ރިޕޯޓް

އެންމެން ގައުމޭ، ރައްޔިތުންނޭ މި ކިޔަނީ ގައުމު ދެކެ ހަމަ ލޯބިވާތީތަ؟

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ވޯޓު ދެނީ: މަޖިލީހުން ބައެއް ބިލްތައް ފާސްކުރަނީ ރައްޔިތުންގެ މަސްލަހަތަކަށް ނޫން. .-- ފޮޓޯ: އިމްތިޔާޒު ފަހުމީ

ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި އިދިކޮޅު ފަރާތްތަކުން ވެސް ހުރިހާ ކަމެއް ކުރަނީ "ގައުމު" ނިވާފަތްގަނޑެއްގެ ގޮތުގައި ދައްކައިގެންނެވެ. އެކި ނިންމުންތައް ނިންމާއިރު ހަރުއަޑުން ގޮވަނީ ގައުމު ދެކެ ލޯބިން، ގައުމަށްޓަކައި ނިންމާ ނިންމުމެއް ކަމަށެވެ. އެކަމަކު އެހެން ބުނާ އިރު ވެސް އާންމުން ތުންތަޅުވާލަ އެވެ. އެއީ ހަގީގަތް ނޫން ކަން އެނގެ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 51 އަހަރު ފުރުން މިއަދު ފާހަގަކުރާއިރު ގައުމުގެ ހާލަތު މިއޮތީ ވަރަށް ދަށު ދަރަޖައިގަ އެވެ. ގާނޫނު އަސާސީ އާއި ގާނޫނުތަކުން ދީފައިވާ އަސާސީ ހައްގުތައް ވެސް މިވަނީ ފާޑަކަށް "ހިފަހައްޓައިފަ" އެވެ. މި ހާލަތަށް ގައުމު ވެއްޓިފައި މިވަނީ ކީއްވެ ހެއްޔެވެ؟ ރައްޔިތުންނަށް ޓަކައި ހުރިހާ ކަމެއް ކުރި ނަމަ ގައުމުގައި މިހާ މައްސަލަތައް ބޮޑުވީސް ހެއްޔެވެ؟

ނޫނެކެވެ؛ ގައުމުގެ ހުރިހާ ދިމާލަކުން ވެސް ފެންނަން ހުރީ ކޮން ބަޔަކު ވެސް ގައުމަށް ވުރެ އަމިއްލަ މަސްލަހަތު ކުރިއަށް ނެރެފައިވާ ކަމުގެ ހެކިތަކެވެ. ސަރުކާރުގެ ނިންމުމަކަށް ވިއަސް އިދިކޮޅު ޕާޓީތަކަށް ވިއަސް ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކުން ކަންކުރާ އުސޫލަށް ބެލިއަސް ތަފާތެއް ނެތެވެ.

ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫން އަބްދުލް ގައްޔޫމް ސަލާމް ކުރައްވަނީ: ސަރުކާރާއި ވެރިކަން ކުރާ ޕީޕީއެމުން ވެސް ބައެއް ނިންމުންތައް ނިންމަނީ އަމިއްލަ މަސްލަހަތު ހިމާޔަތްކުރަން. ---ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އާއި ގާނޫނުތަކަށް މިފަހަކަށް އައިސް ގެނައި ހުރިހާ އިސްލާހެއް ގެނައީ، އޭގެ ކުރިއަށް ރައްޔިތުންގެ ފައިދާއަށޭ ކިޔައި ޓެގް އަޅުވައިގެންނެވެ. އެކަމަކު އޭގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކަކީ ވަރަށް ގިނަ އާންމުންނާއި ވަރަށް ގިނަ ސިޔާސީ މީސްމީހުންނާއި ވަރަށް ގިނަ ޖަމާއަތްތަކުން ވެސް އަދި މުޅި ދުނިޔެއިން ވެސް އެކަމާ ދެކޮޅު ހަދަމުން ދިޔަ ކަންތައްތަކެކެވެ. ގިނަ ގާނޫނުތަކަށް ގެނައި ބޮޑެތި ބަދަލުތަކަކީ ސީދާ ރައްޔިތުންގެ މަސްލަހަތާ ދެކޮޅު އަމިއްލަ މަސްހަލަތު އިސްކޮށްގެން ކޮށްފައިވާ ކަންތައްތަކެވެ. މިސާލަށް؛ ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ހަގު ކުރުމާއި ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއި އިއުލާން ނުކޮށް ރަށްތައް ދޫކުރެވޭ ގޮތަށް ގެނައި އިސްލާހަށް ބެލިޔަސް ފެންނަނީ އެ މަންޒަރެވެ.

