ރިޕޯޓް / ސުނާމީ

ދުވާފަރުގައި 10 އަހަރު، އެކަމަކު އަދިވެސް ކަނދޮޅުދޫގެ ރަށްވެހިން!

ސުނާމީގައި ހަލާކުވި ކަނދޮޅުދޫ: އެ ރަށު މީހުން ދުވާފަރަށް ބަދަލުވި ނަމަވެސް ރަށްވެހިކަން އަދިވެސް އޮތީ ކަނދޮޅުދޫގައި

އިންޑޮނޭޝިއާގެ ސުމަޓްރާގެ ކައިރިއަށް އައި ބާރުގަދަ ބިންހެލުމަކާ އެކު އުފެދުނު ސުނާމީގައި ރ. ކަނދޮޅުދޫ މުޅިން ވީރާނާ ވިތާ މިއަދަށް މިވީ 14 އަހަރެވެ. ޑިސެމްބަރު 26، 2004 ގައި ހިނގި އެ ހާދިސާއަށް ފަހު ރ. އަތޮޅުގެ އެކި ރަށްތަކުގައިވާ ވަގުތީ ހިޔާތަކުގައި ކަނދޮޅުދޫ މީހުން ހަތަރު އަހަރު ހޭދަކުރި އެވެ.

އެމީހުން އަލުން އާބާދުކުރަން ރ. ދުވާފަރު ތަރައްގީ ކުރަމުން އައި އިރު އެންމެން ވެސް ބެލީ ރެފިއުޖީ ދިރިއުޅުން ދެން މި ނިމެނީ ކަމަށެވެ. އެ އުއްމީދުގައި ތިއްބައި 2009 ގައި ދުވާފަރަށް ދިރިއުޅުން ބަދަލުކުރި އެވެ. އެކަމަކު އޭގެ ފަހުން 10 އަހަރު ވީ އިރު ވެސް އެރަށުގެ ރަށްވެހިކަން އެމީހުންނަށް ލިބޭ ގޮތެއް އަދިވެސް ނުވެ އެވެ.

"އަދިވެސް އަޅުގަނޑުމެންގެ ރަޖިސްޓްރީ މި އޮންނަނީ ކަނދޮޅުދޫގައި. އައިޑީ ކާޑުގައި އޮންނަނީ ކަނދޮޅުދޫ. އަލަށް އުފަންވާ ކުދިން ވެސް ރަޖިސްޓްރީ ކުރަނީ ކަނދޮޅޫދޫގައި،" ރ. އަތޮޅު ކައުންސިލްގައި ދުވާފަރު ދާއިރާ ތަމްސީލުކުރައްވާ މެމްބަރު އަހުމަދު މުހައްމަދު ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުވާފަރުގައި އަދިވެސް ރަށްވެހި ނުވެވި ތިބުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ކަންބޮޑުން އެކި ފަހަރު މަތިން އެކި ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރަށްވެހި ނުވެވި ގޭގެ ވެސް ރަޖިސްޓްރީ ނުވެ ހުރުމުން ލޯނު ނެގުމާއި އެނޫން ވެސް އެފަަދަ އެތައް ކަމަކަށް އިދާރީ ގޮތުން ހުރަސް އެޅޭ ކަމަށެވެ.

ސުނާމީގެ ސަބަބުން ރަށުން މީހުން ފޭބުމާ އެކު ކަނދޮޅުދޫ ފަޅުވެފައި

"އެހުރިހާ ކަމެއްގެ އިތުރުން އަޅުގަނޑުމެންނަށް މިރަށުގައި ހަމަޖެހިއްޖެ ކަމުގެ އިހުސާސް ވެސް ރަނގަޅަކަށް ނުކުރެވޭ އެކަން ބަދަލު ނުވާތީ. އަދިވެސް މި ކުރަން ޖެހެނީ ފަޅުރަށެއްގައި ތިބި ރެފިއުޖީންގެ ގޮތުގައި ތިބި އެހެން ރަށެއްގެ ބައެއްގެ އިހުސާސް،" އޭނާ ވިދާޅުވި އެވެ.

އަބުދުﷲ އަލީ ،34، ގެ ވެސް ހުރީ ރަށުގެ އެހެން މީހުންގެ ވެސް ޝަކުވާތަކެވެ. އޭގެ އިތުރުން އޭނާ ފާހަގަކުރާ އެހެން ކަމެއް ވެސް އެބަ އޮތެވެ. އޭނާ ބުނީ ރައްޔިތުންގެ މަޖިލީހުގައި ވަކިން ދުވާފަރު ދާއިރާއެއް އޮތަސް އެ ދާއިރާއަށް މެމްބަރުން އިންތިހާބުކުރަނީ ކަނދޮޅުދޫ ރައްޔިތުން ވޯޓުލައިގެން ކަމަށެވެ. އެހެންކަމުން އޭނާގެ ނަޒަރުގައި އެއީ "ވަރަށް ހެއްވާ ކަމެކެ"ވެ.

