ޅ. ހިންނަވަރަށް އުފަން އަލީ ނަފާހް މުހައްމަދު ހަޔާތުގެ ދަތުރު ފެށިގެން އައީ ގިނަ ޒުވާނުންނެކޭ އެއްފަދައިން ބޮޑު އުއްމީދަކާ އެކު އެވެ. ރަށު ސްކޫލުން އޯލެވެލް ނިންމުމަށް ފަހު، އޭލެވެލް ކިޔެވުމަށް މާލެ ބަދަލުވި ނަފާހުގެ މިސްރާބު ހުރީ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށެވެ.

ކިޔެވުން ނިންމާލުމަށް ފަހު، އެއްވެސް ތަޖުރިބާއެއް ނެތި ސްޓެލްކޯއާ ގުޅުނު ނަފާހުގެ ބުރަ މަސައްކަތާއި ހިތްވަރު މިއަދު ހުރީ ކުންފުނީގެ އެންމެ މުހިންމު އެއް މަގާމުގަ އެވެ.

ހުޅުމާލެ ޕަވާ ޖެނެރޭޝަން ޑިޕާޓްމެންޓުގެ އެސިސްޓެންޓް އިންޖިނިއަރެއްގެ މަގާމުން ފެށި އެ ދަތުރުގައި، ހުއްޓުމެއް ނެތި ކުރި ބުރަ މަސައްކަތުން، އުމުރުން އެންމެ 32 އަހަރުގައި ނަފާހު މިއަދު ވަނީ ސްޓެލްކޯގެ މާލެ ޕަވާ ޖެނެރޭޝަން ޑިޕާޓްމެންޓުގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަރުގެ މަގާމާ ހަމައަށް ދަތުރުކޮށްފަ އެވެ.

މިދިޔަ އަހަރު މާލޭގެ އިންޖީނުގެއަށް ބަދަލުވެ، ކަރަންޓުގެ މައި ވިއުގަ ބެލެހެއްޓުމުގައި އިސް ދައުރެއް އަދާކުރަމުން އަންނަ ނަފާހަކީ މިއަދު ޒުވާނުންނަށް ހުރި މިސާލެކެވެ.

މިއީ، ނަފާހް "މިހާރު" އަށް ދިން އިންޓަވިއުއެއްގެ މުހިންމު ބައިތަކެވެ.

އިންޖިނިއަރިންގެ ދާއިރާއިން ކުރިއަށް ދާން ނިންމީ ކީއްވެ؟

ވަރަށް ކުޑައިރުއްސުރެ އަޅުގަނޑު އިންޓްރެސްޓް ހުންނަނީ މީ ދާއިރާއަށް. ހާއްސަކޮށް ގްރޭޑް 11،12 އާ ގުޅުނު ހިސާބުން އާއިލާ އިން ވެސް ސަޖެސްޓް ކުރީ މި ދާއިރާ އިން ކުރިއަށް ދާން. ދައްތަ ވެސް ބުނި ވިސްނަބަލާށޭ ކޮން ކަހަލަ މަސައްކަތެއްތޯ ކުރާނީ؟ އެއީ ދެން އޮތީ ޑިގްރީ ކިޔެވުންވީމަާ.

އެގޮތުން އޭރު 11، 12 ގައި އުޅުނުއިރު ކުޑަކޮށް ބަލަން ފެށީ ކޮން ކަހަލަ މަސައްކަތްތަކެއްތޯ މި ރާއްޖޭގައި މީ އޮންނަނީ. އެންމެ އިންޓްރެސްޓިންވީ ހަމަ އިލެކްޓްރިކަލް އިންޖިނިއަރިން. ވަރަށް ކަމުދިޔައީ.

އެހެންވެގެން އަޅުގަނޑު ޑިގްރީ އަށް ދިޔައިރު ނެގީ އިލެކްޓްރިކަލް އިންޖިނިއަރިން. އެކަމަކު އަސްލު އިންޓްރެސްޓްވީ ފީލްޑަށް ނިކުމެފައި އުޅެން ފެށި ހިސާބުން.

