ޝާފިއު މައްސަލައިގެ ހުކުމާ އެކު، ފާރިސަށް އޮތީ ކޮން ފުރުސަތެއް؟

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުގައި ހުންނަތާ ދެ މަސް ވާން ގާތްވީ އެވެ. އޭނާ ބަންދުގައި ހުންނަތާ އިއްޔެ އަށް 50 ދުވަސް ވީ އެވެ. ފާރިސަށް ކުރަނީ، އިދިކޮޅު ފަރާތްތަކުން ގުޅިގެން ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތެވެ.


އެ މައްސަލާގައި ފާރިސް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ހުއްދަ ދީފައިވަނީ ޝަރީއަތް ނިމެންދެނެވެ. ފާރިސް ބަންދުގައި ބަހައްޓަން އަމުރުކުރި މައްސަލަ ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލާފައިވާއިރު އެ މައްސަލާގައި ހައި ކޯޓުގެ ހުކުމް އަންނާނެ ގޮތަކާ މެދު ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ. ހައި ކޯޓުން މިދިޔަ މަހުގެ 23 ވަނަ ދުވަހު ކުރި ހުކުމެއްގެ ސަބަބުން ހައި ކޯޓުން ފާރިސް ސަލާމަތްވެދާނެ ކަމަށް މިހާރު އެއް ބަޔަކު އުއްމީދު ކުރެ އެވެ. ޚާއްސަކޮށް އިދިކޮޅު ކޯލިޝަންގެ މެމްބަރުންނެވެ.

އެއީ ޖުމްހޫރީ ޕާޓީގެ މެމްބަރެއް ކަމަށްވާ އަހުމަދު ޝާފިއުގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމެވެ. ޝާފިއު އަކީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ފާރިސްއާ ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެކެވެ. މިއީ މި ދެ މައްސަލަ ގުޅޭ ހިސާބެވެ. މި މައްސަލައިގެ ހުކުމް ފާރިސްގެ މައްސަލަ އަށް މުހިންމު ވަނީ ހައި ކޯޓުގެ މިދެންނެވި ހުކުމަކީ އެ މައްސަލާގައި ޝާފިއު ހައްޔަރު ކޮށްފައި ވަނިކޮށް އޭނާ ދޫކޮޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުމަކަށް ވާތީ އެވެ. ގިނަ ބަޔަކަށް ފާހަގަ ނުކުރެވުނަސް ހައި ކޯޓުގެ އެ ހުކުމަކީ ފާރިސްގެ މައްސަލަ އަށް އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތް ހުކުމެކެވެ.

ފާރިސް އާއި ޝާފިއުގެ މައްޗަށް ވެސް ކުރަނީ އެއް ހާދިސާއަކާ ގުޅިގެން އެއް ތުހުމަތެކެވެ. އެއީ ރިޝްވަތުގެ ތުހުމަތެވެ. ޝާފިއު ދޫކޮށްލަން ތާއީދުކޮށް، ހައި ކޯޓުން ކުރި ހުކުމުގައިވާ ގޮތުން ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން 15 ދުވަހަށް ވުރެ ދިގު މުއްދަތަކަށް މީހަކު ބަންދުގައި ބަހައްޓަން އަމުރު ކުރެވޭނީ އެ މީހެއްގެ މައްޗަށް ކުރެވެނީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތެއް ކަމުގައިވާ ނަމަ އެވެ. އަދި އެކަން އެގޮތަށް ކުރެވެނީ ވެސް ކޮންމެވެސް ވަރެއްގެ ހެކިތަކެއް ހުރެގެން ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.

