ވަކިން ވާދަކުރުން ނޫން ގޮތެއް ނެތް!

ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި 86 ދާއިރާއަކަށް ވާދަކުރަން ނިންމައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ކެންޑިޑޭޓުންގެ ފޯމުތައް ހުށަހެޅީ އެވެ. ޖުމްހޫރީ ޕާޓީން 36 ދާއިރާއަކަށް ކުރިމަތިލާން ނިންމައި، ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލު ކުރިއިރު، އިތުރު ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމުގެ ބާރު ޖުމްހޫރީ ޕާޓީން ދިނީ މަޖިލީހުގެ ރައީސް އަދި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަތަށެވެ.


މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން 24 ދާއިރާއަކަށް ވާދަކުރަން ނިންމައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު ޓިކެޓު ދެނީ އެވެ. އަދާލަތު ޕާޓީން 13 ދާއިރާއަކަށް ވާދަކުރަން ނިންމައި ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލުކުރަން އޮތީ ތައްޔާރަށެވެ.

މިއީ ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް، އެކުލަވާލި ކޯލިޝަނަށް ނިސްބަތްވާ ފަރާތްތަކުން އަންނަ އޭޕްރީލް 6 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ކުރިއަށްދާން މިހާތަނަށް ނިންމި ގޮތްތަކެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީ ކެންޑިޑޭޓުންގެ ފޯމްތައް ލާން ވަޑައިގަންނަވަނީ --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަޖިލިހުގެ އިންތިޚާބަށް ދެ މަސް ދުވަހަށް ވީއިރު، ފެނުނު ހަގީގަތަކީ ކޯލިޝަން ތެރޭގައި ދެބަސްވުން އުފެދުނު ބޮޑު ސަބަބަކީ މަޖިލިސް އިންތިހާބުގައި 86 ދާއިރާއަކަށް ވާދަކުރަން އެމްޑީޕީން ނިންމުމެވެ. އެއީ ކޯލިޝަންގެ އެހެން ޕާޓީތަކަށް "ތަހަންމަލު" ކުރެވުނު ކަމެއް ނޫނެވެ.

ސަރުކާރުގައި ޕާޓީތައް ހިއްސާވާ ނިސްބަތަށް މަޖިލީހުގެ ގޮނޑިތައް ބަހާލަން ޖުމްހޫރީ ޕާޓީން ބޭނުންވި އިރު، އެމްޑީޕީން ތިބީކީ ދޫދޭ ގޮތަކަށް ނޫނެވެ. ދާއިރާތައް ޕާޓީތަކަށް ބަހާލުމުގެ ބަދަލުގައި އެމްޑީޕީން ނުކުމެ، މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯދުމަކީ އެ ޕާޓީން މިހާރު ވެސް ދެކޭ ހުވަފެނެވެ.

ޕާޓީތައް ހިއްސާވާ ނިސްބަތަށް މަޖިލީހުގެ ގޮނޑިތައް ބަހާލުމުން އެމްޑީޕީ އަށް ލިބެނީ 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި މައުމޫނަށް 17 ދާއިރާ އެވެ. އެކަމަކު ހަގީގަތަކީ އަދާލަތު ޕާޓީ ފިޔަވައި އެހެން ޕާޓީތަކުން މިއަށް ވުރެ ގިނަ ދާއިރާތަކަށް ވާދަކުރަން ނިންމާފައިވުމެވެ.

މަޖިލިހުގެ އިންތިޚާބުގައި ސަރުކާރުގެ ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި ގޮނޑިތައް ބަހާނެ ގޮތަކާ މެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައި ވަނިކޮށް، އެ ކޯލިޝަންގައި ހިމެނޭ އެެމްޑީޕީ އާއި އަދާލަތު ޕާޓީން ކުއްލި މަޝްވަރާތަކެއް ފެށިތާ ދެ ތިން ދުވަސް ނުވަނީސް، އެމްޑީޕީން ވަނީ 86 ދާއިރާއަށް ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ.

