އީދު ފާހަގަކުރަން މި ގޮތް ކަމުދޭތަ؟

ފެން ޖަހާ ތެންމާލަ އެވެ. ނުވަތަ ކުލަ ފެން އަޅާފައިވާ ކޮތަޅު މީހުންގެ ގަޔަށް ޖަހައި ފަޅާލަ އެވެ. މިއީ އީދު ފާހަގަކުރުމުގައި ކުރިންސުރެ ދިވެހިންގެ ސަގާފަތުން ފާހަގަކުރެވޭ "ފެންކުޅި" ކުޅުމުގެ އާދަކާދަ އެވެ. އެކަމަކު ފަހަކަށް އައިސް ރާއްޖޭގައި ވަނީ ފެނާ ނުލައި ހިކި ކުލަ ޖެހުން މަގުބޫލުވާން ފަށައިފަ އެވެ. ހާއްސަކޮށް، ހުދު ހެދުން ލައިގެން ގިނަ ބަޔަކު އެއްތަންވެ އެކި ކުލަކުލައިގެ ކުނޑި އެކަކު އަނެކެއްގެ ގަޔަށް ޖަހައި މަޖާކުރާ މަންޒަރު މި އަހަރުގެ ދެ އީދުގައި ވެސް ފެނުނެވެ. އެއް ބަޔަކު ދެކޭގޮތުގައި މިއީ އިންޑިއާގައި ނުވަތަ ހިންދޫން ފާހަގަކުރާ ކުލައިގެ ފެސްޓިވަލް "ހޯލީ" ނަކަލުކޮށްގެން ދިވެހި ސަގާފަތުގެ ތެރެއަށް ގެނައުމެވެ.


ނިމިގެން މިދިޔަ ބޮޑު އީދުގެ ތެރެއިން ވެސް އެންމެ އާއްމުކޮށް ފެނުނު އެއް މަންޒަރަކީ މި އެވެ. އެކަމަކު މި ކަމާ މެދު ދިވެހިންގެ މެދުގައި ޚިޔާލުތަފާތުވެފައިވާ ކަން ސޯޝަލް މީޑިއާ އިން ފެންނަ ޝުއޫރުތަކުން އެނގެ އެވެ. މިއީ ދީނީ ގޮތުން ބަލާ އިރު ކޮށްގެން ނުވާނެ ކަމެއް ކަމަށް ބައެއް މީހުން ދެކޭ އިރު އަނެއްބައި މީހުންގެ ކަންބޮޑުވުމަކީ ޒަމާނުއްސުރެ ދިވެހިން ގެންގުޅެމުން އައި އީދު ފާހަގަކުރުމުގެ ސަގާފަތުގެ ތެރެއަށް ބޭރު ބައެއްގެ ސަގާފަތެއް މަސްހުނިވުމެވެ.

"މިހާރު އީދޭ ކިޔާފައި ސަގާފީ ކުޅިވަރު ބަހައްޓާފައި މުޅިން ހޯލީ ޕްރޮމޯޓްކޮށް ޕްރެކްޓިސްކުރާ ތަން މި ފެންނަނީ! ޒަމާނުއްސުރެ ބައެއް ރަށްރަށުގައި އީދުގައި ފެން ޖަހާ. އަނެއް [ބައި] ރަށްރަށުގައި ކުލަ ފެން ޖަހާ. ނަމަވެސް ދިވެހިންނަކީ ޒަމާނުއްސުރެ ހޯލީ ސްޓައިލް އަށް ހުސް ހުދު ހެދުން ލައިގެން ނިކުމެ އެންމެން އެއްވެ އެކަކު އަނެކަކު ގަޔަށް ޕައުޑަ ކުލަ ޖެހި ބައެއް ނޫން،" ފޭސްބުކް ޕޯސްޓެއްގައި އިޒްމިއާ ޒާހިރު ލިޔުނެވެ.