"ކަނދޮޅުދޫ އެއީ ފަޅުރަށެއް. އެކަމަކު ކަނދޮޅުދޫ މީހުންގެ ނަމުގައި އަދިވެސް އަޅުގަނޑުމެން ވޯޓު ވެސް މިލަނީ،" އަބްދުﷲ ބުންޏެވެ.

ދުވާފަރުގައި ގާތްގަނޑަކަށް 5،000 މީހުންގެ އާބާދީއެއް އޮވެ އެވެ. ކުރިން ވެސް ތިމާވެށީގެ އެތައް މައްސަލައެއް ކުރިމަތިވި ކުޑަކުޑަ ކަނދޮޅުދޫގައި ދިރިއުޅުނު އިރު ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑުވި އެވެ. ރަށް އޮތީ ފުރިފަ އެވެ. ހިއްކޭނެ ފަޅެއް ނޯވެ އެވެ. ހަމަ އެގޮތަށް ދުވާފަރުގައި ވެސް، އަބްދުﷲ ދެކޭ ގޮތުގައި، ބޯހިޔާވަހިކަމުގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ.

އަހުމަދު ވިދާޅުވީ ދެ އާއިލާ ނުވަތަ ތިން އާއިލާ އެކުގައި ދިރިއުޅެން ޖެހުމުން ދަތިވެގެން ބައެއް މީހުން އެހެން ތަންތަނުގައި އުޅެނީ ކުއްޔަށެވެ.

"މިއީ މި ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަން އޮތް މިންވަރު ރަނގަޅަށް ހާމަވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އަބުދުﷲ ބުނީ މިވަރުގެ އާބާދީއެއް ދިރިއުޅޭ ރަށަކަށް މި މުއްދަތުގައި އަންނަން ޖެހޭ ވަރުގެ ތަރައްގީއެއް އައި ކަމަށް ވެސް ގަބޫލުނުކުރާ ކަމަށެވެ. އެގޮތުން ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ނުހެދި ވާއިރު، މިއަށް ވުރެ މަދު މީހުން ދިރިއުޅޭ ބައެއް ރަށްތަކުގެ މަގުތައް ވެސް ހަދާފައިވާ ކަމަށް އޭނާ ބުންޏެވެ.

ފާތުމަތު އިބްރާހީމް ،60، ބުނީ ދުވާފަރަށް ބަދަލުވުމުން ގިނަ ކަންތައްތަކެއް ބަދަލުވި ނަމަވެސް ކަނދޮޅުދޫގެ މަތިން އޭނާ ހަނދާނެއް ނުނެތެ އެވެ. އެހެންކަމުން އަދިވެސް އޭނާއަށް ދުވާފަރުން އުޅެނީ ކުރީގެ ހިތްހަމަޖެހުން ނުލިބި އެވެ.

"ކަނދޮޅުދޫ ނޫން ވީމާ ހަމަ ހިތްހަމަނުޖެހެނީ. އެއީ އުފަން ވަޒަން އެރަށް ދޫކޮށް ދާން ޖެހުމުގެ ހިތާމަ އަދިވެސް ކުރެވޭ،" ސުނާމީގެ ބިރުވެރިކަން ވަރަށް ގާތުން ތަޖުރިބާކުރި ފާތުމަތު ބުންޏެވެ.

ކަނދޮޅުދޫ ބައެއް މީހުން މިސްކިތުގައި: ސުނާމީގައި މުޅި ރަށް ފުނޑުވި --ފޮޓޯ: އަބުދުﷲ އަލީ

ސުނާމީގެ ހިތި ހަނދާންތައް

މީގެ 14 އަހަރު ކުރިން ސުނާމީ އެރި ދުވަހު ކަންތައްތައް ވީ ގޮތުގެ ހަނދާންތައް ކަނދޮޅުދޫ މީހުންގެ ހިތްތަކުގައި އަދިވެސް ހުރީ ތާޒާކޮށެވެ. އެވާހަކަތައް މިހާރުވެސް ކިޔައިދެނީ އިއްޔެވީ ކަމެއް ހެންނެވެ. ފާތުމަތު އިބްރާހީމް (ފާއްތަ) އެ ދުވަހު އުޅުނީ ޗުއްޓީއަށް ރަށުގައި ތިބި ދަރިން މާލެ ފޮނުވާލުމުގެ ދަތުރަށް ތައްޔާރުކުރާށެވެ.