އަދާލަތު ޕާޓީ އާއި އެމްޑީޕީން ބޭއްވި މަޝްވަރާއަށް ފަހު: އިންތިހާބުގައި އަދާލަތަށް އެމްޑީޕީން ގޮނޑިއެއް ދޫކުރުމާ މެދު ޝައްކު -- ފޮޓޯ: އެމްޑީޕީ

އެއާއެކު އެމްޑީޕީ އާއި އަދާލަތު ޕާޓީގެ މަޝްވަރާތައް ކާމިޔާބުނުވާނެކަން މިހާރު މި އޮތީ ފެންނާށެވެ. އެކުގައި ޕާޓީތަކުން ވާދަކުރުމުގެ އުންމީދެއް ވެސް ނެތެވެ.

"ޓިކެޓު ދޫކޮށްލުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ"

އަދާލަތުން އެމްޑީޕީއާ ވާހަކަ ދެއްކުމުން، ބައެއް މީހުންނަށް ހީކުރެވުނީ ވައިކަރަދޫ ދާއިރާ އާއި މަކުނުދޫ ދާއިރާ މިލަންދޫ ދާއިރާ އާއި ކާށިދޫ ދާއިރާ އާއި މަހިބަދޫ ދާއިރާގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާ އަދާލަތަށް ދޫކޮށްލަން އެމްޑީޕީން އެންމެ ފަހު ވަގުތު ނިންމާނެ ކަމަށެވެ.

އެކަމަކު އެމްޑީޕީގެ ޓިކެޓުތައް ދޫކޮށްލަން ކެންޑިޑޭޓުން ދެކޮޅެވެ. ސަބަބަކީ، ޕްރައިމަރީ ކާމިޔާބު ކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައި ވުމާއި މަޖިލިހުގެ އިންތިހާބަށް ކެމްޕެއިންގެ އަމަލީ މަސައްކަތްތައް ވެސް ފަށާފައިވުމެވެ. އެ ކެންޑިޑޭޓުންގެ ނަޒަރުގައި ޓިކެޓު ދޫކޮށްލުމަކީ އެއީ އެ މީހުންނަށް ވެސް ލިބޭނެ ފޫނުބެއްދޭ ވަރުގެ ގެއްލުމެކެވެ.

އަދާލަތުން ދޫކޮށްލަން އެދުނު ހަ ދާއިރާގެ ތެރެއިން އެއް ދާއިރާގެ އެމްޑީޕީގެ ޓިކެޓު ކަށަވަރު ކުރި ކެންޑިޑޭޓަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ޕްރައިމަރީއަކުން ކެންޑިޑޭޓުން ކަނޑައަޅާފައި އޮއްވައި، ޓިކެޓު ދޫކޮށްލަން ޖެހުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށެވެ. އެކަމަކު، އޭނާ ވިދާޅުވި ގޮތުގައި ގައުމަށް އެންމެ ފައިދާ ބޮޑީ ޓިކެޓު ދޫކޮށްލުން ކަމަށްވާ ނަމަ، އެގޮތަށް ކަން ކުރުމަކީ ނެތް ކަމެއް ވެސް ނޫނެވެ.

"އެމްޑީޕީ ތެރޭގައި އޮތީ ދެ ވިސްނުމެއް. ޓިކެޓު ދޫކޮށްލަން ބޭނުންވާ މީހުންނާއި ދޫކުރަން ބޭނުންނުވާ މީހުން އެބަ ތިބި. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި ގޮތެއް ކަނޑައެޅުމުގައި ވަގުތު ނެތީ. އެއީ ދާއިރާގެ ރައްޔިތުންނާ ވާހަކަ ދައްކައިގެން ގޮތެއް ނިންމުމުގައި ވެސް ވަގުތު ނެތީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ ހަ ކެންޑިޑޭޓުންނާ ހެދި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނުލިބި ސަރުކާރަށް ލޮޅުން އަރަން ބޭނުންނުވާ ކަމަށެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުން ގޮތެއް ނިންމައިފި ނަމަ، އެގޮތަށް އަމަލު ކުރަން ކެންޑިޑޭޓުންނަށް މަޖުބޫރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޓިކެޓު ދޫކޮށްލުން އޮތީ ކެންޑިޑޭޓުންގެ އަތްމަތީގައި"