ގައުމަށްޓަކައި ކަަމަށް ބުނެ ރާއްޖޭގައި ކަން ކުރަމުންދާ ގޮތް، ގާނޫނީ ވަކީލަކު ސިފަކުރެއްވީ، ހިޓްލަރު ކަންކުރެއްވި އުސޫލާ އެވެ. ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ހިޓްލަރު ޔަހޫދީންތައް މެރީ، އެއީ ކުށެއް ނޫން ކަމަށް މަޖިލީހުން ކަނޑައަޅައިގެންނެވެ.

"އެ ގާނޫނުގެ ދަށުން އޭނަ މީހުންތައް މަރަމުން އައީ. އޭނަ ހުއްޖަތަކަށް ދެއްކީ ތިމަންނަ ގާނޫނާ ހިލާފެއް ނުވަމޭ. ކޯޓަކަށް ދިޔައަސް އޭނަ ކުށްވެރިއެއް ނުވޭ، އެއީ ގާނޫނާ އެއްގޮތަށް އެކަން ކުރީ. ސިފައިންގެ ޖެނެރަލުންގެ މައްޗަށް ވެސް ދައުވާއެއް ނުކުރެވޭ،" ވަކީލް ވިދާޅުވި އެވެ.

ގާނޫނުގައި ލިޔާ ކޮންމެ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ރާއްޖެ އިން ވެސް ފެންނަ މަންޒަރަކީ ގައުމަށްޓަކައި ކަމަށް ބުނެ، ގާނޫނު ނިވާފަތްގަނޑަކަށް ހަދައިގެން ކަންކަން ކުރާ ތަން ކަމަށެވެ.

"ހުރިހާ ކަމެއް ވެސް ކޮށްފައި މިބުނަނީ ތިމަންނަމެން ގާނޫނާ ހިލާފެއް ނުވަމޭ، ރަނގަޅު ވާހަކައެއް. އެކަމަކު އެ ގާނޫނު މި ބަދަލުކޮށްލަނީ ރައްޔިތުންގެ މަސްލަހަތަކަށް ނޫން، އަމިއްލަ މަސްލަހަތު ހިމާޔަތްކުރަން،" ވަކީލް ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީ އަކީ އަސާސީ ހައްގުތައް ދިފާއުކޮށް، ގައުމާއި ރައްޔިތުންގެ ހައްގުގައި އޮތް ކަމަށް ދައުވާކުރާ ޕާޓީ އެވެ. އެކަމަކު ފަހަކަށް އައިސް ހިންގާފައިވާ ގިނަ ހަރަކާތްތަކުގައި އަމިއްލަ މަސްލަހަތު އެ ޕާޓީން ވެސް ކުރިއަށް ނެރެފައިވެ އެވެ. ޕާޓީގެ އުސޫލްތަކާ ވެސް މުޅިން ހިލާފުވެ، ސަރުކާރާ އެކު ހެދި "ޑީލްތަކާ" އެއްގޮތަށް މަޖިލީހުގައި ވޯޓު ދީފައި ވުމަކީ އޭގެ ހެއްކެކެވެ. މުޅި ޕާޓީ ވެސް އަމިއްލަ މަސްލަހަތު އިސްކޮށް އެ ޕާޓީގެ ބައެއް މެމްބަރުން ވެސް އަމިއްލަ މަސްލަހަތު އިސްކޮށްފައި ވެ އެވެ. އެކަމަކު މީގެ ޓެގް އެޅުވީ ވެސް ރައްޔިތުންނަށް ކޮށްދޭ ކަންތައްތަކުގެ ޓެގެވެ.

