މީގެ 15 އަހަރު ކުރިން ސްޓެލްކޯގެ އެސިސްޓެންޓް ޓެކްނީޝަނެއްގެ ވަޒީފާ އަށް އިބްރާހިމް އަފްރާހް ވަން އިރު އޭނާ ކުރިއަށްދާންވީ މަގު ފެނެ އެވެ. އެއީ، އިންޖިނިއަރިން ދާއިރާގެ އެންމެ އުހެވެ. ކުޑައިރުން ފެށިގެން އޭނާގެ ޝައުގުވެރިކަމާ ގުޅިފައި އޮތީ މި ދާއިރާ އެވެ. ގޭތެރޭގެ ކޮންމެވެސް ޕަމްޕެއް ރޫޅާލައިގެން ނުވަތަ ކޮންމެވެސް އިންޖީނެއް ހަދަން ބައްޕަ އަލީ މުހައްމަދު (އަލިބެ) ޝައުގުވެރިކަމާ އެކު ކުރި މަސައްކަތްތަކަށް އޭނާގެ ހިތުގައި އޮތީ ހާއްސަ ގަދަރެކެވެ.
ހުނަރުވެރި ބައްޕަ އަޅައިގެން އުޅުނު ހެލްމެޓް އަފްރާހުގެ ބޮލަށް ހެޔޮވަރުކޮށްލައި ސްޓެލްކޯއާ ގުޅުނީ 2011 ގަ އެވެ. އެންމެ އާދައިގެ މަގާމް، އެސިސްޓެންޓް ޓެކްނީޝަނެއްގެ ގޮތުގައި ފެށިޔަސް އަފްރާހަކީ މިހާރު ސްޓެލްކޯ އަށް އެކަންޏެއް ނޫނެވެ. މުޅި ރާއްޖެ އަށް ވެސް މުހިއްމު މީހެކެވެ. ސްޓެލްކޯގެ ކޯޕަރޭޓް ޑިޕާޓްމަންޓްގެ ސޭފްޓީ އެންޑް ކޮމްޕްލަޔަންސް ޔުނިޓްގެ ޗީފް ސޭފްޓީ އިންޖިނިއަރަކީ އެ ދާއިރާ އިން ރާއްޖޭގައި ކިޔަވައިގެން ތިބި ދެ މީހުންގެ ތެރެއިން އެކެކެވެ.
އޭނާގެ ޒިންމާ ސްޓެލްކޯގައި ބޮޑެވެ؛ އުއްމީދުތައް ވެސް ގިނަ އެވެ.
ސްޓެލްކޯގެ ޗީފްގެ މަގާމުގައި ހުއްޓަސް އަފްރާހަށް އަދިވެސް ޗީފަކީ މި ދާއިރާގައި އޭނާގެ ހިދުމަތްތެރި ބައްޕަ އެވެ.
އަފްރާހް 41، ބުނި ގޮތުގައި އޭނާ އަށް މިހާތަނަށް ހޯދުނު ކުރިއެރުންތަކާ މެދު ހިތްހަމަޖެހުނަސް އަދިވެސް ބޭނުންވަނީ މި ދާއިރާ އިން އިތުރު ކަންކަން އުގެނި ދަސްކޮށް ކުންފުންޏަށް ކުރިއެރުން ހޯދައިދިނުމެވެ. މި ދާއިރާ އިން މީހުން ތަމްރީން ކުރުމަކީ ވެސް ކުންފުނީގައި އޭނާ އަށް އޮތް މުހިއްމު ޓާސްކެކެވެ.
އޯ ލެވެލް ނިންމައި، އަފްރާހް އިންޖިނިއަރިން ކިޔެވީ މެލޭޝިޔާގެ ސޭގީ ކޮލެޖާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ސަންޑަލޭންޑުންނެވެ.
"ކިޔެވުމަށް ފަހު ވަޒީފާއަށް ނުކުތުމުން އަސްލު އެނގުނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ނަމަވެސް އެއްބައި އެބަ މަދުވޭ. ސޭފްޓީ ބައި ތަންކޮޅެއް ދަށްކޮށޭ މި އުޅެނީ. އެހެންވެ އަޅުގަނޑު ބޭނުންވީ މި ފީލްޑުން ކިހިނެއްތޯ އެންމެ ރަނގަޅަށް އަޅުގަނޑުމެންގެ ސްޓާފުންނަށް ސޭފްޓީ ވައިސްކޮށް ކުރިއަށް އެއްޗެއް ކިޔައިދެވޭނީ،" އޭނާ ބުންޏެވެ.
މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މުހިންމުކަން ވިސްނުމުން، އަފްރާހު ދެން ނިންމީ މެލޭޝިޔާގެ ޔުނިވަސިޓީ އޮފް މަލާޔާއިން ސޭފްޓީ، ހެލްތު އެންޑް އެންވަޔަރަމަންޓް އިންޖިނިއަރިން ކިޔެވުމަށެވެ. މި ދާއިރާ އިން އޭނާ ވަނީ މާސްޓާސް ހަދައިފަ އެވެ.
އަފްރާހު ގަބޫލުކުރާ ގޮތުގައި ސޭފްޓީއަކީ ހަމައެކަނި ހެލްމެޓެއް އެޅުމެއް ނޫނެވެ. އެއީ، މި ދާއިރާގައި އޭނާގެ ބައްޕަ ވެސް ގަބޫލުކުރި ގޮތެވެ. ސްޓެލްކޯ ފަދަ އިންޖީނުގެތަކުގެ މެކޭނިކަލް އަދި އިލެކްޓްރިކަލް މަސައްކަތްތަކާއި، ހައި ވޯލްޓޭޖް ޓްރާންސްމިޝަން، ފެނާއި ނަރުދަމާގެ ނިޒާމު އަދި އުސް ތަންތަނުގައި ސޯލާ ހަރުކުރުން ފަދަ ނުރައްކާތެރި މަސައްކަތްތަކުގައި ސަލާމަތީ މިންގަނޑުތައް ހިފެހެއްޓުމަކީ އިންޖިނިއަރިން ވިސްނުމެއް ބޭނުންވާ ބޮޑު ސައިންސެކެވެ.
"ސޭފްޓީގައި ވަރަށް ބްރޯޑް ދާއިރާއެއްގައި މަސައްކަތް ކުރަން ލިބޭނެ. އެ ހުރިހާ ތަނެއްގައި އެ ކުރާ ކަންކަން ކުރަނީ އެންމެ ރައްކާތެރިކޮށްތޯ ބަލައި، އެވެއާނެސް ހިންގައި ކިޔައިދީ، އެ ކުރާ މަސައްކަތް އެންމެ ރައްކާތެރިކޮށް ކުރުވުން،" އަފްރާހު ކިޔައިދިނެވެ.
"އެއީ އިންޖީނު ގެތަކުގެ ކަންކަން އެކަންޏެއް ނޫން. މިސާލަކަށް ކޮޓަރިތެރެ ނުވަތަ ޑެސްކް ވޯކްސްގައި ވެސް ސޭފްޓީ ހިމެނޭނެ. އޭގެ ތެރޭގައި އަޑުގަދަމިން، އަލި ހުންނަ މިންވަރު ބެލުމާއި، އޮފީސް މާހައުލުގައި ގިނައިރު އިށީނދެ އިނުމުން ދިމާވާ އެގޮނޮމިކްސް މައްސަލަތަކަށް ރައްކާތެރިވުން، ގިނައިރުވަންދެއް އެއް ކަމެއް ކުރަން، ރެޕަޓެޓިވް މޯޝަން."
"އަމާޒަކީ ރައްކާތެރިކަމުގެ ގޮތުން ސްޓެލްކޯ އެންމެ މަތީ ހަރުފަތަށް ގެންދިއުން"
މިދިޔަ 15 އަހަރުގެ ހިދުމަތުގައި އަފްރާހް އެންމެ ހަނދާންވާ ދުވަހަކީ 2011 ގައި ސްޓެލްކޯއާ ގުޅި ހަރުފަތެއް މަތިވަމުން ގޮސް 2016 ގައި އެސިސްޓެންޓް އިންޖިނިއަރުގެ މަގާމަށް ޕްރޮމޯޓްވި ދުވަހެވެ.
އޭރުގެ އެމްޑީ އަބްދުއްޝަކޫރު އަބްދުﷲ ހިމެނިވަޑައިގަންނަވާ ގޮތަށް މެނޭޖްމަންޓްގެ އިސްވެރިން ބޯޑްރޫމަށް އޭނާ ހާޒިރުކޮށް، އެސިސްޓެންޓް އިންޖިނިއަރުކަމުގެ ލިޔުން ހަވާލުކުރި ދުވަހެވެ.
އޭގެފަހުން މާސްޓާސް ނިންމައި އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރުމަށްފަހު، އަފްރާހު މިއަދު ހުރީ އެ ކުންފުނީގެ ޗީފް ސޭފްޓީ އިންޖިނިއަރުގެ މަގާމުގަ އެވެ.