"އެއީ ވަރަށް މޫސުން ރީތި ސާފު ދުވަހެއް. ފުރަތަމަ ރާޅާ އެކީގައި ގިނަ ގޭގޭގައި ފެން ބޮޑުވި، ދެވަނަ ރާޅު އެރީ ފެންބޮޑުގެން ތަކެތި ސަލާމަތް ކުރެވޭތޯ އުޅެއުޅެ ތިއްބާ،" ފާއްތަ ކިޔައިދިނެވެ.

އޭނާއަށް އެންމެ ހިތްދަތި ކަމަކަށް ވީ އެ ދުވަހުގެ ރާޅުން އޭނާގެ ބަފާބެ ސަލާމަތްކުރަން އުޅެ އެކަން ނުވެ އަތުން ދޫވުމެވެ. ފުރަތަމަ ރާޅާ އެކު ގޭގައި ފެން ބޮޑުވުމުން ފިރިމީހާގެ މުސްކުޅި ބައްޕަ ބުނި ކަމަށް ވަނީ "ދުނިޔެ ނިމެނީ" ކަމަށެވެ. އެހެންވެ ގަދަ ދެއްކީ ގެއިން ނުނިކުންނާށެވެ. ދެ ވަނަ ރާޅު އަރައި، ބަފާބެ ފާއްތަގެ އަތުން ދޫވީ އެ ހިސާބުންނެވެ.

"ދުރަށް ގެންދަން ވެގެން އަތުގައި ހިފައި ނަގަން އުޅެނިކޮށް ދެވަނަ ރާޅު އައީ. އެހާ ހިސާބުން އެކަކު ވީ ތަނެއް އަނެކަަށް ނުވެސް އެނގުނު،" ފާއްތަ ކިޔައިދިނެވެ.

އެ ދުވަހުގެ ހާދިސާގައި ކަނދޮޅުދޫން ތިން މީހުން މަރުވި އެވެ. މުޅި ރާއްޖެއިން މަރުވެ އަދި ގެއްލުނު މީހުންގެ އަދަދަކީ 82 އެވެ.

އަތޮޅު ކައުންސިލަރު އަހުމަދަކީ ކަނދޮޅުދުއަށް ރާޅު އަރައިގެން އައި މަންޒަރު ފެންނަ ހަމައެކަނި ވީޑިއޯ ނެންގެވި ބޭފުޅެވެ. ދުނިޔޭގެ ޓީވީތަކުން އެތައް ފަހަރަކު އެ ވީޑިއޯ ދައްކާފައިވެ އެވެ. ސުނާމީގައި ކަނދޮޅުދޫ ފެނު އަޑިއަށް ދިޔަ މަންޒަރު އެހާ ރީތިކޮށް ފެންނަ ވީޑިއޯއެއް، އަދި އެ ވީޑިއޯ ބޭނުންކޮށްގެން ނެގި ފޮޓޯ ނޫނީ، ނެތެވެ.

"ފުރަތަމަ އެރި ރާޅާ އެކީގައި ވެސް އެނގުނު އެއީ އާދައިގެ އުދައެއް ނޫންކަން. އެއީ އަޅުގަނޑުމެންގެ ގެ ހުންނަނީ ރަށުގެ މެދުގައި ކަމަށް ވެފައި އެގެއާ ހިސާބަށް ރާޅުގެ އަސަރު ކުރީމާ. ދެން އެހެންވެ ފޮޓޯ ނަގަން ނުކުތީ،" އޭނާ ވިދާޅުވި އެވެ.

އަހުމަދު ވިދާޅި ގޮތުގައި ދެވަނަ ރާޅު ބިންދާލީ އޭނާ ބަލަން ހުއްޓަ އެވެ. ވީޑިއޯ ކުރަން ފެށީ އެހިސާބުންނެވެ. އޭރު އޭނާ ހުންނެވީ ރަށުގެ ސައި ހޮޓަލެއްގެ ބޭރު ގާގަނޑު މަތީގަ އެވެ.

ފާއްތަ ޔާއި އަހުމަދު ވެސް ވަނީ ސުނާމީގެ އެތައް އަހަރެއްގެ ފަހުން ކަނދޮޅުދުއަށް ގޮސް އެރަށް ދެކިފަ އެވެ. ރަށުގައި އޮތީ ވާހެދިފަ އެވެ. އެކަމަކު އަދިވެސް ދުވާފަރުގެ ރައްޔިތުންގެ ރަޖިސްޓްރީ އޮތީ އެ ފަޅުރަށުގަ އެވެ.