އެމްޑީޕީގެ މުޒާހަރާއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ އިސް ވެރިންތަކެއް ބައިވެރިވެވަޑައިގަންނަވަނީ: އަމިއްލަ މަސްލަހަތު ކުރިއަށް ނެރެ އެމްޑީޕީން ވެސް ބައެއް ކަންކަން ކޮށްފައިވޭ. -- ފޮޓޯ: އޭޕީ

މިނިވަންކަމާއި ހައްގުތައް އަޅުގަނޑުމެން ރާއްޖޭގައި މިއޮތީ ހަމަ ނަމެއްގަ. އޭގެ ހަގީގީ މިނިވަންކަމަށް ބަލާލާއިރު އަޅުގަނޑުމެންނަކަށް އެބައެއް ނެތް. ހައްގުތަކޭ މިނިވަންކަމޭ ކިޔާއިރު ބަލަމާ ހިނގާ، އޭގެ އިން ކިހާވަރެއްގެ މިނިވަންކަމެއްތޯ އަޅުގަނޑުމެންނަށް މިއޮތީ. --ޒާހިރު

ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ދަށް ކުރުމާއި ޑރ. މުހައްމަދު ޖަމީލް އަހްމަދު ނައިބު ރައީސް ކަމުގެ މަގާމުން ވަކިކޮށް، އެ މަގާމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އައްޔަން ކުރުމާއި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ބިން މިލްކުކުރެވޭ ގޮތަށް ހުށަހެޅި އިސްލާހު ފާސްކުރީ އެމްޑީޕީގެ ތާއީދާ އެކުގަ އެވެ. އޭގެ އިތުރުން އިދިކޮޅު ސިޔާސީ ހަރަކާތްތައް މަޑުޖައްސާލަން ވެސް އެ ޕާޓީން އެއްބަސްވި އެވެ. ބަދަލެއްގެ ގޮތުން ސަރުކާރަށް ޝަރުތުކުރީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކޮށްދިނުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު) ވިދާޅުވީ އެއްވެސް ކަމެއްގައި އެއްވެސް ބަޔަކު ގައުމު އިސްކުރާ ތަން ނުފެންނަ ކަމަށެވެ. އޮޅުވާލައިގެން މަޖިލީހުން ބައެއް ބިލްތައް ފާސްކުރާ ކަން ފާހަގަކުރައްވައި ވިދާޅުވީ ފަހަކަށް އައިސް ފާސްކުރި ގާނޫނުތައް އެއީ، ގައުމަށްޓަކައި ނުވަތަ ރައްޔިތުންނަށްޓަކައި ފާސްކޮށްފައިވާ ގާނޫނުތަކެއް ނޫން ކަމަށެވެ.

ގައުމުގެ މަސްލަހަތު އިސްނުކުރާ ކަމަށް ވިދާޅުވެ އޭނާ ނެންގެވި އެއް މިސާލަކީ ލާބައިދޫގައި އެއާޕޯޓް އަޅަން ސަރުކާރުން ދިރާސާކުރާ މައްސަލަ އެވެ.

ޕީޕީއެމް އޮފީސް ކުރިމަތީގައި ޒާހިރު (ވ) މަޑުކޮށްލައްވައިގެން: ގައުމުގެ އިސް މަގާމްތަކަށް އިންތިހާބުވުމާ އެކު ގައުމާއި ރައްޔިތުންގެ މަތިން ހަނދާން ނައްތާލާ ކަމަށް ވިދާޅުވި.

"އެއީ ތިމާވެށީގެ ގޮތުން ބަލާއިރު ރާއްޖޭގައި އޮތް އެންމެ ރީތި ރަށް. ފުރަތަމަ ކަމަކީ އާދަޔާހިލާފު ތިމާވެއްޓެއް އޮތް އެ ރަށުގައި އެއާޕޯޓެއް ހަދަންވީޔޯ. އެބަ އެނގޭ ހަނިކޮށް އޮތް އެ ރަށުގައި އެއާޕޯޓެއް ހެދޭނީ ރަށް ހިއްކައިގެން ކަން، ބޮޑު ހަރަދެއް ހިނގާނެ ކަން ވެސް،" ޒާހިރު ވިދާޅުވި އެވެ.