މާލެ ޕަވާ ޖެނެރޭޝަން ޑިޕާޓްމެންޓުގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަނަރު އަލީ ނަފާހު "މިހާރު" އަށް އިންޓަވިއު ދެނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މާލެ ޕަވާ ޖެނެރޭޝަން ޑިޕާޓްމެންޓުގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަނަރު އަލީ ނަފާހު "މިހާރު" އަށް އިންޓަވިއު ދެނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ސްޓެލްކޯއަށް އެންމެ ފުރަތަމަ ވަނީ ކޮން މަގާމަކަށް އަދި މިހާރު ހުރި މަގާމާއި އެ ތަޖުރިބާ ހިއްސާކޮށްލެވިދާނެތަ؟

ސްޓެލްކޯއާ ގުޅުނީ މުޅިން އާ މީހެއް ގޮތަށް. އެއީ އެސިސްޓެންޓް އިންޖިނިއަރެއްގެ ގޮތަށް. ދެން ކަން ދިމާކުރި ގޮތުން، ނަސީބު ރަނގަޅުކަމުން އެ ދުވަސްވަރުވީ ހުޅުމާލޭ އިންޖީނުގެ "ފިފްތު ޕަވާ ޕްރޮޖެކްޓް" ނިމި ކޮމިޝަން ކުރި ދުވަސްވަރާ.

ފްރެޝް ގްރެޖުއޭޓްއަކަށް ވެ ހުރެ ހުޅުމާލެ ޖޮއިން ކޮށްފައި ކޮމިޝަނިންގެ މަސައްކަތުގައި އުޅުނީ. ވަރަށް ރަނގަޅު ތަޖުރިބާއަކަށް އެކަން ވެގެންދިޔަ. އޭރު ކުރި މަސައްކަތްތަކީ ޕަވާ ޕްލާންޓެއް ބިލްޑްވެ، އައިސް ޓެސްޓިންތަކާ ޓްރަބަލް ޝޫޓިންއާ ކޮމިޝަނިންގައި ދިމާވާ މައްސަލަތައް ހައްލު ކުރުމާއި އޮޕަރޭޝަނަށް ގެނެވެންދެން ހަމަ އޭގައި އުޅުނީމަ ވަރަށް ބޮޑު އެއްޗެއް ދަސްވެގެން ދިޔައީ.

އޭގެ ފަހުން އަޅުގަނޑު ހަވާލުވީ އެ ޕަވާ ޕްލާންޓް އޮޕަރޭޓް ކުރަން. އެހެންވީމާ އެއްކަލަ އެ ލިބުނު ތަޖުރިބާ އިން މަސައްކަތް ފަސޭހަވެގެން ވެސް ދިޔައީ. ވަރަށް ބައިވަރު އެއްޗެހިތަކެއް ދަސްވީ.

މާލެ ޕަވާ ޖެނެރޭޝަން ޑިޕާޓްމެންޓުގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަނަރު އަލީ ނަފާހު އެތަނަށް ދިޔަ ބައެއް މެހެމާނުންނާއެކު--
މާލެ ޕަވާ ޖެނެރޭޝަން ޑިޕާޓްމެންޓުގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަނަރު އަލީ ނަފާހު އެތަނަށް ދިޔަ ބައެއް މެހެމާނުންނާއެކު--

އަޅުގަނޑު މިހާރު މި ހުރީ ޗީފް އިލެކްޓްރިކަލް އިންޖިނިއާގެ މަގާމުގައި. އެއީ މީ ޑިޕާޓްމެންޓްގެ ޔުނިޓް ހެޑެއް. އަޅުގަނޑު މިހާރު މި ބަލަހައްޓަނީ މާލޭ ޕަވާ ޖެނެރޭޝަންގެ އިލެކްޓްރިކަލް ޔުނިޓްގެ މަސައްކަތްތައް. އަޅުގަނޑުގެ ދަށުން ވިއްސަކަށް މުއައްޒަފުން އުޅޭނެ. އެ ޓީމާ އެކީ އަޅުގަނޑު މި ޑީލް ކުރަނީ. ޕަވާ ޕްލާންޓްގެ އިންޖިންސްތަކާ ކޮންޓްރޯލް ސިސްޓަމްތަކާ އެ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް، އެ ސިސްޓަމްތައް ބަލަހައްޓާ، އެ ދިމާވާ މައްސަލަތައް.

އެންމެ ދަށުން ފަށައިގެން މިހާރު ތި ހުރި މަގާމަށް އާދެވުނު ގޮތް ކިޔާލަދީފާނަންތަ؟

އޭލެވެލް ނިންމާފައި 2014 ގައި ޑިގްރީ ކިޔަވަން ދިޔައީ އިންޑިއާ އަށް، ބެޗްލާސް އޮފް ޓެކްނޮލޮޖީ އިން އިލެކްޓްރިކަލް އިންޖިނިއަރިން.  2018 ގައި އެސިސްޓެންޓް އިންޖިނިއާއެއް ގޮތަށް ސްޓެލްކޯއާ ގުޅުނީ. އޭރު މަސައްކަތް ކުރީ ހުޅުމާލޭ ޕަވާ ހައުސްގައި. އަޅުގަނޑު އޭރު ކުރާ މަސައްކަތަކީ އިންޖިނުތައް މެއިންޓަނެންސް ކުރުން، އޭގެ ސިސްޓަމްތައް ބަލެހެއްޓުން. އާ ތަނެއް ވީމަ އެސްއޯޕީސް ހެދުމާއި ޕްރޮސީޖަރސްތަކާ މި ހުރިހާ އެއްޗެއް ހެދުމުގަ ވަރަށް ބޮޑަށް އިންވޯލްވް ވެގެން އުޅުނީ.

