ހުޅުމާލޭ އިންޖީނުގޭގެ ޗީފް މެކޭނިކަލް އިންޖިނިއަރު އަހުމަދު ވިސާމް މުހައްމަދުގެ ކެރިއާ ބިނާވީ ހަމައެކަނި އޭނާގެ ހިތްވަރަކުން ނޫނެވެ. އައްޑޫ މީދު އަށް އުފަން އުމުރުން 35 އަހަރުގެ ވިސާމްގެ ކާމިޔާބީގެ ފަހަތުގައި ގާތް ތިން މީހެއްގެ ދައުރު އޭނާ އަބަދުވެސް ފާހަގަ ކުރެ އެވެ. އެ ތިން މީހުންގެ މަތިން ދުވަހަކު ވެސް ހަނދާން ނައްތާލެވޭކަށް ނެތެވެ.
"މަންމަ ދަސްކޮށްދިނީ ޑިސިޕްލިން. ބައްޕައަކީ ކޮންމެ ކަމެއްގައި ވެސް ވަރަށް ސަޕޯޓް ދެއްވި ފަރާތް. ކާފައަކީ ވަރަށް މަސައްކަތްތެރި ބޭފުޅެއް،" ސްޓެލްކޯގައި މަސައްކަތް ކުރާތާ ހަތް އަހަރު ވެފައިވާ ވިސާމްގެ ވާހަކަ ފެށީ އެ ހިސާބުންނެވެ.
ވިސާމް އެންމެ ފުރަތަމަ ބޭނުންވީ ޕައިލެޓަކަށް ވާން ކަމަށް ވިޔަސް ކާފަ ދިން ނަސޭހަތާ އެކު ކެރިއާ އަނބުރާލަން ބޭނުންވީ އިންޖިނިއަރިންގެ ދާއިރާއަށެވެ. އެހެންވެ، އުމުރުން 13 އަހަރުން ފެށިގެން އޭނާގެ ސިކުނޑީގައި އެނބުރެމުން އައީ އިންޖިނިއަރަކަށް ވާނެ އިރަކަށެވެ.
"ކާފަ ބުނި އިންޖީންގެ ކަންކަން ދަސްކުރަން ރަނގަޅުވާނެ ކަމަށް. އެކަހަލަ ކަންކަން ދަސްކޮށްބަލާށޭ. ދެން މިއަދު ހަމަ ހަނދާން ހުރޭ ކާފަ ދެއްކި ވާހަކަ،" ވިސާމް ހިނިތުންވަމުން ބުންޏެވެ.
އިންޖިނިއަރިން ދާއިރާއިން ކިޔެވުމަށް ތައުލީމީ ހަޔާތް ފެށީ ބައްޕަ ގެނެސްދިން މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ ކެޓަލޮގަކުންނެވެ.
"ބައްޕަ ގެނައި ކެޓަލޮގްގައި ހުރި އިންޖީން ރިޕެއާ އެންޑް މެއިންޓަނެންސް ކޯހެއް ފެނިގެން ބައްޕަ ކައިރީގައި ބުނީ ތި ކިޔަވަން ބޭނުމޭ. ބައްޕަ ވަރަށް ބޮޑަށް ސަޕޯޓް ދިން."
ކިޔެވުމާއި ސްޓެލްކޯގެ ދަތުރު: އެންމެ ދަށުން އިސް މަގާމަށް
ވިސާމްގެ ތައުލީމީ ދަތުރު ފެށިގެން އައީ ކުރީގެ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން (އެމްސީއެޗްއީ) ގައި 2008 އިން 2009 ވަނަ އަހަރާ ދެމެދު ހެދި އިންޖިނިއަރިން މެއިންޓެނެންސްގެ އެޑްވާންސް ސެޓްފިކެޓާ އެކު އެވެ.
ކިޔެވުމަށް ފަހު، ވިސާމް ނުކުތީ އަމަލީ ދާއިރާއަށެވެ. ނިކުމެ، ތިން ވަރަކަށް އަހަރު ދުވަހު އެޕޯލޯ ހޯލްޑިންސްގަ އާއި އެމްޓީސީސީގައި ތަޖުރިބާ ހޯދައި އެސްޓީއޯގައި ތިން މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއްގައި ވެސް ބައިވެރިވި އެވެ.