އެ ރަށުގައި އެއާޕޯޓް ހަދަން ނިންމިއިރު، މިހާރު ހަދާފައިވާ އެއާޕޯޓްތަކުން ވެސް ފައިދާ ނުވާކަން ސަރުކާރަށް އެނގޭ ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ. އެ ހާލަތުގައި، ނާޒުކު ރަށެއްގައި އެއާޕޯޓް އަޅަން ނިންމީ ރައްޔިތުންގެ ފައިދާއަށްތޯ ނުވަތަ އެ ރަށުން އެހެން ބަޔަކަށް ލިބެން އޮތް ފައިދާ އަށްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

މިވާ ގޮތަކީ މަގާމް ލިބުނީމަ ތިމާ ތިމާ އަށް އޮޅިފައި މި ތިބެނީ. މަގާމް ލިބުނީމަ މަގާމަށް އައި ސަބަބެއް ގެނައީ ކާކު ކަމެއް ކުރަންވީ ކޮން ކަމެއް ކަމެއް، އުޅެންވީ ކޮން ގޮތަކަށް ކަމެއް ނޭނގެ. ވާހަކައަކީ ބާރު ލިބުނީމަ އޭގެ ބޭނުން ނާޖާއިޒު ގޮތުގައި ބޭނުންކުރަނީ. --ޒާހިރު

އަމިއްލަ މަސްލަހަތު ކުރިއަށް ނެރުމުގައި ވަކި ޕާޓީއެއް ވެސް އިސްތިސްނާއެއް ނުވާ ކަން ޒާހިރު ވެސް ފާހަގަކުރެއްވި އެވެ.

ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހަށް އެމްޑީޕީން ވޯޓުދީފައިވާއިރު، އެއީ ކޮންމެ ސަބަބަކާ ހުރެ ނަމަ ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ދިފާއުކޮށް ދެއްކޭނެ ހުއްޖަތެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުން ކަންތައްތައް ކުރާ ގޮތަށް ފާޑުވިދާޅުވަމުން ޒާހިރު ވިދާޅުވީ އެއްވެސް ޝަރުތެއް ނުދައްކައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ވަޒީފާ އިން ވަކިކުރުމަކީ ވެސް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. އުއްތަމަ ފަނޑިޔާރު ވަކިކުރަން ޖެހޭ ފަދަ ސަބަބެއް އޮވެދާނެ ކަން ފާހަގަކުރައްވަމުން ވިދާޅުވީ ވަކިކުރަން ޖެހޭނީ އެކަން ރައްޔިތުންނަށް ތަފްސީލްކޮށްދެއްވުމަށް ފަހު ކަމަށެވެ.

"މިހާރު ވެސް އެކި ދާއިރާތަކުން ހިނގާ ކަންތައްތަކަށް ބަލާލާއިރު އެބަ އެނގޭ ރައްޔިތުންގެ ވާހަކަތައް ނުދައްކާ ކަން. އެއީ ރަށްރަށް ބިޑަށް ނުލައި ދޫކުރުން ކަމަށް ވިއަސް އަދި ބިޑަށް ނުލައި ގޯތި ދޫކުރުން ކަމަށް ވިއަސް، ހަމަ ގައިމު ވެސް ރައްޔިތުންނަކަށް އެކަމުގެ ފައިދާއެއް ނުވޭ،" ޒާހިރު ވިދާޅުވި އެވެ.

އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިން. ---ފޮޓޯ: އަހްމަދު އަންވަރު (ސިމް)

ގާނޫނު އަސާސީގައި ހައްގުތަކެއް ދީފައި ހުއްޓަސް އެ ހައްގުތައް ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭތޯ އޭނާ ސުވާލު އުފެއްދެވި އެވެ. ނޫސްވެރިންނަށް ބޭނުން ކޮންމެ އެއްޗެއް ލިއުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް ސަރުކާރުން ބުނާ ވާހަކަ އަށް ތާއީދުކުރައްވައި ޒާހިރު ވިދާޅުވީ "އޭގެ މާނައަކީ ނޫސްވެރިކަން މަރާލައި އިނދަޖައްސާލުން ނޫން" ކަމަށެވެ. ތަހުޒީބު ގައުމުތަކުގައި ވެސް އެކަން އޮންނަ މިންގަނޑުން އަމަލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މިކަހަލަ ބައިވަރު ކަންތައްތަކެއްވާއިރު މިނިވަންކަމާއި ހައްގުތައް އަޅުގަނޑުމެން ރާއްޖޭގައި މިއޮތީ ހަމަ ނަމެއްގަ. އޭގެ ހަގީގީ މިނިވަންކަމަށް ބަލާލާއިރު އަޅުގަނޑުމެންނަކަށް އެބައެއް ނެތް. ހައްގުތަކޭ މިނިވަންކަމޭ ކިޔާއިރު ބަލަމާ ހިނގާ، އޭގެ އިން ކިހާވަރެއްގެ މިނިވަންކަމެއްތޯ އަޅުގަނޑުމެންނަށް މިއޮތީ." އޭނާ ވިދާޅުވި އެވެ.

