އީދު ފެން ކުޅި: ތަޖުރިބާނުކޮށް ދޫކޮށްލާކަށް ނުވާނެ

ބަށި ކޯޓެއް ގޮތަށް ހަތަރެސް ކަނަށް އަޅާފައި އޮންނަ ކޯޓެކެވެ. ކޯޓުގެ މެދުގައި އެއް ޓީމުގެ ކުޅުންތެރިން ތިބޭއިރު، އިދިކޮޅު ޓީމުގެ ކުޅުންތެރިން ކޯޓު ބޭރުގައި، އެމީހުންނަށް ހާއްސަކުރެވިފައިވާ ރޮނގުގެ ކައިރީގައި ތިބެ އެވެ. އިދިކޮޅު ޓީމުގެ ބޭނުމަކީ، ފެން ކޮތަޅުން ޖަހައިގެން އެތެރޭގައި ތިބި މީހުން ބޭރު ކުރުމެވެ. ކޯޓުގެ ދެ ފަރާތުގައި އިދިކޮޅު ޓީމުގެ ކުޅުންތެރިން ތިބޭއިރު، އެމީހުންނަށް ބާލިދީއެއް ފުރައި ކުލަ އާއި ފެން އަޅާފައި ހުރި ޖޫސް ޕެޓީ ކޮތަޅު ލިބޭނެ އެވެ. ފަސް މިނިޓުވުމުގެ ކުރިން ޖެހޭނީ ކޮތަޅުން، އެމީހުންގެ ގައިގައި ޖަހައި ކޯޓުން ބޭރުކޮށްލާށެވެ. ވަގުތު ހަމަވާއިރު، އެންމެ ގިނަ މީހުން މެދުގައި ތިބޭ ޓީމެއް މޮޅުވާނެ އެވެ.


މިއީ ކެފޭ ލަޔާ އިން އީދު ފާހަގަ ކުރުމަށް ހުޅުމާލޭގައި އިއްޔެ ބޭއްވި ފެން ކުޅި މުބާރާތުގެ މެޗެއް ހިނގި ގޮތުގައި ކުޑަ މިސާލެކެވެ. ޒުވާނުންގެ މެދުގައި އެހާމެ، ޖޯޝާއި ފޯރީގައި ކުރިއަށް ދިޔަ މުބާރާތް އިރުއޮއްސެން އުޅެނިކޮށް ނިންމާލިއިރު، ގިނަ މީހުން ތިބީ ކުލައިން "ތަތްތެޅިފަ" އެވެ. ފައިގަ ތަޅާ އުސޫލުން ކުރިއަށް ދިޔަ މުބާރާތުގައި ޒުވާނުންގެ ލޭ "ކައްކުވާލި" ކުޅިވަރަކަށް މިކަންވެއްޖެ އެވެ.

ފެން ކުޅި މުބާރާތުގައި ޒުވާނުންތަކެއް ބައިވެރިވަނީ.

މިއީ ކެފޭ ލަޔާ އިން ފެން ކުޅި މުބާރާތް ބޭއްވި ތިން ވަނަ އަހަރެވެ. ހުޅުމާލޭގެ ރެޑްބުލް ޕާކް ސަރަހައްދުގައި ބޭއްވި މުބާރާތުގައި 14 ޓީމަކުން ބައިވެރިވި އެވެ. ޗެމްޕިއަން ޓީމަށް 12،000ރ. ފައިސާގެ އިނާމެއް ދިން އިރު، ރަނަރަޕް ޓީމަށް 6،000ރ. ފައިސާގެ އިނާމެއް ދިނެވެ.

ފެން ކުޅި ކުޅޭއިރު، އެންމެ ހުޝިޔާރުވެގެން ތިބެން ޖެހޭ އެއް ބަޔަކީ މެޗުތައް އިންސާފުކުރަން ތިބޭ ފަނޑިޔާރުންނެވެ. އެތެރޭގައި ތިބި ކުޅުންތެރިން ގައިގަ ކޮތަޅުން ޖަހާތޯ އެމީހުން ތިބެނީ ފާރައަށެވެ. އެތެރޭގައި ހުރި މީހެއްގެ ގައިގައި ކޮތަޅުން ޖެހިއްޖެނަމަ، އެމީހަކު ކޯޓުން ފައިބަން ޖެހޭނެ އެވެ. އެހާ ހިސާބުން، އެމީހަކަށް މި ގޭމް ނިމުނީ އެވެ.

