ހަނިމާދޫ އެއާޕޯޓް ތަރައްގީއެއް ނެތި އެގޮތަށް!

ހުސައިން މުހައްމަދު، ހއ. ގެ ރަށަކުން 25 މިނެޓުގެ ކަނޑު ދަތުރަކަށް ފަހު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އައީ، ހަރަދު ބޮޑު ނަމަވެސް، އަވަސް އަދި ލުއި ދަތުރަކަށް ފަހު މާލެ ދިއުމަށެވެ. އޭނާގެ އަންހެނުންނާއި ކުޑަ ތިން ކުދިންނާ އެކު ގިނަ އަދަދެއްގެ ލަގެޖް ގެނަ އެވެ. މެންދުރުގެ ދިލަ ހޫނުގެ އެ ވަގުތު ލޯންޗް ހަނިމާދޫ އެއާޕޯޓުގެ ޖެޓީއާ ކައިރިކޮށް މީހުންނާއި މުދާ ބޭލި އެވެ.


ފޮށިތައް ގެންދަން ބެލިއިރު އެންމެ ކައިރިން ވެސް ޓްރޮލީއެއް ލިބެން އޮތީ ފާލަމާ 60 މީޓަރު ހިނގައިގެންނެވެ. ގަދަ އަވިން ސަލާމަތްވާނެ ތަނެއް ހުރީ ގާތްގަނޑަކަށް 138 މީޓަރު ދުރުގަ އެވެ. ވާރޭ ވެހުނަސް އެ ނޫން ގޮތެއް ނެތެވެ.

"ފާލަމުގައި ވެސް އެއްވެސް ހިޔާވައްސެއް ނެތް. ދެން ވާރޭ ވެހެންޏާ މީހުންނާއި ލަގެޖް ވެސް ތެމި ފޯވާނީ،" ހުސެއިން ބުންޏެވެ.

"ކީއްތަ ވާނީ ބަގީގަނޑެއް ވެސް އޮންނަ ނަމަ. މާ ފަހުން ހެދި އެއާޕޯޓުތަކުގައި ހުރޭ އެ ކަންކަން."

ހަނިމާދޫ އެއާޕޯޓުން ފުރަން އައި މީހަކު ލަގެޖްތައް ޓްރޯލީއަކަށް އަރުވަނީ -- ފޮޓޯ: މިހާރު

މިއީ މީގެ 28 އަހަރު ކުރިން، 1990 ގައި، ޚިދުމަތް ދޭން ފެށި އެއާޕޯޓުގެ ހާލަތެވެ. އެ އާޕޯޓު 2013، ގައި އިންޓަނޭޝަނަލް އެއާޕޯޓަކަށް ނަން ބަދަލުކުރި ނަމަވެސް ލިބުނު ކުރިއެރުމެއް ނެތެވެ. ރިހި ޔޫބީލް ފާހަގަކުރީ ވެސް މި ހާލަތުގަ އެވެ.

ޒަމާނީ ވަސީލަތެއް ނެތް!

ގިނަ އަދަދެއްގެ ޓޫރިސްޓުން ވެސް ކޮންމެ ދުވަހަކު ދަތުރު ކުރާ އެއާޕޯޓުގެ ޓާމިނަލުން، ފާލަމާ ހަމައަށް ދާން 200 އެއްހާ މީޓަރު ހިނގަން ޖެހޭއިރު، ވާރޭ ވެހޭ ދުވަސްތަކުގައި ހިޔާވެވޭނެ ގޮތެއް ނެތެވެ. އަރައި ފައިބާ ޖެޓީ ވެސް ހަދާފައި ހުރީ ހިޔާވާނެ އެއްވެސް ތަނެއް ނެތި އެވެ.

