އެންމެ ބޮޑެތި ވައުދުތަކަށް ހުރަސް އެޅިފައި!

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އޭރުގެ އިދިކޮޅުން އެންމެ ވަރުގައަަށް ވީ ވައުދަކީ ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ގެއްލިފައިވާ ދައުލަތުގެ ފައިސާ ހޯދައި އެފައިސާ ރައްޔިތުންނަށް ހަރަދު ކުރުމެވެ. އަނެއް ވައުދަކީ ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލި މައްސަލަތައް ބަލައި އިންސާފު ގާއިމްކޮށްދިނުމެވެ. ވައުދު ވެވަޑައިގެންނެވީ އެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ފެއްޓެވުމަށެވެ.


އޭރު ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލެއްވިޔަސް އިދިކޮޅު އަނެއް ހަތަރު ލީޑަރުންގެ ތާއީދާ އެކު ކުރިމަތިލެއްވި ބޭފުޅެކެވެ. އެހެންވީމާ އެމަނިކުފާނުގެ ރިޔާސީ ވައުދުތަކަކީ އެ ހަތަރު ލީޑަރުންގެ ފަރާތްޕުޅުން ވެވަޑައިގެންނެވި ވައުދުތަކެކެވެ.

ހަތަރު ލީޑަރުންނަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ. އެ ހަތަރު ބޭފުޅުންގެ ނަމާ އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އޭރު މުހާތަބު ކުރަމުން އައީ "ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް"ގެ ލަގަބުންނެވެ.

ރައީސް ވަނީ ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ފައްޓަވައިފަ އެވެ. ކޮރަޕްޝަނުގެ މައްސަލަތައް ބަލާ ކޮމިޝަނާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަންތައް އުފެއްދެވީ އެގޮތުންނެވެ.

ކޮމިޝަންތައް ހެދީ ކީއްވެ؟

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމުގެ މާ ކުރިއްސުރެ ވެސް ރާއްޖޭގެ މިނިވަން މުއްސަސާތަކާއި ޝަރުއީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު އޮތީ ކުޑަވެފަ އެވެ. ގެއްލިފައިވާ އެ އިތުބާރު ޔާމީންގެ ވެރިކަމުގައި އޮތީ އަަދި މާ ދަށް ފެންވަރަކަށް ވެއްޓިފަ އެވެ. ފުލުހުންނާއި އެހެން މުއައްސާތަކުން ކުރާ ތަހުގީގުތަކުގެ ނަތީޖާއާ މެދު މީހުން ދިޔައީ ސުވާލު އުފައްދަމުންނެވެ. ޔާމީންގެ ވެރިކަން ފެށުމުގެ ކުރިން ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާއަކީ މީގެ މިސާލެކެވެ. އަދި ޔާމީންގެ ވެރިކަމުގައި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި ހާދިސާއަކީ ދެވަނަ މިސާލެެވެ.

ފުރަތަމަ ހާދިސާގައި ފުލުހުން ވަނީ "ކުށްވެރިވާ" ބަޔަކު ހޯދައިފަ އެވެ. އެކަމަކު ޑރ. އަފްރާޝީމްގެ ގާތިލުގެ ގޮތުގައި މަރަން ހުކުމް ކޮށްފައިވާ ހުސެއިން ހުމާމް އެކަނި އެފަދަ ކަމެއް ރާވާލައިގެން ނުކުރެވޭނެ ކަމާއި އޭގެ ފަހަތުގައި ބަޔަކު ތިބޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ދެވަނަ ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލު ބޮޑުކަން، އެ މައްސަލައިގައި ތުހުމަތުވި ދެ މީހުން ކުށްވެރި ނުވެ ސަލާމަތްވުމުން އެނގެ އެވެ.

މިފަދަ އަނިޔާވެރި ހާދިސާތައް އަލުން ތަހުގީގުކުރަން ރިޔާސީ ކޮމިޝަން އުފެއްދެވީ، މިހާރު ރާއްޖޭގައި ގާއިމްވެފައިވާ މިނިވަން މުއައްސަސާތަކުގެ އަމަލްތަައް ކުރިން ހުރި ގޮތުން އިތުބާރެއް ނެތުމުންނެވެ.

