ދީބާޖާގެ ފެށުމާއި ނިމުން: ހުސް ސުވާލު!

ދީބާޖާ އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކަށް ދައުލަތުން ބޮޑު ބަދަލެއް ދޭން މީގެ ހަތަރު އަހަރު ކުރިން ސިވިލް ކޯޓުން ކޮށްފައި އޮތް ހުކުމަކަށް ސުޕްރީމް ކޯޓުން ތާއީދުކޮށް އެ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާ ވެސް މި ވަނީ ފަށައިފަ އެވެ. އެ މީހަކަށް ގަބޫލުކުރެވޭ ގޮތެއްގެ މައްޗަށް ފާޑުކިޔުމާއި ތުހުމަތުކުރުން ނޫން ކަމެއް މިހާރު ނެތެވެ.


އެކަމަކު މިއީ، ދީބާޖާއާ މަސައްކަތް ހަވާލުކުރި ގޮތާއި ބަދަލުދޭން ޖެހުނު ސަބަބާއި ކަން ހިނގި ގޮތުގެ މާޒީ އެވެ.

ދީބާޖާ އިންވެސްޓްމަންޓް އައި ގޮތް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަސައްކަތް ހަވާލުކުރި އިރު، ދީބާޖާ އިންވެސްޓްމަންޓަކީ ރެޒޮނަންސް ޕްރައިވެޓް ލިމިޓެޑާއި ސްވެނިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓްވެންޗާއެކެވެ. މި ކުންފުންޏަށް ފެބުރުއަރީ 1، 2010 ގައި، 50 އަހަރަށް ހަވާލުކުރީ، ނ. ރ. ބ. އަދި ޅ. އަތޮޅު ހިމެނޭ އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށެވެ.

ފެރީގެ ހިދުމަތުގެ ބަދަލުގައި ދީބާޖާ އަށް ސަރުކާރުން ވަނީ ރ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކުޑަކުރަތުން 15 ހެކްޓަރުގެ ބިން ދީފަ އެވެ. މީގެ އިތުރުން، ފެރީގެ ހިދުމަތް ފަށަން ބޭނުންވާ ބައެއް ކަންކަން ފުރިހަމަކުރުމަށް އެއް މިލިއަން ރުފިޔާގެ ލޯނެއް، ގާތްގަނޑަކަށް ހަ ޕަސެންޓް އިންޓަރެސްޓްގައި ހަ އަހަރުން އަދާކުރާ ގޮތަށް ސަރުކާރުން ދޫކުރި ކަމަށް އޭރު މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް މި ލޯނު ދޭން ބުނި ގޮތަށް ކުޑަ އިންޓަރެސްޓްގައި ނުލިބުމުން ލޯނު ނުނަގާ ކަމަށް ކުންފުނިން ބުނެ އެވެ.

ޓޫރިޒަމް މިނިސްޓްރީީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ދީބާޖާ އަށް ކުޑަކުރަތު ހަވާލުކޮށްފައިވަނީ މެއި 5، 2010 ގަ އެވެ. އަދި އެ ރަށުގައި މިހާރު ވަނީ ކުޑަކުރަތު އައިލެންޑް ޕްރައިވެޓް ލިމިޓެޑުން ރިސޯޓެއް ހަދައިފަ އެވެ. މިއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އެ ރަށް ދީބާޖާގެ އަތުން އަތުލައި، އެހެން ބަޔަކަށް ދިނުމުން ހެދި ރިސޯޓެކެވެ.

ދީބާޖާގެ އެއްބަސްވުމުގައި ސޮއިކުރަނީ

މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި މިހާރުގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. ދީބާޖާގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ޝާހީން މުހައްމަދު (ރެޒޮނަންސް ޖާ) އެވެ.

އޭރު ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މެދު ޕްރޮވިންސާއި އުތުރު ޕްރޮވިންސްގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހުޅުވާލުމުން ކުރިމަތިލީ ޓްރައިނަންސް އާއި ވާމިލިއަން އަދި ރިޒޮނަންސް އާއި ސްވެނިއާ އިންވެސްޓްމަންޓް ކަމަށެވެ. ނަމަވެސް އުތުރު ޕްރޮވިންސް ހަވާލުކުރި ކުންފުންޏަކީ ފެރީގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެއް ނޫން ކަމަށް ވެސް އޭރު ބުނެފައިވެ އެވެ.

