އިދިކޮޅު ފަރާތްތަކަށް އިންސާފުވެރި ޕްރައިމަރީއަކަށް ދެވޭނީ ކިހިނެއް؟

ޖަރުމަނުގައި މިހާރު ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ހަރަކާތުން ނުކުންނަ ކެންޑިޑޭޓަކަށް ހަދަން އެ ޕާޓީން ބޭނުންވާ ގާސިމް އިބްރާހީމާ ބައްދަލުކުރެއްވުމަށް ފަހު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އެ ވިދާޅުވީ، އެއް ބަޔަކަށް، ވަރަށް މުހިންމު ވާހަކައެކެވެ. އެއީ އިދިކޮޅު ހަރަކާތަށް ރިޔާސީ އިންތިޚާބު ކާމިޔާބުވުމާއި ނުވުމާ ގުޅުން ހުރި ވާހަކައެކެވެ. އިދިކޮޅު ހަތަރު ޕާޓީއަށް އިންސާފުވެރި، ހަމަހަމަ، ޑިމޮކްރެޓިކް ޕްރައިމަރީއަކުން ގައުމީ ކެންޑިޑޭޓަކު އިންތިޚާބު ކުރުމުގެ މައްސަލަ އެވެ. މިއީ އިދިކޮޅު ހަރަކާތުން އަދި ފުޅާ ދާއިރާއެއްގައި މަޝްވަރާ ނުކުރާ އެކަމަކު ކުރިމަތީގައި އޮތް އެންމެ މުހިންމު ކަންތަކެވެ.


އިދިކޮޅު ހަރަކާތުން އެއް ކެންޑިޑޭޓަކު ނެރުމަށް އުސޫލެއްގެ ގޮތުން ގާސިމްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ތާއީދުކުރައްވަ އެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަކީ ނަޝީދު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކީ ގާސިމް ކަމަށް އެ ދެ ޕާޓީން ބުނާއިރު، އިދިކޮޅު ހަރަކާތުގެ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ޖުމްހޫރީ ޕާޓީންނާއި މައުމޫން އަދި އަދާލަތު ޕާޓީން ޕްރައިމަރީއަކަށް ތާއީދުކުރުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ. ނަމަވެސް ހަތަރު ޕާޓީއަށް އިންސާފުވެރި ހަމަހަމަ، ޑިމޮކްރެޓިކް ޕްރައިމަރީއަކުން ގައުމީ ކެންޑިޑޭޓެއް އިންތިޚާބު ކުރަން ގާސިމް ތާއީދުކުރެއްވީތީ ވެސް އުފާކުރައްވާ ކަމަށް ވިދާޅުވެ އަލީ ވަހީދު އެ ދެއްވީ މެސެޖެއް ކަމަށް ބެލެވެ އެވެ. އެމްޑީޕީގެ އިތުރުން ގާސިމް ވެސް ޕްރައިމަރީއަކުން އެއް ކެންޑިޑޭޓަކު ކަނޑައަޅަން ތާއީދު ކުރައްވަނީ އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އިދިކޮޅު ހަރަކާތުގެ ބައެއް ބޭފުޅުން މިދިޔަ ހަފުތާގެ ބުދަ ދުވަހު ގާސިމާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، ގާސިމާއި އަލީ ވަހީދު ސަލާމް ކުރައްވަނީ.

އެކަމަކު އަލީ ވަހީދު ވިދާޅުވާ، "ހަތަރު ޕާޓީއަށް އިންސާފުވެރި، ހަމަހަމަ، ޑިމޮކްރެޓިކް" ވާހަކައެއް އެމްޑީޕީގެ ގަރާރުގައި ނެތެވެ. އެއް ކެންޑިޑޭޓަކު ކަނޑައަޅާނީ "ސިޔާސީ ޕާޓީތަކުން އެއްބަސްވާ އުސޫލެއްގެ ޕްރައިމަރީ" އަކުން ކަމަށް އެމްޑީޕީގެ ގަރާރުގައިވެ އެވެ. މާނައަކީ ފަހުން އެ އުސޫލު ކަނޑައަޅަން ހަތަރު ލީޑަރުންނަށް ޖެހިވަޑައިގަންނަވާނެ އެވެ.