ރާއްޖޭގައި ފަހުގެ ތާރީހެއްގައި ފަޅާއެރި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރްސީގެ މައްސަލައިގެ ރިޕޯޓް ނެރުނު އިރު އޭސީސީގެ ރައީސްގެ ތަހުގީގެއް އޮތީ ކުރަން ޖެހިފަ އެވެ. ކުރިން އެމްއެމްއޭގެ ގަވަރުނަރު ޑރ. އައިޝަތު އަޒީމާއާ މެދު ވެސް ސީރިއަސް ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

ގާސިމްގެ ވިސްނުންފުޅު ތަފާތު

ގާސިމް އިބްރާހިމް: ރިޔާސީ ކޮމިޝަންތަކުގެ ބިލް ގާނޫނުއަސާސީއާ ހިލާފު ކަމަށް ވިދާޅުވި --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އާއި ޖޭޕީއާ ދެމެދު އުފެދުނު އަރައިރުމާ އެކު ގާސިމް ބަދަލުކުރެއްވީ ސިޔާސީ ވިސްނުން އެކަންޏެއް ނޫނެވެ. ބައެއް މީހުން ބުނާ ގޮތުގައި ގައުމާ މެދުގައި ގެންގުޅުއްވާ "ގައުމީ ވިސްނުން" ވެސް މުޅިން ބަދަލުވެއްޖެއޭ ހީވާ ފަދަ ފަދަ ގޮތަކަށް އެމަނިކުފާނު ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.

ރިޔާސީ ކޮމިޝަންތައް މިހާރު ހިންގަން ސަރުކާރުން ބޭނުންވަނީ ގާނޫނެއްގެ ތެރެއިންނެވެ. އެކަމަށްޓަކައި މަޖިލިހަށް ވެއްދި ރިޔާސީ ކޮމިޝަންތަކުގެ ބިލް، ކޮމިޓީ މަރުހަލާގައި ކޮށާމަށާފައި ވިިޔަސް، ފާސްނުކޮށް އަލުން ވަނީ ކޮމިޓީއަށް ފޮނުވާލައިފަ އެވެ. މިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީން ކުށްވެރިކުރަނީ ގާސިމެވެ. އެކަމަކު ގާސިމް ގެންދަވަނީ ދިފާާއުގައި ވާހަކަދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވާ ގޮތުގައި ރިޔާސީ ކޮމިޝަންތަކަށް ދޭން އުޅެނީ، މިހާރު ހުރި މިނިވަން މުއައްސަސާތައް އޮތް ބާރުތަކެވެ. އެހެންވެ އެއީ އެހެން "ހުރހާ ތަނަކުން ކުރާ ކަންތައްތައް އެއްކޮށްފައި" ރިޔާސީ ކޮމިޝަނަށް އެ ބާރުތައް ދިނުން ކަމަށް ގާސިމް ވިދާޅުވެ އެވެ. އަދި އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ހުންނެވީ ގަބޫލުކުރައްވައިގެންނެވެ.

"ގާނޫނު އަސާސީގައި ވަކިވަކިން އެތަންތަނަށް [ބާރުތައް] ހަވާލުކޮށްފައި ހުރީ. ކީއްވެތޯ ފުލުސް އޮފީހަށް ހުރިހާ ކަމެއް ހަވާލުނުކުރީ؟ ކީއްވެތޯ އެންޓި ކޮރަޕްޝަނަށް ހުރިހާ ކަމެއް ހަވާލުނުކުރީ ގާނޫނުއަސާސީގައި؟ އެކަމަކު އެހެން ނަހައްދަވައި މި އެއްޗިހި ވަކިކޮށްފައި އެތަންތަނާ ހަވާލުކޮށްފައި ހުއްޓާ އެ ޑުޕްލިކޭޓްވާ ގޮތަށް ކިހިނެއްތޯ ހަދާނީ؟ އެއީ ގާނޫނުއަސާސީގެ ރޫހެއް ނޫން،" ބިލް ފާސްނުވެ، އެޖެންޑާ އިން ނެގި ސަބަބާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ދިފާއުގައި ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ގޮތުން ޕީއެޗު.ޑީ ހައްދަވާފައިވާ ޑރ. މުހަައްމަދު ޖަމީލް ވެސް ވަނީ ވާހަކަ ދައްކަވައިވަ އެވެ. އެމަނިކުފާނު ވިދާޅުވީ ރިޔާސީ ކޮމިޝަނުން ތަހުގީގުތައް ކުރުމަށް ވުރެ މިހާރު ހުރި މުއައްސަސާތައް ހަރުދަނާކޮށްފައި އެކަން ކުރުން މާ ރަނގަޅުވާނެ އެވެ.