"އިސްވެ ބަޔާންވެދިޔަ މުއްދަތަށް ވުރެ ދިގު މުއްދަތަކަށް މީހަކު ބަންދުގައި ބެހެއްޓުމަށް ގާނޫނު ތަންފީޒުކުރާ ފަރާތަކުން އެދިއްޖެ ހާލަތެއްގައި ބަންދުގެ މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވަނީ އެ މީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާ ނަމަ ކަމާއި، އަދި އެގޮތުން ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމުގައި އޭނާއާ އެ ކުށަކާ ގުޅުވައިދޭ އެކަށީގެންވާ މިންވަރެއްގެ ހެއްކެއް އެހާތަނަށް ވެސް ލިބިފައިނުވާ ނަމަ އިތުރުކޮށްދޭ މުއްދަތު 15 ދުވަހަށް ވުރެ އިތުރުވެގެން ނުވާނެ..." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައި ބުނެފައިވާ ގޮތުން ޖިނާއީ ކުޑަ ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު ނަމަ 15 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ބަންދުގައި ބަހައްޓަން އަމުރު ކޮށްގެން ނުވާނެ އެވެ.

"މީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ޖިނާއީ ކުޑަ ކުށެއްގައި ކަމުގައިވާ ނަމަ، އޭނާ 15 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްގެން ނުވާނެ ކަން އިސްވެ ބަޔާންވެދިޔަ ގާނޫނީ އުސޫލުތަކަށް ބެލުމުން އެނގޭ...،" އެ ހުކުމުގައިވެ އެވެ.

ދެން އޮތީ ފާރިސްގެ މައްޗަށް ކުރާ، ރިޝްވަތުގެ ކުށަކީ ޖިނާއީ ބޮޑު ކުށެއްތޯ ނުވަތަ ނޫންތޯ އުފެދޭ ސުވާލެވެ. ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި އެ ގާނޫނުގެ ދަށުން ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި 11 ކުށެއް ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކޮރަޕްޝަންގެ ކުށް ހިމެނިފައި އޮތަސް ރިޝްވަތުގެ ކުށެއް ނުހިމެނެ އެވެ. އެހެންވެ، އެކަން ފާރިސްގެ ވަކީލުން ދިޔައީ ކުރިން ފާހަގަ ކުރައްވަމުންނެވެ.

ފާރިސްގެ ވަކީލުންގެ ފަރާތުން އާންމުވި މައުލޫމާތުން އެނގޭ ގޮތުގައި ރިޝްވަތަކީ ޖިިނާއީ ބޮޑު ކުށެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ. ދައުލަތުގެ ދިފާއަކީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބޮޑެތި ކުށްތަކުގެ ތެރޭގައި ކޮރަޕްޝަންގެ ކުށް ހިމެނޭ ކަމަށް އެ ގާނޫނުގައި އޮތުމުން ރިޝްވަތުގެ ކުށް ވެސް އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ބުނާ ބުނުން ކަމަށް ފާރިސްގެ ވަކީލުން ވިދާޅުވެފައި ވެއެވެ.

ފާރިސްގެ ވަކީލުން:- ފޮޓޯ/މިހާރު

އެކަމަކު ޝާފިއުގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމުގައިވާ ގޮތުން ރިޝްވަތުގެ ކުށަކީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ބޮޑު ކުށެއްގެ ގޮތުގައި ބެލެވޭ ކުށެއް ނޫނެވެ. ޝާފިއު ދޫކޮށްލަން ނިންމި ނިންމުމަށް ތާއީދު ކުރުމުގައި ފާހަގަކުރި އެއް ކަމަކީ ވެސް އެއީ އެވެ.

"އަހުމަދު ޝާފިއުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ގާނޫނު ނަމްބަރު (ގާނޫނު ނަމްބަރު) ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދަ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި ނޫން ކަމާއި، އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ރިޝްވަތުގެ ކުށުގައި..." ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން ޖިނާއީ އިޖްރާއަތުގެ ގާނޫނު އޮތްގޮތުން މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރެވޭނީ އެ ގާނޫނުގެ 60 ވަނަ މާއްދާގެ ށ. ގައި ބަޔާންކުރާ ހަތަރު ސަބަބުތަކުން ކުރެ ސަބަބެއް އޮތުމާ އެކު، އެ މީހަކު އެ ކުށެއް ކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ހުރެގެންނެވެ. އެކަމަކު ޝާފިއުއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކަކީ ރިޝްވަތުގެ ކުށުގެ ތުހުމަތު ކުރެވޭ މިންވަރުގެ ހެކިތަކެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

