ޒިންމާ ބުރަޔަސް މަހުލޫފަށް އޮތް ޔަގީންކަން ބޮޑު

އުމުރުން އެންމެ 20 އަހަރުގައި އޭނާ މި އޮފީހަށް ވެންނެވީ ބޮޑު އަޒުމެއްގަ އެވެ. ކުޅިވަރާއި ޒުވާނުންނަށް އިހުލާސްތެރި ހިދުމަތެއް ކޮށްދެއްވުމަށެވެ. އޭރު އޭނާއަކީ ފުޓްބޯޅަ ކުޅުންތެރިއެކެވެ. ޔޫތު މިނިސްޓްރީގެ ވަޒީފާއެއްގައި އުޅުއްވި ޒުވާނެކެވެ. އޭގެ 18 އަހަރު ފަހުން މިއަދު އަހުމަދު މަހްލޫފް އެ އިންނެވީ މިނިސްޓަ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ ގޮނޑީގަ އެވެ. އަނެއްކާވެސް ހިދުމަތް ކުރެއްވުމަށް ތައްޔާރަށެވެ.


"މި ދާއިރާއިން އަޅުގަނޑުގެ ސީވީ ވަރަށް ރަނގަޅު ވާނެ. އަޅުގަނޑު ވަރަށް އިތުބާރު އެބަ އޮތް މި މަގާމުގެ ޒިންމާތައް އަދާކުރެވޭނެކަމުގެ. ހަމައެކަނި ބޭނުމީ ވަގުތުކޮޅެއް،" މަހްލޫފް ވިދާޅުވި އެވެ.

މިނިސްޓަރުގެ ގޮނޑީގައި އިންނެވި ނަމަވެސް އޭނާއަކީ، ކުރިއެކޭ ވެސް އެއްގޮތަށް، ހިތްތިރި ބޭފުޅެކެވެ. ގިނަ ނޫސްވެރިންނަކީ މަހްލޫފްގެ ރަހުމަތްތެރިންނެވެ. އެހެންކަމުން "މިހާރު"ގެ ނޫސްވެރިންނާ އެކު ވެސް ވާހަކަތައް ކުރިއަށް ދިޔައީ ވަރަށް ސާދާކޮށެވެ.

"އަޅުގަނޑުގެ އެއްވެސް އެއްޗެއް އަދި އޮފީހަކު ނުހުންނާނެ. އެކަމަކު ގިނައިން މި އުޅެވެނީ މިތަނުގައި މިހާރު،" އޮފީހުގެ ޝޯކޭހުގައި ކުރީގެ މިނިސްޓަރު ބަހައްޓަވާފައި ހުރި ތަކެއްޗަށް ނޫސްވެރިއަކު ބަލައިލުމުން މަހްލޫފް ވިދާޅުވި އެވެ.

"މިހާރު" އަށް މަހްލޫފް އިންޓަވިއު ދެއްވަނީ: ހައްލު ހޯދަން ދުވަސްކޮޅެއް ނަގާނެ -- ހުސެއިން ވަހީދު / މިހާރު ފޮޓޯ

އޭނާގެ ރަހުމަތްތެރިން ވަރަށް ގިނަ އެވެ. ވެލާނާގޭ ތިން ވަނަ ބުރިއަށް އެރުއްވި އިރު އޭގެ ތެރެއިން ތިން ރަހުމަތްތެރިއަކާ ދިމާވި އެވެ. ކޮންމެ މީހަކާ ވެސް ވާހަކަ ދައްކަވަނީ އެއްވެސް އަބުއިކަމެއް ނެތި އެވެ. އުޅުއްވަނީ ވެސް ބޮޑީގާޑަކާ ނުލައި އަމިއްލައަށެވެ. ގާޑެއްގެ ބަދަލުގައި ކައިރީގައި އެހީތެރިވެދޭން ހުންނަނީ ކުރީގެ ނޫސްވެރިއެއް ކަމަށްވާ މުހައްމަދު އަޒްމޫނެވެ.

