ތެރަޕީ ނުލިބިގެން ޝަކުވާތައް ފުނިޖެހިފައި

ތެރަޕިސްޓުން މަދުވުމާއި ޕްރައިވެޓް ތަންތަނުން ޚިދުމަތްތައް ހޯދުމުގެ އަގު ބޮޑުވުމާއި މުހިއްމު ބައެއް ޚިދުމަތްތައް ރާއްޖެ އިން އެއްގޮތަކަށް ވެސް ލިބެން ނެތުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާއިލާތަކަށް އަބަދުވެސް ކުރިމަތިވެފައި އޮންނަ ގޮންޖެހުމެކެވެ. ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދިނުމަށް މި ސަރުކާރުން ސްކީމެއް ތައާރަފްކުރުމުން އެ ކަމުގެ މާލީ ބުރަ ފިލައިދިޔުމުގެ މަގު ވަނީ ފަހިވެފަ އެވެ. އެކަމަކު ތެރަޕީ ނުލިބިގެން ކުރާ ޝަކުވާތަކަށް އަދިވެސް ހުއްޓުމެއް ނާދެ އެވެ.


ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދިނުމުގެ ވައުދެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ހާސިލްކުރަން އަމާޒު ހިފައި ޖެންޑަ މިނިސްޓްރީން ވަނީ އެ ޚިދުމަތްތަކަށް އާސަންދަ ދޭ ޕްރޮގްރާމެއް ޖެނުއަރީ 1 އިން ފެށިގެން ތައާރަފްކޮށްފަ އެވެ. އެކަމަކު އޭގެ ދޮޅު މަސް ފަހުން ވެސް ބައެއް މީހުން އަންނަނީ ޚިދުމަތް ހޯދަން އުނދަގޫކަމުން، ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާސަންދަ ލިބުނަސް، މި ޚިދުމަތްތައް ހޯދުމަށް ބޮޑެތި ހުރަސްތަކެއް ހުރިކަން އެ ޝަކުވާތަކުން އެނގެ އެވެ.

"ޚާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް މި ރާއްޖެއަކުން ފަސޭހަ ގޮތަކަށް ޑޮކްޓަރަށް ދެއްކޭ ގޮތަކަށް ނޫން ކަންނޭނގެ އޮންނަނީ،" ފޭސްބުކްގައި ފާތިމަތު މުހައްމަދު ލުތުފީ ލިޔުނެވެ.

"ދަރިން ލިބުމަކީ ނިއުމަތެއް. ލިބުމުން ލޮލުގެ ކޮއެ ފަދައިން ބޮޑެތި ކުރަނީ ލޯބިވާތީ. އިންސާނީ ހައްގުތަކަށް ގޮވާލާ އިރު މިއީ ވެސް ހައްގު ނުލިބި ދާ ކުދިންތަކެއް."

ޝަކުވާތަކުން އެނގޭ ގޮތުގައި ބައެއް މީހުން އުޅެނީ ޚިދުމަތް ދޭނެ ތެރަޕިސްޓެއް ނުވަތަ އެޕޮއިންޓްމެންޓެއް ނުލިބިގެންނެވެ. އަނެއް ބައި މީހުންގެ ޝަކުވާއަކީ ކުއްޖާގެ ހާލަތަށް ރިއާޔަތްކޮށް ލުއިފަސޭހަ ގޮތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމްތަކެއް ހަމަޖެހިފައި ނެތުމެވެ.

ސަރުކާރުން އިންޝުއަރެންސް ސްކީމް ތައާރަފްކޮށްފައި ވަނީ މިހާރު ވެސް އާސަންދަ ލިބޭ ތަންތަނުގެ އިތުރުން ތެރަޕިއުޓިކް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އާސަންދަ ކުންފުނީގައި ރަޖިސްޓްރީވާ ތަންތަނުން ވެސް ޚިދުމަތް ހިލޭ ލިބޭ ގޮތަށެވެ.

ޚިދުމަތް ދޭން އަލަށް ތަންތަން ރަޖިސްޓްރީކުރުމުގަ އާއި އެއީ ކޮން ތަންތަނެއްކަން އާއްމުންނަށް އެނގެން ވަގުތު ނަގަނީ ކަމަށް ވުން އެކަށީގެންވެ އެވެ.

