ގޮއިދޫ ކުދިންގެ ތަފާތު ހުނަރު: ސްކޭޓްކުރުން

ހަވީރުވުން އޮންނާނީ ލަސްވެފަ އެވެ. "ހޮރަކުން ހިނި ނުކުންނަހެން" ކުދިން އައިސް ރަށުގެ މަސްކަނޑާ ތަނަށް އެއްވެ އެވެ. އެ ކުދިން ގޮވައިގެން އެކި ދިމަދިމާލުން ބަނދަރުމައްޗަށް ނުކުންނަ ބެލެނިވެރިން އެ ތަން ބަލަން ތިބޭނެ އެވެ. ސްކޭޓް ބޯޑުތަކުގައި އެއްކޮޅުން އަނެއްކޮޅަށް ދުއްވަމުން ގެންދާ ދަރިންގެ ހުނަރުތަކާ މެދު ފަޚުރުވެރިވެފަ އެވެ. އުމުރުން އެންމެ ހަތަރު އަހަރުހާ ހަގު ކުދިން ވެސް މެ އެވެ. ފިރިހެންކުދިންނާއި އަންހެންކުދިންނެވެ. އެއިން ކުއްޖަކު ވެއްޓިދާނެތީ ބޮޑެތި މީހުން ހާސްވެގެނެއް ނޫޅެ އެވެ. ރޫހަކީ ސްކޭޓްކުރަން މަރުދޭ ދަރިންނަށް އެ އުފާ ހޯދައިދިނުމެވެ.


ބ. ގޮއިދު އަށް އަރައިފިއްޔާ މި މަންޒަރުން އުފާވެރިކަން ނުލިބޭނެ މީހަކު މަދުވާނެ އެވެ. އެ ރަށަށް ޒިޔާރަތްކުރި އެއް ދަތުރުވެރިއެއްގެ ބަހުން ނަމަ، ގޮއިދޫ ކުޑަކުދިން ސްކޭޓްކުރާ މަންޒަރުން ސިފަވަނީ، ރާއްޖޭގެ އާއްމު ދިރިއުޅުމަށް ބަލާ އިރު މުޅިން ތަފާތު ކަމެކެވެ.

"އަހަރެމެން ވެއްޖެއްޔާ އުޅޭނީ ކުދިން އެކަހަލަ ކަމެއް ކުރަން އުޅެންޏާ ހުއްޓުވަން. އެކަމަކު ގޮއިދޫ ބެލެނިވެރިން އެ މީހުންގެ ދަރިންނަށް ސްކޭޓްކުރަން ހިތްވަރު ދެނީ. ކުދިންނަށް ވަރަށް ބޮޑަށް އިތުބާރު ކުރޭ. ފެން ފުޅި ހިފަހައްޓާލައިގެން ކުޅިބަލަން މަޑުކޮށްލައިގެން ތިބޭނީ. ވެއްޓި ތަދު ވިޔަސް، ހުއްޓުވާކަށް ނޫޅޭނެ. އެހެންވެ އެ ކުދިން ހަދާ ގޮތަކީ ވެއްޓުނީމާ ތެދުވެ އަނެއްކާވެސް ބޯޑު މައްޗަށް އަރައި ދުއްވާލަނީ،" އޭނާ ކިޔައިދިނެވެ.

ގޮއިދޫ ކުޑަކުދިންގެ ސްކޭޓްކުރުމުގެ ޝައުގުވެރިކަން ފާޅުވާން ފެށީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިންނެވެ. ކުދިންތަކެއް ހަވީރު ވަގުތު ބޯޑުތަކެއް ހިފައިގެން ނުކުމެ ސްކޭޓްކުރެވޭތޯ އުޅޭ ތަން ފެނުމުން ރަށު މީހުންނާއި ސްކޫލުން އެކަން ނެގީ ރަނުގެ ފުރުސަތެއްގެ ގޮތުގަ އެވެ. ސްކޭޓް ކުރާ ހިތްވާ ހުރިހާ ކުދިންނަށް އެ މަގު ފަހިކޮށްދިނެވެ. ތަމްރީން ދިނެވެ. ސްކޭޓްކުރުމަކީ ކިޔަވައިދިނުމުގެ ބައެއްގެ ގޮތުގައި ހަމަޖެއްސި އެވެ.