ސުނާމީއާ ގުޅިގެން ރާއްޖޭގައި ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި ރަށަށް މިއަދު ވަޑައިގަންނަވާ އިރު، ރައްޔިތުންނަށް ދިމާވެފައިވާ އެ މައްސަލަތަކަށް ނިމުން ގެންނެވުމަކީ ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދެކެވެ. އެހެންކަމުން ދުވާފަރު މީހުން އިންތިޒާރުކުރަނީ ރައީސްގެ ހައިސިއްޔަތުން މިރަށަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެމަނިކުފާނު ވިދާޅުވާނެ އެއްޗަކަށެވެ.

21 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 94%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުވޗެރ

26 December 2018

އަލީގެ މަލީ. މައުމޫން ވެރިކަމުގައި ހުއްޓައެއް ނޫން ދުވާފަރަށް ކަނދޮޅުދޫ މީހުން ބަދަލުކުރީ. ދުވާފަރަށް ކަނދޮޅުދޫ މީހުން ބަދަލުކުރީ 2009 ވަނަ އަހަރުގައި ކަމަށް މި ލިޔުމުގައި އެއޮތީ. މައުމޫނުގެ ވެރިކަން 2008 ނޮވެންބަރު 11 ގައި ނިމިއްޖެ. 2009 ގައި އޮތީ އެމް.ޑީ.ޕީގެ ވެރިކަން. ދެން ބުނޭ މައުމޫނުގެ ކޮންމެވެސް އެހެން އެއްޗެކޭ.

The name is already taken The name is available. Register?

ކޭމާޓް

26 December 2018

އާޓިކަލް ކިޔާ ނިމުނު އިރުވެސް ރަޖިސްޓްރީ ބަދަލު ނުކުރެވި އޮތް ސަބަބެއް ނޭންގުނު...ކޮންމެވެސް އިދާރީ ކަމެއް ދިމާވެގެންތާ ރަޖިސްޓްރީ ބަދަލު ނުކުރެވި އޮންނާނީ!

The name is already taken The name is available. Register?

އަލީގެ މަލީ

26 December 2018

ތިޔައީ މައުމޫން ސަރުކާރުގެ ކަތީބް ނިޒާމުން ހަދާފައިވާ ގޯހެއް... އެމް.އާރު.އެމްގެ ކަމެއް... ޢަޅާ ނުލެވި އޮތް ކަމެއް

The name is already taken The name is available. Register?

ތަމީމް

26 December 2018

ރ. ކަނދޮޅުދޫ ރައްޔިތުން ދުވާފަރަށް ބަދަލުކުރިތާ 10 އަހަރުވެއްޖެ. އެކަމަކު އެރައްޔިތުންގެ ރަޖިސްޓްރީ އަދިވެސް އޮތީ ކަނދޮޅުދޫގެ ނަމުގައި. އެންމެ ހެއްވާ ކަމަކީ، ދުވާފަރު ދާއިރާގައި ހަމައެކަނި ދުވާފަރު އޮންނަ އިރު، ކަނދޮޅުދޫ ރައްޔިތުން ވޯޓުލާތީއެވެ. އެހުރިހާ ކަމަކަށް ވެސް ހައްލު އެބައޮތް. އެއީ ކަނދޮޅުދޫގެ ނަން ދުވާފަރަށް ބަދަލުކޮށް، ދުވާފަރުގެ ނަން ކަނދޮޅުދޫއަށް ބަދަލު ކުރުމެވެ. އޭރަށް ކަނދޮޅުދޫ ރައްޔިތުންގެ ރައްޔިތުކަން ވެސް ނުގެއްލޭނެ.

The name is already taken The name is available. Register?

ސަމަދު

26 December 2018

ތިޔަކަން ހައްލުނުވެގެން އުޅެނީ ކޮންމެ މީހަކުވެސް އެމީހެއްގެ ނަމަށް ގެ ރަޖިސްޓްރީ ކުރަން ބޭނުނުން ވާތީ. އެކަން ހައްލު ކުރަންވެގެން ރައީސް ވަހީދު ސަރުކާރުގެ ދުވަސްވަރު އިތުރު 76 ގެ އިމާރާތް ކުރީމަވެސް ގޮތްދޫނުކުރުމަށް ނިމުމެއް ނައި.

The name is already taken The name is available. Register?

ލާމް

26 December 2018

ސަމަދު އަށް މާބޮޑަށް އިނގެނީ!!

