ސިއްރުން ހެކިބަސް ނެގުން: ދެކޮޅަށް ވެސް ވިސްނަން ޖެހޭ މައްސަލައެއް

ޖިނާއީ މައްސަލަތަކުގައި ހެކިން ސިއްރު ކުރާތީ ވަރަށް ބޮޑު ފާޑުކިއުމެއް ޝަރުއީ ނިޒާމަށް މިހާރު ވަނީ އަމާޒުވެފަ އެވެ. ޚާއްސަކޮށް ގާނޫނީ ބޭފުޅުންގެ މެދުގައި މިއީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ހެކިން ސިއްރު ކުރުމާ ގުޅޭ ގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ސޯޝަލް މީޑިއާގައި ލިޔުއްވި ޕޯސްޓާ އެކު މަޝްހޫރު ގާނޫނީ ބޭފުޅުން ވެސް އެކަމުގައި އެ ބޭފުޅުންގެ ކަންބޮޑުވުންތައް ވަނީ ހާމަކުރައްވައިފަ އެވެ.


ޝަރީއަތުގެ މަޖިލީހަށް ހެކި ހުށަހެޅުމުގެ އާންމު އުސޫލަކީ އެއިން ކޮންމެ ހެއްކެއް ވެސް އެނގުމެވެ. އަދި ހެކިބަސް ދޭ މީހަކީ ވެސް ކާކުކަން ވެސް އެނގުމެވެ. އޭގެ ބޭނުމަކީ ހުށަހެޅޭ ހެކި ނުވަތަ ހެކިބަސް ދޭ މީހާގެ ހެކިބަސް ކަށަވަރު ކުރުމާއި ހެކިވެރިޔާއަކީ އެއްވެސް ނުފޫޒެއް ނެތި ހެކިބަސް ދޭ އަދި އަދުލުވެރި ހެއްކެއް ކަން ކަށަވަރު ކުރުމެވެ.

މިއީ އާންމު އުސޫލު ކަމަށް ވިޔަސް، ވަރަށް ޚާއްސަ ހާލަތްތަކުގައި ހެކިވެރިޔާއަކީ ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ނެގުން ހުއްދަ ކުރެވެ އެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އޮންނަ ގޮތެވެ. އެކަމަކު އެ ގައުމުތަކުގައި ސިއްރުން ހެކިބަސް ހުއްދަ ކުރެވެނީ ވަރަށް ޚާއްސަ ސަބަބުތަކަށްޓަކައި، ވަރަށް ވަރުގަދަ އުސޫލުތަކެއްގެ ތެރެއިންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އެއީ މައްސަލައެއްގެ ބާވަތުން އޮންނަ ޚާއްސަ އިސްތިސްނާއެކެވެ.

ރާއްޖޭގައި ޖިނާއީ މައްސަލަތަކުގައި ސިއްރުން ހެކިބަސް ނަގަން ފެށީ މީގެ ހަތް އަހަރެއްހާ ދުވަސް ކުރިން 2011 ވަނަ އަހަރު އެވެ. އޭރު އެކަން ކުރަން ޖެހުނު ސަބަބެއް ވެސް އޮތެވެ. އެއްވެސް ޖެހިލުމެއް ނެތި، ރޯމާ ދުވާލު މީހުންނަށް ހަމަލާ ދިނުމާއި މީހުން މެރުމުގެ މައްސަލަތައް އިތުރުވަމުން ދިޔަ ދިއުމެވެ. އެކަމަކު އެފަދަ ގިނަ މައްސަލަތަކުގައި ހިމެނޭ މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކިބަސް ނުލިބި، އެ މީހުން މުޖްތަމައަށް ދޫވަމުން ދިއުމަކީ ސިއްރުން ހެކިބަސް ނަގަން ފެށުނު ސަބަބެވެ.

އޭރު ގޭންގްތަކުން ހަތިޔާރާ އެކު ނިކުމެ، ކުށުގެ އަމަލު ހިންގަމުން ދިޔައީ އެންމެންނަށް ފެންނަ ގޮތަށެވެ. އެކަމަކު ކޯޓެއްގައި އެ މީހުންގެ މައްޗަށް ކުށް ސާބިތުކުރެވޭ މިންވަރުގެ ހެކިބަސް ނުލިބެނީ ކާކުކަން އެނގޭ ގޮތަށް ހެކިބަސް ދީފި ނަމަ އެ މީހަކަށް ކުރިމަތިވާ ނުރައްކާ ބޮޑުކަމުންނެވެ. އެހެންކަމުން ހެކިބަސް ދޭން ގިނަ ބަޔަކު ޖެހިލުންވި އެވެ. އެކަމަށް ހައްލެއް ގެންނަން، ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން ސިއްރުން ހެކިބަސް ނަގަން ފެށުމުން އޭރު ގިނަ ބަޔަކު ގަބޫލުކުރީ އެއީ ޖިނާއީ އަދުލުގެ ނިޒާމަށް އައި ކުރިއެރުމެއްގެ ގޮތުގަ އެވެ.

