ތިމާވެށީގެ ފެތުން: އެންމެ ފިޓީ އެންމެ ދޮށީ ފެތުންތެރިޔާ!

ގަދަ އޮޔާ ދެކޮޅަށް ކަނޑުގައި ފެތުމަކީ ވަރަށް ބުރަ ކަމެކެވެ. ނަމަވެސް މި ޓީމުން މިގޮތަށް ފަތާތާ މި ވަނީ ހަ ދުވަސް ވެފަ އެވެ. ވަރުބަލިކަމެއް ފޫހިކަމެއް ނެތި އެވެ. އެކި އުމުރާއި އެކި ފެންވަރުގެ އަށް ފެތުންތެރިންނެވެ. އެ އެންމެންގެ ތެރެއިން ވެސް އެންމެ "ފިޓް" ކަމަށް ފާހަގަކުރެވެނީ މި ޓީމުގައި ހުރި އެންމެ ދުވަސްވީ ފެތުންތެރިޔާ އެވެ. އުމުރުން 56 އަހަރުގެ އަންވަރު ހުސައިން (އެފްޑީއައި އަންވަރު) އެވެ.


"އަންވަރު މާ ބާރަށް ފަތަނީ. ބައެއް ފަހަރު އެބަ ޖެހޭ ހުއްޓުވަން ވެސް. އެންމެ ފިޓީ އަންވަރޭ ބުނެވިދާނެ،" މި ފެތުމުގައި އިސްކޮށް އުޅޭ އަދި ގާނޫނީ ވަކީލް ހުސައިން ޝަމީމް ބުންޏެވެ.

ސްވިޑަންގެ އޯޕަން ވޯޓާ ފެޑެރޭޝަންގެ ހެޑް ކޯޗް މީކޭލް ރޮސިއެން (މައިކް)އާ އެއްހަމައެއްގައި އަންވަރު ހިފަހައްޓާއިރު އެއީ މި ފެތުމުގައި އެންމެ ހިތްވަރުކުރާ އެއް ބައިވެރިޔާ އެވެ.

ތިމާވެށީގެ ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކަނޑު ހުރަސްކޮށް އެއް ރަށުން އަނެއް ރަށަށް ދިއުމަށް ބ. އަތޮޅުގައި މިހާރު ކުރިއަށްދާ، 43 ކިލޯ މީޓަރަށް ފެތުމުގެ ހަރަކާތް، "ސްވިމް މޯލްޑިވްސް ބާ ބީއާރް ކްރޯލް 2019"' މިއަދު ނިންމާނެ އެވެ. މި ފެތުރުމުގައި އަންވަރު ދައްކައިދެނީ އުމުރަކީ ކަސްރަތުގައި ފަހަތަށް ޖެހެން ޖެހޭ ސަބަބެއް ނޫންކަމެވެ. އުމުރާ އަޅާބަލާއިރު ރަނގަޅު ސިއްހަތަކާއި ބުންވަރެއް ލިބިފައިވާ އަންވަރު އޭގެ ސިއްރު ވެސް ކިޔައިދިނެވެ.

އަންވަރު (މ) އޭނާއާ އެކު ފަތާ ޓީމުގެ ބައެއް ބައިވެރިންނާ އެކު-- ފޮޓޯ: ސްވިމް މޯލްޑިވްސް

ފެތުމުގައި އުޅޭތާ 25 އަހަރު!

އދ. ދަނގެއްޗަށް އުފަން އަންވަރު، އެންމެ ޝައުގުވެރިވާ ކުޅިވަރަކީ ފެތުމެވެ. އޭނާ ފެތުމުގައި މެދުނުކެނޑި އުޅޭތާ މިހާރު 25 އަހަރު ވަނީ އެވެ. މޫދު ކުޅިވަރެއްގެ ގޮތުގައި އެންމެ ކުޑައިރު އޭނާ ފެށީ ރާޅާ އަޅާށެވެ. އެ ކަމަށް ބޭނުންކުރީ ނިދާ އެނދުގެ މަޅުގަނޑެވެ. އެކަން ހުއްޓުނީ މޫދަށް މަޅުގަނޑު ގެންދަން ގެއިން "މަނާ" ކުރި ހިސާބުނެވެ.

ދުވަސްކޮޅަކަށް މޫދާ ދުރުގައި އުޅެނިކޮށް އަނެއްކާވެސް އެ ދިމާއަށް ޝައުގުވެރިކަން ދަމައިގަތީ ރާއްޖެއަށް "މޫނުމަތި" (ސްނޯކްލިން މާސްކް) ތައާރަފުވުމުންނެވެ. ރައްޓެހި ކުދިބަޔަކާ އެކު މޫދަށް ދިޔަ ދުވަހަކު މޫނުމަތި އަޅައިގެން ފަޅުތެރެ ބަލައިލަން ލިބުނު ފުރުސަތު ވީ އަނެއްކާވެސް މޫދަށް ދާން ބޭނުންނުވި ސަބަބަކަށެވެ.

އެ ހިސާބުން އަނެއްކާވެސް މޫދަށް ދިއުން އާދަޔަކަށް ވި އެވެ. އަދި ފެތުމަކީ ކޮންމެ ދުވަހެއްގެ އާދަޔަކަށް ހެދި އެވެ. އެތަން ފެނިގެން އެހެން މީހުން ދިން ހިތްވަރާ އެކު ދިގު ފެތުމުގައި އަންވަރު ހުރީ ކެރިގެންނެވެ.