The name is already taken The name is available. Register?

ހަދާން 2004

26 December 2018

26 ޑިސެމްބަެ 2004 އެ ސުނާމީގެ ހަދާންފިލާ ދާނެތޯ ދިވެހިންގެ ހިތްތަކުން ، މިޖީލްގެ ދަރިން ދުނިޔޭގައި ދެމިތިބިހާދުވަހަކު. މި ސުވާލު އަމިއްލަ ނަފްސާ އެދުވަހު ކުރެވުނު. މިއަދު އެދުވަސް މަތިން ދިވެހިންގެ ހަދާނުގައި އެބަހުރިތޯ .. ހަމަ ޔާގީނުންވެސް ވޭތިވެ 10 އަހަރުގެ މާޒީގައި އެއްވެސް ސަރުކާރަކުން ހަދާން ހުރިކަމައް ބުނަން އަޅުގަޑައް ހަމަ އުދަގޫ.. 10 އަހަރު ވޭތިވެގެން ދިޔައިރު ކުރެވުނު ހަމަ އެކަނި ކަމަކީ ބޯހިޔާވަހިކަން ފޮރުކޮއްދިނުން

The name is already taken The name is available. Register?

ހަންނާނު

26 December 2018

ކަނދޮޅުދޫގެ ރަށްވެހިކަން ދުވާފަރަށް ބަދަލު ނުކުރެވިގެން އުޅޭ ސަބަބު ލިޔާނަމަ ވަރަށް ދިގުކޮށް ލިޔަން ޖެހޭ. މިކަހަލަ ކޮމެންޓަކުން އެކަން ރަނގަޅަށް ހާމައެއް ނުކޮށްދެވޭނެ. ކުރުކޮށް ދަންނަވާނަމަ ދެންނެވޭނީ އެކަން ނުވެގެން އުޅެނީ ދުވާފަރުގައި ގޯތިތައް ހަދަން ފެށިއިރު އެއްބަސް ވީ ގޮތާއި ޚިލާފަށް ރައްޔިތުން އެއްގަލަކަށް ނާރައިގެންނޭ. އާއިލާތަކުގެ ކޮންމެމެމްބަރަކުވެސް މިހާރު ބޭނުންވަނީ އެމީހާގެ ނަމަށް ގެ ރަޖިސްޓްރީކުރަން.

The name is already taken The name is available. Register?

ޕިންކީ

26 December 2018

ޢައްޑޫ މީދޫގައި ބިން އެބައޮތް.ފުލެޓް އެބަހުރި ފަޅަށް. އައްޑޫއަށް ބަދަލުވޭ

The name is already taken The name is available. Register?

ހަންނާނު

26 December 2018

މިލިޔުމުން ފެންނަން އޮތީ މައްސަލައިގެ އެއްފަރާތް. ކަމާއިބެހޭ އެކިފަރާތްތަކުން މައުލޫމާތު ސާފުކޮށްލިނަަމަ ސަބަބުތައް ފެނުނީސް. ޙަޤީޤަތަކީ ކުރީގެ ކުރީގެކހުރިހާަސަރުކާރަކުންވެސް ރަށްވެހިކަން ދުވާފަރަށް ބަދަލުކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި. އެކަމާއިބެހޭ ހުރިހާ ލިޔެކިޔުންތައް ހައުސިންމިނިސްޓްރގަޔާއ، ރ. ޢަތޮޅު ކައުންސިލާއި ދުވާފަރު ކައުންސިލް ގައި ހުންނާނެ.

The name is already taken The name is available. Register?

އައްލާބެއްޔާ

26 December 2018

ތީ ދެން މާބޮޑު ކަމެއްތަ؟ ދުވާފަރުގައި ނަން ނޯންނަ ގޮތައް ހަދާލަން އެއްވެސް ކަމެއް ނޫން! ހަދަންވީ ގޮތަކީ މާލެ އައިސް ދަފުރަތޭ ނުވަތަ މާލޭ މީހަކަށް ވެވޭ ލިސްޓުގައި ޖެހުނީމާ އެނިމުނީ! ބޭނުންވާނީ މާލޭގައި ވަޒަންވެރިންގެ ގޮތުގައި އުޅޭ ދެމީހުންގެ ސޮއި! ވިހިއަހަރު އުޅުނޭ ކިޔާފަ ލިޔެލީމާ އެނިމުނީ! ދެން ހުޅުމާލެއިން ފުލެޓްއެދި ފޯމް ފުރާފަ ލީމާ ފުލެޓް ލިބޭނެ! އެވީ މާލޭ މީހަކަށް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454