ދެން އެހެން ގޮސް އަޅުގަނޑު އިންޖިނިއަރެއްގެ މަގާމަށް ޕްރޮމޯޓްވީ 2024ގައި. އެހާ ހިސާބުން އިންޖިނިއަރަކަށް ވެފަ ހުޅުމާލެ ޕަވާޖެނެރޭޝަންގެ ޔުނިޓް ހެޑަކަށް ޗޭންޖްވީ.

އޭރު ފުރަތަމަ 50 މެގަވޮޓް މިކިޔާ އިންޖީނުގެ ވޯކް ކުރުމަށް ފަހު، އިތުރު ޔުނިޓެއް ހަދާފައި އަޅުގަނޑު އެ ޔުނިޓާ ހަވާލުވީ ޕީކް އިންޖީނަށް މާލޭ ޕަވާ ޖެނެރޭޝަނަށް ގެންނަ އިންޖީނުތައް ބަލަހައްޓަން.

މާލެ ޕަވާ ޖެނެރޭޝަން ޑިޕާޓްމެންޓުގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަނަރު އަލީ ނަފާހު އެ ތަނުގައި މަސައްކަތް ކުރާ ބައެއް ރައްޓެހި އިންޖިނިއަރުންނާއެކު--
މާލެ ޕަވާ ޖެނެރޭޝަން ޑިޕާޓްމެންޓުގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަނަރު އަލީ ނަފާހު އެ ތަނުގައި މަސައްކަތް ކުރާ ބައެއް ރައްޓެހި އިންޖިނިއަރުންނާއެކު--

އެތާ މަސައްކަތް ގޮސް މިދިޔަ އަހަރު ޑިސެމްބަރުގައި މާލެ ޕަވާ ޖެނެރޭޝަންގެ އިލެކްޓްރިކަލް ޔުނިޓް ހެޑެއްގެ ގޮތަށް އަޅުގަނޑު ޓްރާންސްފާ ވެގެން މިހާރު މާލޭގައި މަސައްކަތް ކުރަނީ. އެއީ މާލެ ޕަވާ ޖެނެރޭޝަން ޑިޕާޓްމެންޓުގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަރެއް ގޮތަށް.

އެންމެ އިސްކޮށް ހުރެ ޓީމެއް ގޮވައިގެން އުޅެން، ކިހާ ބުރަ ކަމެއް މިއީ؟

އެންމެ ޗެލެންޖިން ވަނީ މީހުން ގިނަވީމާ. ތަފާތު ހިޔާލުގެ މީހުން އުޅޭތީ އާދޭ ކޮންމެވެސް ވަރެއްގެ އުނދަގޫ ކަމެއް، އެންމެން އެއްގޮތަކަށް ނޫން ވިސްނަނީ. އެއްޗެހި ބުނާއިރު، މީހުންނާ ޑީލް ކުރާއިރު ވަރަށް ވިސްނަންޖެހޭ. އެއީ ވަރަށް ޗެލެންޖިން ކަމަކަށްވޭ.

ދެން އަނެއްކާ ވަރަށް އެވައިލަބަލް ވާން ޖެހޭ. ވަރަށް ގިނަ ފަހަރަށް އާދޭ މީހުންގެ ޕާސަނަލް ކަންތައްތައް. އެ ކަންތައްތައް އަޅުގަނޑުމެން އަންޑަސްޓޭންޑް ނުވެއްޖެއްޔާ އަސްލު މައްސަލަ ޖެހެން ފަށަނީ.

