ރިޕޯޓް / ސިނގިރޭޓް

ސިނގިރޭޓު ހަނގުރާމައިގައި ރާއްޖެ އެއް ފިޔަވަޅު ފަހަތުގައި

މީހަކު ސިނގިރެޓެއް ރޯކޮށްލަނީ: ރާއްޖޭގައި ދުންފަތުގެ ހޭލުންތެރިކަން ކުޑަ -- ހުސެން ވަހީދު/ މިހާރު ފޮޓޯ

ލޭގެ ކެންސަރުން އަހުމަދު ހަމީދު ،47، މިންޖުވިތާ ގާތްގަނޑަކަށް އަހަރެއް ފުރުނީ އެވެ. ހަމީދު ބުނާ ގޮތުގައި ކެންސަރު ޖެހުމުން އޭނާ އާއި މުޅި އާއިލާއަށް ވެސް ލިބުނީ ބޮޑު ނިކަމެތި ކަމެކެވެ. އެ ތަޖުރިބާ އެހެން މީހަކު ކުރާކަށް ހަމީދު ނޭދެ އެވެ. ސިނގިރޭޓު ފޮށީގެ ބޭރުގައި އިންޒާރުގެ މަންޒަރު ޖަހަން އޭނާ ބޭނުންވަނީ އެހެންވެ އެވެ.

"ބޮޑު ވިހައެއް އެއީ. ވަރަށް ނުރައްކާތެރި ކަމެއް. ސިނގިރޭޓު ފޮށީގެ ބޭރުގައި އިންޒާރުގެ މަންޒަރު ޖެހުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް،" ތިން ކުދިންގެ ބައްޕަ، ހަމީދު ބުންޏެވެ.

ހަމީދަކީ ސިނގިރޭޓު ބުއި މީހެއް ނޫނެވެ. އެކަމަކު ރައްޓެހިންނަކީ އެ އާދައިގައި ޖެހިފައި ތިބި ބައެކެވެ. އެމީހުންގެ ސިނގިރޭޓް ދުންތަކުގައި އޭނާ އުޅުނެވެ.

"ކެންސަރަކީ ހަގީގަތުގައި މުޅި އާއިލާއަށް ޖެހޭ ބައްޔެއް. އެންމެނަށް ލިބޭ ބޮޑު ހިތާމައެއް. އަދި މުޅި އާއިލާއަށް ލިބޭ ފައިސާ ނެތިކޮށްލާ ކަމެއް،" އޭނާ ބުންޏެވެ.

ދިވެހިރާއްޖެއަށް އަހަރަކު 460 މިލިއަން ސިނގިރޭޓު އެތެރެކުރެ އެވެ. ދިވެހިންގެ އާބާދީގެ ތެރެއިން 34 ޕަސެންޓަކީ ސިނގިރޭޓު ބޯ މީހުންނެވެ. އަންހެނުންގެ އާބާދީގެ ތިން ޕަސެންޓް ސިނގިރޭޓު ބޮ އެވެ. އަދި ރާއްޖޭގައި ސިނގިރޭޓު ބޯ މީހުން އެ ބޭނުން ކުރާ ނިސްބަތް ވެސް ގިނަ އެވެ.

ރާއްޖޭގެ އާބާދީގެ 84 ޕަސެންޓަކީ ގައިންގަޔަށް ނާރާ ބަލިތަކުން މަރުވާ މީހުންނެވެ. މީގެ ތެރެއިން އެންމެ ގިނައީ ނޭވާލާ ނިޒާމުގެ ބަލިތަކުން މަރުވާ މީހުންނެވެ. ދުންފަތް ނުވަތަ ސިނގިރޭޓަކީ ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ.

ދުންފަތުގެ ނުރައްކާ އަހަރުމެންނަކަށް ނޭނގޭ

ރާއްޖޭގައި ސިނގިރޭޓާ މެދު މީހުން ހޭލުންތެރިވެފައިވާ މިންވަރު ނިސްބަތުން ކުޑަ އެވެ. އޭގެ އެއް ސަބަބަކީ ގިނަ ގައުމުތަކެކޭ އެއްގޮތަށް ސިނގިރޭޓު ފޮށީގެ ބޭރުގައި ނުރައްކާގެ މަންޒަރު ނުޖެހުން ކަމަށް ބައެއް ތަޖުރިބާކާރުން ދެކެ އެވެ.