ގައުމުގެ އިސް މަގާމުތަކަށް އާދެވެނީ ގައުމު ދެކެ ލޯބިވާ ކަމާއި ގައުމަށް ވަފާތެރިވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނުމުންނެވެ. އެކަމަކު މަގާމު ލިބުމަށް ފަހު ދެން ކުރަނީ ވައުދާ މުޅިން ހިލާފު ކަންކަމެވެ. ގައުމާއި ރައްޔިތުންނަށް ވުރެން ބޮޑަށް އިސްކުރަނީ އަމިއްލަ ވަޒީފާގެ ކުރިއެރުމެވެ. ހިޔާރުކުރަނީ އެންމެ ގިނަ ފައިސާ ލިބެން އޮތް މަގެކެވެ.

މީޑިއާގެ މިނިވަންކަމަށް ގޮވާލައި ބޭއްވި އެއްވުމުގައި ނޫސްވެރިންތަކެއް: ހައްގުތައް ހިފަހައްޓާފައިވާއިރު ހަގީގީ މިނިވަންކަމެއް ވެސް ނެތް ކަމަށް ޒާހިރު ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ

"މިވާ ގޮތަކީ މަގާމް ލިބުނީމަ ތިމާ ތިމާ އަށް އޮޅިފައި މި ތިބެނީ. މަގާމް ލިބުނީމަ މަގާމަށް އައި ސަބަބެއް ގެނައީ ކާކު ކަމެއް ކުރަންވީ ކޮން ކަމެއް ކަމެއް، އުޅެންވީ ކޮން ގޮތަކަށް ކަމެއް ނޭނގެ. ވާހަކައަކީ ބާރު ލިބުނީމަ އޭގެ ބޭނުން ނާޖާއިޒު ގޮތުގައި ބޭނުންކުރަނީ،" ޒާހިރު ވިދާޅުވި އެވެ.

ގައުމުގެ މަސްލަހަތޭ ކިޔައި ކަންކަން ނިންމާ ނަމަ، ރައްޔިތުންނަށް ވަރަށް ސާފުކޮށް ގައުމުގެ މަސްލަހަތު ފެންނަން ޖެހޭނެ އެވެ. ކަމެއް ގޯސްކޮށްދާނަމަ އެކަމުގައި ހިތްހަމަނުޖެހުންފާޅުކުރާނެ ގޮތް ގާނޫނުގައި ދައްކާފައި އެބައޮތެވެ. އެގޮތަށް އެކަން ކުރަން ފުރުސަތު ވެސް ދޭން ޖެހެ އެވެ. ނުދޭނަމަ އެއީ މައްސަލައެކެވެ.

"ލަޓިބުރި އޮތް މީހާ" ބޭނުން ގޮތަކަށް ކަންކަން ކުރާ އުސޫލުން ބާރު އޮތް މީހުންނަށް ކަންކަން ކުރެވުނަސް ގައުމަށްޓަކައޭ ކިޔައި ހިތުހުރިހާ ކަމެއް ކޮށްގެން ނުވާނެ އެވެ. ގައުމަށްޓައި ގައުމު މިއަދު އޮތް ހާލަތު ބަދަލުކުރަން ޖެހެ އެވެ.

25 ކޮމެންޓް, 76 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 8%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޭޖީ

27 July 2016

މިގައުމު ހަލާކުވެ މިދަނީ 4، 5 ވިޔަފާރިވެރިންނާއި ހެދި މަޖިލީހުގަ އެމީހުންގެ ޚަރަދުގައި ކެމްޕޭންކޮށްގެން ހޮވާފައިތިބި އެމީހުންގެ ކެންޑިޑޭޓުން ތިބިހާހިނދަކު ގައުމު ވާނީ ހަނާ

The name is already taken The name is available. Register?

