ކަނދޮޅުދޫ މީހުންނަށް ހިތްހަމަޖެހުން: ރަށްވެހިންނަށްވެ، ގެތައް ރަޖިސްޓްރީވަނީ

ސުނާމީގެ ބިޔަ ރާޅުތަކުން ރ. ކަނދޮޅުދޫ ދޮވެލީ، އަލީ އަބްދުއްރަހްމާން ފަދަ އެތައް އާއިލާއެއްގެ ދިރިއުޅުމާ އެކުގަ އެވެ. އޭގެ ފަހުން، މި އަހަރުގެ ޑިސެމްބަރަށް 15 އަހަރު ފުރޭއިރު އެއީ އަދިވެސް އެއްވެސް ރަށެއްގެ ރަށްވެހިންނެއް ނޫނެވެ. އެ މީހުން ދިރިއުޅެން އެ އަތޮޅު ދުވާފަރުގައި ސަރުކާރުން ވަނީ ބޯހިޔާވަހިކަން ހަމަޖައްސައިދީފަ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އެ ގެތައް ރަޖިސްޓްރީކޮށެއް ނުކޮށްދެ އެވެ.


މިއީ، ކިހާ ބޮޑު ތަކުލީފެއް ކަން އެނގޭނީ، އަލީ ބުނިގޮތުގައި، ދުވާފަރުގައި ދިރިއުޅޭ އެ އާއިލާތަކަށެވެ. ތިން ކޮޓަރީގެ ގެތަކަށް 2008 ގައި ބަދަލުވެ ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ކޮންމެ ގެއެއްގެ ވެސް އާބާދީ ވަނީ ދެ ގުނަ ނުވަތަ ތިން ގުނަވެފަ އެވެ. އެންމެން ތޮއްޖެހިގެން އުޅެން ޖެހިފައިވުމާއި ދެން ހުރި މައްސަލަތަކަށް ވެސް ސަރުކާރުތަކަށް އޮތީ ހައްލެއް ހޯދައި ނުދެވިފަ އެވެ.

ދުވާފަރަށް އުފަންވާ، ކަނދޮޅުދޫ އާއިލާތަކުގެ ކުދިން އަދިވެސް ރަޖިސްޓްރީ ކުރަނީ އެ ރަށުގެ ރަށްވެހިންގެ ގޮތުގަ އެވެ. އެކަމަކު ސުނާމީގައި ވީރާނާވެފައިވާތީ އެ ރަށަކީ ފަޅު ރަށެއްގެ ގޮތުގައި ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ. ދުވާފަރު ދާއިރާ އަށް ވޯޓު ލަނީ ކަނދޮޅުދޫ ރައްޔިތުންގެ ގޮތުގަ އެވެ. ވިޔަފާރި ހުއްދަތަކާއި އެ ނޫން ވެސް ކަންކަމުގައި އެ މީހުން އުނދަގޫތަކެއް އުފުލަން ޖެހެ އެވެ.

ކަނދޮޅުދޫ ރައްޔިތުންގެ މި ހާސްކަން ފިލުވައިދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަތް ވައުދާ އެއްގޮތަށް ސަރުކާރުން މިހާރު ވަނީ އުސޫލެއް އެކުލަވާލައިފަ އެވެ. ކަނދޮޅުދޫ ރައްޔިތުންނަށް ދުވާފަރުގައި އިމާރާތްކުރި 676 ގޭގެ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ އަދި ރަށްވެހިންގެ ރަޖިސްޓްރީ ހަދައިދިނުމާ ބެހޭ އުސޫލު އިއްޔެ ވަނީ ގެޒެޓްކޮށްފަ އެވެ.

ރައީސް ދުވާފަރުގައި: އެ ރަށުގައި ދިރިއުޅޭ ކަނދޮޅުދޫ މީހުންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަކީ އެމަނިކުފާނު ރިޔާސީ ކެމްޕޭންގައި ވެވަޑައިގަތް ވައުދެއް.

"މި ވެރިކަން ފެށުނު ފަހުން ވެސް ހައުސިން މިނިސްޓްރީ އަށް ތިން ފަހަރު، ޕްލޭނިން މިނިސްޓްރީ އަށް ދެ ފަހަރު ވަދެފިން މި މައްސަލައިގައި. އިއްޔެ އުސޫލް ގެޒެޓްކުރުމަކީ ލިބުނު ހިތްހަމަޖެހުމެއް. މިހާރު މަޑުކުރަނީ ކައުންސިލުން އެ މަސައްކަތް ފަށާނެ އިރަކަށް،" އަލީ، 50، ބުންޏެވެ.

