ފަތާ ޓްރެކް: ފުރަތަމަ ސަލާމަތްކުރަން ޖެހެނީ ނަޖިހުން!

މިދިޔަ މަހު ބޭއްވި އިންޓަ ސްކޫލް ސްވިމިން ފެސްޓިވަލްގައި ބައިވެރިވި އުމުރުން ހަތް އަހަރުގެ ފިރިހެން ކުއްޖަކު ވަނީ ބަލިވެފަ އެވެ. ފަތަން އުޅުމުގެ ތެރޭގައި ލޮނު ބޮމުގެ ސަބަބުން އެ ކުއްޖާގެ ކަރުތެރެ އާއި ކަންފަތް އިންފެކްޓްވީ އެވެ. އެންޓިބަޔޮޓިކް ދީގެން އެކުއްޖާއަށް ޑޮކްޓަރުން ފަރުވާ ދިންއިރު ޑޮކްޓަރުން ލަފާކުރާ ގޮތުގައި އެ މައްސަލަ ކުރިމަތިވީ ސްވިމިން ޓްރެކްގެ ލޮނުގަނޑުގެ ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުންނެވެ.


މިއީ އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކު މޫދަށް އެރޭ މާލޭ ފަތާ ޓްރެކް ސަރަހައްދުގެ ހާލެވެ. އެ ސަރަހައްދުގެ މޫދުން ނަޖިހާއި އެކި ބާވަތުގެ ކުނި ފެނުމަކީ އާއްމު ކަމެކެވެ. ކުޑަކުދިންނާއި ބޮޑެތި މީހުން ކޮންމެ ދުވަހަކު ފަތަން ޖެހެނީ އެ އެއްޗެހިތަކުގެ ތެރޭގަ އެވެ.

"ކޮންޑަމާއި ޕެޑް މިއީ ހަމަ އާއްމު އެއްޗެހި. ކޮންމެ ދުވަހަކުހެން ޓްރެކް ތެރެއިން އެ އެއްޗެހި ފެނޭ،" ގައުމީ ޓީމްގެ ފެތުންތެރިޔަކު، ނަން ނުޖަހަން އެދި ވާހަކަ ދައްކަމުން، ބުންޏެވެ.

ރާއްޖޭގެ މަޝްހޫރު އެތިލެޓިކްސް ކޯޗު ކުޑަހުސެން ފަތާއިރު ކައިރީގައި ކުނިބުނި

ކުނި ނުވަތަ ނަޖިސް މާ ގިނަވާ ދުވަސް ދުވަހު އެތަނަށް އެރެން ނުކެރި ފެތުންތެރިން ތިބެން ޖެހެ އެވެ. މިއީ ޓްރެއިނިންތަކަށާއި ކަސްރަތު ކުރުމަށް ފަތާ އެތައް ބަޔަކަށް ދިމާވެފައިވާ ބޮޑު ހުރަހެކެވެ.

"ފަތާއިރު އަނގަ ތެރެއަށް ކުނި އެބަ ވަދޭ. މިވަރުން މިކަން މިކުރަނީ،" އެ ފެތުންތެރިޔާ ބުންޏެވެ.

ހެނދުނުން ފެށިގެން ގޮސް ރޭގަނޑު ވަރަށް ލަސްވަންދެން ވެސް ޓްރެކް ސަރަހައްދުގައި ފަތާ ކުދިންނާއި މީހުން އުޅޭއިރު ގިނަ ދުވަސްދުވަހު އެތަނަށް ޖަމާވެފައިވާ ކުނިތައް ނަގަނީ ކޯޗުންނެވެ. ނަމަވެސް ނަޖިސް މާ ގިނަ ދުވަސް ދުވަހު އެ ތަކެތި ނެގުން އޮންނަނީ ދަތި ކަމަކަށް ވެފަ އެވެ.

ކޮން ތާކުން އަންނަ އެއްޗެހިތަކެއް؟

އެއް ބަޔަކު ބުނާގޮތުގައި ފަތާ ޓްރެކަށް ނަޖިސް އަންނަނީ އެތަނާ ޖެހިގެން އޮންނަ ލޯންޗް ފަހަރު އަޅާ ސަރަހައްދުންނެވެ. ޓްރެކާއި އެ ފަޅާ ދެމެދު ތޮށިގަނޑެއް ލާފައިވީ ނަމަވެސް ދިޔަ ވަރު ބޮޑު ދުވަސްދުވަހު އެތަނުގެ މަތިން ލޮނުގަނޑު އަރަ އެވެ. ލޯންޗް ފަހަރުގައި އުޅޭ މީހުން އެ ސަރަހައްދަށް ފާހާނާ ކުރުމާއި މޫދަށް ކުނި އެޅުމުން އެތަކެތި ޓްރެކަށް އަންނަނީ ކަމަށް އެއް ބަޔަކު ގަބޫލުކުރެ އެވެ.

އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ ޓްރެކް ކައިރީގައި ކުރާ ކަންކަމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ. އެކަމަކު ފަތާ ޓްރެކަށް ނަޖިހާއި ކުނި އަންނަ ސީދާ ސަބަބު ބެލިފައެއް ނެތެވެ.