އެކަމަކު މިހާރު ސިޔާސީ އެކި ކަންކަމުގައި ހައްޔަރުކުރާ މީހުންނާ ދެކޮޅަށް ސިއްރުން ހެކިބަސް ނަގަމުން އަންނަ ގޮތުން ގާނޫނީ ބޭފުޅުންގެ ކަންބޮޑުވުން ބޮޑެވެ. ސަބަބަކީ ހެކި ސިއްރު ކުރުން އާންމު ކަމަކަށް ވުމެވެ. ހެކި ސިއްރު ކުރުމުން ހެކިވެރިޔާއަކީ ކާކުކަން ނޭނގުމަކީ، ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި، ދައުވާ ލިބޭ މީހާގެ ހައްގުތަކަށް ހުރަސް އެޅޭ ކަމެކެވެ.

ބައެއް ފަހަރު މުޅި މައްސަލަ އެމީހެއްގެ ބަހަށް ބިނާވާ ހެކިވެރިޔާ ވެސް ސިއްރުކުރެ އެވެ. އޭގެ ސަބަބުން ދައުވާ ލިބޭ މީހާގެ ދިފާއު ބިނާކުރަން ހުރަސް އެޅޭ ކަމަށް ވަކީލުން ދެކެވަޑައިގަންނަވަ އެވެ.

ގާނޫނީ ވަކީލް ޝަމީމް

ހެކި ސިއްރު ކުރުމުން ލިބޭ ފައިދާ އާއި ނިކުންނަ މައްސަލަތައް ވެސް އެބަ ހުއްޓެވެ. ސިއްރުން ހެކިބަސް ދިނުން މަނާކޮށް، ހުރިހާ މައްސަލަތަކެއްގައި ވެސް ފާޅުގައި ހެކިބަސް ދޭން ޖެހޭ ގޮތަށް ހަދައިފި ނަމަ، މާރާމާރީ އާއި މީހުން މެރުމާއި ގޭންގް ކުށްތައް ފަދަ ނުރައްކާތެރި ކުށްތަކުގައި ހިމެނޭ މީހުން މުޖްތަމައުގެ ތެރެއަށް ދޫވުމުގެ ފުރުސަތު އެބަ އޮތެވެ. އަނެއްކޮޅުން ހެކި ސިއްރުކުރުމުން ދައުވާ ލިބޭ މީހާގެ ހައްގުތަކަށް ކުރިމަތިވާ ހުރަސްތަކެއް ވެސް އެބަ ހުއްޓެވެ. އެއްކޮޅުގައި އޮތީ ދައުވާ ލިބޭ މީހާގެ ހައްގުތަކެވެ. އަނެއްކޮޅުގައި އޮތީ މުޖްތަމައުގެ ހައްގެވެ.

ވަކީލް މައުމޫން ހަމީދުގެ ޚިޔާލު ތަފާތެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު އަމަލު ކުރަމުން އަންނަ ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރުމެއް ނެތި ސިއްރުން ހެކިބަހެއް ނުނެގޭނެ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވަނީ ސިއްރުން ހެކިބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައިވާ އުސޫލުތަކުގެ މަތިން ކަމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާއިރު، ހެއްކާ ބެހޭ ގާނޫނުގައި އެފަދަ އެއްވެސް އުސޫލެއް ބަޔާން ކޮށްފައި ނެތުމެވެ.

"ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި އެކަން ހުއްދަ ކުރަނީ ހަމައެކަނި ހެއްކާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި އަދި އެ ގާނޫނުގައިވާ ގޮތުގެ މަތިން. ހެއްކާ ބެހޭ ގާނޫނުގައި އެފަދަ އެއްވެސް ހާލަތެއް ބަޔާން ކޮށްފައެއް ނެތް،" މީގެ 40 އަހަރު ކުރިން ފެށިގެން އަމަލު ކުރަމުން އަންނަ ހެއްކާ ބެހޭ ގާނޫނާ ގުޅޭ ގޮތުން މައުމޫން ވިދާޅުވެފައިވެ އެވެ.

ސިއްރުން ހެކިބަސް ނެގިޔަސް، ހެކިވެރިިޔާއަކީ ކާކުކަން ހާމަނުވާ ގޮތަށް، މައްސަލައާ ގުޅޭ ސުވާލުތައް ހެކިވެރިޔާއާ ކުރިމަތިކޮށް، ސާފުކުރަން ބޭނުންވާ މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތަށް ޝަރީއަތުގައި ލިބެ އެވެ. އެކަމަކު ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި ސުވާލު ކުރަން ފުރުސަތު ލިބުނަސް، ހެކިވެރިޔާއަކީ ކާކުކަން ނޭނގުމަކީ ދައުވާ ލިބޭ މީހާގެ ދިފާއު ބިނާކުރަން އޮތް ހުރަހެކެވެ.