އަދާލަތު ޕާޓީއާ އެކު ކުރިއަށް ދިޔަ މަޝްވަރާތަކުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅެއް ކަމަށްވާ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒްގެ ނަޒަރުގައި ދާއިރާތައް ދޫކޮށްލުމުގެ ހުރިހާ ބާރެއް މިހާރު އޮތީ ކެންޑިޑޭޓުންނަށެވެ. އެކަމުގައި ލީޑަޝިޕަށް ކުރެވޭނެ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކެންޑިޑޭޓުންނާ މަޝްވަރާކޮށްގެން އެމީހުންގެ ރުހުން ހޯދަން ޖެހޭނީ. ކެންޑިޑޭޓުން އެކަންޏެއް ނޫން، ކެމްޕެއިން ޓީމުގެ ރުހުން ވެސް ހޯދަން ޖެހޭ،" ނިޔާޒް ވިދާޅުވި އެވެ.

އެމްޑީޕީން އިންތިހާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުން ފޯމު ހުށައަޅަން ގޮސް --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވީ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ފޯރި ވަރަށް ބޮޑަށް ހިފާފައި ވާއިރު، އޭރު ނުވި ހައްލެއް މިހާރު ވެދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް މިކަމުގައި އިތުރު ނިންމުމެއް ނިންމާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އޭރުގައި ވިސްނިފައި އޮތީ ކެންޑިޑޭޓުން ކަނޑައަޅާފައި މަޝްވަރާތައް ބޭއްވި ނަމަ، ފަސޭހަ ވެދާނެއޭ ގޮތެއް ނިންމަން. އެކަމަކު، އެންމެ ފަހުން އެހެން ވެސް ނުވީ. އަޅުގަނޑު އަމިއްލަ ހިޔާލުގައި ގަބޫލެއް ނުކުރަން، ގައުމީ މަޖިލީހުން މިކަމުގައި ދެން ގޮތެއް ނިންމަން ޖެހޭނެ ކަމަކަށް،" އަދާލަތު ޕާޓީ އަށް ހަ ދާއިރާ ދޫކޮށްލަން ތާއީދު ނުކުރައްވާ ކަން ހާމަކުރައްވައި ނިޔާޒް ވިދާޅުވި އެވެ.

"އެކީގައި ވާދަކުރުމުގެ ފުރުސަތު ހަނިވާތީ ކަންބޮޑުވޭ"

ނަމަވެސް އަދާލަތު ޕާޓީގެ ވިސްނުން މިކަމުގައި ވަރަށް ބޮޑަށް ތަފާތެވެ. ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުގައްރިރު އަލީ ނަޒީރު ވިދާޅުވީ އެމްޑީޕީން 86 ދާއިރާ އަށް ވާދަކުރަން ހުށަހެޅުމަކީ ދެ ޕާޓީ އެކުގައި މަސައްކަތް ކުރުމުގެ ދޮރު އެއްކޮށް ބަންދުވުމެއް ނޫނެވެ.