އެ އުސޫލު އިންސާފުވެރި، ހަމަހަމަ އަދި ޑިމޮކްރެސީގެ އިމުގެ ތެރެއިން ކަނޑަނާޅައިފި ނަމަ، އޭގެ ހިތި ނަތީޖާ އިދިކޮޅު ހަރަކާތަށް ކުރިމަތިވުމުގެ ބިރު ބޮޑު ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އެހެންވެ ސުވާލަކީ އެކަން ކުރާނެ ގޮތަކީ ކޮބައި ހެއްޔެވެ؟

އިދިކޮޅު ހަރަކާތުގެ ބައެއް ބޭފުޅުންގެ ވިސްނުމުގައި އޮތީ ތިން ގޮތެކެވެ. އެއީ ހަތަރު ފިކުރުގެ އެންމެން [އިދިކޮޅު ހަތަރު ފަރާތުގެ ހުރިހާ މެމްބަރުން] ހިމެނޭ ގޮތަށް ޕްރައިމަރީއެއް ބޭއްވުމާއި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ހަތަރު ފިކުރުން ކަނޑައަޅާ އަދަދަކަށް އެ ކޮންގްރެސްގައި، އެއް ކެންޑިޑޭޓަކު ހޮވަން ވޯޓު ދޭން ފުރުސަތު ދިނުމެވެ. މިސާލަކަށް ކޮންމެ ޕާޓީއަކުން ޕްރައިމަރީގައި ވޯޓުދޭނެ 50 މީހުން ހަމަހަމަކޮށް ކަނޑައެޅިދާނެ އެވެ. ކޮންގްރެސްގައި ވޯޓު ދޭނީ އެ ޕާޓީއަކުން ކަނޑައެޅި 50 މީހުންނެވެ.

ތިން ވަނަ ގޮތަކީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އެއީ ޕްރައިމަރީއެއް ކަމަށް އިދިކޮޅު ހަރަކާތުން އެއްބަސްވެ، އެ ބުރުން އެންމެ ގިނަ ވޯޓު ހޯދާ އިދިކޮޅު ކެންޑިޑޭޓަކީ އެއް ކެންޑިޑޭޓް ކަމަށް ކަނޑައަޅައި ދެވަނަ ބުރުގައި އޭނާގެ ފަހަތަށް އެރުމެވެ.

"މީގެ ތެރެއިން އެންމެ ފެއާ ވާނެ ގޮތެއް ކަމަށް ފެންނަނީ ދެވަނަ ގޮތް. އެއީ ކޮންމެ ޕާޓީއަކުން ކަނޑައަޅާ އަދަދަކަށް ވޯޓު ދޭން ޕްރައިމަރީގައި ފުރުސަތު ދިނުން. އޭރުން އެއްވެސް ބަޔަކަށް ގެއްލުމެއް ނުވެ، ހަމަހަމަކޮށް މިކަން ނިމޭނެ،" އިދިކޮޅު ހަރަކާތުގެ ކަންކަން ކައިރިން ބައްލަވަމުން ގެންދަވާ ބޭފުޅަކު، މަސްލަހަތަށްޓަކައި މި ވަގުތު ނަން ނުޖަހަން އެދިވަޑައިގެން، ވިދާޅުވި އެވެ.

"ހަތަރު ޕާޓީގެ ހުރިހާ މެމްބަރުންނަށް ޕްރައިމަރީގައި ވޯޓުލާން ފުރުސަތު ދީފިއްޔާ އެއިން ގެއްލުމެއް ކުރިމަތިވެދާނެ. އެއީ ރައީސް ޔާމީންގެ ސަޕޯޓަރުން ވެސް ވޯޓުލުމާއި ހަތަރު ޕާޓީގެ ސައްހަ ދަފްތަރެއް އެކުލަވާލަން ފުރުސަތު ނެތުމުން."

ޕްރައިމަރީއެއް ބާއްވާއިރު، އިދިކޮޅު ހަރަކާތަށް އެންމެ އުނދަގޫވެގެން މިއުޅޭ ކަމަކީ އެމްޑީޕީން ނަޝީދު އެއް ކެންޑިޑޭޓަކަށް ހަދަން ބޭނުންވާއިރު، އެހެން ހުރިހާ ޕާޓީތަކާ ނުބައްދަލު އަދަދަކަށް އެމްޑީޕީގައި މެމްބަރުން ތިބުމެވެ. ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އެމްޑީޕީ އޮތީ 40،000 އަށް ވުރެ ގިނަ މެމްބަރުންނާ އެކު ކަމަށް ވާއިރު، ބާކީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު މައިގަނޑު ގޮތެއްގައި 20،000 އަށް ވެސް ނާރަ އެވެ. އިދިކޮޅު ހަރަކާތުގެ އިސް އެއް ލީޑަރު މައުމޫނަށް ސަޕޯޓްކުރާ މީހުންގެ އަދަދު އެނގޭނެ ލިސްޓެއް ނުވެސް ނެތެވެ.