"ފޮށީގެ ބޭރުގައި މަންޒަރު ޖެހުމަކީ ވަރަށް އިފެކްޓިވް ކަމެއް. ހޭލުންތެރިކުރުވުމަށް މީހުންނަށް ދެވޭ ވަރަށް ބޮޑު މެސެޖެއް އެއީ. ދިރާސާ އާއި ތަޖުރިބާކާރުން ވެސް ބުނާ ގޮތުގައި ރާއްޖެ ދެން އަޅަން ޖެހޭ ފިޔަވަޅަކީ އެއީ،" ދުންފަތާ ދެކޮޅަށް މަސައްކަތް ކުރައްވާ ޑރ. އައިޝަތު އަރޫނާ ވިދާޅުވި އެވެ.

ސިނގިރޭޓް ފޮއްޓެއްގައި ސިއްހަތުގެ އިންޒާރު ދީފައި-- މިހާރު ފޮޓޯ

ތަޖުރިބާކާރުން ދެކޭ ގޮތުގައި ދުންފަތާ ދެކޮޅަށް ރާއްޖޭގައި ހަދާފައި ހުންނަ ގަވާއިދުތައް ތަންފީޒު ނުކުރެވެނީ ވެސް ސިނގިރޭޓާ މެދު މީހުން ހޭލުންތެރިނުވުމުންނެވެ.

"ފުލުހުން ވެސް މިސާލަކަށް ދުންފަތުގެ މައްސަލައެއްގައި ގުޅާލައިގެން ވެސް ނާންނާނެ. ފުލުސް ކޮންސްޓަބަލް އޭނާގެ އަމިއްލަ ފަރުދީ ހައިސިއްޔަތުން ވެސް ހަގީގަތުގައި ހޭލުންތެރި ނޫނީ ނުވަތަ ނޭނގެނީ މިއީ އަސްލު ވަރަށް ސީރިއަސް ބައްޔެއް ޖެހޭ އެއްޗެއްކަން،" ޑރ. އަރޫނާ ވިދާޅުވި އެވެ.

ފޮށީގައި މަންޒަރު ހިމަނަން ޖެހޭ

ތަޖުރިބާކާރުން ބުނާ ގޮތުގައި ތާނައިން ލިޔެފައިވާ ކުޑަކުޑަ އިންޒާރެއްގެ ބަދަލުގައި ސިނގިރޭޓު ބުއިމުން ޖެހިފައިވާ ބަލިތައް ދައްކުވައިދޭ މަންޒަރު ފޮށީގެ ބޭރުގައި ޖެހުމަކީ އޭގެ ނަތީޖާ ވަރަށް ބޮޑަށް ފެންނަ ކަމެކެވެ.

"ސިނގިރޭޓު ފޮށީގައި މަންޒަރު ޖެހުމަކީ ވަރަށް އެފެކްޓިވް ކަމެއް. ޓީވީ ނުބަލާ މީހުން ވެސް އުޅޭނެ. ވަރަށް ގިނަ ޒުވާނުންނަކީ ސޯޝަލް މީޑިއާ ވެސް ބޭނުން ނުކުރާ މީހުން އާމްދަނީއެއް ނުލިބެނީސް. އެކަމަކު ސިނގިރޭޓު ބުއިން ފަށަނީ ވަރަށް ޅަ އުމުރުގައި. ރާއްޖޭގައި ހަތް އަހަރުން ދަށުގެ ކުދިން ވެސް ސިނގިރޭޓު ބޯން ފަށާ،" ޑރ. އަރުނާ ވިދާޅުވި އެވެ.

"ތާނައިން ނުވަތަ އެހެން އަކުރަކުން ނަމަވެސް އިންޒާރު ލިޔުން އެހާ އިފެކްޓިވްއެއް ނޫން. ގިނަ ފަހަރު މީހުން ނުވެސް ކިޔާނެ. އަދި ސްޓްރޯކާއި ކެންސަރަކީ ކިހިނެއް ޖެހޭ، ކިހާ ސީރިއަސް ބައްޔެއް ކަމެއް ނޭނގޭނެ."

https://www.who.int/tobacco/resources/publications/wntd/2009/materials/wntd_2009_picture_galleyr_by_who_region.pdf?ua=1

ސިނގިރޭޓު ފޮށީގެ ބޭރުގައި ބައެއް ގައުމުތަކުގައި ޖަހާ މަންޒަރު:

ޑރ. އަރޫނާ ގަބޫލުކުރައްވާ ގޮތުގައި ސިނގިރޭޓުގެ ނުރައްކާ އެ ގަންނަ މީހާއަށް އަދި އާންމުނަށް ބުނެދިނުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. ގަނެވެނީ ކެންސަރާއި މި ނޫން ވެސް ބަލިތައް ޖެހޭ ވިހައެއްކަން ސިނގިރޭޓު ބޯ މީހާއަށް އެނގެން ޖެހެ އެވެ.