ޔޫތު މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވެސް މަހްލޫފް އެންމެ ފުރަތަމަ ކުރެއްވި ކަމަކީ އެ އޮފީހުގެ މުވައްޒަފުންނާ ގުޅުން ބަދަހިކުރެއްވުމެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިނިސްޓްރީން ރައްޔިތުންނަށް ހިދުމަތެއް ކޮށްދެއްވޭނީ މިނިސްޓަރާއި މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތުންނެވެ.

"އަޅުގަނޑު އެކަމަށް ވަރަށް މަސައްކަތްކޮށްފިން މިހާރު ވެސް. މިތަނަށް އައިސް ބޭނުންވި އެންމެ މުހިންމު އެއް ކަމަކީ މިތަނުގެ މުވައްޒަފުން، ހާއްސަކޮށް ސިވިލް ސާވަންޓުން، އެއީ ކޮންމެ ފިކުރެއްގެ މީހަކު ނަމަވެސް އަޅުގަނޑާ އެކީގައި މަސައްކަތް ކުރުން. މުވައްޒަފުން ކައިރި މިހާރު ސިއްރުން އެހިޔަސް ހަމަ ޔަގީން އޮފީހާ ދޭތެރޭ އެއްވެސް ހިތްހަމަނުޖެހުމެއް ނޯންނާނެ،" މަހުލޫފް ވިދާޅުވި އެވެ.

"ސަރުކާރުން ޒުވާނުން ބޭނުންކޮށްލީ"

ރައްޔިތުންގެ މަޖިލީހުގައި 10 އަހަރު ވަކާލާތު ކުރެއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގެ މިނިސްޓަރުކަމާ މިދިޔަ ނޮވެމްބަރު މަހު ހަވާލުވެވަޑައިގެންނެވިއިރު ޒުވާނުންނާ ގުޅޭ ހުރިހާ ދާއިރާއަކަށް ކުރީގެ ސަރުކާރުން އޮތީ ބޮޑު އިހުމާލެއްވެފައި ކަމަށް މަހްލޫފް ދެކެވަޑައިގަންނަވަ އެވެ.

"ވަރަށް ބޮޑަށް އިހުމާލުވެފައި ހުރި ކަމަށް ފެންނަނީ ޒުވާނުންނަށް ވެސް އަދި ކުޅިވަރަށް ވެސް. މިސާލަކަށް އަޅުގަނޑު މިހާރު [ހިނގައްޖެއިން] 47 ރަށަކަށް. އެ ރަށްރަށުގައި މިނިސްޓްރީގެ ދަށުގައި ހުރި އިމާރާތެއް ނަމަ ހުރީ ހަލާކުވެފައި. އެއްވެސް ކަހަލަ ޔޫތު ރިލޭޓެޑް ޕްރޮގްރާމެއް ހިންގާފައެއް ނެތް މިނިސްޓްރީ ބައިވެރިވެގެން،" ކުރީ ސަރުކާރުގެ ޔޫތު މިނިސްޓްރީން އިހުމާލްވެފައި އޮތް ބައެއް ކަންކަން މަހްލޫފް ކިޔައިދެއްވި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ ޔޫތު ސެންޓަރުތަކަށް އަޅައިނުލާ ގިނަ ދުވަސް ވުމުން ހުރީ މުޅިން ހަލާކުވެފައި ކަމަށް މަހްލޫފް ވިދާޅުވި އެވެ. އެތަންތަނުގެ މަރާމާތަށް މިލިއަނުން ފައިސާ ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު އެއިން ދޭހަވަނީ ކުރީގެ ސަރުކާރުން ޒުވާނުންނަށް ދިން އަހައްމިއްޔަތުގެ މިންވަރު ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ސަރުކާރުން ހަދައިފައި ހުރި ދަނޑެއް ވިއްޔާ ހުރީ ހަލާކުވެފައި. ނޫނީ ބޮޑު މަރާމާތެއް ކުރަން ޖެހިފައި. ނޫން ނަމަ މަސައްކަތް ނުނިންމާ،" މަހުލޫފް ވިދާޅުވި އެވެ.