ޕްރިންސިޕަލް މުހައްމަދު ނިޒާމް ވިދާޅުވިގޮތުގައި 150 ދަރިވަރުން ތިބި ސްކޫލުގެ ދެބައިކުޅަ އެއްބައި ކުދިން މިހާރު ސްކޭޓްކުރެ އެވެ. އަދި އޭގެ ތެރެއިން ފަންސާހަކަށް ކުދިންނަކީ މޮޅަށް އެކަން ކުރަން ދަންނަ ދަރިވަރުންނެވެ. އެ ކުދިން ވަނީ މާލެ އައިސް، ހުޅުމާލޭ ރެޑްބުލް ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ތަނުގައި ވެސް ސްކޭޓްކޮށްފަ އެވެ.

ގޮއިދޫ ކުދިންނަށް ސްކޭޓްކުރަން ދަސްކޮށްދޭން ފެށީ ރަށުގައި ވޯޓަ ސްޕޯޓްސް ހަރަކާތްތައް ހިންގާ ޒުވާނުންނާއި ސްކޫލު ގުޅިގެންނެވެ. ތަމްރީންތައް ދިނުމުގައި އެހީތެރިވެދެނީ މާލޭގެ ސްކޭޓް ޕާކުގައި ހަރަކާތްތެރިވާ ޒުވާނުންނެވެ. އެ މީހުން ވަނީ އެމެރިކާ އެމްބަސީ މެދުވެރިކޮށް އެ ގައުމުގެ ތަޖުރިބާކާރަކު ގެނެސްގެން ވެސް ކުދިންނަށް ތަމްރީން ދީފަ އެވެ. ވަކި އުމުރެއް، ޖިންސެއް ނެތެވެ. ޕްރީ ސްކޫލުން ފެށިގެން ގޮސް ގްރޭޑް 10އާ ދެމެދުގެ ފިރިހެން އަދި އަންހެން ދަރިވަރުން އޭގެ ތެރޭގައި ހިމެނެ އެވެ.

"ބައެއް މީހުންގެ ވިސްނުމަކީ އަންހެންކުއްޖަކަށް ވީތީ ސްކޭޓް ބޯޑަކަށް ނޭރޭނޭ، ނުވަތަ ސްކޭޓްކުރަނީ ޖަންކީސްއޭ، ނުވަތަ ރާޅާއަޅާ ކުދިންނަކީ މުޅިން އެހެން ކަހަލަ ބައެކޭ. އެކަމަކު އެހެން ވާކަށް ނުޖެހޭ. ސްކޭޓްކުރުމަކީ ކިޔަވައިގެން ތިބޭ ކުދިންނަށް ވެސް ކުރެވޭނެ ކަމެއް. އަދި ފިރިހެންކުދިންނާ އެއްވަރަށް ޗެލެންޖުކުރާ އަންހެންކުދިން ވެސް އުޅޭނެ،" ނިޒާމް ފާހަގަކުރެއްވި އެވެ.

ކިޔަވައިދިނުމުގެ ބައެއް

ގޮއިދޫ ކުދިންގެ ސްކޭޓްކުރުމުގެ ފޯރި އެހެން ހަރުފަތަކަށް ގެންގޮސް، ސްކޫލުގެ ހަރަކާތެއްގެ ގޮތުގައި، ކިޔަވައިދިނުމުގެ ތެރެއަށް ވެސް ވަނީ ފައްތައިފަ އެވެ. ނިޒާމް އަށް އެކަން ފެނިވަޑައިގަތީ އާ މަންހަޖުގެ ލަނޑުދަނޑިތައް ހާސިލްކޮށްދޭނެ ކުޅިވަރެއްގެ ގޮތުގަ އެވެ.