ވެރިކަން ބަދަލުވުމާއި އެއްބަސްވުން އުވާލުން

މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވެ ނަޝީދުގެ ނައިބު މުހައްމަދު ވަހީދު ވެރިކަމާ ހަވާލުވެވަޑައިގެން ހިސާބުން، އެކި ސަބަބުތައް ދައްކައި ވަރަށް ގިނަ އެއްބަސްވުންތައް އުވާލި އެވެ. ދީބާޖާގެ އެއްބަސްވުން އުވާލީ ދަތުރުފަތުރުގެ ހިދުމަތް ހުއްޓިފައިވާ ކަމަށް ބުނެ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނ، ރ، ބ، އަދި ޅ. އަތޮޅުގެ ކައުންސިލަރުންނާއި ދީބާޖާއާ އެކު މެއި 15، 2013 ގައި ފޯރަމެއް ބޭއްވުމަށް ފަހު އެވެ.

ހިދުމަތް ހުއްޓިފައިވާ ކަމަށް ބުނާ މައްސަލާގައި ބޭއްވި ފޯރަމުގައި އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމް ކުރިއަށް ދަނީ "ހަތަރެސްކަނަށް ކޮށާމަށާފައި ހުރި އުނގުރިއެއް ވަށް ލޯވަޅަކަށް ޖަހާފައި ހުރުމުން" ވާ ގޮތަށް ކަމަށެވެ. ދަތުރުފަތުރުގެ ނިޒާމަކީ ފައިދާ ހުރި ކަމަކަށް ވިޔަސް އެކަން ފަށާފައި ވަނީ އެކަމުގެ ފައިދާ އެންމެ އެކަށީގެންވާ ގޮތުގައި ލިބޭނެ އިންތިޒާމަކުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެއްބަސްވުން ބާތިލްކުރުން

މަޝްވަރާތަކަށް ފަހު ވެސް ފެރީީގެ ހިދުމަތް ނުފަށާ ކަމަށް ބުނެ، ދީބާޖާގެ އެއްބަސްވުން އުވާލަން ނިންމިކަން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރީ މެއި 30، 2013 ގަ އެވެ. އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަހުދީ އިމާދު ވިދާޅުވީ މެއި 26 ގައި ހިދުމަތް ފެށުމަށް ދީބާޖާ އަށް މުހުލަތެއް ދިން ނަމަވެސް ހިދުމަތް ފަށާފައި ނުވާ ކަމަށެވެ.

އެއްބަސްވުމާ އެއްގޮތަށް ފެރީގެ ހިދުމަތް ކުރިއަށް ނުގެން ގޮސް ހުރި އެހެން އަތޮޅުތަކުގެ ފެރީގެ އެއްބަސްވުންތައް ވެސް ބާތިލްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން އޭރު ބުންޏެވެ.

ބަދަލު ދޭން ހުކުމް ކުރުން

އެއްބަސްވުން ބާތިލްކުރުމުން ދީބާޖާ އިން ސިވިލް ކޯޓުގައި ދައުވާކޮށް ބޮޑު ބަދަލެއް ނަގައިދޭން އެދުނެވެ. ދީބާޖާ އަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދޭން ނޮވެމްބަރު 5، 2014 ގައި ކުރި ހުކުމުން އެނގޭ ގޮތުުގައި އެއްބަސްވުން އުވާލީ މެއި 29، 2013 ގަ އެވެ. ސަބަބަކީ އެއްބަސްވުމާ އެއްގޮތަށް ފެރީގެ ހިދުމަތް ނުދިނުމެވެ. ހަތަރު އަތޮޅުގެ ފެރީގެ ހިދުމަތް ނުލިބި މެދުކެނޑިފައި އޮތީ، ސިވިލް ކޯޓުގެ ހުކުމުގައި އޮތް ގޮތުން ނަމަ، ބ. ފުޅަދު އާއި ފެހެންދު އަށެވެ. އެކަން ޓްރާންސްޕޯޓްގެ ލިޔެކިޔުންތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.

ބަދަލުގެ ގޮތުގައި މި އަދަދު ކަނޑައެޅި ނަމަވެސް ދީބާޖާ އިން ހުށަހެޅި 2.4 ބިލިއަނަކީ ބައިނަލްއަގުވާމީ އޮޑިޓް ފާމަކުން ކަނޑައެޅި އަދަދެއް ކަމަށާއި މިއީ ކުރިން ދައުލަތަށް ހުށަހަޅައި ދައުލަތުން ވެސް ގަބޫލުކޮށްފައިވާ ހިސާބުތަކެއް ކަމަށް ދީބާޖާ އިން ބުނެފައިވެ އެވެ.