ވާހަކަދެއްކުމާއި އަޑުއިވުމުގެ މައްސަލަތަކާއި ޑައުން ސިންޑްރޯމް އަދި އޯޓިޒަމް ފަދަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ގަވާއިދުން ތެރަޕީ ބޭނުންވާކަން ފާހަގަކޮށް ފޭސްބުކްގައި އައިޝަތު ޔަޝްފާ ލިޔެފައިވާ ގޮތުގައި ތެރަޕީތަކުގެ އަގު ބޮޑުކަމުން އާއިލާތައް ތިބީ އެހީތެރިކަމެއް ނުލިބިފަ އެވެ. އޯޓިޒަމް އެސޯސިއޭޝަނަށް ބަލާ ނަމަ، ތެރަޕީތަކަށް 3،000 ރުފިޔާގެ ފީއެއް ނަގާ އިރު އެހެން ބައެއް ތަންތަނުން ސެޝަނަކަށް 300-500 ރުފިޔާ ނަގާ ކަމަށާއި އައިޖީއެމްއެޗުގެ ތެރަޕިސްޓުންނަށް އެޕޮއިންޓްމެންޓް ތާވަލްކޮށްދިނަސް ފުރުސަތެއް ލިބެން ދެ މަސް ވެސް ނަގާފާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

"މިއީ އިންސާފެއް ނޫން،" ބުދަދުވަހު ލިޔެފައިވާ ޕޯސްޓުގައި ޔަޝްފާ ބުންޏެވެ.

"މި ކުދިންނަށް ވަރަށް ބޮޑަށް އެހީތެރިކަން ބޭނުންވޭ."

ޖެންޑަ މިނިސްޓްރީން ބުނާ ގޮތުގައި ތެރަޕިއުޓިކް ޚިދުމަތްތައް ހޯދުމުގައި މިހާރު ދަތިތައް ދިމާވެދާނެ އެއް ސަބަބަކީ އާސަންދަ ލިބެން ފެށުމާ ގުޅިގެން އެ ޚިދުމަތްތަކަށް ކުއްލިއަކަށް ޑިމާންޑް ބޮޑުވެފައި އޮތުމެވެ. އޭގެ އިތުރުން، އަލަށް ކަމެއް ތައާރަފްކުރާ އިރު މައްސަލަތަކެއް ދިމާވުން އެކަށީގެންވާކަން ވެސް، އެ މިނިސްޓްރީން ފާހަގަކުރެ އެވެ.

"ސްކީމް ލޯންޗުކުރިތާ އަދި މިވީ އެއް މަހާއި ދުވަސްކޮޅެއް. މީގައި އުނިވާ ކަންކަމަކީ ކޮބައިތޯ މިނިސްޓްރީން ބަލައި ކަންކަން ހައްލުކުރަން މަސައްކަތްކުރަމުން އަންނަނީ. އާސަންދަ އިން މި ޚިދުމަތްތައް ކަވަރުކުރަން ފެށީމަ ޑިމާންޑަށް ވެސް ކުއްލިއަކަށް ބޮޑު ބަދަލެއް އަތުވެއްޖެ،" ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އިބްރާހީމް މުހައްމަދު ވިދާޅުވި އެވެ.

ސްކީމް ތައާރަފްކުރަމުން ޖެންޑާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގައި ރަޖިސްޓްރީކޮށްފައިވާ، ނުކުޅެދުންތެރިކަން ހުންނަ ކުދިން/މީހުންނަށް "ތެރަޕިއުޓިކް ފަރުވާ ބޭނުންވާކަން އަންގައިދޭ ކަމާ ގުޅޭ ޚާއްސަ ޑޮކްޓަރެއްގެ ލިޔުމާއި އެފަދަ ތެރަޕިއުޓިކް ޚިދުމަތް ފޯރުކޮށްދޭ މަރުކަޒެއްގެ ކޯޓޭޝަންގެ އިތުރުން އެހީ އަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށް ފަހު އެ އެޖެންސީ [އެންސްޕާ] އަށް ހުށަހެޅުއްވުމުން، އެހީ ހަމަޖެހިގެންދާނެ އެވެ."