މި ހާލަތުގައި ހަމަހަމަ، އިންސާފުވެރި ޕްރައިމަރީއަކަށް ނުގޮސްފި ނަމަ، ނަޝީދު ނޫން ބޭފުޅަކަށް ޖާގައެއް ނެތެވެ. މައްސަލައަކަށް ވެގެން މިއުޅެނީ މިކަމެވެ.

ގާސިމާއި ނަޝީދު: އިދިކޮޅު ހަރަކާތުގެ އެއް ކެންޑިޑޭޓަކަށް ވުމަށް ވާދަކުރެއްވުން ގާތް.

މިހާރު އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކަށް ބަލާއިރު، އެއް ކެންޑިޑޭޓަކަށް ވުމަށް މަސައްކަތް ކުރައްވަނީ ނަޝީދާއި ގާސިމެވެ. ދެ ބޭފުޅުންނަށް ވެސް ގާނޫނީ ހުރަސްތަކެއް ހުރި ކަމުގައި ވިޔަސް ކޮންމެ ބޭފުޅަކު ވެސް އަދި އެ ބޭފުޅެއްގެ ސަޕޯޓަރުން ވެސް ތިބީ އެ ހުރަސްތައް ފަހު ވަގުތު ނެތިގެންދާނެ ކަމުގެ ހުވަފެނެއްގަ އެވެ.

މީގެ ތެރެއިން ވެސް އެމްޑީޕީ އަށް ހުރި ގޮންޖެހުންތައް ވަކިން ބޮޑެވެ. އެއީ ނަޝީދަކީ އެންމެ ގިނަ ބަޔަކު އެ ބޭފުޅަކަށް ތާއީދު ކުރާ ލީޑަރު އަދި އެމްޑީޕީއަކީ އެންމެ މެމްބަރުން ގިނަ ޕާޓީ ކަމަށް ވާއިރު، ނަޝީދަށާއި އެމްޑީޕީ އަށް ފަހު ވަގުތު ފުރުސަތު ގެއްލިއްޖެ ނަމަ، ދެން ހަދާނެ ގޮތަކާ މެދު އުފެދޭ ސުވާލެވެ. އެހެންވެ ވަގުތު އޮއްވައި އެއާ މެދު ވެސް އެމަނިކުފާނު ގޮތެއް ކަނޑައަޅުއްވަން ޖެހިވަޑައިގަތުމުގެ ޕްރެޝަރު އެބަ އޮތް ކަމަށް އެމްޑީޕީގެ އެތެރޭގެ ބައެއް ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

"ނަޝީދު ކުރިމަތިލައްވާނެ ކަމަށް ވިދާޅުވާހާ ހިނދަކު، އެމްޑީޕީގެ ތެރެއިން އެހެން މީހަކު އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރައްވާނެ. އެހެންވެ ބައެއް ބޭފުޅުން ތިއްބަވަނީ ދަނޑިވަޅަށް ބަލަބަލައި. ގާނޫނީ ހުރަސްތައް ފަހު ވަގުތު ނެތިގެންދާނެ ކަމުގެ ޔަގީން ކަމެއް ބައެއް ބޭފުޅުންނަކަށް ނެތް. އެކަން ކުރިން ކަށަވަރުކޮށް، ވަގުތު އޮއްވައި ރައީސް ނަޝީދު ވެސް ގޮތެއް ކަނޑައަޅުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީގެ ތެރެއިން ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން މިހާރު ވެސް ގެންދަނީ މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ މަޝްވަރާތައް އެ ޕާޓީގެ އެތެރޭގައި މިހާރު ވެސް ކުރިއަށް އެބަދެ އެވެ. ނަޝީދު މިވަގުތު ސްރީ ލަންކާގައި އުޅުއްވާއިރު، އެ މަޝްވަރާތައް އެމްޑީޕީގެ އެކި ފެންވަރުގައި ކުރިއަށްދާ ކަމަށް އެނގިފައިވެ އެވެ.