ކިތަންމެ ގިނަ ލަގެޖް ހުރި ނަމަވެސް އެ އެއްޗެހި ގެންދަން ޖެޓީ ކައިރީގައި ޓްރޮލީ ބަހައްޓާފައެއް ނުހުރެ އެވެ. ޗެކިން ކުރުމުގައި ވެސް ޒަމާނީ ވަސީލަތްތައް މަދެވެ. ލަގެޖް ކިރަނީ އާދައިގެ ކައްޓާއަކުންނެވެ. އެ ލަގެޖްތައް ފްލައިޓަށް އުފުލަނީ އަތް ގާޑިޔަލުގަ އެވެ. އޭގެ ސަބަބުން ހިދުމަތް އެތައް ގުނައެއް ލަސްވެ އެވެ.

ފަސިންޖަރުން މަޑުކޮށްލައިގެން ތިބޭނެ އެކަށީގެން ތަނެއް، މި ދިގު މުއްދަތުގައި ވެސް ހެދޭވަރެއް އަދި ނުވެ އެވެ. ގިނަ ފާހާނާތަކުގައި ތަޅެއް ނުހުރެ އެވެ. ޓޫރިސްޓުންނަށް ހާއްސަކޮށްގެން އައިލެންޑް އޭވިއޭޝަނުން ހިންގާ "ލައުންޖް"، ބޭނުންކުރެވެނީ ދެ ގަޑިއިރަށް 10 ޑޮލަރު ދީގެންނެވެ.

ޓޫރިސްޓުންގެ ލަގެޖްތައް ޗެކިން ކައުންޓާ ކައިރީގައި ބަހައްޓާފައި: ޒަމާނީ ވަސީލަތްތަކެއް ނެތް -- ފޮޓޯ: މިހާރު

އެއާޕޯޓް ސަރަހައްދުގައި ހުންނަ ކެފޭ އާދައިގެ ސައި ހޮޓަލަކާ އެއްފަދަ އެވެ. ހުންނަ ހަމައެކަނި ފިހާރައިން ގިނަ ފަހަރަށް އަސާސީ ބައެއް ތަކެތި ވެސް ނުލިބެ އެވެ.

އެއާޕޯޓް ސަރަހައްދުގެ ހާލަތު މިހެން އޮތް އިރު، ހަނިމާދޫގައި މީހުން ދިރިއުޅޭ ހިސާބަށް ދާން ވެސް ފަސޭހައެއް ނޫނެވެ. ކޮޅަކަށް 50ރ. ދީގެން ޓެކްސީގައި 15 މިނެޓުގެ ދަތުރަކުން ރަށު ތެރެއަށް ދާން އޮންނަ މަގު ވެސް، އެއާޕޯޓް ބޭނުންކުރާ މީހުންނާއި ރަށު ރައްޔިތުންގެ ފަސޭހައަށް ބަލާ އިރު، އޮތީ ބޮޑު ތަރައްގީއަކަށް ބޭނުންވެފަ އެވެ. އަޑިގުޑަންތައް އެހާ ގިނަ އެވެ.

ހަނިމާދޫ އެއާޕޯޓަށް ދަތުރުކުރާ މީހުންގެ އަދަދު ގިނަޔަސް އެ ރަށުގެ ވިޔަފާރިތަކަށް މާ ބޮޑު އެނގުމެއް ވާ ކަމަށް ނުވެ އެވެ.

ހަނިމާދޫ އެއާޕޯޓާއި ރަށާ ގުޅިފައި އޮންނަ ބޮޑު މަގުގައި ލައިޓްތައް ނުދިއްލޭތާ އަށް މަސް ވެއްޖެ އެވެ. ރޭގަނޑު ނަމަ ދާން ޖެހޭނީ ކަނު އަނދިރީގަ އެވެ. އަލިކަމެއް ނުހުރުމާއި މަގު ހަލާކުވެފައި އޮތްލެއް ބޮޑުކަމުން އެއާޕޯޓް މުވައްޒަފުންނަށް ގިނަ ދަތިތަކެއް ކުރިމަތިވެ، ބައެއް ފަހަރަށް އަނިޔާ ވެސް ލިބިފައި އެބަ ހުއްޓެވެ.