"ފިހާރައިން އެއްޗެއް ގަންނައިރުގައި އޭގެ ޕެކޭޖުގައި މަންޒަރެއް ހުރީމަ އެއީ ގަންނަ މީހާއަށް އެކަމާ ބެހޭ މައުލޫމާތު ލިބެން އެންމެ ރަނގަޅު ތަން. ކާ އެއްޗެއް ގަންނަންޏޭ އިންގްރީޑިއެންޓްސް ހުރޭ. ޕެސްޓިސައިޑެއް ގަންނަ ނަމަ އޭގެ ނުރައްކާ ހުރޭ. އެހެންވީމަ ވިހައެއް ގަންނަ ނަމަ އެއީ ވިހައެއް ކަމާއި އެއިގެން ވާ ނުރައްކާ އެނގެން ޖެހޭނެ،" ޑރ. އަރޫނާ ވިދާޅުވި އެވެ.

ސިނގިރޭޓު ވިޔަފާރި ކުރާ ކުންފުނިތަކުގެ ވަސްވާސް

ސިނގިރޭޓުން ގެއްލުން ލިބޭކަން ހާމަކުރަން އެންމެ ބޮޑަށް ބޭނުން ނުވާ ފަރާތްތަކަކީ އޭގެ ވިޔަފާރި ކުރާ މީހުންނެވެ. ކޮންމެ ސިނގިރޭޓަކީ އެމީހުންނަށް ފައިސާ އެވެ. އެހެންކަމުން ފައިސާ ވަންނަ މަގު ބަންދުވެ ނުދިއުމަށް އެމީހުން މަސައްކަތްތަކެއް ކުރެ އެވެ.

"ބައެއް ކަހަލަ މައުލޫމާތު ލިބޭ މިހާރު ވެސް ދުންފަތުގެ ވިޔަފާރި ރާއްޖޭގައި ވެސް ބޮޑުކޮށް ކުރާ ވިޔަފާރިތަކުން ސިނގިރޭޓު ފޮށީގައި މަންޒަރު ޖެހުން ފަދަ ކަންކަމަށް އިންފްލުއެންސް ކުރުމަށް މަސައްކަތް ކުރާ ކަމަށް،" އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވި އެވެ.

ސިނގިރޭޓް ވިއްކާ ކުންފުންޏަކުން ސިނގިރެޓު ކާޓަންތަކެއް ވިއްކަން ނެރެފައި: ދުންފަތާއި ގުޅޭ ގަވައިދުތައް ވަނީ ގެޒެޓްނުކުރެވި-- މިހާރު ފޮޓޯ

ސިނގިރޭޓާ ދެކޮޅަށް އައްފާލް މަސައްކަތް ކުރައްވާތާ ވަރަސް ގިނަ ދުވަސް ވެއްޖެ އެވެ. އޭނާ ވިދާޅުވީ ސިނގިރޭޓު އުފައްދާ ކުންފުނިތަކަށް ރާއްޖެއަކީ ވެސް މުހިންމު މާކެޓެއް ކަމަށެވެ. އަދި ސިނގިރޭޓުގެ ގެއްލުން ވަންހަނާ ކުރުމަށް އެމީހުން ހަރަދު ވެސް ކުރާ ކަމަށް ވިދާޅުވި އެވެ.

"ތާނައިން ލިޔެގެން ސިނގިރޭޓު ފޮށީގެ ބޭރުގައި އެ މެސެޖު ޖަހަން އުޅުނުއިރު ވެސް ދުނިޔޭގެ ބޮޑެތި ދުންފަތް ކުންފުނިތަކުން އެމީހުންގެ މާކެޓިން މީހުން ރާއްޖެއަށް ފޮނުވާ ސިއްހަތާ ބެހޭ ވަޒީރުންނާއި މި ދާއިރާގައި އުޅޭ މީހުންނާ ބައްދަލުކޮށް އެކަމަށް ނުފޫޒު ފޯރުވަން އުޅެފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ސިނގިރޭޓާ ދެކޮޅަށް ކުރާ މަސައްކަތްތައް ހުއްޓުވުމަށް ދުނިޔޭގެ ފެންވަރުގައި ރާވައިގެން ކުންފުނިތަކުން މަސައްކަތް ކުރާ ކަމަށް އައްފާލް ވިދާޅުވި އެވެ.