"އެމްއޭސީއެލް އީދު އުފާ"ގެ ނަމުގައި ހުޅުމާލޭގައި ބޭއްވި އީދު ކުޅިވަރުތަކުގައި ބައިވެރިވި ބައެއް ޒުވާނުން މަގުމަތީގައި ފެންކުލަ ޖަހަނީ: ޒަމާނުއްސުރެ ކުލައިން އީދު ފާހަގަކުރަމުން އައީ މި ގޮތަށް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"[ހިކި] ކުލަ ޖެހުމަކީ އީދު ފާހަގަކުރުމަށް ދިވެހިން ކޮށް އުޅުނު ކަމެއް ނޫން. އީދާ ގުޅޭ ދިވެހި ރީތި ސަގާފަތްތައް އޭގެ ފުރިހަމަ ގޮތުގައި އަދި އެހެން ސަގާފަތްތަކާ މަސްހުނި ނުކޮށް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ،" ހޯލީއަކީ ހިންދޫންގެ މުނާސަބަތެއްކަން ފާހަގަކޮށް އާތިޔާ ނަސީރު ފޭސްބުކްގައި ޚިޔާލުފާޅުކުރި އެވެ.

ބޮޑު އީދު ފާހަގަކުރަން ކުލަ ޖެހުމުގެ ހަރަކާތެއްގައި ބަޔަކު ބައިވެރިވަނީ: ދިވެހިންގެ ތެރޭގައި އަލަށް މަގްބޫލުވަމުންދާ ޓްރެންޑެއް. ފޮޓޯ: ހަމްދާ ރަމީޒު/ ވިންކް އަ ޕިކް

ހިކި ކުލަ ޖެހުމުގެ ފޯރި ޓީވީ ޝޯތަކާ ހަމައަށް ވެސް ފޯރާފައިވާ އިރު އީދާ ދިމާކޮށް މިފަދަ ކުލަ ވިއްކާ އިޝްތިހާރުތައް ވެސް ފެނެ އެވެ. އެފަދަ ފޭސްބުކް ޕޭޖެއްގައި، އީދު ޕްރޮމޯޝަނެއްގެ ގޮތުގައި "އޮރިޖިނަލް ކެމިކަލް ފްރީ އީދު ކުލަ" ކިލޯއެއް ވިއްކަން ހުރީ 250 ރުފިޔާއަށެވެ. ދުއިސައްތަ ގްރާމް ގަންނަ ނަމަ އަގަކީ 50 ރުފިޔާ އެވެ.

ދިވެހިންގެ ތެރެއަށް މި އައި އާ ޓްރެންޑާ މެދު ބައެއް މީހުން ހިތްހަމަނުޖެހުނަސް އީދުގައި ހިކި ކުލަ ޖެހުމުގެ ފޯރި ނަގާ މީހުންނަށް މި ކަމުގައި ގޯހެއް ނެތެވެ. އެ މީހުން ބުނަނީ މިއީ ދީނީ ކަމެއް ނޫން ކަމަށާއި އެހެން ބައެއްގެ ސަގާފަތުގައި ހިމެނޭ ކަމެއް ވިޔަސް ރަނގަޅު ގޮތުގައި ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.

"މިދިޔަ އަހަރު އަހަރެން ނ. އަތޮޅުގައި އީދު ފާހަގަކުރި އިރު އިވެންޓެއް ގޮތަށް އެ ރަށުގައި ކުލަ ޖެހީ. ރަށު އެންމެން އެކަމުގައި ބައިވެރިވެ، ދެ ގަޑި އިރު އެކަމުގައި ހޭދަކުރި،" އައިޝަތު ޝިފްޒާ ބުންޏެވެ.

"ކުޑަކުދިންނާއި މުސްކުޅިންނާ އެންމެން އެއްތަންވެ މަޖާކުރި. އެހެން ދީނެއްގެ އަޅުކަމެއް މީގެ ތެރޭގައި ނުހިމަނަންޏާ ލިބޭނެ ގެއްލުމަކީ ކޮބާ؟ މިއީ މުޅި ރަށް އެކަތިގަނޑަކަށް ހަދައިދޭ ކަމެއް. އެހާ އުފާވެރި ކަމެއް. އަދި ފޮޓޯތައް އެހާ ސަޅި."