ހަމައެގޮތަށް، ބޭރުގައި ތިބޭ ކުޅުންތެރިން އެއްލާއިރު، ރޮނގަށް އަރާތޯ ނުވަތަ ރޮނގު ހުރަސް ކުރޭތޯ ފަނޑިޔާރުން ބަލަ އެވެ. ރޮނގޮށް އެރުމަށް ފަހު ނުވަތަ ރޮނގުގެ ކުރީގައި ހުރެގެން ކޮތަޅު އެއްލުމަކީ ކުޅިވަރުގެ ގަވައިދާ ހިލާފު ކަމެކެވެ. ގަވައިދާ ހިލާފަށް އެއްލާ ކޮތަޅުތައް ބަލައެއް ނުގަނެ އެވެ. މެދުގައި ހުރި މީހެއްގެ ގައިގައި އެ ކޮތަޅުން ޖެހުނަސް، ގަވައިދާ ހިލާފުވާނަމަ، އަލުން ޖެހޭނީ ކޮތަޅު އެއްލާށެވެ.

ފެން ކުޅި މުބާރާތް ބެލުމަށް ގޮސް ތިބި ޒުވާނުންތަކެއް.

"މޮޅުވާނީ ފަސް މިނިޓު ތެރޭގައި އެންމެ ގިނަ މީހުން މެދުގައި ތިބޭ ޓީމެއް. ކޮންމެ ޓީމަކަށް ވެސް މެދަށް އެރުމުގެ ފުރުސަތު އޮންނާނެ. ފަސް މިނިޓު ތެރޭގައި ދެ ޓީމު ކުޅުންތެރިން މެދުން ހުސްކޮށްލެވިއްޖެނަމަ، ދެން ބަލާނީ ވަގުތަށް. އެންމެ ގިނަ މީހުން މެދުގައި ގިނަ ވަގުތު ތިބޭ ޓީމެއް މެޗުން މޮޅުވާނީ،" ލަޔާގެ އިވެންޓު ރޭވުމުގައި އިސްކޮށް އުޅުނު އޮފިޝަލަކު "މިހާރު" އަށް ކިޔައިދިނެވެ. ރެޑްބުލް ޕާކް ސަރަހައްދުން މި ކުޅިވަރަށް އޮތް ލޯތްބާއި ޝައުގުވެރިކަން ހާމަވި އެވެ. ޑީޖޭ އާއި އެހެން ބައެއް ހަރަކާތްތަކާއެކު ބޭއްވި ކުޅިވަރު އީދުގައި ބޮޑަށް ފޯރި ނެގީ ޒުވާނުންނެވެ. ކޮންމެ މީހަކު ވެސް ބޭނުންވީ މި މަޖަލުގެ ތެރޭގައި ބައިވެރިވެ، އެކުވެރިކަން އިތުރަށް ބަދަހި ކުރުމަށެވެ.

މި ހަރަކާތުގައި ބައިވެރިވި އައިމިނަތު ޔަޝްފާ 23، ބުނީ ކުޅިވަރުގެ ސަބަބުން އެކުވެރިންގެ މެދުގައި އެއްބައިވަންތަކުގެ ރޫހު އާލާވެފައިވާ ކަމަށެވެ. އަދި ރައްޓެހިން އެކުވެގެން މި ފޯރިގަދަ ކުޅިވަރު ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން ވަރަށް ހިތް ހިތްހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ބޭއްވި ފެން ކުޅި މުބާރާތުގެ ތެރެއިން.

"ރަށްރަށުގައި ފެން ކުޅި ޖެހުމުގެ ސަގާފަތް އޮންނާނީ. މާލެ ނޫނީ ހުޅުމާލޭގައި މިކަން އެހާ ފޯރީގައި ކުރިއަށް ނުދާނެ. ތެދަށް ބުނާނަމަ، މި ކުޅިވަރުގައި ބައިވެރިވުމުން، ރާއްޖޭގެ ރަށެއްގައި ހުރެވުނު ކަހަލަ. އެހާ ވެސް ފޯރި ގަދަ. ވަރަށް ހިތްހަމަޖެހިއްޖެ ކުޅިވަރުގައި ބައިވެރިވެވުމުން،" ޔަޝްފާ ބުންޏެވެ.

ބައެއް ޒުވާނުންގެ ނަޒަރުގައި ކެފޭ ލަޔާ އިން ކޮންމެ އަހަރަކު ކުރަނީ ވަރަށް ތަފާތު ކަމެކެވެ. ރަށް ރަށަށް އީދު ފާހަގަ ކުރަން ނުގޮސް، މާލޭގައި ތިބޭ ޒުވާނުން އީދުގެ މަޖަލުގައި ލަޔާ ބައިވެރިކޮށްދީފި ކަން އެމީހުން ފާހަގަ ކުރި އެވެ. އެމީހުންގެ ހުރިހާ ޝުކުރެއް އިވެންޓު އިންތިޒާމު ކުރި މީހުންނަށެވެ.