ގާސިމާއި އަލީ ވަހީދު އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ޖަރުމަނުގައި ކުރެއްވި މަޝްވަރާތަކާ ގުޅޭ ގޮތުން ނަޝީދު އަދި މައުމޫން ވެސް މިހާތަނަށް ފާޅުގައި އެއްވެސް އެެއްޗެއް ވިދާޅެއް ނުވެ އެވެ. ތިއްބެވީ ހިމޭނުންނެވެ. މީގެ ތެރެއިން ވެސް މައުމޫންގެ "ހިމޭންކަން" ވަކިން ބޮޑެވެ. އެއް ކެންޑިޑޭޓަކު ކަނޑައެޅުމާ ގުޅޭ ގޮތުން އަނެއް ތިން ޕާޓީން އެކި ފެންވަރުގައި ގޮތްތައް ނިންމައި މީޑިއާގައި ވެސް ވާހަކަ ދައްކަމުން އަންނައިރު، މައުމޫން މިހާތަނަށް ހަމަ އެކައްޗެއް ވެސް ވިދާޅެއް ނުވެ އެވެ.

ކުރީގެ ރައީސް މައުމޫން، ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބައްދަލުކުރައްވަނީ: އިދިކޮޅު ހަރަކާތުން އެއް ކެންޑިޑޭޓަކު ނެރުމުގެ މައްސަލާގައި އަދި ހުންނެވީ ހިމޭނުން.

"ބެލެވޭ ގޮތުން ރައީސް މައުމޫން އަދި އެ ހުންނެވީ އަދި އެއްވެސް ސައިޑެއް ނުނަންގަވައި. އެކަމަކު ޔަގީންވާ ކަމަކީ ރައީސް މައުމޫން ހުންނެވީ އިސްލާހީ މަސައްކަތުގެ ބައިވެރިންނާ އެކު ކަން. އެ ޔަގީންކަން އަދި އޮތީ،" އިދިކޮޅު ހަރަކާތުގެ އެހެން މެމްބަރަކު ވިދާޅުވި އެވެ.

މައުމޫން ފާޅުގައި މި މައްސަލާގައި ވަކި އެއްޗެއް ވިދާޅުނުވި ނަމަވެސް، އިދިކޮޅު ހަތަރު ލީޑަރުން ހިމެނިވަޑައިގަންނަވާ ސޯޝަލް މީޑިއާގެ ގުރޫޕްގައި ޚިޔާލު ފާޅުކުރައްވާ ކަމަށްވެ އެވެ. އަދި މިކަމުގައި ގޮތެއް ކަނޑައަޅުއްވަން ހަތަރު ބޭފުޅުންގެ "ސަމިޓް" އެއް ބޭއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެނގިފައިވެ އެވެ.

"ދުވަހެއް ދުވަހަކަށް ކަންކަން ފާޅުވަމުން ދާނީ. ބެލެވޭ ގޮތުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަންޒަރު ސާފުވާން ފަށާނެ،" އިދިކޮޅު ހަރަކާތުގެ އިސް އެހެން ބޭފުޅަކު ވިދާޅުވި އެވެ.

އިދިކޮޅު ހަތަރު ލީޑަރުން: އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ހަރަކާތުން ކެންޑިޑޭޓުން ނެރޭނެ ގޮތާ މެދު އަދި ހުރިހާ ބޭފުޅުން ގޮތެއް ނުނިންމަވާ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ހައެއްކަ މަހަށް ވެފައިވާއިރު، ސިޔާސީ ގޮތުން ތަފާތު މަންޒަރުތައް ކުރިމަގުގައި ފެންނާނެ އެވެ. ޚާއްސަކޮށް އިދިކޮޅު ހަރަކާތުންނެވެ. ރައީސް ޔާމީން ސިއްސައިގެންދާވަރުގެ "ސަޕްރައިޒް" ކެންޑިޑޭޓަކު ފެންނާނެ ކަމަށް ވެސް އިދިކޮޅު ހަރަކާތުގެ ބައެއް ބޭފުޅުން ވިދާޅުވެފައިވެ އެވެ. އެހެންވެ މިފަދަ ކިތަންމެ "ސަޕްރައިޒް" އެއް ފެނުމަކީ ނުވެ ނުދާނެ ކަމެކެވެ. ހަމަހަމަ، އިންސާފުވެރި ޕްރައިމަރީއަކަށް ނުދެވިއްޖެ ނަމަ، އެ "ސަޕްރައިޒް" ވަކިން ބޮޑުވާނެ އެވެ.