"ދެންމެ އަޅުގަނޑުމެން މި ބެލީ 67 ފުޓްސަލް ދަނޑެއްގެ މައްސަލަ. ހިސާބު ހަދާލިއިރު 148 މިލިއަން ރުފިޔާ މުޅި މި ޕްރޮސެސް ތެރޭގައި ހިނގާފައި އެބަހުރި މި 67 ފުޓްސަލް ދަނޑަށް. އެ މައްސަލަތަކަށް ހަދާނެ ގޮތެއް ވެސް އެބަ ޖެހޭ މިހާރު ނިންމަން."

ރަށެއްގެ ޔޫތު ސެންޓަރެއްގެ ތަކެތި ހަލާކުވެފައި: އަޅާނުލުމުގެ ސަބަބުން ވަރަށް ގިނަ ޔޫތު ސެންޓަރުތައް ހުރީ ވީރާނާވެފައި -- ފޮޓޯ / ޔޫތު މިނިސްޓްރީ

މަހްލޫފް ގަބޫލުކުރައްވާ ގޮތުގައި ކުރީގެ ސަރުކާރުން މައިގަނޑު ގޮތެއްގައި "ސިޔާސީ މަގްސަދެއްގައި ޒުވާނުން ބޭނުންކޮށްލީ" އެވެ. ޒުވާނުންނަށްޓަކައި ކަމަށް ބުނެ ކުޅިވަރުގެ އެކި މަޝްރޫއު ހިންގީ "ކަން ނުވެ ނަން ވާން" ބޭނުންވާ މީހާ ކަން ކުރާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބާރަށުގައި އެބަ އޮތް ސްޕޯޓްސް އެރީނާއެއް އަޅައިފައި. އޮންނަނީ ބަށި ކޯޓެއް، ބާސްކެޓް ކޯޓެއް، ނެޓުބޯޅަ ކޯޓެއް. ދެން ހުންނަނީ ދާ ޖަހައިފައި. އެއްވެސް ކަމަކަށްވާ ގޮތަށް ކޮށްފައި ހުރި ކަންކަމެއް ނޫން. އެތަން އޮތީ އެއްކޮށް ވާވެފައި. ބާސްކެޓް ކޯޓު ނުވެސް ފެނޭ. ވޮލީ ކޯޓުގެ ނެޓާ އެއްޗެހި ފީވެގެން ވެއްޓިފައި،" ނުރުހުންތެރިކަމާ އެކު މަހްލޫފް ވިދާޅުވި އެވެ.

"ކޮރަޕްޝަން، ކޮރަޕްޝަން"

ކުރީ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަން ނިމެނީ އެމްއެމްޕީއާރްސީއާ ހަމައިން ނޫން ކަމަށް އޭނާގެ ވާހަކައިން އެނގުނެވެ. ކުޅިވަރާއި ޒުވާނުންގެ ދާއިރާއިން "އެތައް މިލިއަން ރުފިޔާއެއް"ގެ ކޮރަޕްޝަން އެކި ގޮތް ގޮތުން ހިންގާފައިވާ ހުރި ކަމަށް މަހްލޫފް ތުހުމަތުކުރައްވަ އެވެ.

"މަސައްކަތްތައް ހަވާލުކުރިއިރު ވެސް ހުރީ ސިޔާސީ ގޮތުން އެކަން ކޮށްފައި. ސިޔާސީ ގޮތުން ގުޅުން ހުރި ފަރާތްތަކާ މަސައްކަތްތައް ހަވާލުކޮށްފައި ހުރީ،" މަހްލޫފް ވިދާޅުވި އެވެ.

އެހެންކަމުން އޭނާ ގަބޫލުކުރައްވާ ގޮތުގައި މަޝްރޫއެއް ހިންގަނީ ހަމައެކަނި ކޮރަޕްޝަންގެ އަމަލެއްގެ ބޭނުމުގަ އެވެ.