"އެކަމަކު [އެކީގައި ވާދަކުރުމުގެ] ފުރުސަތު ހަނިވަމުންދާ ކަމީ ކަންބޮޑުވާ ކަމެއް،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ފ. ނިލަންދޫ ދާއިރާ ފިޔަވައި ދެން ހުރިހާ ދާއިރާތަކަށް ވާދަކުރަން ފޯމް ހުށަހެޅި ނަމަވެސް ވާހަކަތައް ކުރިއަށް ދާނެ ކަމަށެވެ. އަދި އަދާލަތު ޕާޓީން އިންތިޒާރު ކުރަނީ އެމްޑީޕީން ރަސްމީކޮށް މުއާމަލާތް ކުރާނެ އިރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ނިންމުމާ މެދު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ އެއް ބަޔަކަށް ވާނީ އިދިކޮޅު ޕީޕީއެމާއި އެ ޕާޓީއާ ގުޅިފައިވާ ފަރާތްތަކެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެމްޑީޕީގެ ނިންމުމުން އެއީ މަކަރުވެރި ބައެއް ކަން އިތުރަށް ހާމަވެގެން ހިނގައްޖެ އެވެ. އަދި އެއީ ގުޅިފައިވާ ސިޔާސީ އެހެން ޕާޓީތަކަށް "ހަރާންކޯރުވުން" ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ އެމްޑީޕީން އެންމެ ދާއިރާއަކަށް ފިޔަވައި ހުރިހާ ދާއިރާތަކަށް ވާދަކުރަން ފޯމް ހުށަހެޅުމަކީ "ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ ނުރައްކާތެރި ޖަރީމާއެއް" ކަމަށެވެ. އަދި ގުޅިގެން ވެރިކަމަށް އައިމަ، އެމްޑީޕީން ގަދަ ހަދައި، އެހެން ޕާޓީތަކަށް ހިޔާނާތްތެރިވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީއަކީ ދައްކާ ވާހަކަ އާއި އަމަލަކާ ދިމާވާ ބައެއް ނޫން. އެއްބަސްވުމެއް ހަދައިގެން ވެސް އެއާ އެއްގޮތަށް އަމަލުކުރާ ބައެއް ނޫން އެމްޑީޕީއަކީ. އަޅުގަނޑު މިހެން މި ދެންނެވީ ސިޔާސީ މަސްރަހުގައި ވޭތުވެދިޔަ 14 އަހަރުގެ ތަޖުރިބާގެ އަލީގައި،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދާލަތު ޕާޓީ އަކީ އެކަނި ނުކުމެ ގިނަ ގޮނޑިތަކެއް ހޯދޭ ފެންވަރުގެ ބައެއް ނޫން ކަމުން އެންމެ ފަހުން، އަދާލަތަށް ގޮނޑި ހޯދައި ދޭން ޖެހޭނީ ވެސް ގާސިމަށް ކަމަށެވެ. އެހެންވެ، ދިވެހިން މިއަދު ތިބީ ގާސިމް ނިންމަވާނެ ނިންމެވުމަކަށް ކެތް މަދުވެފައި ކަމަށް ވިދާޅުވި އެވެ.

"މިހާރު އޮތް ހާލަތުގައި ގާސިމާއި [ކުރީގެ ރައީސް] އަބްދުﷲ ޔާމީން އެކީގައި ގައުމީ މަސައްކަތެއް ކުރައްވައި، މަޖިލިސް ރައްޔިތުންނަށް ހޯދައި ދޭން ޖެހޭ. މި މަސައްކަތުގައި މިހާރު އެންމެ މުހިންމު ކަމަކަށް ދެކެން ބޭނުންވަނީ ޔާމީނާއި ގާސިމް އެއް މޭޒު ދޮށަކަށް އައުން،" ނިހާން ވިދާޅުވި އެވެ.

ކޮންމެ ގޮތެއް ވިޔަސް މަޖިލިހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން ވެސް ދެން ވާދަކުރުން ކައިރީ އެކަނި ނުކުމެ އެވެ. އެ ނޫން ގޮތެއް ނެތެވެ. އެހެންކަމުން މިއީ އަނެއްކާވެސް ފޯރިގަދަ އިންތިހާބަކަށް ވުމުގެ ފުރުސަތު ބޮޑެވެ.