"އަޅުގަނޑުމެން ހެލްތު އެންޑް ޕީއީ ގަޑިތަކުގައި ވެސް ސްކޭޓްކުރުން ކުރިއަށް ގެންދަން. ކަރިކިއުލަމްގައި އެބަ އޮވޭ، ކުދިންގެ ފްލެކްސިބިލިޓީ، އެޖިލިޓީ އަދި ބެލެންސް ރަނގަޅުކުރުން. އެހެންވީމާ ބޮލަށް އެއްޗެއް ލައިގެން ރޮނގެއްގެ މަތީގައި ނުހިނގިޔަސް، ސްކޭޓް ބޯޑު މަތީގައި ވެސް ބެލެންސްކުރެވޭ ކަމަށް ވަންޏާ އެކަން ހާސިލްވަނީ،" އޭނާ ވިދާޅުވި އެވެ.

ޖިސްމާނީ ގޮތުން ލިބޭ ފައިދާތަކުގެ އިތުރުން ސްކޭޓްކުރުމަކީ ދިރިއުޅުމަށް ކުދިން ތައްޔާރުކޮށްދޭ މުހިއްމު ފިލާވަޅުތައް ވެސް ލިބިދޭ ކަމެއް ކަމަށް ނިޒާމް ދެކެވަޑައިގަންނަވަ އެވެ.

"ސްކޭޓަކީ ވަރަށް ބޮޑަށް ވެއްޓުމުގެ ބައި ވެސް އޮންނަ ކުޅިވަރެއް. އޭގެ ސަބަބުން ކުދިންނަށް ލައިފް ލެސަންތައް ވެސް ވިސްނޭނެ. އެއީ ވެއްޓުނީމަ ވެސް އަރަންވީކަން، ގިވްއަޕްކުރުމެއް ނެތްކަން. ދިރިއުޅުމުގައި ވެސް އަންނާނެކަން ވެއްޓުންތަކާއި އަޑިގުޑަންތައް. އެކަމަކު ވެއްޓުނީމާ އަނެއްކާވެސް ތެދުވެގެން ހަމަ ކުރިއަށް ދާންވީކަން ކުދިންނަށް ދަސްވާނެ،" އޭނާ ފާހަގަކުރެއްވި އެވެ.

ކުދިންގެ އަމިއްލަ ސްކޭޓް ބޯޑުތަކާއި ހެޔޮ އެދޭ މީހުން ހަދިޔާކޮށްފައިވާ ބޯޑުތައް ވެސް ގޮއިދޫގައި ގެންގުޅެ އެވެ. ދަރިވަރުން ބޭނުންކޮށްފައި އަނބުރާ ގެންދަން ޖެހޭ ގޮތަށް ސްކޫލުގައި 13 ބޯޑު ބާއްވާފައި އޮވެ އެވެ. އެއީ ބޯޑެއް ނެތް ނުވަތަ ބޯޑެއް ލިބޭ ވަރަށް ވުރެ ތަނަވަސްކަން ކުޑަ ކުދިންނަށް ވެސް ފުރުސަތު ދިނުމަށެވެ.

"ހޯދަން ނޫޅޭ ބަޔަކަށް ކަންތައްތަކެއް ނާންނާނެ"

ނިޒާމް ވިދާޅުވީ "ގޮއިދޫގައި އޮންނަ ވިސްނުމަކީ ކުދިންގެ ކޮންމެ ކަހަލަ ހުނަރެއް ހުއްޓަސް ތަރައްގީކުރުން" ކަމަށެވެ. އަދި އެކަމުގައި އެ ރަށު މީހުން ގެންގުޅެނީ "ހުރި ވަސީލަތެއް ބޭނުންކުރު"މުގެ އުސޫލެކެވެ. ސްކޫލް ކުދިންގެ އެތުލެޓިކްސް އާއި ވޮލީބޯޅައިގެ މުބާރާތްތަކުން ގޮއިދޫ ސްކޫލް ހޯދާ ކާމިޔާބީތަކުގެ އަސްލަކީ ވެސް އެ ވިސްނުމުން ކަންކަން ކުރުންކަން އޭނާ ފާހަގަކުރެއްވި އެވެ. ސްކޭޓިން އިން ވެސް ނިޒާމް ދައްކަވަނީ އެ ނަމޫނާ އެވެ.