އަތޮޅު ތެރޭގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ހެދި ދެ ވަނަ އެއާޕޯޓަށް އަންނަ ތަރައްގީއެއް ނެތް ތަނުގައި، ހިދުމަތްތައް ރަނގަޅުކުރަން ވެސް މާ ބޮޑު ފިޔަވަޅުތަކެއް ނާޅަ އެވެ.

"ޑިޕާޗާ ޓާމިނަލުގައި ކުރިން ހުރި އޭސީގެ ބަދަލުގައި ސީލިންގުގައި ހުންނަ އޭސީ ހަރުކުރި. ދެން އިންޑިއާއަށް ފުރާތީ އިމިގްރޭޝަން ކައުންޓާއެއް ހެދި. ދެން ކޮންމެ އަހަރަކު ކުލަ ލާނެ. އެ ނޫން ކަމެއް ނެތް އިންޓަނޭޝަނަލް ކުރިއެކޭ ކިޔާފައި މިތަނަށް ކޮށްފައެއް،" އެއާޕޯޓުގައި ގިނަ ދުވަސް ވީ މުވައްޒަފަކު، ނަން ނުޖަހަން ޝަރުތުކޮށް، ބުންޏެވެ.

އަދި ހަމައެކަނި ކުދި ބޯޓުފަހަރަށް

މި އެއާޕޯޓުން ބައިނަލްއަގުވާމީ ދަތުރެއްގެ ގޮތުގައި ޓްރިވަންޑްރަމަށް ހަފްތާއަކު ދެ ފަހަރު ދެ އެވެ. އެއާޕޯޓަށް ބޮޑެތި ފްލައިޓް ނުޖެއްސޭތީ އެ ދަތުރުތައް ވެސް ކުރަނީ މޯލްޑިވިއަންގެ ޑޭޝް މަރުކާގެ މަތިންދާ ބޯޓު ފަހަރުގަ އެވެ.

އިންޑިއާއަށް ކުރާ މި ދަތުރުތައް ބާއްވަނީ ދަންވަރު ކަމުން ފަސިންޖަރުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެ އެވެ. ޓްރިވަންޑްރަމަކީ ދިވެހިން ބޭސް ފަރުވާއަށް ދާ މަންޒިލަކަށް ވާއިރު ބަލި މީހުންނަށް ދަންވަރު އެގޮތަށް އެއާޕޯޓަށް ގޮސް، ދަތުރެއް ކުރާކަށް ފަސޭހައެއް ނޫނެވެ. ޗެކިން ފެށެނީ ރޭގަނޑު 10:30 ގަ އެވެ. ފުރަނީ ދަންވަރު 1:30 ގަ އެވެ. ޓްރިވަންޑްރަމްގައި ތިބޭ ތަނަށް ދާއިރު އޮންނަނީ ފަތިސްވެފަ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލަށް ފަސިންޖަރަކު ވަންނަނީ-- ފޮޓޯ: މިހާރު

އުތުރުގައި ޓޫރިޒަމް އަންނަނީ ފުޅާވަމުންނެވެ. މި ސަރަހައްދުގައި ހިންގާ ތިން ރިސޯޓާއި 10 ގެސްޓް ހައުސްއަށް ޓޫރިސްޓުން ގެންނަން އޮތް އެންމެ ބޮޑު އެއް ހުރަހަކީ ފްލައިޓް ޓިކެޓު އަގު ބޮޑުވުމެވެ. މޯލްޑިވިއަން ފްލައިޓްތަކުގައި މާލެއިން ހަނިމާދުއަށް ޓޫރިސްޓަކު ދަތުރުކުރަން މަދުވެގެން 230 ޑޮލަރު (3،546 ރުފިޔާ) ހޭދަކުރަން ޖެހެ އެވެ. އެކަމަށް އޮތް ހައްލަކީ، ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި، މި އެއާޕޯޓުން ސްރީ ލަންކާގެ ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށުމެވެ.