"މީގެ 12 އަހަރު ކުރިން އެއިރު ވެސް މިފަދަ ކޮންމެ ފިޔަވަޅަކަށް މަސައްކަތް ކުރާއިރު ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކުން އެކި ޕްރޮޕޯސަލް ހެދުމާއި އެ ފިޔަވަޅުތަކުގެ ސަބަބުން އެކި މީހުންނަށް ގެއްލުންވާ ކަމަށް ބުނެ ކައުންޓާކޮށް މަސައްކަތް ކުރޭ،" އޭނާ ވިދާޅުވި އެވެ.

މަންޒަރު ޖެހުމުގެ ބާރު އޮތީ ރައީސް އޮފީހުގައި

ސިނގިރޭޓު ފޮށީގައި މަންޒަރު ޖެހުމާއި ސިނގިރޭޓު ބޯ މީހުންނަށް އެ އިންޒާރު ދެއްކުމަށްޓަކައި ވަކިން ސިނގިރޭޓު ވިއްކުން މަނާކޮށް ވަނީ ގަވާއިދެއް ޑްރާފްޓްކޮށްފަ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވި ގޮތަށް އެ ގަވާއިދު ވަނީ އަދި ވެސް އެ އޮފީހުގަ އެވެ.

"މިހާރުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ގެޒެޓް ކުރާނެ ކަމަށް އަޅުގަނޑުމެންގެ އުއްމީދަކީ،" އައްފާލް ވިދާޅުވި އެވެ.

ޑރ. އަރޫނާ ވެސް ހުންނެވީ އެ ގަވާއިދު ތަންފީޒު ކުރާނެ ކަމުގެ އުއްމީދުގަ އެވެ. އަދި ގަބޫލު ކުރައްވަނީ ވަރަށް އަވަހަށް އެ އުއްމީދު ހާސިލްވާނެ ކަމަށެވެ.

"މިހާރު ފުދޭވަރަކަށް ދުވަސް ވެއްޖެ ރައީސް އޮފީހުގައި ގަވާއިދު އޮންނަތާ. ވަރަށް ބޮޑު ފައިދާއެއް ކުރާނެ އެ ގަވާއިދު ގެޒެޓު ކުރުމުން،" ޑރ. އަރޫނާ ވިދާޅުވި އެވެ.

ލެޔަށް ކެންސަރު ޖެހުނު ހަމީދު ވެސް ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް ގަވާއިދު ގެޒެޓު ކުރުމަށެވެ.

"އަޅުގަނޑު ނޭދެން އެކަކަށް ވެސް ކެންސަރު ޖެހޭކަށް. އެކަމަށް އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. އެގޮތުން ސިނގިރޭޓު ފޮށީގައި ބޭރުގައި މަންޒަރު ޖެހުމަށް އަޅުގަނޑު އަބަދުވެސް އަޑުއުފުލާނަން،" އޭނާ ބުންޏެވެ.

33 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 48%
icon sad icon sad 12%
icon angry icon angry 39%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަވިއައިނު

29 January 2019

ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި ސިނގިރޭޓުބޯމީހުން ވަނީ މަދު. އަޅުގަނޑުމެންގެ މި ރާއްޖޭގައި ވަނީ ގިނަ. މިއީ ކިހިނެތްވާކަމެއްތޯ ބަލަން ވެއްޖެ. ރާއްޖެއަކީ ބާރަށް ކުރިއަރަމުން އަންނަގައުމެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ވީއިރު ސިނގިރޭޓުގެ މަޅީގައި ދިވެހިން ޖެހެނީ ދިވެހިންގެ ހޭލުންތެރިކަން މިކަމުގައި ކުޑަކަމުންބާ؟

The name is already taken The name is available. Register?

ނަން

29 January 2019

"ރާއްޖޭގެ އާބާދީގެ 84 ޕަސެންޓަކީ ގައިންގަޔަށް ނާރާ ބަލިތަކުން މަރުވާ މީހުންނެވެ." މާނައަކީ ރާއްޖޭގައި ދިރިމިތިބީ 16 ޕަސެންޓް މީހހުންނޭ؟

The name is already taken The name is available. Register?

މޮޔަ ސަނީއަށް

29 January 2019

ކާކުތަ ބުނީ ސިގަރެޓް ބުއީމަ ކެންސަރު ޖެހެއޭ...އަބަދުވެސް އެކިޔަނީ އެއީ މަގުފަހި ކުރާ އެއްޗެކޭ...

The name is already taken The name is available. Register?