ސަރުކާރާއި ޕްރައިވެޓް ސެކްޓަރަށް ބެލިޔަސް މީހުންނާއި ޚިދުމަތްތައް މަދުކަމުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތެރަޕީތައް ނުލިބުމުގެ ހުސްކަން އިންތިހާ އަށް ބޮޑެވެ.

ފޭސްބުކް ޕޯސްޓަކުން ކަންބޮޑުވުން ފާޅުކުރި އެހެން މީހަކު ސުވާލުކޮށްފައި ވަނީ އޮކިއުޕޭޝަނަލް ތެރަޕީ ދޭނެ އެންމެ ޑޮކްޓަރަކު ހުރެގެން "އެ ދެވެނީ އެންމެ ފުރިހަމަ ފަރުވާތޯ" އެވެ.

"އެކި ކަހަލަ މައްސަލަތައް ހުންނަ ކުދިންނަށް ބޭނުންވާ ތެރަޕީ ދޭނެ ޑޮކްޓަރުން މަދުކަން ކަމާ ބެހޭ ވުޒާރާ އަށް ނޭނގޭތީތޯ؟ އެ ދާއިރާ އިން މީހުން ތަމްރީން ނުކުރަނީ ކީއްވެގެންތޯ؟" އޭނާ ފެބްރުއަރީ 15ގައި ލިޔެފައިވެ އެވެ.

ފާތިމަތު މުހައްމަދު ލުތުފީގެ ޕޯސްޓުގައި ސުވާލުކޮށްފައި ވަނީ "ފެންވަރުގެ ހޮސްޕިޓަލްތައް އެޅެމުންދާ އިރު"، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚިދުމަތް ދޭން ޚާއްސަ ހޮސްޕިޓަލެއް ރާއްޖޭގައި ނެތީ ކީއްވެގެންތޯ އެވެ.

"މާލީ ހާލަތު ނިޔާކުރާ ގޮތުން ކިހިނެއް [ކޮންމެ ފަހަރަކު] ފުރައިގެން ދާނީ؟" ފެބްރުއަރީ 12ގައި އޭނާ ލިޔެފައިވެ އެވެ.

"ރާއްޖޭގެ ކޮންމެ ރައީސެއް ވެސް ފުރަތަމަ 100 ދުވަސް ނުވަތަ ފުރަތަމަ ދައުރު ނިންމާލަމުން ފޮނި އަނގަ ތަޅާފައި ބުނާނެ ވަކި އުޖޫރައެއް ހަމަޖެއްސީމޭ. އެހީ ފޯރުކޮށްދިނީމޭ. އެ ކުދިންގެ އަސްލު ހަގީގީ ހައްގުތައް ކޮބާ؟"

ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިން ތަންތަނަށް ގެންގޮސްގެން ފަރުވާ ހޯދުމަކީ އުނދަގޫ ކަމެއްކަން ވެސް ފާތިމަތު ފާހަގަކޮށްފައިވެ އެވެ.

"ގޭގެ އަށް ގޮސް އެ ކުދިންނަށް ޑޮކްޓްރީ ފަރުވާ ދެވެން އަސްލު ޖެހޭނެ،" އޭނާ ލިޔެފައިވެ އެވެ.

"މިނިސްޓްރީ އަށް ގުޅައިގެން އެ ކަމަށް އެދުނީމަ، ލަދުގަންނަން ޖެހޭ ކަންނޭނގެ، އެ ހިދުމަތެއް އަދި ތައާރަފްވެފައެއް ނެތޭ [ބުނަން]."

ޖެންޑަ މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތެރަޕިއުޓިކް ޚިދުމަތްތަކާއި ޚިދުމަތް ދޭ މީހުން މަދުވުމުގެ މައްސަލަ އަށް އިތުރު ލުއިތައް ހޯދައިދޭން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"މި ހުރިހާ ކަމަކަށް ނިޒާމެއް ގާއިމްކުރަން ވަގުތު ބޭނުންވާނެ،" އިބްރާހީމް ވިދާޅުވި އެވެ.