އަފްރާހު މާސްޓާސް ކިޔަވަން ހުއްޓައި ކޮވިޑުގެ ދުވަސްވަރު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ ބައްޕަ ނިޔާވީ އެވެ. ބައްޕަ، ދެކެން ބޭނުންވި ދަރިފުޅުގެ ކާމިޔާބީގެ ހުވަފެނުގައި ފުރިހަމައަށް ކުލަ ނުޖެހެނީސް މި ދުނިޔެއާ އަލްވަދާއު ކިޔުމަކީ މިއަދު ވެސް އަފްރާހުގެ ހިތުގައި އޮތް ފުން ހިތާމައެކެވެ. ނަމަވެސް، މިއަދު ބައްޕަ ދުނިޔޭގައި ނެތަސް ބައްޕަގެ ހަނދާންތަކާ އެކު ކުރިއަށް ގޮސް، ބައްޕަ ފަދައިން އިންޖިނިއަރިން ދާއިރާގެ ޗީފް މަގާމަކަށް ދެވުމަކީ އަފްރާހު އުފާކުރާ ކަމެކެވެ.
މި ދަތުރުގައި ކާމިޔާބީއަށް ދިއުމަށް އަފްރާހުގެ ފަހަތުގައި ސާބިތުކަމާއެކު ހުރީ އޭނާގެ އަނބިމީހާ އެވެ. ކިޔެވުމާއި ވަޒީފާގެ އެކި މަރުހަލާތަކުގައި ދިމާވި ގޮންޖެހުންތަކުން އަރައިގަތުމުގައި އަނބިމީހާގެ ފަރާތުން ލިބުނު އެއްބާރުލުން އޭނާއަށް ހަނދާން ނައްތައެއް ނުލެވޭނެ އެވެ. ބައްޕަ ދެއްކި ނަމޫނާ އާއި އާއިލާގެ ފަރާތުން ލިބުނު ހިތްވަރާއެކު އަފްރާހު މިއަދު ސާބިތުކޮށްދެމުން އެދަނީ ހިތާމަތަކުން އަރައިގަނެ، ބައްޕަގެ ނަން ރީތިކޮށްދިން ކާމިޔާބު ދަރިއެއްގެ މިސާލެވެ.
ވަޒީފާގެ ޒިންމާތައް އޮންނަ ގޮތުން ކުއްލިއަކަށް ނުވަތަ ދަންވަރުގެ ވަގުތުތަކުގައި މަސައްކަތަށް ނުކުންނަން ޖެހުމުން ވަގުތު މެނޭޖްކުރުމަކީ ވެސް ބޮޑު ގޮންޖެހުމެކެވެ. އެހެންނަމަވެސް، ލިބޭ ހުސް ވަގުތުތަކުގައި އާއިލާއަށާއި އަނބިދަރިންނަށް ފުރިހަމަ ވަގުތު ދިނުމަށް އޭނާ އިސްކަންދެ އެވެ.
ކާމިޔާބީގެ މި ދަތުރުގައި އަފްރާހަށް ބޮޑެތި ގޮންޖެހުންތަކާ ވެސް ކުރިމަތިލާން ޖެހުނެވެ. ހާއްސަކޮށް، 60 އަށް ވުރެ ގިނަ މުވައްޒަފުންގެ ޓީމުތައް ގޮވައިގެން މަސައްކަތްކުރާއިރު އެންމެނަށް މަސައްކަތުގެ ޒިންމާތައް ސާފުކޮށް ކިޔައިދީ މުއާމަލާތުކުރުމަކީ ކުޑަ ކަމެއް ނޫނެވެ.
އަފްރާހުގެ މިހާރުގެ އެންމެ ބޮޑު އުއްމީދަކީ ސްޓެލްކޯއަށް "ހެލްތު އެންޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް" ސެޓްފިކޭޝަން ހޯދައިދިނުމެވެ. އަދި ސްޓެލްކޯއަކީ ރައްކާތެރިކަމުގެ ގޮތުން އެންމެ މަތީ ފެންވަރުގެ މިންގަނޑުތައް ހިފަހައްޓާ ތަނެއްގެ ގޮތުގައި މުޅި ރާއްޖެ އިން ބަލައިގަންނަ ދުވަހެއް ދެކުމެވެ.
އިންޖިނިއަރިން ދާއިރާއިން ކުރިއަށްދާއިރު ހެދޭ ގޯސްތަކާއި ކުރިމަތިވާ ނާކާމިޔާބީތަކުން މާޔޫސްނުވެ، އެއީ ތަޖުރިބާއެއް ކަމަށް ބަލައިގެން ސާބިތުކަމާއެކު ކުރިއަށް ދިއުމަކީ އަފްރާހުގެ ކާމިޔާބީއަށް ވާސިލްވި މަގެވެ. ޒުވާން ޖީލަށް އޭނާގެ ހުށަހެޅުމަކީ މި ދާއިރާއަށް ޝައުގުވެރިކަން އޮތް ނަމަ ސާބިތުވެ ކުރިއަށް ދިއުމެވެ.