މިސާލަކަށް އަޅުގަނޑުގެ ދަށުން މަސައްކަތްކުރާ ސްޓާފަކު ކަމަކު އަތުވެއްޖިއްޔާ، މިސާލަކަށް ޕާސަނަލް ކަމެއްގަ އުޅެގެންތޯ، ޕާފޯމަންސް ދަށްވަންޏާ، ކިހިނެތް ވެގެންތޯ، ސްޓާފުން ޕާސަނަލް ލެވެލްއެއްގައި އެނގުނީމާ އަސްލު ފަސޭހަވޭ ޑީލްކުރަން. އެ ކޮމިއުނިކޭޝަން ސްޓާފާ ނޯނަންޏާ އަސްލު އުނދަގޫވޭ. ރަނގަޅަށް ކޮމިއުނިކޭޓް ކުރާ ސްޓާފުން ވެއްޖިއްޔާ ވަރަށް ފަސޭހަވޭ ކޮންމެ ކަމެއް ވެސް ޑީލް ކުރަން.

މާލެ ޕަވާ ޖެނެރޭޝަން ޑިޕާޓްމެންޓުގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަނަރު އަލީ ނަފާހު އެ ތަނުގައި މަސައްކަތް ކުރާ ބައެއް ރައްޓެހި އިންޖިނިއަރުންނާއެކު--
މާލެ ޕަވާ ޖެނެރޭޝަން ޑިޕާޓްމެންޓުގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަނަރު އަލީ ނަފާހު އެ ތަނުގައި މަސައްކަތް ކުރާ ބައެއް ރައްޓެހި އިންޖިނިއަރުންނާއެކު--

އަލަށް މި ދާއިރާއަށް ނިކުންނަން ބޭނުންވާ ކުދިންނަށް ދޭނެ ނަސޭހަތަކީ ކޮބާ؟

އަޅުގަނޑު ބުނާނީ އެޕްރޯޗް ކުރާށޭ. ސީވީ ފޮނުވާށޭ މި ދާއިރާ އިން ކުރިއަށް ދާން ބޭނުމިއްޔާ އެ ކުއްޖަކު އުޅެން ބޭނުންވާ ކުންފުނިތަކަށް. އޭރަށް އެ ކަހަލަ ކުންފުނިތަކުން ވެސް ބަލާނެ. އެ ވަގުތު ނެތަސް އެ މީހުންގެ ވިސްނުމުގައި އިންނާނެ ކޮންމެވެސް ކުއްޖަކު ވަޒީފާ އަށް ލިޔޭ. ބައެއް ފަހަރަށް އެގޮތަށް ފޮނުވާފައި ހުންނަ ކުދިންނަށް ފަހުން ވަޒީފާ އަށް އިއުލާން ކޮށްގެން ގުޅާފައި ވެސް އެބަހުރި.

ގިނަ ފަހަރަށް މި ދާއިރާ އަށް ކުދިން ނުލިބިފައި މި އޮންނަނީ. ހުޅުމާލޭގައި އުޅުނު އިރު ވެސް މެކޭނިކަލް އިންޖިނިއަރިން އަށް ކުދިން ނުލިބިގެން އެތައް ފަހަރަކު އިއުލާން ކޮށްފައި ވެސް އެބަހުރި.

އެއްކަލަ ސީވީ ފޮނުވި ނަމަ އެ ކުއްޖާގެ ސްލޮޓް ބޭނުންވާ ވަގުތު އެ އަންނަނީ. ހަމަ ކުރިމަތިލާނެ ކުއްޖަކު ނުވެގެން ވެސް ހުރި އުޅެފައި.

ހުޅުމާލެ ފޭސް ޓޫ ވެސް އަންނަނީ އަނެއްކާ. ތިލަފުށި، އިތުރު ޕަވާ ޕްލާންޓް އަންނަ ވަރަކަށް އެބަ ބޭނުންވޭ އިތުރު އިންޖިނިއަރުން. އަނެއްކާ ސްޓެލްކޯއާ މި ހަވާލުވީ އުތުރުގެ ރަށްތައް. އެހެންވީމާ އެކްސްޕޭންޑް ވާވަރަކަށް ހުންނާނެ އޮޕޮޗުނިޓީސް އޯޕަން ވާން.

މި ދާއިރާ އިން ކިޔަވާ ކުދިންނަށް ބުނެލަން އޮތީ ކިޔަވާއިރު ވެސް ވިސްނާށޭ ޑިވެލޮޕް ޔޯ ސްކިލްސް. އޭރުން އައިސް ކޮންމެ ކަހަލަ ޖޮބަކަށް ދިޔައަސް ކޮންމެ ކަހަލަ ސިސްޓަމެއް ދިމާވިޔަސް ދަސްކުރެވޭނެ. ކުރިން ދަސްކުރި އެއްޗެއްގެ ބޭނުން ހިފޭނެ. އެހެންވީމާ ކިޔަވާއިރު ވެސް މައްސަލަ ހައްލު ކުރެވޭނެ ވަރުގެ ސްކިލްސް ބިލްޑް ކުރާށޭ.