"ހުރިހާ ރަށެއްގައި ވެސް އޮންނާނެ މަސް ކަނޑާ ތަނެއް. މި ރަށުގެ ތަފާތަކީ، ޕާކެއް ނެތޭ، ވަސީލަތެއް ނުތޭ ނުކިޔާ، މި ބުނަނީ މި އޮތީއެއް ނޫންހޭ ތަނެއް، މި ތަން ބޭނުންކުރަން ހިނގާށޭ. މަސް ކަނޑާ ތަނުގައި ބާސްކެޓް ރިންގެއް ވެސް ޖަހާފައި ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

"މަސް ކަނޑާ މީހުން މަސް ބާނައިގެން އައިމަ ކުޅިވަރު ހުއްޓާލާނެ. މަސް ކަނޑާ މީހުން ނިންމާލާފައި ދާނީ މުޅި ތަން ރީއްޗަށް ދޮވެލާފައި. ދެން އަނެއްކާވެސް ސްކޭޓާއި ބާސްކެޓް ފެށޭނެ."

މަސް ކަނޑާ ތަނުގައި ސްކޭޓްކުރާ ކުދިންނަށް ސަމާލުކަން ލިބި، އޮލިމްޕިކް ކޮމިޓީން މިހާރު ވަނީ ގޮއިދޫގައި ސްކޭޓް ޕާކެއްގެ ބިންގާ އަޅައިދީފަ އެވެ. ނިޒާމް ވިދާޅުވިގޮތުގައި އެ ޕާކު ހަދަން ކައުންސިލުން ހުޅުވާލާ އިރަށް ރައްޔިތުން ނުކުމެ ހުރިހާ މަސައްކަތެއް ހިލޭ ކޮށްދޭނެ އެވެ. އަދި އެފަދަ ތަނެއް އޮތުމަކީ ރަށުގައި ލޯކަލް ޓޫރިޒަމް ކުރިއަރައިގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ބޭރު ތަންތަނުގައި ވެސް ސްކޭޓްކުރާ މީހުން އެބަ އުޅޭ. އެހެންވީމާ ރާއްޖެ އަންނަ މީހުންގެ ތެރޭގައި ތިބެދާނެ ސްކޭޓްކުރާ ޕާކެއް އޮތް ތަނަކަށް އަންނަން ބޭނުންވާ ބަޔަކު ވެސް،" ނިޒާމް ފާހަގަކުރެއްވި އެވެ.

ޕްރިންސިޕަލް ގަބޫލުކުރައްވާ ގޮތުގައި ގޮއިދޫ ކުދިން ސްކޭޓްކުރުމުގެ ފަހަތުގައި އޮތީ އެ ރަށު މީހުން ގެންގުޅޭ ހެޔޮ ވިސްނުމާއި "ލިބިގަންނަން" މަސައްކަތްކުރުމުގެ ރޫހެވެ. ވަސީލަތްތަކެއް ނެތަސް އަމިއްލަ އަށް ގޮތްތައް ހޯދައިގެން ކަންކަން ކުރެވޭތޯ ބަލާކަމީ ގޮއިދޫ އެހެން ރަށްރަށާ ތަފާތުކަމުގެ ހެއްކެއް ކަމަށް ނިޒާމް ދެކެވަޑައިގަންނަވަ އެވެ.

"ކާމިޔާބީއަކީ މަސައްކަތްތެރިންގެ ހައްގެއް. ޝަކުވާކުރާ މީހުން ހަމަ ޝަކުވާކޮށްލަކޮށްލާ ތިބޭނީ. ކަންތައްތައް ހޯދަން ނޫޅޭ ބަޔަކަށް ކަންތައްތަކެއް ނާންނާނެ،" އޭނާ ފާހަގަކުރެއްވި އެވެ.