މިއީ އަހަރު ތެރޭގައި ޓޫރިޒަމަށް އެންމެ ބާރު ބޮޑުވާ ދުވަސްވަރެވެ. މީގެ ހަތަރު ފަސް އަހަރު ކުރިން މި ދުވަސްވަރު ރިސޯޓަކުން ކޮޓަރިއެއް ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ގިނަ ރިސޯޓްތަކުގެ އެނދުތައް ހުންނާނީ އެކިއެކި ޓްރެވަލް އެޖެންޓުންނަށް ދުރާލައި ވިއްކައިފަ އެވެ.

އޭރު އޮކްޓޯބަރު މަހުން ފެށިގެން ފެބްރުއަރީ މަހާ ދެމެދު ރާއްޖޭގެ ރިސޯޓެއްގެ ކޮޓަރިއެއް ހޯދަން ޖެހެނީ ގާތްގަނޑަކަށް ބިޑް އުސޫލުންނެވެ. ކޮޓަރި ވިއްކާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ބަޔަކަށެވެ. ރޫމްތައް ފުލްވެގެން ރިޒޯޓްގެ އިސްވެރިންނަށް ހާއްސަކޮށްފައި ހުންނަ ރޫމްތައް ވެސް ބައެއް ރިސޯޓުތަކުގައި ވިއްކާފައިވެ އެވެ. އެހާވެސް ރިސޯޓްތަކުގެ ޑިމާންޑް ބޮޑެވެ. ނަމަވެސް އެ މަންޒަރު މިހާރު ބަދަލުވެއްޖެ އެވެ.

ޓޫރިޒަމް ސީޒަން ތެރޭގައި ރާއްޖޭގެ ރިސޯޓުތަކުގެ ޑިމާންޑް ކުޑަވެގެން ދިޔައީ، ހަރަދު ކުޑަކޮށް ޗުއްޓީ ހޭދަކުރަން ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން ގެސްޓް ހައުސް ތައާރަފްކުރި ހިސާބުންނެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ގެސްޓް ހައުސް ތައާރަފްކުރުމާއެކު ބައެއް ރިސޯޓްތަކުގެ ޑިމާންޑް ދަށްވެ، ކޮޓަރިތައް ވިއްކާ އަގުތައް ވެސް ދަށްކުރަން މަޖުބޫރުވި އެވެ.

ޓޫރިސްޓަކު ރާއްޖޭގެ ރިސޯޓެއްގައި: މި އަހަރުގެ ސީޒަނުގައި ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕެންސީ އުޅެނީ އެވްރެޖުކޮށް 70 ޕަސެންޓުގައި.
ޓޫރިސްޓަކު ރާއްޖޭގެ ރިސޯޓެއްގައި: މި އަހަރުގެ ސީޒަނުގައި ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕެންސީ އުޅެނީ އެވްރެޖުކޮށް 70 ޕަސެންޓުގައި.

މިއަހަރުގެ ޓޫރިޒަމް ސީޒަން ފެށުނުއިރު މަޝްހޫރު ބުކިން ސައިޓްތަކުން ފެންނަނީ ރިސޯޓްތަކުން ޑިސްކައުންޓް އަޅުވާފައިވާ ތަނެވެ. ނަމަވެސް ގިނަ ގެސްޓްހައުސްތައް ފެންނަނީ މުޅި ސީޒަންގައި ވެސް ޑިމާންޑް ބޮޑު ތަނެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޓްރަވަލް އެޖެންސީ، ލެޓްސްގޯ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޔާޒް ވިދާޅުވީ މިދުވަސްވަރު ބައެއް ރިސޯޓްތަކުން 50 ޕަސެންޓް ޑިސްކައުންޓް އަޅުވާފައި އެބަހުރި ކަމަށެވެ.

"މީގެ ކުރިން ސީޒަންގައި ރިސޯޓެއްގެ ކޮޓަރި ހޯދަނީ މިލިއަނުން ޑޮލަރު ބަހައްޓައިގެން. މިހާރު ރިސޯޓްތަކުގެ މާކެޓް ދަށްވީމަ ނުޖެހޭ އެވަރުގެ ހަރަދެއް ކުރާކަށް،" އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ރިސޯޓްތަކުގެ ޑިމާންޑް ދަށްވެފައިވަނީ ރިސޯޓްތައް ގިނަވެފައި، އެވަރަށް ޑެސްޓިނޭޝަންގެ ގޮތުގައި މާކެޓް ނުކުރެވޭތީ ކަމަށެވެ.