"އެއްބައި ރަށްރަށުގައި އެބަހުރި ހަތް ލައްކަ ރުފިޔާއަށް ބަށި ކޯޓު އަޅަައިފައި. އެކަމަކު އެ ރަށަކު ބައްޓެއް ނުކުޅޭ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ނުހުއްޓުވުމުން ފުޓުބޯޅަ އިދާރާ އެފްއޭއެމުން ވެސް ވަރަށް ބޮޑެތި ކޮރަޕްޝަން ހިންގާފައިވާ ކަމަށް މަހްލޫގް ތުހުމަތުކުރެއްވި އެވެ. އެ ކޮރަޕްޝަން ހިންގަން އެފްއޭއެމުން އޮތީ އެމީހުން ކުރާ އެއްވެސް ކަމަކާ ސަރުކާރާ ނުބެހެވޭނެކަން ހީލަތްތެރި ގޮތަކަށް ގަބޫލުކުރުވާފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހުޅުމާލޭގައި އަޅާ ފުޓުބޯޅަ އެކަޑަމީ ފުރަތަމަ 26 މިލިއަން ރުފިޔާއަށް ނިންމާފައި އޮތް އެއްޗެއް ފަހުން 36 މިލިއަނަށް ބަދަލުވީ. އެވޯޑް ނައިޓަށް ގެނައީ ޝޫމައިކަލް އާއި ސަލްގާޑޯއާ. އެކަމަށް ވެސް އެއް ލައްކަ ޑޮލަރާ ގާތްކުރާ އަދަދަކަށް ހަރަދުކޮށްފައި އޮތީ. އަޅުގަނޑު ލޮލުން [ދުށިން] ރީތިރަށް ތަންތަނުން ފޮނުވާފައި ހުރި އީމެއިލްތައް އެ ފައިސާ ނުދައްކައިގެން،" މަހްލޫފް ވިދާޅުވި އެވެ.

"ހުސްނުއްސުއޫދު ބުނެފައި އޮތް ވާހަކައަކީ ހަމަ ހަގީގީ ވާހަކައެއް. އެކަންކަން އެހެން ހިނގާފައި ހުރި ކަމީ މިކަންތައް މިހާ ހިސާބަށް ދިއުމުގެ ސަބަބެއް އަސްލު. އެކަން ނިމުމަކަށް އަންނަން ޖެހޭ. ކޯޓުތަކަކީ ގޭންގުތަކުން ހިންގާ ގޯސް ކަންކަން ކޮށްފައި ސަލާމަތްވާން އޮތް ތަނަކަށް ވެއްޖެ ނަމަ ދުވަހަކު ވެސް މިކަމެއް ނުނިމޭނެ"

"ރަނގަޅު ކުރެވޭނެ، ބޭނުމީ ވަގުތުކޮޅެއް"

ހިދުމަތް ކުރުމަށް އޭނާ ހަވާލުވެވަޑައިގެންނެވި ދާއިރާ "ހަލާކުވެފައި" އޮތް ނަމަވެސް ކަންތައްތައް އިސްލާހު ކުރެވިދާނެ ކަމަށް މަހްލޫފް ގަބޫލުކުރައްވަ އެވެ. އެކަމަކު އިސްލާހު ކުރެވޭނީ ކެތްތެރިކަމާ އެކު ހައްލު ހޯދައިގެން ކަމަށް ވިދާޅުވި އެވެ.

"ތެޅިގަނެގެން އެއްވެސް ކަމެއް ނުވާނެ. ވަގުތު ދީގެން، ބައްދަލުވުންތައް ބާއްވައިގެން، މަޝްވަރާ ކުރެވިގެން ކުރެވޭނެ ކަންތައް ބައިވަރު އެބަހުރި. ގެންނަ ކުޑަކުޑަ އެޖަސްޓްމަންޓަކުން ވެސް މިލިއަނުން ރުފިޔާ ސަލާމަތް ކުރެވިދާނެ ޕްރޮޖެކްޓަކުން،" މަހުލޫފް ވިދާޅުވި އެވެ.