Fasy

26 July 2016

ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ދަށް ކުރުމާއި ޑރ. މުހައްމަދު ޖަމީލް އަހްމަދު ނައިބު ރައީސް ކަމުގެ މަގާމުން ވަކިކޮށް، އެ މަގާމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އައްޔަން ކުރުމާއި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ބިން މިލްކުކުރެވޭ ގޮތަށް ހުށަހެޅި އިސްލާހު ފާސްކުރީ އެމްޑީޕީގެ ތާއީދާ އެކުގަ އެވެ. އޭގެ އިތުރުން އިދިކޮޅު ސިޔާސީ ހަރަކާތްތައް މަޑުޖައްސާލަން ވެސް އެ ޕާޓީން އެއްބަސްވި އެވެ. ބަދަލެއްގެ ގޮތުން ސަރުކާރަށް ޝަރުތުކުރީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކޮށްދިނުމެވެ. މިއީ ޕާޓީ މިޒާމުގެ މައިގަނޑު އުޞޫލު ކަމަ ށް އަޅުގަނޑު ޤަބޫލު ކުރަނީ. މަށަށްވެސް ދީގެން ކަލޭމެންވެސް ލާންވާނީ. ޢެރުން މަށެއް އެވާހަކައެއް ނުދައްކާނަމޭ.

The name is already taken The name is available. Register?

ިއިބްރާހިމްބެ

26 July 2016

4 ވެރިން ފެނިއްޖެ އެކަކުވެސް ދިވެހި ރައްޔިތުންނަށް ކޮށްދިން ކަންތަކަށްވުރެ އަމިއްލަޔަށް ބަތްބޮނޑި މާބޮޑު

The name is already taken The name is available. Register?

ދޮންތަކުރު

26 July 2016

ރައްޔިތުން ހޭލުންތެރިއޭކިޔަސްް ހަގީގަތަކީ ރާއްޖޭގެ ރައްޔިތުންގެ އެވްރެޖު ހޭލުންތެރިއެއްނޫން، އެއިރެއްގައޮންނަ ސަރުކާރަކުން ކަމެއްކުރަންބޭނު ްވީމަ ރާއްޖޭގެ ރައްރިތުންނަކީ ހޭލުންތެރިބައެކޭޓީވީތަކަށްއަރާގޮވަނީ ރައްޔިތުން ހޭލުންތެރިނޫންކަން އެނގޭތީ، ވެރިން ގައުމޭ، ރައްޔިތުންނޭ އިސްލާމްދީނޭ ކިޔާލާފާ ދަށުން 500ރ ދިއްކޮށްލީމަ އެއަށްފުމޭ ދިވެހިން ހަމަގިނައީ....

The name is already taken The name is available. Register?

ތޮމް

26 July 2016

ދިވެހިގައުމު އަދި ދިވެހި ރައްޔިތުން އެންމެ ލޯބިވާ ރައީސަކީ ރައީސް ނަޝީދު. އެވަރެއްހަމަނެތް ތެދުވެރި އިޚުލާސްތެރި ވެރިއެއް ރައީސް ނަޝީދަކީ

The name is already taken The name is available. Register?