ސްރީ ލަންކާއަކީ ރާއްޖެ އަންނަ ގިނަ އަދަދެއްގެ ޓޫރިސްޓުން ޓްރާންސިޓް ކުރާ މައި ހަބެވެ. ވިޔަފާރި ދަތުރުތަކުގައި ރާއްޖެއިން ބޭރަށް ދާ ދިވެހިން ވެސް ގިނައިން ޓްރާންސިޓް ކުރަނީ ސްރީ ލަންކާގަ އެވެ. އެކަމަކު ހަނިމާދޫ އެއާޕޯޓްގެ 1.2 ކިލޯމީޓަރުގެ ރަންވޭ ދިގުނުކޮށް، ބޮޑެތި ބޯޓުފަހަރެއް ނުޖެއްސޭނެ އެވެ.

ތަރައްގީ ކުރަން ބުނެ ނުވެފައި. މި ސަރުކާރުގެ ވެސް ވައުދެއް.

މި އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަކަށް ތަރައްގީ ކުރުމުގެ ވާހަކަ ދައްކާތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް އަމަލީ މަސައްކަތެއް މިހާތަނަށް ފެށިފައެއް ނުވެ އެވެ. ނިމިދިޔަ ސަރުކާރުން 2016 ގައި ބުނީ މި އެއާޕޯޓްގެ ރަންވޭ 1.8 ނުވަތަ 2 ކިލޯމީޓަރަށް ދިގުކުރާނެ ކަމަށެވެ. ނަމަވެސް ސަރުކާރު ނިމުނު އިރު ވެސް އޭގެ އެއްވެސް ކަމެއް ނުކުރެ އެވެ.

އެއާޕޯޓުގެ ޑިޕާޗާ ހޯލުގައި ބަޔަކު މަޑުކޮށްލައިގެން-- ފޮޓޯ: މިހާރު

ހަނިމާދޫ އެއާޕޯޓަށް ބޭރުން ބޮޑެތި ބޯޓު ފަހަރު ދަތުރުކުރެވޭނެ ތަނަކަށް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ހަނިމާދޫ އެއާޕޯޓުގެ ނަމަށް "އިންޓަނޭޝަނަލް" އިތުކުރި ނަމަވެސް، އެކަށީގެންވާ ހިދުމަތްތަކެއް އެ ތަނުން މިހާރަކު ނުލިބެ އެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި އެކަން ހައްލުކޮށްދީ ރާއްޖެ އިން ބޭރުން ސީދާ އަންނަ ފްލައިޓްތައް ޖެއްސޭ ފެންވަރުގެ އެއާޕޯޓަކަށް ހަނިމާދޫ އެއާޕޯޓް ބަދަލުކުރާނަން،" ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް ވިދާޅުވި އެވެ.

އެކަމަކު މި އަހަރުގެ ބަޖެޓްގައި އެކަމަށް މާ ބޮޑު ފައިސާއެއް ނެތެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތަށް ހިމަނާފައި ވަނީ އެންމެ 1.5 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގެ އެންމެ އުތުރުގެ އެއާޕޯޓުގެ ތަރައްގީ މަޑުޖެހިފައިވުމަކީ މި ސަރަހައްދުގެ އިގްތިސާދު ކުރިއަރަން ވެސް އޮތް އެންމެ ބޮޑު ހުރަހެވެ. އެކަމަކު ވޭތުވެދިޔަ 28 އަހަރު އެއާޕޯޓަށް އައި ތަރައްގީ، ރަށުގެ ޖެޓީން ފެށިގެން ޓާމިނަލާ ހަމައަށް ދާން އުފުލަން ޖެހޭ ބުރަތަކަށް ބަލައިލިޔަސް އެ އޮތީ ފެންނާށެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