރުމަށް ފަހު، 2007 އިން 2009 އަށް މެލޭޝިއާގައި އިލެކްޓްރިކަލް އިންޖިނިއަރިންގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކުރި އެވެ. އޭލެވެލްގެ ބެކްގްރައުންޑެއް ނެތުމުން ފުރަތަމަކޮޅު، ކިޔެވުމުގައި ދަތިތަކާ ކުރިމަތިވި ނަމަވެސް ލެކްޗަރާއިންގެ އެހީތެރިކަމާ އެކު އެކަން ވެސް ކާމިޔާބުކުރި އެވެ.
ޑިޕްލޮމާއަށް ފަހު ބޮންޑުގެ ދަށުން، ލ. އަތޮޅުގައި ހުންނަ ހޮރައިޒަން ފިޝަރީޒްގެ ފެކްޓްރީގައި ދެ އަހަރާއި ބައި ވަންދެން މަސައްކަތްކުރި އަނަސް ވަނީ 2013 އިން 2015 އަށް މެލޭޝިއާ އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖީނިއަރިންގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފަ އެވެ. އޭގެ ފަހުން 2019 އިން 2020 އަށް އިނގިރޭސި ވިލާތުން އިންޖިނިއަރިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ފުރިހަމަމުރި އެވެ.
އެސިސްޓެންޓް އިންޖިނިއަރުކަމުން ޗީފް އިލެކްޓްރިކަލް އިންޖިނިއަރެއްގެ މަގާމާ ހަމައަށް ކުރި ދަތުރުގައި އަނަސްގެ މައިގަނޑު މަސައްކަތަކީ ކަސްޓަމަރުންނަށް ވަގުތުން ވަގުތަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމާއި ރަށްރަށުގެ ޑިސްޓްރިބިއުޝަން ނެޓްވޯކް ތަރައްގީކޮށް ބެލެހެއްޓުމެވެ.
ޓެކްނިކަލް މަސައްކަތްތަކުގައި ޓީމުގެ އެންމެންގެ ހިޔާލާއި މަޝްވަރާ އަދި ސަލާމަތީ ރައްކާތެރިކަމަށް އިސްކަންދޭ އަނަސް ފާހަގަކުރި ގޮތުގައި، ކ. ތުލުސްދޫގައި ގާއިމުކޮށްފައިވާ ސްޓެލްކޯގެ ޓްރެއިނިން ސެންޓަރުގެ ސަބަބުން މުވައްޒަފުން ތަމްރީނުކުރުމަށް ބޮޑު ބަދަލެއް ވަނީ އައިސްފަ އެވެ.
ހާއްސަކޮށް އަތޮޅުތަކުގެ އިންޖީނުގެތަކުގެ މުވައްޒަފުން މާލެ ގެނެސް، ޕަވާ ޖެނެރޭޝަނާއި ޑިސްޓްރިބިއުޝަންގެ އަމަލީ ތަމްރީނު ދިނުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.
ސްޓެލްކޯއިން އަލަށް ހަވާލުވާ ރަށްރަށުގައި ޓެކްނިކަލް ގޮތުން ހުރި "ބާގަނޑުތައް" ދެނެގަނެ، އެއް މިންގަނޑަކަށް ކަންކަން ގެނައުމުގެ މަސައްކަތް ޑިޕާޓްމަންޓުން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
ޒުވާނުންނަށް އަނަސްގެ މެސެޖު: ފުރުސަތުތައް އެބައޮތް
ރާއްޖޭގެ އެންމެ ބޮޑު ޔުޓިލިޓީ ކުންފުނި، ސްޓެލްކޯގެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގެ އިލެކްޓްރިކަލް ސާވިސް ޔުނިޓުގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަރު އަނަސްއަކީ މިއަދު އަލަށް މި ދާއިރާއާ ގުޅޭ ޒުވާނުންނަށް މަގުދައްކައިދޭ މެންޓާއެކެވެ.
އޭނާގެ އަމާޒަކީ އޮފީސް މާހައުލަކީ އެންމެންނާ ގުޅިގެން މަސައްކަތް ކުރެވޭ، އެކުވެރި އަދި މަސައްކަތްކުރަން ހިތްހަމަޖެހޭ އުފާވެރި މާހައުލަކަށް ސްޓެލްކޯ ހަދައިދީ، އަލަށް އަންނަ ކުދިންނަށް ކުރިއަށްދާނެ މަގުފަހިކޮށްދިނުމެވެ.
"އަޅުގަނޑު ވެސް ވަރަށް އާ މީހެއްގެ ގޮތަށް މި ވަނީ. އެކަމަކު ސްޓެލްކޯ އިން މި ލިބުނު ތަޖުރިބާއާ އެކު މިހާރު އަލަށް މި ވަންނަ ކުދިންނަށް އެއްޗެހި ދަސްކޮށްދިނުމަކީ މިހާރު ކުރާ ކަމެއް. މިއީ އުޅެވެން އޮތް ދާއިރާއެއްކަން ބޭނުންވަނީ އަލަށް ވަންނަ ކުދިންނަށް ވިސްނައިދޭން،" އަނަސް ބުންޏެވެ.
ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކެރިއާ ގައިޑެންސް ދެވޭ މިންވަރު މަދުވުމަކީ އިންޖިނިއަރިން ފަދަ ޓެކްނިކަލް ދާއިރާތަކަށް ކުދިން ވަންނަ މިންވަރު މަދުވާ ސަބަބެއް ކަމަށް ވެސް އޭނާ ގަބޫލުކުރެ އެވެ. އެހެންކަމުން، މައިންބަފައިން ބުނާ ދާއިރާއަކުން ކުރިއަށް ދިއުމުގެ ބަދަލުގައި، ކުދިން އަމިއްލައަށް ޝައުގުވެރިވާ ދާއިރާތައް އިހުތިޔާރުކުރުމަށް އަނަސް ނަސޭހަތްތެރިވި އެވެ.
"އިންޖިނިއަރިން ދާއިރާއަކީ ހަމައެކަނި އިލެކްޓްރިކަލްއެއް ނޫން. ސިވިލް، މެކޭނިކަލް، ވޯޓާ އެންޑް ސުވަރޭޖް އަދި ރިނިއުވަބަލް އެނާޖީ ފަދަ ހުރިހާ ދާއިރާއަކުން ވެސް ފުރުސަތު އެބައޮތް. މިއީ ވަރަށް ޝައުގުވެރި އަދި އެހާމެ ބުރަ މަސައްކަތެއް،" އަނަސް ބުންޏެވެ.
އަނަސްގެ މި ދަތުރުގައި އާއިލާގެ ފަރާތުންނާއި ސްޓެލްކޯގެ ޓީމުގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރަމުން އޭނާ ބުނީ މިއަދު އަމާޒަކީ އަލަށް ވަނަން ޒުވާން ކުދިންނަށް ރަނގަޅު މެންޓާއަކަށްވެ، ކުންފުންޏާއި ގައުމަށް ހިދުމަތްކުރުމުގައި އެންމެ މަތީ ފެންވަރުގައި ދެމިހުރުން ކަމަށެވެ.
އޭނާގެ ނަސޭހަތަކީ ސްޓެލްކޯ އިން ފަށާފައިވާ ސްކޮލާޝިޕް ފުރުސަތުތަކުގެ ބޭނުން ހިފައި، މި ދާއިރާ އަށް ވަންނަ ޒުވާނުން އިތުރު ކުރުމަށް މަސައްކަތް ކުރުމެވެ.