"މިހާރު މާބޮޑު ކަމެއް ނޫން ޕްރޮމޯޓްކުރުމަކީ. ސޯޝަލް މީޑިއާތައް މެދުވެރިކޮށް ވެސް ވަރަށް ފަސޭހަކޮށް މާކެޓްކުރެވޭ. އެކަމަކު އަޅުގަނޑުމެންނަށް ނުފެނޭ ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ މާކެޓްކުރަން މަސައްކަތްކުރާ ތަނެއް،" އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ރާއްޖެއަށް ބަޖެޓް ޓޫރިސްޓުން އިތުރުވެފައިވާ އެންމެ ބޮޑު ސަބަބަކީ އަގުހެޔޮ އެއާލައިންތަކުގެ ކަނެކްޝަންތައް ފަސޭހަވުމުން ކަމަށެވެ.

"ބަޖެޓްކޮށް އަންނަ މީހުންނަށް މިހާރު ރާއްޖެ އަންނަން ބައިވަރު ކެރިއާތައް އެބަހުރި. އެހެންވީމަ އެ މީހުންނަށް ރާއްޖެއަށް އަންނަން ވަރަށް ފަސޭހަވެފައި ވަނީ. ބަޖެޓް ކޮންސެޕްޓް އަދިވެސް އިތުރަށް ބިލްޑްކުރަން ފެނޭ،" އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ރާއްޖެ ބޮޑަށް މާކެޓްކުރެވެނީ ވަރަށް މަތީ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެއާއެކު އަގުހެޔޮކޮށް ޗުއްޓީ ހޭދަކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް އޮތްކަން އަންގައިދޭން މަސައްކަތްކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

ރާއްޖެ އައި ޓޫރިސްޓުންނަށް މަރުހަބާ ކިއުމަށް އެއާޕޯޓުގައި ސަގާފީ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ. ރާއްޖެ އަންނަ ޗައިނާ ޓޫރިސްޓުންގެ އަދަދު އަންނަނީ ދަށްވަމުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރާއްޖެ އައި ޓޫރިސްޓުންނަށް މަރުހަބާ ކިއުމަށް އެއާޕޯޓުގައި ސަގާފީ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ. ރާއްޖެ އަންނަ ޗައިނާ ޓޫރިސްޓުންގެ އަދަދު އަންނަނީ ދަށްވަމުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ދުނިޔޭގައި ޓްރެވަލްކުރާ މީހުންގެ ތެރޭގައި ވަރަށް ގިނަވެއްޖެ ބަޖެޓް މީހުން. ރާއްޖެ މާކެޓް މިކުރަނީ ލަގްޒަރީ ތަނަކަށް. އަގުބޮޑުކަމުން ލައިފްގަ އެއްފަހަރު އަންނަ ތަނަކަށްވެފައި ވަނީ. އެކަމަކު ހަމައެކަނި ލަގްޒަރީ ތަނެއް ނޫންކަން ވެސް ބުނެދޭން އެބަ ޖެހޭ،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް އަހަރަކު އަންނަ ޓޫރިސްޓުންގެ އަދަދު ހަތަރު ފަސް މިލިއަނަށް އިތުރުކުރަން ބޭނުން ނަމަ ބަޖެޓް ޓޫރިޒަމް އިތުރަށް ޕްރޮމޯޓްކުރަން ޖެހޭ ކަމަށެވެ.

"މިހާރު ޕްލޭންކުރާ ގޮތަށް ކުރިޔަށް އޮތް ތަނުގައި ހަތަރު މިލިއަނަށް އަރުވާލެވޭނީ ބަޖެޓް ޓޫރިޒަމް ކުރިއަރުވައިގެން. މިތަނަށް އަންނަ އެންމެން ބޭނުމެއް ނުވޭ ބޮޑު ކާސަލްއެއް ކަހަލަ ތަނެއްގައި ޗުއްޓީ ހޭދަކުރާކަށް. އެ މީހުން ރާއްޖެ އަންނަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ދެކިލަން،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގެ ގެސްޓްހައުސްތަކުގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ހާއްސަކޮށް ސީޒަން ތެރޭގައި ގެސްޓްހައުސްތަކުގެ ޑިމާންޑް ބޮޑުވެ، ކޮޓަރި ހޯދަން އުނދަގޫކަން ރިޔާޒް ފާހަގަކުރެއްވި އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މިވަގުތު ހިންގާ 459 ގެސްޓް ހައުސްގައި 6.609 އެނދު އެބަހުއްޓެވެ. މިއަހަރުގެ ޖެނުއަރީ މަހު ހުރީ 372 ގެސްޓް ހައުސް އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ރިސޯޓްތަކަށްވުރެ ގެސްޓް ހައުސްތަކުގެ އަދަދު އަންނަނީ އިންތިހާއަށް އިތުރުވަމުންނެވެ. އޭގެ މައިގަނޑު ސަބަބަކީ ރާއްޖޭގައި ބަޖެޓް ޓޫރިޒަމްގެ ޑިމާންޑް ބޮޑުވުމެވެ.