ކެކެ

28 January 2019

ކަލޭ ބޭނުން ވާނެތަ ކަލޭގެ ޅަ ދަރި ގޮވައިގެން މަގމައްޗައް ނިކުންނަތަނުން އެ ކުއްޖާގެ ކަރުބުޑައް ސގިރޭޓް ދުން އަޅަން.. ނުވާނެދޯ.. އެކަން މީ ކަންތައްވާގޮއް... މަވެސްބުއިން ތި އެއްޗެއް 10 އަހަރު. އެކަމުން ދުރުވީ އަހަރެމެން ގެ ސަބަބުން ޅަ ދަރިން ހަލާކު ވާތީ.. މީ ވ ވާހަކަ...

The name is already taken The name is available. Register?

ކެކެ

28 January 2019

ދުއްޕާނެއް ނޫން ވަނީ.އުރުގައިންނަ ޅަ ތުއްތު ކުއްޖާގެމޫނައް ވެސްބުރުވާލަނީ ހަޔާތް ކުޑަކަމުން... ދަރިންލިބުނީމަ އެގޭނީ މިކަމުން ވާ އުދަގު..އެކުދިންގެ ފުއްޕާ މޭއެހާ ޅައިރު މިކަންކަން ވަންޏާ މީ ޮޑު ވަބާ އެއް.މިކަން ހުއްޓުވަން އެބަ ޖެހޭ

The name is already taken The name is available. Register?

ކެކެ

28 January 2019

ސިގިރޭޓް އެތެރެ ކުރުންމަނާ ކުރަންވީ.އެއީ ހައްލަކި.މަށަކީވެސްއުމުރުން 19 އަހަރުން ފެށިގެން 31 އަަހަރު ވަންދެން ސގީރޭޓް ކެއި މީހެއް.އަބަދވެސް ފަހު ސިގިރޭޓް ބޮއިބޮއެ ފަހެއް ނައިސް ގެން އުޅެނިކޮއް ކުއްލިއަކައް ހުއްޓާލި.މަސީބު ރަގަޅު ކަމުން މިއަދު މިކަމުން ސަލާމަތް ވެއްޖެ.ހިތާމަ އަކީ ސިގިރޭޓް ބޯ މީހުން ކުޑަ ތުއްތު ކުދިންނައް ބެލުމެއް ނެތި ސިގިރޭޓް ބޯތީ.ހިތާމަ ހުރި ކަމެއްމީ... ވަގުތުން މި އެތެރެ ކުރުން ހުއްޓަންވީ.މީ ސިކް ވާ އެއްޗެއް ނޫން.ހުންނަ ނުލަފާ ކަމުން ނުހުއްޓަނީ..މީ މަގޭ ތަޖްރިބާ. މަގޭ ކުރިއަކުން ހިތަކައް ނާރާ ހުއްތޭނެއެކޭވެސް.އެކަމު ވަރައްފަސޭހަ .ކުޑަ ހިއްވަރެއް ބޭނުމީ..

The name is already taken The name is available. Register?

މުރާސިލުނ

28 January 2019

34ޕަސެންޓް ފިރިހެނުންނާ 3 ޕަސެންޓް އަންހެނުންނަކީ ނަފްސާނީ ގޮތުން ބަލިމީހުން

The name is already taken The name is available. Register?

ކެވެލި

28 January 2019

ސިނގިރޭޓް ވިޔަފާރިން ނަފާވާ މީހުން މަޖިލީހަށް އެބަ ކުރިމަތިލާ. ދެން ތިކަން ވާނީ ކިހިނެއް. ސްކޫލްތަކަށް ދުންފަތުން ލިބޭ ފައިސާ އިން އެހީ ދޭ. ސިޔާސީ ޕާޓީ ތަކަށް އެމީހުން ފައިސާ ދޭ. ދެނޯ

The name is already taken The name is available. Register?

ޙިނި

28 January 2019

ސިންގިރޭޓު ކޮންޓުރޯލުކުރަންވީ، ހޯޓާ ރެސްޓޯރަންޓު ތަކުން ނުވިއްކަންވީ، އަދި ހާއްސަ ހުއްދަ ނަގައިގެން ނޫނީ ނުވިއްކޭ ގޮރައް ހަދަންވީ

The name is already taken The name is available. Register?

ކާކު

28 January 2019

ކޮންމެވެރިޔަކުހުންޓަސް ހުއްޓުވާލައިފިއްޔާ ހިތަންއަރަނީ ހަމަވެރިކަން ގެއްލުނީޔޭ މިހެންވެ މިކަން ކުރަންނުކެރެނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!