ރާއްޖެ ޕްލާސްޓިކާ ދެކޮޅަށް، ފައިދާ ބޮޑު އިސްނެގުމެއް

ބީއްސާލާ ރާޅާ އެކު ޕްލާސްޓިކެވެ. ހުދުވެލީގެ ގޮނޑުދޮށްތައް ގޮނޑުކޮށްފި އެވެ. ވަލާ ފަދަ ދިރުންތަކުގައި ޕްލާސްޓިކް އޮޅި ނުވަތަ ކެވިގެން ގެއްލުން ވެއްޖެ އެވެ. މިހާރު ރާއްޖޭގެ ހާލަތަށް ބަލާއިރު ކަނޑާއި މޫދަށް ޕްލާސްޓިކާއި އެހެނިހެން ކުނި އެޅުން މިވަނީ ވަރަށް އާއްމުވެފަ އެވެ. ގުދުރަތީ ރީތީކަމަށް މުޅި ދުނިޔެއަށް މަޝްހޫރު ވެފައިވާ މިރާއްޖޭގެ ރީތިކަމުގެ ހަތުރަކަށް ޕްލާސްޓިކް ވެއްޖެ އެވެ.


ޕްލާސްޓިކާ ދެކޮޅަށް މުޅި ދުނިޔެ މަސައްކަތް ފަށާފައިވާއިރު އެކަމުގެ ނަމޫނާ ދައްކަން ޖެހޭ ފުރަތަމަ ގައުމަކަށް ރާއްޖެ ވާން ޖެހެ އެވެ. އެއީ ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައި މުޅި ދުނިޔެއަށް އިސްތިހާރުކޮށް އެކަމުން އެންމެ ބޮޑު ނަފާ ހޯދާ އެއް ގައުމު ކަމަށް ވާތީ އެވެ.

ރާއްޖެ ޕްލާސްޓިކާ ދެކޮޅަށް

ޕްލާސްޓިކާ ދެކޮޅަށް ރާއްޖޭގައި ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ޕްލާސްޓިކްގެ ބާވަތްތައް 2025 އިން ފެށިގެން ބޭނުންކުރުން މަނާކުރަން ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުންގެ އިއްތިފާގުން އިއްޔެ ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. ގަރާރުގައި ވަނީ އެއް ފަހަރު ބޭނުންކޮށްފައި އެއްލައިލާ ޕްލާސްޓިކް ފުޅި އާއި ޕްލާސްޓިކް ހޮޅި ވިޔަފާރިތަކުގައި ބޭނުން ކުރުން ހުއްޓުވުމަށް ބާރު އެޅުމަށެވެ. އަދި އެފަދަ ބާވަތްތައް ބޭނުން ކުރުން ހުއްޓުވަން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަން ވެސް ގޮވާލާފައިވެ އެވެ.

ރީސައިކަލް ކުރުމަށް ޕްލާސްޓިކް އެއްކުރުމުގެ ގޮތުން ޕާލޭ އިން ބަހައްޓާފައި ހުރި ގޯންޔަކަށް މީހަކު ޕްލާސްޓިކް ކުނި އަޅަނީ -- ފޮޓޯ: ހުސައިން ވަހީދު

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް އަންނަ އަހަރުން ފެށިގެން އައްޑޫގައި ބޭނުންކުރުން ހުއްޓާލުމުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ވަނީ ފަށައިފަ އެވެ. ހަތް ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރި ގަރާރާގައި ބުނީ ޖޫން، 5، 2020 އިން ފެށިގެން އައްޑުއަކީ ސިންގަލް-ޔޫޒް ޕްލާސްޓިކް ބޭނުން ނުކުރާ ސިޓީއަކަށް ހަދަން ނިންމާފައިވާ ކަމަށެވެ. މިއީ ޕްލާސްޓިކާ ދެކޮޅަށް އަޅަން ނިންމި ފާހަގަކޮށްލެވޭ ފިޔަވަޅެކެވެ.

މީގެ އިތުރުން އެއް ފަހަރު ބޭނުންކޮށްފައި އެއްލައިލާ ޕްލާސްޓިކް ފުޅި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަދުކުރަމުން ގޮސް 2024 ގެ ނިޔަލަށް ފުޅި ރާއްޖެ އިން މަނާކުރަން، މަޖިލިހުގެ ގަރާރުގައި އެދުނެވެ. އަދި ޕްލާސްޓިކް ހޮޅި އާއި ސުޕާރީ ޕެކެޓާއި ޕްލާސްޓިކް ކޮތަޅު 2020 ގެ ނިޔަލަށް މަނާކުރަން ވެސް ވަނީ ހުށައަޅައިފަ އެވެ.