ޓްރެވަލް އެޖެންސީއެއްގެ އިތުރުން ހުޅުމާލޭގައި ހިންގާ ގެސްޓް ހައުސްއެއްގެ އިސް ބޭފުޅަކު ވިދާޅުވީ ރިސޯޓްތަކަށް ވުރެ ގެސްޓް ހައުސްތަކުގެ ޑިމާންޑް ބޮޑު ކަމަށެވެ. ހާއްސަކޮށް ސީޒަން ތެރޭގައި ގެސްޓް ހައުސްގެ ކޮޓަރިތައް ވިއްކަން ފަސޭހަކަން އޭނާ ފާހަގަކުރެއްވި އެވެ.

ސަން އައިލެންޑް ރިސޯޓުގެ މޫދަށް ގެސްޓުންތަކެއް އެރެނީ. ބައެއް ރިސޯޓުތަކުން ސީޒަން ތެރޭގައި ވެސް ޑިސްކައުންޓް އަޅުވާފައިވޭ.- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސަން އައިލެންޑް ރިސޯޓުގެ މޫދަށް ގެސްޓުންތަކެއް އެރެނީ. ބައެއް ރިސޯޓުތަކުން ސީޒަން ތެރޭގައި ވެސް ޑިސްކައުންޓް އަޅުވާފައިވޭ.- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ބޭރުގެ އެޖެންޓުން މެދުވެރިކޮށް އަޅުގަނޑުމެން ވެސް ގެސްޓުން މިގެންނަނީ. އެ މީހުން ވެސް ބޮޑަށް ބަލަނީ ބަޖެޓް ތަނެއް ހޯދަން. ވަރަށް މަދުން ނޫނީ ރިކްއެސްޓެއް ނާދޭ ރިސޯޓަކުން ޖާގައެއް ހޯދަން،" އެ ބޭފުޅާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ ގިނަ ގެސްޓް ހައުސްތައް ފުލްވެފައިވާ ކަމަށެވެ. އަދި ގިނަ ގެސްޓް ހައުސްތައް ކުރިޔަށް އޮތް ދެ މަސްދުވަހު އޯވާ ބުކްވާނެ ކަމަށް ވެސް އެ ބޭފުޅާ ވިދާޅުވި އެވެ.

މަޝްހޫރު ބުކިން ސައިޓްތައް ކަމަށްވާ އަގޯޑާ އާއި ބުކިން ޑޮޓްކޮމް އަދި އެކްސްޕީޑިއާ ފަދަ ސައިޓްތަކަށް ބަލާއިރު ފެންނަނީ މާފުއްޓާއި ހުޅުމާލޭގެ ގިނަ ގެސްޓް ހައުސްތަކުގެ ވަރަށް ޑިމާންޑް ބޮޑުތަނެވެ. ހާއްސަކޮށް ކްރިސްމަސް ދުވަހުން ފެށިގެން ޖެނުއަރީގެ ފުރަތަމަ ހަފުތާއާ ދެމެދު ގިނަ ގެސްޓް ހައުސްތަކުގެ ކޮޓަރިތައް ހުރީ ވިކިފަ އެވެ.

"މިމަސް ފެށުނީއްސުރެ ވަރަށް ޑިމާންޑް ބޮޑު. ޑިމާންޑް ބޮޑުވާތީ މިދުވަސްވަރު ރޫމްތައް ވިއްކާ އަގުތައް ވެސް ވާނީ ބޮޑުކޮށްފައި. އެއްވެސް ސްޕެޝަލް އޮފައެއް މިދުވަސްވަރު ނެތް،" ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްއަކުން ބުންޏެވެ.

ހުޅުމާލޭގައި ހިންގާ އެހެން ގެސްޓް ހައުސްއަކުން ބުނީ އެހެން އަހަރުތަކަށް ވުރެ މިއަހަރުގެ މިދުވަސްކޮޅު ލިބޭ ބުކިންތައް މަދު ކަމަށެވެ.

"އެހެން އަހަރުތަކަށް ވުރެ މިއަހަރުގެ ސީޒަން ތެރޭގައި ލިބޭ ބުކިންތައް މަދު. ހާއްސަކޮށް މިމަސް ފެށުނު ހިސާބުން ފެށިގެން ބުކިންތައް ޑްރޮޕްވެފައި ވަނީ. އޭގެ މައިގަނޑު ސަބަބަކީ ޗައިނާއިން އަންނަ ޓޫރިސްޓުން މަދުވުން. އޭގެ މުޅި ރާއްޖޭގެ އޮކިއުޕަންސީ ވެސް ދަށްކަން ފާހަގަކުރެވޭ،" އެ ގެސްޓް ހައުސްއިން ބުންޏެވެ.