ތާރީޚީ ދިގު ފެތުން ނިންމަން ހިފައިފި

މިއަދު ހެނދުނު އިރު އެރުމާ އެކު، ބ. ކުޑަރިކިލު ބަނދަރު ސަރަހައްދަށް މީހުން ޖަމާވެ ތިބީ މިއަދުގެ ހާއްސަކަން އެނގޭތީ އެވެ. ދެ ޖިންސުގެ ކުދިބޮޑު އެތަކެއް ރައްޔިތުން ނުކުމެ ތިބީ ރެކޯޑެއް ހަދާ އަށް ފެތުންތެރިން މި ރަށުން ފުރާތީ އެވެ. މި ރަށުގެ މެހެމާންދާރީ އަށް ޝުކުރު އަދާ ކުރަމުން އެ އަށް ބައިވެރިން މޫދަށް ފޭބީ ވަރަށް ޖޯޝުގަ އެވެ. ކަނޑު ހުރަސްކޮށް މެދުކެނޑުމެއް ނެތި ފަތަމުން އަންނަތާ މިއަދަށް ހަފުތާއެއް ވެފައިވާއިރު މިއީ އިވެންޓް ނިންމައި އަށް ބައިވެރިން ރެކޯޑް ގާއިމު ކުރާ ދުވަހެވެ.


ކުޑަރިކިލުން އަނަންތަރާ ކިހާވަށް ރިސޯޓަށް ހެނދުނު 7:35 ން ފެށިގެން ފަތަމުން ގޮސް އެ މީހުން އެ ރިސޯޓުން ދެން ފަތާފައި ދާނީ އުނޑޫދޫ އަށެވެ. އެ ރަށުން ފުނަދު އަށް އަދި ހުޅުދު އަށް ފަތާފައި އަރައި ކުޑަކޮށް އަރާމުކޮށްލުމަށް ފަހު އެ ރަށުން ފަތާފައި ގޮސް އެރުމަށް ނިންމާފައި ވަނީ ގެމެންދު އަށެވެ. ގެމެންދޫން ދާނީ ބ. ކެންދު އަށެވެ. އެއީ މި އިވެންޓު ނިންމާ ރަށެވެ.

ފެތުމުގެ ފަހު ދުވަހުގެ ފެތުން ފެށުމަށް ފެތުންތެރިން މޫދުގައި-- ފޯޓޯ: އަހުމަދު ސާއިލް އަލީ/މިހާރު

"ސްވިމް މޯލްޑިވްސް ބާ ބީއާރް ކްރޯލް 2019"ގެ ދިގު ފެތުމުގެ އަށް ބައިވެރިންގެ ޓީމާ އެކު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސައިން ވެސް މިއަދު ވަކި ހިސާބަކަށް ފަތަން ވަނީ ނިންމަވައިފަ އެވެ. އެ ދެ ބޭފުޅުން ފަތަން ނިންމާފައިވަނީ ހުޅުދޫ އިން ގެމެންދޫ އަށެވެ.

ފެތުންތެރިންގެ ޓީމުގައި ހިމެނެނީ ހުއްޓުމެއް ނެތި 24 ގަޑިއިރު ދުވެގެން ރިކޯޑް ހެދި އާތިފް އަހުމަދާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އިތުރުން ފެތުންތެރިޔާ އަންވަރު ހުސައިން (އެފްޑީ އައި އަންވަރު) އާއި ޒުވާން ފެތުންތެރިޔާ އައިމިނަތު އަޒްކާ އަދި ސްވިޑެންގެ އޯޕަން ވޯޓާ ފެޑެރޭޝަންގެ ހެޑް ކޯޗް، މީކޭލް ރޮސިއެން (މައިކް) އެވެ.

ފަހު ދުވަހުގެ ފެތުމަށް ބައިވެރިން ތައްޔާރުވެ-- ފޮޓޯ: އަހުމަދު ސާއިލް އަލީ/މިހާރު

އޭގެ އިތުރުން ވެސް ރާއްޖޭގެ ތިން ފެތުންތެރިން ކަމަށްވާ އެމްއެންޑީއެފްގެ ޑައިވަރު އަހުމަދު މުޖްތަބާ މުހައްމަދު، ގައުމީ ޓީމުގެ ފެތުންތެރިޔާ ހުސައިން މުބާހް އަދި ކުރީގެ ގައުމީ ކޯޗު ފަރުހާން އިސްމާއިލް ވެސް ފަތަ އެވެ.

އަށް ބައިވެރިންގެ ޓީމުން މިއަދު 7.45 ކިލޯ މީޓަރު ފެތުމަށް ވަނީ ނިންމައިފަ އެވެ. ކަނޑު ހުރަސްކޮށް ރާއްޖޭގައި މިހާތަނަށް އެންމެ ދިގު ފެތުން ފަތާފައިވަނީ މި ޓީމުން އިއްޔެ އެވެ. އެއީ ބ. ކަމަދޫ އިން ކުޑަރިކިލި އަށް އަށް ކިލޯ މީޓަރެވެ.

މި އިވެންޓުގައި ފަތާފައި 23 ރަށަށް އަރާއިރު އެއީ ވެސް ރާއްޖޭގައި ރެކޯޑެކެވެ. މިހާތަނަށް ކަނޑު ހުރަސްކޮށް މިހާ ދިގުކޮށް ފަތައިފައެއް ނެތެވެ.

މިދިޔަ ހޮނިހިރު ދުވަހު އޭދަފުށިން ފެށި މި ހަރަކާތުގެ ބައިވެރިން މީހުން ދިރިއުޅޭ އަށް ރަށަށް ފަތާފައި އަރައި، އެ ރަށްރަށުގެ ކުޑަ ކުދިންނާއި އަންހެނުންނަށް ފަތަން ދަސްކޮށްދިނުމަށާއި ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭގޮތުން މައުލޫމާތު ދީފައި ވެ އެވެ.