އެ އަށް ފަހު، ބެޗެލާސް ޑިގްރީ ހާސިލްކުރުމަށް 2013 ވަނަ އަހަރު ސްރީ ލަންކާ އަށް ފުރި އެވެ. ލަންކާގެ ކިންގްސްޓަން ޔުނިވާސިޓީ ލަންޑަންގެ ބެޗެލާސް ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވެ، ހަތަރު އަހަރު ކިޔެވި އެވެ.
ލަންކާގައި ކިޔަވަމުން ދިޔަ ދުވަސްވަރު، ލަންކާގެ "އޯރަލް ކޯޕަރޭޝަން" ކިޔާ ކުންފުންޏެއްގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓް (އާރްއެންޑްޑީ) ސެކްޝަންގައި ހަ މަސް ދުވަހު ތަމްރީން ހޯދި އެވެ. ކިޔަވަމުން އަމަލީ ތަޖުރިބާއާ ވިސާމް ގުޅުވައިލި ގޮތަކީ ފާހަގަކޮށްލެވޭ ކަމެކެވެ.
ލަންކާގައި ކިޔެވުން ނިންމައި ރާއްޖެ އެނބުރި އައިސް، ކުރު ބްރޭކަކަށް ފަހު ވިސާމް ސްޓެލްކޯއާ ގުޅުނީ 2019 ވަނަ އަހަރު އެވެ. އޭރުގެ ވަޒީފާއަކީ މާލޭ ޕަވާ ހައުސްގެ އެސިސްޓެންޓް އިންޖިނިއަރުގެ މަގާމެވެ. އޭގެ ތިން އަހަރު ފަހުން އިންޖިނިއަރެއްގެ މަގާމަށް ޕްރޮމޯޓުވި އެވެ.
ދެން ލިބުނީ ހުޅުމާލޭ ޕަވާ ޖެނެރޭޝަންގެ ޔުނިޓް ހެޑްގެ މަގާމެވެ. ފަހުން ޗީފް މެކޭނިކަލް އިންޖިނިއަރަކަށް ޕްރޮމޯޓްވި އެވެ. ހަތް އަހަރުގެ ތެރޭގައި އެންމެ އާދައިގެ ވަޒީފާއަކުން ފެށި ދަތުރު، ދާއިރާގެ އެންމެ ޒިންމާދާރު އެއް މަގާމަށް ވިސާމަށް ދެވުނީ ހީވާގި ކަމާއި ބުރަ މަސައްކަތުންނެވެ.
ވިސާމްގެ ލީޑަޝިޕް ތަފާތެވެ. ކުދި ޓީމުތަކަށް ބަހާލައި، ކޮންމެ ޓީމެއްގެ ލީޑަރަކު ހަމަޖައްސައި ހުރިހާ ލެވެލެއްގެ މުވައްޒަފުންގެ ހިޔާލު ހޯދައިގެން ކުރިއަށް ދިއުމަކީ ވިސާމް ތަންފީޒުކުރާ ސިޔާސަތެވެ.
"އެންމެ ޖޫނިއާ އެސިސްޓެންޓް ޓެކްނީޝަންގެ ހިޔާލު ވެސް ހޯދައިގެން ކަންކަން ނިންމަން. ހުރިހާ އެންމެންގެ އިންޕުޓް ލިބިގެން ކުރެވޭ މަސައްކަތް ވަރަށް ތަފާތު. ޗެލެންޖެއް ކުރިމަތިވީމަ ހިތްހަމަޖެހޭ. ހައްލު ހޯދުމަކީ ހަމަ ވަރަށް ލައިކްވާ ކަމެއް،" ވިސާމް ކިޔައިދިނެވެ.
ވިސާމް ސްޓެލްކޯގެ ވަޒީފާގައި ހޭދަކުރަމުން އަންނަ މުއްދަތުގައި ހަނދާނުން ނުނެތޭ ދެ ހާދިސާއެއް ހިނގި އެވެ.
ފުރަތަމަ ހާދިސާ ދިމާވީ ސްޓެލްކޯއާ ގުޅުނު ފުރަތަމަ ދުވަހު އެވެ.