އެކަމަކު މައްސަލައަކީ މިހާރު ހުރި ކޮމިޝަންތައް ބަދަލުކުރަން އެއްވެސް ބަޔަކު ނޫޅޭތީ އެވެ. މިސާލަކަށް ޔާމީންގެ ވެރިކަމުގައި ސިޔާސީ އިދިކޮޅު ލީޑަރުންނާ ދެކޮޅަށް ފުލުފުލުގައި ދައުވާ އުފުއްލެވި ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް އެ ހުންނެވީ އަދިވެސް މަގާމުގަ އެވެ. އޭނާގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހަށް ވެއްދި މައްސަލަ ވެސް ވަނީ އަނބުރާ ނަގައިފަ އެވެ. އޭގައި ވެސް ބައެއް މީހުން ގޯސްކުރަނީ ގާސިމެވެ.

މިހާރު މި އޮތީ ކެމްޕޭން ތެރޭގައި އެންމެ ބޮޑަށް ލީޑަރުން ވީ ވައުދުތައް ފަހަތަށް ޖެހޭ ގޮތް ވެފަ އެވެ. ކުރީގެ ރައީސް ޔާމީން ވެރިކަން ވެއްޓުމުގެ މައިގަނޑު އެއް ސަބަބަކީ ހިޔާނާތާއި އަނިޔާ އެވެ. ރައްޔިތުންގެ ގިނަ ބަޔަކު ވޯޓު ދިނީ އެ ދެ ކަންތައް ހަމަޔަކަށް އަޅުވާށެވެ. އެހެންކަމުން އެކަން ކުރެވެން އޮތީ ރިޔާސީ ކޮމިޝަންތަކަށް ބާރުތައް ދީގެން ކަމަށް ވާ ނަމަ އެއީ ކޯލިޝަންގެ ލީޑަރުން ކުރައްވަން ޖެހޭނެ ކަމެކެވެ. ނުވަތަ މިހާރު ހުރި މުއައްސަސާތައް ބަދަލުކޮށް، ހަރުދަނާކޮށްގެން އެކަން ކުރެވޭ ނަމަ، އެ މަގުން ވެސް ދާން ޖެހެ އެވެ. މައްސަލައަކީ އެ ދެ ގޮތުންކުރެ އެއް ގޮތެއް ވެސް ނުފެންނާތީ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވާ ގޮތުގައި ރައްޔިތުންގެ މަޖިލިސް މަސައްކަތް ކުރަނީ ވައުދުވީ ގޮތަކަށް ނޫނެވެ. އެއީ ގާސިމުގެ ރިޔާސަތަށް ރައީސް ކިއުއްވި ފާޑެއްކަމާ މެދު ޝައްކެއް ނެތެވެ. ހަމަ އެގޮތަށް ގާސިމް އެ ގެންދަވަނީ އެމަނިކާނު ހުންނެވި ގޮތް ދިފާއުކުރަައްވަމުންނެވެ.

ކޮންމެ ގޮތެއް ވިޔަސް އާ ސަރުކާރު އުފެއްދުމުގެ ފުރުސަތު ގިނަ ދިވެހިން ވޯޓު ލައިގެން ފަހިކޮށްދިނީ، މިނިވަން މުއައްސަސާތަކާއި ޝަރުއީ ނިޒާމް އިސްލާހުކޮށް، އަނިޔާ އާއި ކޮރަޕްޝަން ނައްތާލާށެވެ. ވަކި ބައެއްގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރަން އެކަންކަން ނުކުރެވޭ ނަމަ ވޯޓު ލާ ރައްޔިތުންނަށް ލިބޭނީ މާޔޫސްކަމެވެ.