ޕްރޮޖެކްޓުތައް އެންމެ ރަނގަޅަށް އަދި އެންމެ އަގު ކުޑަކޮށް ކުރުމަކީ އޭނާގެ ވިސްނުމެވެ. އަދި ނުކޮށް ދޫކޮށްލެވެން ހުރި ހަރަދުތައް ވެސް ބަލައި ހޭދަވާ ފައިސާ މަދުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އެއްވެސް އިމާރާތެއް އަލަށް އެޅުމުގެ ވިސްނުމެއް އަޅުގަނޑު ނުގެންގުޅެން. ހުރިހާ ތަނެއް ވެސް މަރާމާތު ކުރާނީ. އަދި ދަނޑުތައް އަޅާއިރު ވެސް އެބަހުރި މިލިއަނުން އަގުހެޔޮ ކުރެވޭނެ ބައިވަރު ގޮތްގޮތް. ޔޫތު ސެންޓަރުތަކާ ތަންތަން މަރާމާތުކޮށް ސަލާމަތް ކުރުމުގެ މަސައްކަތް ކުރުން ވިސްނުމަކީ،" މި ވަގުތަށް މިނިސްޓްރީގައި އޮތް ޕްލޭން ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

"ޒުވާނުން ގޭންގުތަކާ ދުރުކުރުން ވަރަށް މުހިންމު"

އޭނާގެ މިނިސްޓަރުކަމުގެ ދަށުން މަހްލޫފް އެންމެ ކުރަން ބޭނުންވާ އެއް ކަމަކީ ޒުވާނުންނަށް ފުރިހަމަ ހިދުމަތެއް ކޮށްދިނުމެވެ. އޭގެ ތެރެއިން ވަކި ބަޔަކު އިސްތިސްނާއެއް ނުކުރައްވަ އެވެ.

މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން މިވީ ދެ މަސް ދުވަހުގެ ތެރޭގައި މަހްލޫފަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ މާލޭގައި ކުށްކުރާ ކަމުގެ ތުހުމަތު އެޅިފައިވާ ގްރޫޕުތަކާ ވާހަކަ ދައްކަވާނެކަން އިއުލާން ކުރެއްވުމުންނެވެ. އެއްބަޔަކު ބުނީ މީހުން މެރުމާއި މާރާމާރީ ހިންގާ ގޭންގުތަކާ އެކު ސަރުކާރުން ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ ކަމަށެވެ. ކުށް ކުރާ މީހާ ހިފައި އޭނާ އަށް އަދަބު ދިނުމުން ސަރުކާރުގެ ވާޖިބު އަދާވީ ކަމަށް ބައެއް މީހުން ބުނެ އެވެ.

އެކަމަކު މަހްލޫފް އަދިވެސް ގަބޫލުކުރައްވަނީ ގޭންގުތަކުގެ މީހުންނާ ވާހަކަ ދެއްކުމަކީ ބޮޑު މަންޒަރުން ފެންނަ މައްސަލަ ހައްލު ކުރުމުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އެހެންކަމުން ގޭންގުތަކާ އެކު ވާހަކަ ދައްކަވަން އޭނާ ނިންމެވި ނިންމެވުން ބަދަލުކުރެއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވަ އެވެ.

"އެމެރިކާ ވެސް އަދި އަޅުގަނޑުމެން ބައްދަލުކުރި އެހެން ގައުމުތަކުން ވެސް ގަބޫލުކުރޭ އެ ވިސްނުން. ފުރަތަމަ ޖެހެނީ ވާހަކަ ދައްކަން. ބައެއް މީހުންނަށް ހީވަނީ ވަޅިޖަހައި އުޅެނީ އެންމެ އަށް މީހުންނޭ، އެމީހުން ޖަލަށް ގެންދިޔައިމަ ނިމުނީއޭ. އެކަމަކު އެއަށް ވުރެ މައްސަލަ މާ ސީރިއަސް ހަގީގަތުގައި،" މަހްލޫފް ކިޔައިދެއްވި އެވެ.

މާލޭގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ގަޔަށް ވަޅި ޖަހާފައި: ގޭންގުތަކުގެ މެންބަރުން ސަލާމަތް ކުރަން މަހްލޫފް ބޭނުންވޭ -- މިހާރު ފައިލް ފޮޓޯ

އޭނާ ގަބޫލުކުރައްވާ ގޮތުގައި ގޭންގުތަކުގައި ހަރަކާތްތެރިވާ ޒުވާނުންނަކީ މުޖްތަމައުއަށް އަނބުރާ ނެރެވޭނެ ބައެކެވެ. އާންމު މުޖުތަމައުން އެމީހުން ބަލައިގަތުމަށް އެދޭ ޒުވާނުން ވެސް އޭގެ ތެރޭގައި އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ ގައިމު ވެސް އަޅުގަނޑު ބޭނުން އެމީހުން ގޭންގުތަކުން ސަލާމަތްވާން،" މަހްލޫފް ވިދާޅުވި އެވެ.

އެކަމަކު އަނެއްކޮޅުން ގޭންގުތަކުން ހިންގާ ޖަރީމާތަކުގެ ނުރައްކާ ވަރަށް ބޮޑު ކަމަށް ވެސް މަހްލޫފް ގަބޫލުކުރައްވަ އެވެ. އެގޮތުން އާންމު މީހެއްގެ ވިސްނުން ނުގެންދެވޭހާ ނުރައްކާ ދަރަޖައަކަށް ގޭންގުތަކުގެ މައްސަލަ ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

"ފުލުސް އިންޓެލިޖެންސުން ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓުގެ މީހުންނަށް ބްރީފް ކުރިއިރު އަޅުގަނޑު ހުރިން. ވަރަށް ސީރިއަސް ކަމެއްގެ ވާހަކަ އަޅުގަނޑު މި ދައްކަނީ. އެމީހުންނާ ވާހަކަ ދެއްކުމޭ މި ބުނަނީ ދައުލަތުގެ ދިދަ ފަހަތުގައި ޖަހައިގެން އެމީހުންނާ އެކީ ޕީސް ޓޯކަކަށް ދާ ވާހަކައެއް ނޫން. އަޅުގަނޑުމެން ދަންނަ މީހުން ވެސް އޭގެ ތެރޭގައި އެބަ ތިބި. އެއިން މީހެއްގެ ދަށުވެފައެއް ނޯންނާނެ،" މަހުލޫފް ވިދާޅުވި އެވެ.

ގޭންގު ކުށްތައް ހުއްޓުވައި ކުށުގެ މާހައުލުން ޒުވާނުން ސަލާމަތް ކުރެވޭނީ ދައުލަތުގެ ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް މިނިސްޓަރު ގަބޫލުކުރައްވަ އެވެ. އަދި އެ މައްސަލަ ހައްލުކުރަން ކޯޓުތައް ވެސް އިސްލާހު ކުރަން ޖެހޭކަން ފާހަގަކުރެއްވި އެވެ.

"ހުސްނުއްސުއޫދު ބުނެފައި އޮތް ވާހަކައަކީ ހަމަ ހަގީގީ ވާހަކައެއް. އެކަންކަން އެހެން ހިނގާފައި ހުރި ކަމީ މިކަންތައް މިހާ ހިސާބަށް ދިއުމުގެ ސަބަބެއް އަސްލު،" ގޭންގުތަކާއި ފަނޑިޔާރުންނާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ސުއޫދު ދެއްކެވި ވާހަކައަށް ބާރު ދެއްވަމުން މަހުލޫފް ވިދާޅުވި އެވެ.

"އެކަން ނިމުމަކަށް އަންނަން ޖެހޭ. ކޯޓުތަކަކީ ގޭންގުތަކުން ހިންގާ ގޯސް ކަންކަން ކޮށްފައި ސަލާމަތްވާން އޮތް ތަނަކަށް ވެއްޖެ ނަމަ ދުވަހަކު ވެސް މިކަމެއް ނުނިމޭނެ."

އެހެންކަމުން ޔޫތު މިނިސްޓަރުގެ ގޮނޑީގައި އިންނެވުމަކީ، މީގެ 18 އަހަރު ކުރިން، އޭރުގެ ޔޫތު މިނިސްޓްރީ އުފުލި ޒިންމާއަށް ވުރެ މާ ބޮޑު ޒިންމާއެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އަދި އެކަމަށް މަހުލޫފް ހުންނެވީ ތައްޔާރުވެގެންނެވެ.