އޭޕްރިލް 14، 2019 އަކީ، ވިސާމްގެ ތަޖުރިބާ ފެށިގެން ދިޔަ ދުވަހެވެ. ހަމަ އެ ދުވަހަކީ، މާލޭގެ ކަރަންޓަށް ޑިމާންޑް ބޮޑުވެ، ޕީކަށް ދިޔަ ދުވަސް ވެސް މެ އެވެ.
ލަންޗް ބްރޭކަށް ފަހު، ހެޑް އޮފް ޑިޕާޓްމެންޓް (އެޗްއޯޑީ) ގެ ކައިރިއަށް ދިޔުމުން ކޮންޓްރޯލް ރޫމަށް ދިއުމުގެ ފުރުސަތު ވިސާމަށް ލިބުނެވެ. މާލޭ ޕަވާ ހައުސްގެ ހުރިހާ އިންޖީނެއް ހިންގާ، ވަސީލަތްތައް ހުސްވެ ހިނގައިދިޔަ ވަގުތެއްގައި، ތަޖުރިބާ ހުރި މުވައްޒަފުންގެ ތެރޭގައި، ދާނެ ތަނެއް ނޭނގި ހުރި ފުރަތަމަ ދުވަހުގެ ވިސާމް ވެސް ހިތްވަރާ އެކު ކޮންޓްރޯލް ރޫމުގައި ހިދުމަތްކުރި އެވެ.
ވިސާމް ބުނި ގޮތުގައި "ސިސްޓަމް ކޯ ހުރިހާ ސްޓާފުން ގުޅިގެން ކުރި ބުރަ މަސައްކަތް ފެނި ތަފާތު އިހުސާސެއް" ކުރެވުނު ކަމަށެވެ.
ދެ ވަނަ ހާދިސާ ދިމާވީ، ހުޅުމާލޭ ޕަވާ ހައުސް އަށް ބަދަލުވި ދުވަހު އެވެ. ހުޅުމާލޭ ޕަވާ ހައުސް އަށް ބަދަލުވުމުގެ ކުރިން މާލޭގެ އިންޖީނުގެ އަށް ވިސާމް ދިޔަ އެވެ. އެކަމަކު، ކުޑައިރުކޮޅެއްގެ ތެރޭގައި ޕަވާ ހައުސްގެ ތެރޭ އިންޖީނެއްގައި އަލިފާން ރޯވި މަންޒަރު ފެނުނެވެ.
ސްޓެލްކޯގެ މުވައްޒަފުންގެ ހިތްވަރާއި ކެތްތެރިކަމާ އެކު ގުޅިގެން ކުރި ބުރަ މަސައްކަތުން، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމް އައުމުގެ ކުރިން، ހުޅު ކޮންޓްރޯލްކޮށް، ބޮޑު ގެއްލުމަކުން ސަލާމަތްވި އެވެ.
"އެއީ ހަނދާން ނުނެތޭނެ ދެ ހާދިސާ. ސްޓެލްކޯ ސްޓާފުންގެ ހިތްވަރާއި ޓީމްވޯކް ހަމަ ލޮލަށް ފެނިގެން ދިޔަ ވަގުތެއް."
ވިޝާމްގެ ތަސައްވަރާއި ޒުވާނުންނަށް ނަސޭހަތެއް
ވިސާމް ގަބޫލުކުރާ ގޮތުގައި، ރާއްޖޭގައި ހަމައެކަނި ސީދާ މެކޭނިކަލް އިންޖިނިއަރިން ދާއިރާ ކުރިއަށް ދިއުމަށް ހުރި ފުރުސަތު ތަންކޮޅެއް ހަންޏެވެ. ޑިޒައިން، މެނުފެކްޗަރިން ފަދަ ދާއިރާތައް ރާއްޖޭގައި ނެތް ނަމަ ވެސް ސްޓެލްކޯ ފަދަ ތަންތަނުގައި ހުނަރުވެރި މެކޭނިކަލް އިންޖިނިއަރުންނަށް ބޮޑު ޑިމާންޑެއް ހުރިކަން އޭނާ ފާހަގަކުރި އެވެ.
"އިންޖިނިއަރިން އަށް ވުރެ ބޮޑަށް ހިންގުމާ ގުޅިފައި ހުރި ދާއިރާ ދެން ބޭނުންވަނީ މެނޭޖްމެންޓް ދާއިރާއިން،" ވިސާމް ބުންޏެވެ.