މިދިޔަ އަހަރު ނަގާފައިވާ ފޮޓޯގައި އެ ފެންނަނީ ކުޑަކުދިންތަކެއް ފަތަން ދިޔައިރު ކުނިބުނިން މޫދު ތަޣައްޔަރުވެފައި ވަނިކޮށް. މިހާރު ވެސް ކުންޏާއި ނަޖިހުގެ މައްސަލަ ބޮޑު

އެތައް ކުދިންނަކަށް ފަތަން ދަސްކޮށްދެން އުޅޭ އަންހެން ކޯޗަކު ބުނިގޮތުގައި ފަތާ ޓްރެކް ތެރެ އާއި އެ ސަރަހައްދުގެ ބޭރުން ޖަހާފައި އޮންނަ ކަނޑު ތޮށިގަނޑުގެ ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގުމަކީ އާއްމުވެފައިވާ މައްސަލައެކެވެ. އެހެންކަމުން ޓްރެކް ތެރެއިން ފެންނަ ކޮންޑަމް ފަދަ އެއްޗިއްސަކީ ގެރިގާތަކުގެ ތެރެއަށް ވަދެ ބަދުއަހުލާގީ އަމަލް ހިންގާ މީހުން ބޭނުންކޮށް އުކާލާ ތަކެތި ކަމަށް އޭނާ ބުންޏެވެ.

މާ ދުރުން އޮއިވަރާ އެކު "އައިސް ވަންނަ އެއްޗެއް ނޫން އެއީ. ހެނދުނު ހެނދުނާ ވެސް އެކަން އޮވޭ. މެންދުރު ވެސް، ރޭގަނޑު ވެސް. މީހުން ތަރައްގީ ވާންވީ. އޭރުން މިކަހަލަ ކަންކަން ހުއްޓޭނީ،" އެ ކޯޗު ބުންޏެވެ.

އޭނާ ބުނިގޮތުގައި ޓްރެކް ތެރެއަށް އުކާލާފައި ހުންނަ ކޮންޑަމް ފަދަ ތަކެތި އަތުޖެހުމުން ބައެއް ކުޑަކުދިން އެ އެއްޗިއްސާ ކުޅެން ވެސް ތިބެ އެވެ.

"އެ ކުދިންނަކަށް ނޭނގޭނެތާ އެއީ ކޯޗެއް ކަމެއް. ފުއްޕާހަމެއް ކަމަށް ފުއްޕާ ވެސް ހަދާ،" އަންހެން ކޯޗު ބުންޏެވެ.

ހައްލަކަށް އެދިއެދި!

ގައުމީ ޓީމުގެ ފެތުންތެރިޔާ އަދި ފަތަންދަސްކޮށްދޭ ކޯޗް، ހުސައިން މުބާހް ބުނީ ޓްރެކްގެ ހާލަތު މިހާރު އޮތް ގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވެ އެވެ. އެހެންކަމުން ރަނގަޅު އިންތިޒާމުތަކެއްގެ ތެރެއިން ޓްރެކް ސަރަހައްދު ތަރައްގީ ކުރުމަކީ ބޮޑު އެދުމެއް ކަމަށް އޭނާ ބުންޏެވެ.

ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވި ގޮތުގައި އެކި މޫސުންތަކުގައި ޓްރެކް ތެރެއިން ނަޖިހާއި ކުނި ފެނުމުގެ މައްސަލައަށް ހައްލެއް ބޭނުންވެ އެވެ. ފަތާ ޓްރެކް ތަރައްގީ ކުރުމުގެ ޕްލޭނެއް ސަރުކާރުން އިއުލާން ކޮށްފައިވާއިރު ކުންޏާއި ނަޖިހުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން ސަރުކާރަކުން އަޅާލުނާވަރަށް މި ސަރުކާރުން ޓްރެކް ކަންތަކާ އެބަ އުޅޭ. އެހެންވީމަ ކުނީގެ މައްސަލައަށް ވެސް ހައްލު ލިބޭނެ ކަމަށް އުއްމީދުކުރަނީ،" އިސްމާއިލް ވިދާޅުވި އެވެ.

ޓްރެކް ތެރޭގައި ހުރި ކުނިބުނިތައް ނަގަން ކޯޗަކު ހަރަކާތްތެރިވަނީ

ސަރުކާރުން ނިންމާފައިވަނީ ސްވިމިން ޓްރެކް ސަރަހައްދުގައި ސިޑިބަރިއަކާއި ފާހާނާތަކާ އެކު ފެންވަރާ ތަނެއް ވެސް ހެދުމަށެވެ. އެ ސަރަހައްދު އޮންނާނެ ގޮތުގެ ޕްލޭން ވެސް މިހާރު ވަނީ ހަދައިފަ އެވެ. އަދި އެ މަސައްކަތްކޮށްދެނެ ބަޔަކު ހޯދަން މި ފަހުން އިއުލާން ވެސް ކުރި އެވެ.

އެނގިފައިވާ ގޮތުގައި ސްވިމިން ޓްރެކް ސަރަހައްދު ތަރައްގީ ކުރާއިރު، ޔޫތު މިނިސްޓްރީގެ ނިންމުމަކީ، އެތަން ގަވާއިދުން ސާފުކުރަން ބަޔަކާ ވެސް ހަވާލުކުރުމެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އަދި މާ ގިނަ މައުލޫމާތެއް ލިބޭ ގޮތެއް ނުވެ އެވެ.

ސްވިމިން ޓްރެކަށް ސަރުކާރުން ބޮޑު ހޭދައެއް ކުރަން ތައްޔާރުވިއިރު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ އެ ތަނަށް ދިމާވެފައިވާ ކުނީގެ މައްސަލައަށެވެ. ޓްރެކްގައި ފަތައިގެން ކުއްޖަކަށް އިންފެކްޝަނެއް ކުރިމަތިވި ކަމަށް ޑޮކްޓަރުން ލަފާކުރާ ނަމަ އެއީ ނުރައްކަލުގެ ރަނގަބީލެކެވެ.