"ފަތަނިކޮށް ސްވިމިން ކޯޗަކަށް [ޒުނައިދު] ފެނިގެން ބުނީ ތިހާވަރަށް ފަތާއިރު ކީއްވެހޭ މުބާރާތެއްގައި ބައިވެރިނުވަނީ. ބައިވެރިވާށޭ. ޔަގީނުން ވެސް ފުލަކަށް ނުދާނޭ. އެ ހިސާބުން މުބާރާތްތަކުގައި ބައިވެރިވާން ފެށީ،" އަންވަރު ކިޔައިދިނެވެ.

ބ. އަތޮޅުގައި ކަނޑު ހުރަސްކޮށް ދިގު ފެތުން ފަތަމުން އަންނަ އަށް ބައިވެރިން-- ފޮޓޯ: ސްވިމް މޯލްޑިވްސް

ފެތުމުގެ ފުރަތަމަ މުބާރާތުގައި އޭނާ ބައިވެރިވީ 2003 ހިސާބުގަ އެވެ. އުމުރުން 41 އަހަރުގަ އެވެ. ދިގު ފެތުމުގެ އެ މުބާރާތުގައި އޭނާ ތިން ވަނަ ހޯދި އެވެ. އެއީ ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

"މެޑަލް އަޅުވާލީމަ އެވީ އުފަލުން އިތުރަށް މިކަން ކުރަން ބޭނުންވީ،" ރާއްޖޭގެ މަޝްހޫރު އެއް ފޮޓޯ ސްޓޫޑިއޯ އެފްޑީއައިގެ ޖެނެރަލް މެނޭޖަރަކަށް ހުރި އަންވަރު ބުންޏެވެ.

އޭގެ ފަހުން 10 ވަރަކަށް މުބާރާތުގައި ވަނީ ބައިވެރިވެފަ އެވެ. އަދި ތައިލެންޑްގެ ޕުކެޓުގައި ބޭއްވި ރޭހަކާއި ސްރީ ލަންކާގެ ހަމްބަންޓޯޓާގައި އޮތް ރޭހެއްގައި ރާއްޖެ ތަމްސީލުކުރި އެވެ.

ކޮންމެ ދުވަހެއްގެ ކަންކަން އަންވަރު ރާވާފައި އޮންނަނީ ފެތުމާ އެކު އެވެ. މަގުރިބް ނަމާދަށް ފަހު މާލެ ޓްރެކް ސަރަހައްދަށް ކޮންމެ ރެއަކުހެން ފަތަން ދެ އެވެ. އެގޮތުން ދުވާލަކު މަދުވެގެން އެއް ގަޑިއިރު ފަތަ އެވެ. ރާއްޖެއިން ބޭރަށް ދިޔަސް ޕޫލެއް އޮންނަ ހޮޓަލެއްގައި ހުންނަނީ ހަމަ އެ ބޭނުމުގަ އެވެ. ފެތުމުގެ އިތުރުން ދުވުމާއި ބައިސްކަލް ދުއްވުމަކީ ވެސް މިހާރު އަންވަރު ގަވައިދުން ކުރަމުން އަންނަ ކަންކަމެވެ.

އަންވަރު ފަތަން ތައްޔާރުވެގެން: އޭނާ ގެންދަނީ ޒުވާން ފެތުންތެރިންނާ އެއް ހަމައެއްގައި ހިފަހައްޓަމުން -- ފޮޓޯ: ސްވިމް މޯލްޑިވްސް

އޭނާ ބުނި ގޮތުގައި ފެތުމުން އޭނާގެ މުޅި ދުވަސް ތާޒާކޮށްދެ އެވެ.

"ހަވީރު އޮފީސް ނިންމާފައި ދެވޭއިރު ހުންނަނީ ވަރަށް ވަރުބަލިވެފައި. މަގްރިބު ނަމާދު ކޮށްގެން މޫދަށް އެރޭ ގޮތަށް ގިނަ ރޭރޭ ގެއަށް ދެވޭނީ ނުވައެއް ޖަހާއިރު. އޭރުން މީހާ ހުންނާނީ ވަރަށް ތާޒާވެފައި. އެކަން އެނގޭނެ ތަޖުރިބާ ކޮށްލީމަ،" އެހެން މީހުން ވެސް ފަތަން ހިތްވަރު ދެމުން އަންވަރު ބުންޏެވެ.

"ހަށިގަނޑުގެ ހުރިހާ ބަޔަކަށް އެންމެ ރަނގަޅު ފައިދާކުރާ ކަސްރަތަކީ ފެތުން. މިއީ ވަރަށް ހަރަދު ކުޑަކޮށް ކުރެވޭނެ ކަމެއް. އަނެއްކާ އަނިޔާވުން ވަރަށް ކުޑަ ކަމެއް މިއީ."

އަންވަރު ބުނި ގޮތުގައި ފަތަން ބިރު ގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. މާލޭގައި ސަރުކާރުން ސުވިމިން ޕޫލެއް އެޅުމުން ނޫނީ ނުފެތޭނެ ކަމަށް ބުނެ އެގޮތަށް ތިބުން "ހެޔޮނުވާނެ" ކަމަށް އޭނާ ދެކެ އެވެ. ރާއްޖޭގެ މި ރީތި ފަޅުތަކާއި މޫދަކީ، އަންވަރު ގަބޫލުކުރާ ގޮތުގައި، އެކަމަށް ހަމަ އެންމެ ރަނގަޅު ތަންތަނެވެ. އޭނާ އެހާ ފިޓުކޮށް އެ ހުންނަނީ އެ ފުރުސަތުގެ ބޭނުން ހިފާތީ އެވެ.