ރާއްޖޭގެ ހުރިހާ ދާއިރާތަކެއްގެ އިންޖިނިއަރުން އެއްފުރާޅެއްގެ ދަށުން ގުޅިގެން ކަންކަން ހިއްސާކޮށް، ދާއިރާ ކުރިއެރުވޭނެ ވަރުގަދަ ޕްލެޓްފޯމެއް ރާއްޖޭގައި ގާއިމްވެގެން ދިއުމަކީ ވިސާމް ދެކެން ބޭނުންވާ ހުވަފެނެކެވެ.
އިންޖިނިއަރިން ދާއިރާއަށް ވަންނަ ޒުވާނުންނަށް ވިސާމްގެ ނަސޭހަތް ވަރަށް ސާފެވެ. އެގޮތުން ފުރަތަމަ އަމަލީ ތަޖުރިބާ ހޯދުމެވެ. ދެން ތިއަރެޓިކަލް ތައުލީމް ހާސިލް ކުރުމަކީ ވިސާމްގެ ތަޖުރިބާ ކާމިޔާބު ގޮތެކެވެ.
"ތިއަރެޓިކަލް ނޮލެޖް ލިބިގެން ދާއިރާއަށް ނިކުތުމާއި އަމަލީ ތަޖުރިބާ ލިބިގެން ދެން ކިޔެވުމާ ވަރަށް ތަފާތު. އަމަލީ ތަޖުރިބާ ލިބިގެން ދިޔައީމާ ތިއަރެޓިކަލް ކިޔަވާ ބައި ވެސް ވަރަށް ބޮޑަށް ފަހުމްވޭ،" ވިސާމް ބުންޏެވެ.
"ހުރިހާ ވަސީލަތެއް ވެސް މިހާރު ލިބެން ހުރޭ. ޑީއައިވައި ކިޓްތަކާއި މައިކްރޯ ކޮންޓްރޯލާ ފަދަ ތަކެތި ވަރަށް ފަސޭހައިން ލިބެން ހުރޭ. ސްކޫލްގައި ހުރެ ވެސް ކިޔަވަމުން ހޮބީއެއްގެ ގޮތުގައި ނަމަވެސް ހޭންޑްސް-އޮން ތަޖުރިބާ ހޯދަމުން ދިއުން ވަރަށް ބޭނުންތެރި. ސްކޫލް ނިމޭ ހިސާބަށް ދިޔައީމަ، ކްރިއޭޓިވިޓީ ހުންނާނެ. ގޮތް ހޯދުމުގެ ހިތްވަރު ހުންނާނެ."
ވިސާމް ދެކޭގޮތުގައި ކަރަންޓު ލިބޭއިރު ގިނަ ބަޔަކަށް ފަހަތުގައި ތިބި ހިތްވަރުގަދަ މުވައްޒަފުންގެ ވާހަކަ ހަނދާނެއް ނުހުންނާނެ އެވެ.
"ކަރަންޓު ހުރިހާ ހިނދަކު، ފަހަތުގައި ތިބި ބަޔަކު ހިތަށް ނާންނާނެ. ކަރަންޓު ކެނޑުނީމާ ހަނދާންވާނެ. ދެން ހިތްހަމަ ނުޖެހުނަސް ހަގީގަތަކީ ރައްޔިތުންނަށް ކަރަންޓު ލިބެނީ ސްޓެލްކޯ ސްޓާފުންގެ ބުރަ މަސައްކަތުން ކަން،" ފަހުރުވެރިކަމާ އެކު ވިސާމް ބުންޏެވެ.
ވިސާމްގެ ދަތުރަކީ ހިތްވަރާއި އަމަލީ ތަޖުރިބާ ހޯދުމަށް ދިން އިސްކަމާއި ދާއިރާ ދެކެ ލޯބިވުމުގެ ނަތީޖާ އެވެ. ސްޓެލްކޯގައި ހަތް އަހަރު ހޭދަކޮށް އެންމެ އާދައިގެ މުވައްޒަފެއްގެ ގޮތުގައި ހުރެ ފެށި ދަތުރު، ޗީފް މެކޭނިކަލް އިންޖިނިއަރެއްގެ މަގާމަށް ދިއުމަށް ކުރި ދަތުރަކީ ޒުވާނުންނަށް ހިތްވަރަކަށް ވާނެކަން ޔަގީނެވެ.