އެއްބަސްވުން ބާތިލްކުރެވޭނީ ވިދިވިދިގެން ފަސް ދުވަހު ހިދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި ކަމަށާއި އެފަދަ ހާލަތެއްގައި ވެސް އެއްބަސްވުން ބާތިލުކުރެވޭނީ ދައުލަތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކޮށްގެން ކަމަށް ވެސް ހުކުމުގައިވެ އެވެ. ހުކުމުގައި އޮތީ އެއްބަސްވުން އުވާލީ ހިދުމަތް މެދުކެނޑުނު ކަމަށް ބުނާ ދުވަހާ ޖެހިގެން އައި ދުވަހު ކަމަށާއި އެ ދެމެދުގައި ފަސް ދުވަސް ހޭދަވެފައި ނުވާ ކަމަށެވެ. އެހެންވެ އެއްބަސްވުން އުވާލީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ޝަރީއަތުން ކަނޑައެޅީ އެވެ.

މީގެ އިތުރުން ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުމުގައި އޮތް ގޮތަށް، ހިދުމަތް ދޭ ހަތަރު އަތޮޅުން 47 ހެކްޓަރުގެ ބިން ދޭން ޖެހޭ ކަމަށާއި އެ ބިންތައް ދީފައިވާ ކަމަށް ބުންޏަސް އެކަން ސާބިތުކޮށްދޭން ބިންތަކުގެ ރަޖިސްޓްރީ ޝަރީއަތަށް ހުށައެއް ނާޅަ އެވެ.

ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ނަގައިދޭން އެދުނު

ދީބާޖާ އިން ސިވިލް ކޯޓުގައި ދައުވާކުރީ ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ހޯދުމަށެވެ. ނަމަވެސް މި އަދަދު އެތައް ގުނައެއް ކުޑަކޮށް 348 މިލިއަނުގެ ގޮތުގައި ކަނޑައެޅީ "ވެއިޓެޑް އެވްރެޖް ކޯސްޓް އޮފް ކެޕިޓަލް" ގެ މައްޗަށް ބިނާކޮށް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އެއީ މުސްތަގުބަލުގައި ލިބޭނެ މާލީ މަންފާ ލަފާކޮށް ހިސާބުތައް ހެދުމުގައި ގެންގުޅޭ ބައިނަލްއަގުވާމީ މިންގަނޑެކެވެ. މި މިންގަނޑުން ބަލާއިރު އަހަރަކަށް ޖެހެނީ 6.9 މިލިއަން ރުފިޔާ އެވެ. އަދި މި އަދަދު އެއްބަސްވުމުގެ މުއްދަތު ކަމަށްވާ 50 އަހަރަށް ބެލުމުން ލިބޭނީ 348.9 މިލިއަން ރުފިޔާ އެވެ.

ބަދަލުގެ ގޮތުގައި މި އަދަދު ކަނޑައެޅި ނަމަވެސް ދީބާޖާ އިން ހުށަހެޅި 2.4 ބިލިއަނަކީ ބައިނަލްއަގުވާމީ އޮޑިޓް ފާމަކުން ކަނޑައެޅި އަދަދެއް ކަމަށާއި މިއީ ކުރިން ދައުލަތަށް ހުށަހަޅައި ދައުލަތުން ވެސް ގަބޫލުކޮށްފައިވާ ހިސާބުތަކެއް ކަމަށް ދީބާޖާ އިން ބުނެފައިވެ އެވެ.

ދީބާޖާ އަށް 348 މިލިއަން ރުފިޔާގެ ބަދަލު ދޭން ކުރި ހުކުމް ރަނގަޅު ކަމަށް ދައުލަތުން ނުދެކޭ ކަމަށާއި އެހެންވެ ވީ އެންމެ އަވަހަކަށް ހައި ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް އޭރުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވި އެވެ.

އިސްތިއުނާފު މަރުހަލާ

ހައި ކޯޓުގައި ކުރި އިސްތިއުނާފު ދައުލަތަށް ކާމިޔާބުވެ، ދީބާޖާ އަށް ބަދަލު ދޭން ނުޖެހޭނެ ކަމަށް ޖޫން 26، 2018 ގައި ހުކުމްކުރި އެވެ. ސަބަބެއް ކަމަށް ހުކުމުގައި ވަނީ ދެ ފަރާތެއްގެ ދެމެދުގައި އޮތް އެއްބަސްވުމެއް އުވާލުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ ގާނޫނާ ޚިލާފަށް އެ އެއްބަސްވުމެއް އުވާލިކަން ސާބިތު ކުރެވިގެން ކަމަށް ވުމެވެ. ނަމަވެސް ދީބާޖާއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކުރީ ގާނޫނާ ޚިލާފަށް ކަން ދީބާޖާ އަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ހައި ކޯޓުން ނިންމި އެވެ.