ފާރިސްގެ ވަކީލުން ވިދާޅުވެފައިވާ ގޮތުގައި ފާރިސްއާ ދެކޮޅަށް ވެސް ދައުލަތުން ހުށަހަޅާފައި ހުރީ ޝާފިއުއާ ދެކޮޅަށް ބޭނުންކުރި ހެކިތަކެވެ. ދިފާއީ ވަކީލުން އެ ބުނާ ގޮތަށް، އެ ދެ މައްސަލާގައި ހުށަހަޅާފައި ހުރީ ހަގީގަތުގައި ވެސް އެއް ހެކިތަކެއް ކަމަށްވާ ނަމަ، ހައި ކޯޓުން ފާރިސް ސަލާމަތްވުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެ އެވެ. ސަބަބަކީ ކުރިން ވެސް ފާހަގަކުރި ފަދައިން މިއީ އެއް ހާދިސާއަކާ ގުޅޭ ދެ މައްސަލަ ކަމަށްވާތީ އެވެ. އަދި ދެ މީހުންނަށް ކުރަނީ ވެސް އެއް ތުހުމަތެއް ކަމަށްވާތީ އެވެ. ފާރިސްގެ ވަކީލުން މިހާރު ފާހަގަކުރައްވާ އެންމެ ބޮޑު އެއް ދިފާއަކީ އެއީ އެވެ.

"ހައި ކޯޓުން ހުކުމް ކުރައްވާފައި އޮތް މައްސަލަ އަށް ބަލާއިރު އެއްވެސް ޝައްކެއް ނެތް ގޮތަށް އެބައޮތް އެނގެން އަހުމަދު ފާރިސް މައުމޫން ބަންދުގައި ނުބެހެއްޓޭނެ ކަން. އެއީ ޖިނާއީ ބޮޑު މައްސަލައެއް ނޫންކަން. އެހެންވީމަ ބަންދު ކުރި ނަމަވެސް 15 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ނުބެހެއްޓޭނެ ކަން،" ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވި އެވެ.

ޝާފިއުގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމާ ގުޅިގެން ފާރިސްގެ ވަކީލުން ވަނީ، އެ ހުކުމް އޮތްގޮތުން ފާރިސް އިތުރަށް ބަންދު ނުކުރެވޭނެ ކަމަށް ވިދާޅުވެ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ ސަމާލުކަމަށް މިދިޔަ މަހުގެ ފަހުކޮޅު އެކަން ގެންނަވައިފަ އެވެ. އަދި ހައި ކޯޓުގެ ހުކުމާ ގުޅިގެން ފާރިސް އިތުރަށް ބަންދުގައި ނުބެހެއްޓޭނެ ކަމަށް ބުނެ، ބަންދުން ދޫކުރުމުގެ އަމުރަކަށް ހެބިއަސް ކޯޕަސްގެ މައްސަލައެއް ވެސް ފާރިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ.

ފާރިސްގެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިމިފައިވާއިރު އެ މައްސަލައިގެ ހުކުމް އަދިއެއް ނީއްވަ އެވެ. އަޑުއެހުންތައް ނިމިފައި ވަނިކޮށް އެ މައްސަލަ ބަލާ ސެކްޝަން ބަދަލުކޮށްފައިވާ ކަމަށް ފާރިސްގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ. އެ މައްސަލަ ލަސްވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އެކަމަކު ޝާފިއުގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމަކީ ހައި ކޯޓުން ފާރިސް މިނިވަން ވެދާނެ ކަމުގެ ފެހި ސިގްނަލެއް ކަމަށް ދެކިގެން އެ މައްސަލަ ނިމޭނެ އިރަކަށް ގިނަ ބަޔަކު އުއްމީދު ކުރާ ސަބަބެވެ. އެންމެން ވެސް އިންތިޒާރު ކުރަނީ ހައި ކޯޓުގެ ނިންމުން އަންނާނެ ގޮތަކަށާއި ވަގުތަކަށެވެ.