ހުސައިން ފަހުމީ

26 July 2016

މިފަދަ މައްސަލަފެންމަތިވުމުގެ އަސްލަކީ ފަރުދީ ޒިންމާ އަދާކުރުމުގައި ޤައުމުގެ ފަރުދުން އިހުމާލުވެފައިވާތީ ހިނގާ ކަންކަން ކަމުގައި ބެލެވެއެވެ. މިކަމުން ޚުދު ނޫސްވެރިންވެސް އިސްތިސްނާ ނުވާކަން ފާހަނގަ ކުރަންޖެހެއެވެ. އެހެނީ އެމީހުންވެސް ވަނީ އެމީހުންގެ އިންތަކާއި މިންތައް ފަހަނަޅާ ތޮށިން ބޭރުވެފައެވެ. މީގެ ނަތީޖާ މިއަދު ފެނިގެން މިދަނީ ނުހަނު ހިތާމަވެރި ގޮތަކަށެވެ. އައު ޤާނޫނު އަސާސީއާއެކު މިނިވަން ކަން ހަމައެއް ލަމައެއް ނެތި ބޭނުން ކުރަން ފެށުމުގެ ނަތީޖާއަކީ އިޖުތިމާޢީ ފޭރާން ވީދިގެން ދިއުމެވެ. ނޫސްވެރިޔާ ފާހަނގަ ކުރިހެންނެވެ. ނަމަވެސް ތިނޫސްވެރިޔާ ލިޔާލިޔުން ކިޔާމީހެއްގެ ހައިސިއްޔަތުން ބުނެލަންއޮތީ މިއަދާހަމައަށް ތިފަރާތަށް ވެސް މިހުރިހާކަމަކަށް އެޑްރެސްކޮށް ލިޔެވި ކިޔުންތެރިން މިނިވަންކަމަށް ހޭލުންތެރި ނުކުރެވުނު ކަމަށެވެ. އަދި ހަމަ ގެއްލިދާ ކޮންމެ އެއްޗެއް ގެއްލިދަނީ އިހުމާލުން ކަމުގައި ބުނެލަނީ ހަޤީޤަތް ހާމަކުރުމަށެވެ.

The name is already taken The name is available. Register?

ޖޖ

26 July 2016

ބައިތުލް މާލު ލޫޓުވާ ސިޔާސީ ޗޯރުން ހައްތާހާވެސް. ތިމާގެ އަންބޮޑި ބޮޑުކުރުން ނޫންކަމެއް މިބައިމީހުން ނޯވޭ!

The name is already taken The name is available. Register?

އައްސަދު

26 July 2016

ފުރަތަމަ ގާނުނުތަށް ހަދަން މިތިބެ މީހުން ހޮވާގޮތްވެސް ރަނަގަޅެއްނޫން. އެހޮޔޯ ކިތަންމެ ދަންފެންވަރެއްގެ ތައުލީމެއް ލިބިފައިހުއްޓަސް. އެންމެ ކުދަމިނުން ޑިގްރީއެއް އޮންނަންޖެހޭ މަޖުލިސް މެމްބަރެއް ވެއްޖާ އަޅުގަނދު ދެކޭގޮތް-ސުކުރިއްޔާ

The name is already taken The name is available. Register?

ކަލާ 123

26 July 2016

ވަރަށް ރަނގަޅު މަޒުމޫނެއް. ލިޔުންތެރިޔާ ފަޒީނާއަށް ފަށްފަށުން ޝުކުރިއްޔާ. ހަމަމިދަނޑިވަޅުގައި "މިހާރު" ނޫހުގެ ވަރީންނަށް ވެސް ޝުކުރުދަންނަވަން!

The name is already taken The name is available. Register?

އަލިކަތީބު

26 July 2016

ޤައުމައްޓަކާ، ދީނައްޓަކާ، ފުރަތަމަ ކުރީ ބަގާވާތް. އެ ބަގާވާތް ކުރި މީހުން ވެރިކަމަށް އައިސް މިހާރު މިކުރާކަމަކީ ރާއްޖޭގެ ރައްތަކާ ފަޅުތަކާ، ފަރުތައް ވިއްކާލަނީ. އެއީވެސް ދީނަށްޓަކާ، ޤައުމަށްޓަކާ. ރައްތައް ވިއްކާލާފަ ލިބިނު އެތައް މިލިޔަން ޑޮލަރުން އެއްމެ ލާރިއެއްވެސް ދައުލަތުގެ ބައިތުލްމާލަކަށް ނުވަދެ. ވަނީ ދައުލަތުގެ އިސްވެރިންގެ އެކައުންޓްތަކަށް. ނޫސްވެރިންނާ ރައްޔިތުން އެވާހަކަތައް ދައްކާތީ ދުވާލަކު ގޮތަކަށް ޤާނޫނުތައް ބަދަލްކޮއްގެން މިބަލަނީ ރައްޔިތުން އަނގައިގަ މަލަން އަޅާ، ގޭން ވެސް ނުނުކުމެވޭނެ ގޮތެއް ހެދޭތޯ. އެވެސް ހަމަ ޤައުމައްޓަކާ ދީނަށްޓަކާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454