މިކަމުގެ އިތުރުން ދީބާޖާ އަށް ލިބުނު ކަމަށް އެ ކުންފުނިން ބުނާ ގެއްލުން ސާބިތު ކޮށްދެވިފައި ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.

ނަމަވެސް މި ހުކުމް މިދިޔަ މަހުގެ 17 ވަނަ ދުވަހު ސުޕްރީމް ކޯޓުން ބާތިލްކުރީ އެވެ. ސަބަބެއް ކަމަށް ބުނީ ދީބާޖާއާ އެއްކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށް ވުމެވެ. އަދި މުއްދަތު ހަމަވި ފަހުން އެ މައްސަލަ ހައި ކޯޓުން ބަލައިގަނެ މައުޟޫއީ ގޮތުން ބަލާފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ވެސް ސުޕްރީމް ކޯޓުން ނިންމި އެވެ.

ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު: ސުޕްރީމް ކޯޓުން ހުކުމް ރިވިއު އަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި. -- މިހާރު/ފައިލް ފޮޓޯ

ސުޕްރީމް ކޯޓުން ބުނީ އެ މައްސަލަ ދައުލަތުން ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅީ އިސްތިއުނާފް މުއްދަތު ހަމަވިތާ ދެ މަސް ފަހުން ކަމަށެވެ. އެ މުއްދަތު ހަމަވުމުގެ ކުރިން އެ މައްސަލަ އިސްތިއުނާފަށް ހުށަނޭޅުނީ ދަށު ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ލިބުން ލަސްވުމާއި އެ މައްސަލަ ހަވާލުކުރި ވަކީލުގެ އިހުމާލުން ކަމަށް ދައުލަތުން ބުންޏަސް މުއްދަތު ހަމަވުމުގެ އެއް މަސް ކުރިން ދަށު ކޯޓުން އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ދައުލަތަށް ދޫކޮށްފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. އެޓާނީ ޖެނަރަލްގެ ވަކީލަކު އިހުމާލުވި ކަމަށް ބުންޏަސް އެއިން ކޮންމެ ވަކީލަކު މަސައްކަތްކުރަނީ ސީދާ އެޓާނީ ޖެނެރަލްގެ ބެލުމުގެ ދަށުން ކަމަށާއި އެއީ އެޓާނީ ޖެނެރަލަށް ބާރު ނުފޯރާ ކަމެއް ނޫން ކަމަށް ވެސް ސުޕްރީމް ކޯޓުން ބުންޏެވެ.

މިހާރުގެ ހާލަތު

ސުޕްރީމް ކޯޓުން ސިވިލް ކޯޓުގެ ހުކުމް ދެމެހެއްޓުމާ އެކު މިހާރު ވަނީ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާ ސިވިލް ކޯޓުގައި ފަށައިފަ އެވެ. މިއީ ހުކުމް ތަންފީޒަށް މި މައްސަލާގައި ސިވިލް ކޯޓަށް ދިޔަ ދެ ވަނަ ފަހަރެވެ. ދައުލަތަށް ދިން ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ނުދެއްކުމުން ދީބާޖާ އިން ސިވިލް ކޯޓުގައި، ހުކުމް ތަންފީޒަށް ހުށަހެޅި އެވެ. ނަމަވެސް ތަންފީޒު މައްސަލަ ކުރިއަށް ދަނިކޮށް ހައި ކޯޓުގައި އިސްތިއުނާފު ފެށުމުން ޖޫން 15، 2015 ގައި އެ މައްސަލަ ސިވިލް ކޯޓުން ބާތިލްކުރީ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަށް ފަހު މިހާރު ކުރިއަށްދާ ހުކުމް ތަންފީޒު މަރުހަލާގައި ވެސް ދައުލަތުން އަންނަނީ ސުވާލުތައް އުފައްދަމުންނެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުން ރިވިއުކުރަން ހުށަހަޅުއްވާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ ވިދާޅުވެފަ އެވެ.

މިހާރު ދީބާޖާގެ މައްސަލަ މި އޮތީ ރައްޔިތުން ނަފުރަތުކުރާ ކަމެއްގެ ގޮތުގަ އެވެ. ދައުލަތުން އެހާ ބޮޑު ބަދަލެއް ދޭން ޖެހޭވަރުގެ އިންވެސްޓްމަންޓެއް ކޮށްފައި ނެތުމާ އެކު، ރައްޔިތުންނަށް ކޯޓުތަކުގެ އެ ހުކުމް ގަބޫލެއް ނުކުރެވެ އެވެ.