"ހަގީގަތުގައި ރަށްރަށުގައި މި ކުރިއަށްދާ ފެން ކުޅިއަށް ވުރެ، މި ކުޅިވަރު މާ ފޯރިގަދަވެފައި ޖޯޝް އެކުލެވޭ. އެއީ މުބާރާތެއްގެ ގޮތުގައި މިކަން ކުރިއަށް ދާތީ ހާއްސަކޮށް. ވަރަށް އުފާވޭ ޒުވާނުންނަށް މަޖާކޮށްލަން ފުރުސަތު ލިބުނީމަ. އުންމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި މިއަށްވުރެ މާ ފޯރިގަދަ ކަންކަން ބާއްވާނެ ކަމަށް،" އުމުރުން 20 އަހަރުގެ އަހުމަދު ސަނީހު ބުންޏެވެ.

އައިޝަތު ޝާޒިޔާ 22، ބުނި ގޮތުގައި މިފަހަރު އީދާ ދިމާކޮށް އުފަން ރަށަށް ނުދިޔައީ ވެސް ލަޔާ އިން ބޭއްވި މުބާރާތުގައި ބައިވެރިވާށެވެ. އެގޮތުން، ރައްޓެހި ކުދި ބަޔަކާއެކު ބައިވެރިވެ ރަނގަޅު ހިސާބަކަށް ދެވުނު ކަމަށް އޭނާ ބުންޏެވެ. މިފަދަ މުބާރާތްތައް ކުރިއަށް އޮތް ތަނުގައި ބާއްވާނެ ކަމަށް އެމީހުން އުންމީދު ކުރެ އެވެ. މުބާރާތްތައް ބާއްވައިފިނަމަ، ޝާޒިޔާ ހުރީ "އަތުކުރި އޮޅާލައިގެން" ބައިވެރިވާން ތައްޔާރަށެވެ.

ފެން ކުޅި މުބާރާތުގައި ޒުވާނުންތަކެއް ބައިވެރިވަނީ.

"ކުލަ އާއި ފެނުގެ ތެރޭގައި މުޅި ދުވަސް މިދިޔައީ. ހަށިގަނޑު އެއްކޮށް މިއޮތީ ފޯވެފައި. ވަރަށް ތަފާތު އިހުސާސެއް ކުރެވެނީ. މުބާރާތް ދިޔަ ގޮތާ މެދު ވަރަށް ހިތްހަމަޖެހޭ. ޒުވާނުން އެންމެ ގަޔާވާ ގޮތަށް މުބާރާތުގެ ހުރިހާ ކަމެއް ފެށިގެން ނިމިގެން ދިޔައީ،" މުހައްމަދު ހުނެއިން 29، ބުންޏެވެ.

ފެން ކުޅީގެ އިތުރުން ވާދެމުން ވެސް މިފަހަރު ބޭއްވިއިރު، ވާދެމުގެ މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 5،000ރ. ގެ ފައިސާގެ އިނާމެއް ދިނެވެ. އޭގެ އިތުރުން ސެލްފީ ޗެލެންޖެއް ވެސް ކުރިއަށް ދިޔަ އެވެ.

ލަޔާ އިން ބުނި ގޮތުގައި އީދު ފާހަގަ ކުރުމަށް އެ ތަނުން ހިންގި ހަރަކާތަށް ޒުވާނުންގެ ބޮޑު އެއްބާރުލުމަކާއި ތަރުހީބެއް ވަނީ ލިބިފަ އެވެ. ކުރިއަށް އޮތް އަހަރުތަކުގައި، މިއަށްވުރެ ފެންވަރު ރަނގަޅު އަގުހުރި އިނާމުތަކާއެކު އިތުރު މުބާރާތްތައް ބާއްވާނެ ކަމުގެ ޔަގީން ކަން ލަޔާ އިން ދިނެވެ.

އީދާ ދިމާކޮށް، ރަށްރަށަށް ނުގޮސް، މާލެ އާއި ހުޅުމާލެ ފަދަ ރަށްރަށުގައި ތިބޭ ޒުވާނުން މި ކުޅިވަރުގައި ބައިވެރިވެ، ތަޖުރިބާކޮށްލުން މުހިންމެވެ. މިއީ ތަޖުރިބާނުކޮށް ދޫކޮށްލަން ނުވާނެ ވަރުގެ ކުޅިވަރެކެވެ. އެހާވެސް ފޯރިގަދަ، ޖޯޝު ލިބޭނެ، މުނިފޫހިފިލުވާލަން ރަނގަޅު ކުޅިވަރެކެވެ.