"ހެކިވެރިޔާއަކީ ކާކުކަން އެނގުމުގެ އެންމެ ބޮޑު ބޭނުމަކީ އޭނާގެ ކެރެކްޓާ ދެނެގަތުން. މިސާލަކަށް ހެކިބަސް ދޭ މީހަކީ ދައުވާ ލިބޭ މީހާގެ އަދުއްވެއް ކަމަށް ވަންޏާ ނުވަތަ ޒާތީ މައްސަލައެއް އޮތް މީހެއް ކަމަށް ވަންޏާ އެ މީހާގެ ހެކިބަސް ގަބޫލެއް ނުކުރެވޭނެ ނުވަތަ އެ ހެކިބަހަކާ މެދު ސުވާލު އުފެއްދޭނެ. އެކަމަކު ހެކިބަސް ދޭ މީހާއަކީ ކާކުކަން ނޭނގޭ ނަމަ އެކަން ކުރެވޭނެ ގޮތެއް ނޯންނާނެ،" ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި އެވެ.

ސިއްރު ހެކިވެރިންނާ ސުވާލު ކުރަން ފުރުސަތު ލިބުނަސް، ވަކީލުން ފާހަގަކުރާ އެހެން ކަންބޮޑުވުމެއް ވެސް އޮވެ އެވެ. އެއީ ސިއްރު ހެކިވެރިން ތަހުގީގަށް ދީފައި ހުންނަ ބަޔާންތައް ވެސް ބައެއް ފަހަރު ސިއްރު ކޮށްފައި އޮތުމެވެ. އެހެންވުމުން ހެކިވެރިން ދޭ ހެކިބަހާ ގުޅޭ ގޮތުން ސުވާލުކުރަން ދުރާލާ ތައްޔާރު ނުވެވި، ދިފާއު ބިނާކުރަން ހުރަސް އެޅޭ ކަމަށް ވަކީލުން ވިދާޅުވެ އެވެ.

"ކުރިން ނަންތައް އުނިކޮށްފައި ބަޔާންތައް ދެމުން ދިޔަ. އެކަމަކު މިހާރު ބައެއް ފަހަރު ބަޔާންތައް ވެސް އޮންނަނީ ސިއްރުވެފައި. އެހެންވީމަ ދިފާއީ ވަކީލުންނަށް ޑިފެންސް ތައްޔާރުކުރަން އެބަ ހުރަސް އެޅޭ. އަދި އެ ހެކިބަސް ނަފީ ކުރުމަށްޓަކައި ހެކި ހުށަހަޅަން ވެސް އެބަ ހުރަސް އެޅޭ،" ޝަމީމް ވިދާޅުވި އެވެ.

ހެކި ސިއްރު ކުރުން އެއްކޮށް މަނާކުރަން ޖެހޭ ކަމަށް ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވިޔަސް، ޝަމީމް އެކަމަށް އެއްބަސްވެވަޑައެއް ނުގަންނަަވަ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ސިއްރުން ހެކިބަސް ނެގުން މުޅިން މަނާ ކުރުމަކީ އޮތް ހައްލެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވެސް ފާހަގަކުރައްވަނީ އެކަން މުޅިން މަނާކޮށްފި ނަމަ ނުރައްކާތެރި ބޮޑެތި ކުށްތަކުގައި ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ހުޅުވިގެންދާނެތީ އެވެ.

"އާދައިގެ މީހަކަށް ގޭންގަކުން ބިރު ދައްކައިގެން ވެސް ހެކިބަސް ބަދަލު ކުރުމުގެ ފުރުސަތު އޮންނާނެ. އެހެންވީމަ ސިއްރުން ހެކިބަސް ނެގުން އެއްކޮށް މަނާކުރުމަކީ ހައްލެއް ނޫން. މީގައި މުހިންމީ އެބިއުޒް ނުކުރެވޭނެ ގޮތަކަށް، މީގެ ނާޖާއިޒް ފައިދާ އެއްވެސް ބަޔަކަށް ނުނެގޭނެ ގޮތަކަށް މިކަން ކުރެވޭނެ ގޮތް ހެދުން،" ޝަމީމް ވިދާޅުވި އެވެ.

ރާއްޖެއަކީ ކުޑަ ގައުމަކަށް ވުމުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވެ އެވެ. އެހެންކަމުން ސިއްރު ހެކިބަސް ނެގޭނެ ހާލަތްތަކެއް ވެސް ހުންނަން ޖެހޭނެ އެވެ. ހަމައެހެން ހެކި ސިއްރު ކުރުން އާންމު ކަމަކަށް ވަނީ ނަމަ އެއީ ވެސް ހުޅުވާލެވޭ ނުބައި ދޮރެކެވެ.