ހުދު ހެދުމުގައި ހިކި ކުލަ ޖެހުން މަގްބޫލުވުމުގެ ފަހަތުގައި އޮތް އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށް ވެސް ވެދާނެ އެވެ. ކުނޑިތައް ބުރައިގެންދާ ގޮތް ފޮޓޯ އަށް ރީތިވުމެވެ. ގައިމު ވެސް އެއް ފޮޓޯގްރާފަރަކު ބުނަނީ ކުލަ ފެން ޖެހުމަށް ވުރެ ހިކި ކުލަ ޖެހުން މާ ރަނގަޅު ކަމަށެވެ.

"އަހަރެން ކޮންމެ އީދެއްގައި ވެސް ރައްޓެހިންނާއި އާއިލާގެ މީހުންނާ އެއްކޮށް މިކަން ކުރަން. ހަމައެކަނި ހުދު ހެދުމުގައެއް ނޫން. ކަޅު ހެދުމުގައި ވެސް. އެއީ ފޮޓޯ އަށް ރީތިވާތީ،" ފޭސްބުކްގައި "ވިންކް އަ ޕިކް"ގެ ނަމުގައި ޕޭޖެއް ހިންގާ ފޮޓޯގްރާފަރު ހަމްދާ ރަމީޒު ބުންޏެވެ.

އޭނާ ބުނަނީ ފެނާ ނުލައި ހަމައެކަނި ކުލަ ޖެހުމަކީ ކެމެރާ އަށާއި ޖީބުގައި އޮންނަ ފޯނަށް ވެސް އެންމެ ރައްކާތެރި ގޮތް ކަމަށެވެ.

"ފެނާއި ކުލަ އެއްކޮށް ޖޫސްޕެޓީ ކޮތަޅު އައިސް އެ ޖަހަނީ ނިކަމެތި އަޅުގަނޑުގެ ކެމެރާ ލެންސްގައޭ. ފެން ބާލިދީ އޮއްސާލީމަ އެ ހަލާކުވީ ފޯނާއި ގަޑިއާއޭ!" ސަމާސާ ރާގެއްގައި ހަމްދާ ބުނެލި އެވެ.

"އެހެންވެ، އަހަރެމެން ހިކި ކުލަ ޗޫޒްކުރަނީ."

ސަގާފަތްތަކަށް ބަދަލު އާދެ އެވެ. ޒަމާނާއި ހާލަތާ އެކު އާ ކަންކަން ތައާރަފްވެ މީހުންގެ މެދުގައި މަގުބޫލުވެ ވައިގައިހިފަ އެވެ. އެހެންވެ، ބައެއް މީހުންގެ ނަޒަރުގައި ހިކި ކުލައިން އީދު ފާހަގަކުރުމަކީ ކަންބޮޑުވެގެން އުޅެން ޖެހޭ ވަރު ކަމެއް ނޫނެވެ. އެކަމަކު އަނެއް ބަޔަކަށް، އީދު ފެންކުޅީގެ ސަގާފަތް ބަދަލުވުމަކީ ބަލައިގަންނަން އުނދަގޫ ކަމެކެވެ.

އާތިޔާގެ ފޭސްބުކް ޕޯސްޓާ ގުޅިގެން އެކަކުގެ ސުވާލަކަށް ވީ "ދިވެހިން ކުރިން ނުކުރާ ކަމެއް ކުރުމަކީ މައްސަލައެއްތޯ" އެވެ. އޭގެ ޖަވާބުގައި އޭނާ ބުނީ "އެއްގޮތަކަށް ވެސް މައްސަލައެއް ނޫން" ކަމަށާއި "ނަމަވެސް ސަގާފަތަކީ އެ ބައެއްގެ އަމިއްލަވަންތަކަމާއި ގުޅިފައިވާ އަދި އާލާކޮށް ދިރުވަންވާ ކަންތައް" ކަމަށެވެ.