"ދުވާފަރުގައި ދިރިއުޅޭތާ 12 އަހަރު އެކަމަކު އަޅުގަނޑަކީ އެއްވެސް ތަނެއްގެ ރަށްވެއްސެއް ނޫން. ގޭގެ ރަޖިސްޓްރީއެއް ނެތް. ފަޅު ރަށެއްގައި އުޅުން ފަދަ ގޮތަކަށް މި އަހަރުތައް މި ހޭދަވީ. އާއިލާގައި މިހާރު 11 މީހުން އެބަތިބި."

ދުވާފަރުގައި ދިރިއުޅޭ ކަނދޮޅުދޫގެ ބައެއް މީހުން: އެ މީހުން އަދިވެސް ތިބީ ފަޅުރަށެއްގެ ގޮތުގައި މިހާރު ހަމަޖައްސާފައިވާ ކަނދޮޅުދޫ ރަށްވެހިންގެ ގޮތުގައި.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ދުވާފަރުގައި ދިރިއުޅޭ ކަނދޮޅުދޫގެ ރައްޔިތުންގެ ރަޖިސްޓްރީ ދުވާފަރަށް ބަދަލުކުރުމާ ގުޅޭ އުސޫލެއް އެކުލަވާލީ ރައްޔިތުންގެ ކަންބޮޑުވުންތައް އަހައި ކައުންސިލާ ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އެ މަޝްވަރާތަކަށް ފަހު އުސޫލު އެކުލަވާލީ ޕޮލިސީ އޮފީހާއި ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އާއި ނެޝެނަލް ޑިޒާސްޓަ މެނޭޖްމަންޓާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ލޯކަލް ގަވަމެންޓް އޮފީހުގެ ބައިވެރިވުމާ އެކުގަ އެވެ.

ގެތައް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން ނެރުނު ނޫސް ބަޔާން.
އުސޫލް އެކުލަވާލުމުގެ ކުރިން ހައުސިން މިނިސްޓްރީން ކައުންސިލާ މަޝްވަރާ ކުރަނީ.

ކަނދޮޅުދޫ ރައްޔިތުންނަށް ގެޒެޓްކުރި އުސޫލު

- ދުވާފަރުން ދޫކުރި ގެތަކާއި ގޯތީގެ ރަޖިސްޓްރީ ހަދައި ދިނުމުގެ އަސްލަކަށް ބަލާނީ ދުވާފަރު ގެތަކުގެ ވަގުތީ ރަށްވެހިންގެ ރަޖިސްޓްރީ އަށް. (އެއީ، 2008 ގައި ޑިޒާސްޓަ މެނޭޖްމެންޓް ސެންޓަރުން ދޫކުރި ވަގުތީ ރަޖިސްޓްރީ.)

- ގެތަކުގެ ރަޖިސްޓްރީ ހަދައި ދޭ ގޮތަށް ހަމަޖައްސާފައި ވަނީ ވަގުތީ ރަޖިސްޓްރީ ހެދި އިރު ތިބި މީހުންގެ ތެރެއިން ހިމެނޭ މީހުންގެ ތެރެއިން އެއްބަސްވެވޭ މީހެއް ނުވަތަ ބައެއްގެ ނަމަށް.

- އެންމެ ފަރުދަކު ވަގުތީ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމެނިގެން ލިބިފައިވާ ގެތަކުގައި، އެ ގޭގެ ވަގުތީ ރަޖިސްޓްރީގައި ހިމެނިފައިވާ މީހާ މަރުވެފައި ވާ ނަަމަ، އެ ގެއެއް ރަޖިސްޓްރީ ކުރަން ވާނީ އެ ގޭގެ ވަގުތީ ރަޖިސްޓްރީގައި ހިމެނޭ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިންގެ ނަން މަތީގައި.

- އެއްވެސް މީހެއްގެ ނަން މަތީގައި އެއް ގެއަށް ވުރެން އިތުރަށް ރަޖިސްޓްރީއެއް ނުކޮށްދެވޭނެ.

- އުސޫލްގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓްރީ ކުރުމާ މެދު ގޭގެ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމެނޭ އެކަކު ވެސް އިއުތިރާޒްކުރާ ނަމަ ހައްލު ހޯދަން ޖެހޭނީ ކޯޓަށް ހުށަހަޅައިގެން.

- އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ހަދައިދީފައިވާ ގޯތީގެ ރަޖިސްޓްރީ ދެމިއޮންނާނެ.

- އުސޫލަށް އަމަލުކުރަން ފަށާތާ އެއް އަހަރުގެ ތެރޭގައި ގެތައް ރަޖިސްޓްރީކުރަން ހުށަހަޅަންވާނެ.

އުސޫލާ ގުޅޭ ގޮތުން ހިޔާލު ހޯދަނީ. --ފޮޓޯ/ހައުސިން މިނިސްޓްރީ

ދިގުލައިގެން ދިޔައީ އެއްބަސްނުވެވިގެން!

ގެޒެޓްކުރި އުސޫލާ އެއްގޮތަށް ރަޖިސްޓްރީ ކުރަން ކައުންސިލުން އަދި ހުޅުވައެއް ނުލަ އެވެ.

ކަނދޮޅުދޫ މީހުންނަށް ދިމާވެފައިވާ މި މައްސަލަ ހައްލުކުރަން ކުރީގެ ސަރުކާރުތަކުން ވެސް މަސައްކަތް ކުރި އެވެ. މިދިޔަ ސަރުކާރުން ވެސް ކައުންސިލާ މަޝްވަރާކޮށް ގޮތެއް ހޯދައި، ގެތައް ރަޖިސްޓްރީ ކުރަން ހުޅުވާލި އެވެ.

އެކަމަކު އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެކަން ނުނިމި އަހަރުތަކެއް ދިގުލައިގެން ދިޔައީ އެވެ.

ކަނދޮޅުދޫގެ ރައްޔިތުންނަށް އެއްބަސްވެވުނު ގޮތަށް މިފަހަރު އުސޫލެއް ހެދީ، ރައީސް އޮފީހުން ބުނިގޮތުގައި، ކަނދޮޅުދޫން ދޫކުރި ގެތަކުގެ ރަޖިސްޓްރީގެ މައްޗަށް ބިނާކޮށް ދުވާފަރު ގެތައް ރަޖިސްޓްރީ ކުރާ ނަމަ އިތުރު މައްސަލަތަކެއް ދިމާވާނެ ކަމަށް ކައުންސިލާއި ކަމާބެހޭ ފަރާތްތަކުން ލަފާ ދީފައިވާތީ އެވެ.

ދުވާފަރުގައި ކަނދޮޅުދޫ މީހުންނަށް، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކޮރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައިއެފްއާރުސީ)ގެ ފަރާތުން 600 ގެ އަދި ދިވެހި ސަރުކާރުން 76 ގެ އަޅައިދީފައިވެ އެވެ. މި ގެތައް ބެހީ އާއިލާތަކުގެ ބޮޑު މިނަށް ބަލައިގެންނެވެ. އެއީ ކޮންމެ 10 މީހަކަށް ގެއެއް ކަމުގައި ބަލައިގެންނެވެ. މިގޮތަށް ބެހުމުން ވެސް ބައެއް އާއިލާތަކަށް 2 ނުވަތަ 3 ގެ ވެސް ލިބިފައި އެބަހުއްޓެވެ.

އުސޫލެއް އެކުލަވާލައި މި ގެތައް ރަޖިސްޓްރީ ކުރެވުމަކީ ކަނދޮޅުދޫގެ ރައްޔިތުން ކުރި ދިގު އިންތިޒާރެއްގެ ނިމުމެވެ.

އަބްދުއްރަހީމް ވިޔަފާރި ބޭނުމެއްގައި މާލޭގައި މިވަގުތު ހުއްޓަސް އޭނާ ބޭނުން ވަނީ އަވަހަށް ރަށަށް ގޮސް ގޭގެ ރަޖިސްޓްރީ ނިންމާލާށެވެ.

"އޭރަށް ހަގީގީ ހިތްހަމަޖެހުން ލިބޭނީ،" އޭނާ ބުންޏެވެ.