އެކަމަކު ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ގަރާރަކީ ރަމްޒީ އެއްޗެކެވެ. އެއަށް އަމަލްކުރުން ލާޒިމެއް ނުކުރެ އެވެ. އެހެންކަމުން ގަރާރަކަށް ވުރެ ބޮޑަށް ޕްލާސްޓިކާ ދެކޮޅު އެންމެން ވެސް ކުރަން ޖެހޭ އަމަލީ މަސައްކަތްތަކެއް ފެންނަން އެބަ ޖެހެ އެވެ.

ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ދައުލަތުގެ ގިނަ އޮފީސްތަކެއްގައި މިހާރު ވަނީ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލައިފަ އެވެ. އަދި އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ވެއްދުން ބައެއް ސްކޫލްތަކުން ވެސް ވަނީ މަނާކޮށްފަ އެވެ. ތިމާވެށީގެ ހިމާޔަތުގައި ހަރަކާތްތެރިވާ ޖަމާއަތެއް ކަމަށް ވާ ޕާލޭ އާއި ބައެއް ސްކޫލްތައް ގުޅިގެން ޕްލާސްޓިކް ރީސައިކަލް ކުރުމުގެ މަސައްކަތްތަކެއް ފުޅާ ދާއިރާއެއްގައި އަންނަނީ ކުރަމުންނެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދު ވިދާޅުވި ގޮތުގައި ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކީ ޕްލާސްޓިކް އެތެރެކުރުމެއް ނޫނެވެ. އެ ބޭނުންކުރާ ގޮތާއި އުކާލާ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ހައްލުކުރަން ޖެހެނީ ޕްލާސްޓިކް ނައްތާލާ ގޮތް ކަމަށް އިބްރާހިމް ގަބޫލުކުރައްވަ އެވެ.

"ޕްލާސްޓިކަކީ އޭގެ ޒާތުގައި އަހަރެމެންގެ ދުޝްމަނެއް ނޫން. ބޮޑަށް ބަދަލުކުރަން ވީ އާދަ. ކުނި އުކާލުމުގައި މިހުންނަ އާދަކާދަ. މައްސަލައަކަށް މިވަނީ މޫދާ ތަންތަނަށް ކުނި އަޅާތީ،" ޑރ. އިބްރާހިމް ވިދާޅުވި އެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު ޕްލާސްޓިކް އެތެރެކުރުން ހުއްޓުވުމަކީ ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ. ސަބަބަކީ އެތެރެކުރާ ގިނަ މުދާ ބަންދުކޮށްފައި ހުންނަނީ ޕްލާސްޓިކުން ކަމަށް ވާތީ އެވެ. އެ ތަކެތި ކަރުދާސް ނުވަތަ ފޮތީގައި ޕެކްކޮށްގެން އެތެރެކުރާ ނަމަ މުދަލުގެ އަގު ވަރަށް ބޮޑު ވެގެން ދެ އެވެ.

ހައްލަކަށް ކުރެވޭނެ ކަންކަން

ޑރ. އިބްރާހިމް ވިދާޅުވި ގޮތުގައި މިހާރުން މިހާރަށް ވެސް އެޅޭނެ ބައެއް ފިޔަވަޅުތައް އެބަ ހުއްޓެވެ. އެގޮތުން ޕްލާސްޓިކް ތުނި ކޮތަޅާއި ޖޫސްބޯ ހޮޅި ފަދަ ތަކެތި އެތެރެކުރުން މަނާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްލާސްޓިކް ރީސައިކަލް ކުރެވޭނެ ގޮތް--

އެއް ފަހަރު ބޭނުންކުރާ ޕްލާސްޓިކްގެ ބާވަތްތައް މަދުކުރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކޮށްދިނުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންގެ ފަރާތުން ކުރާ އިލްތިމާސެއްގެ ގޮތުގައި މަޖިލީހަށް ވަނީ ވަރަށް ފަހުން ހުށަހެޅުމެއް ހުށަހަޅައިފަ އެވެ.

އެގޮތުން 2024 ގެ ކުރިން ފެން ބަންދު ކުރުމަށް 150 އަދި 500 މިލިލީޓަރުގެ ޕްލާސްޓިކް ފުޅި އުފެއްދުން މަނާކުރަން އެދުނެވެ. ސުޕާރީ ޕެކެޓާއި ހޮޅި އެތެރެކުރުން މަނާ ކޮށްދިނުމަށާއި ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ބޭނުން ކުރާނެ އެއްޗެއް ހޯދައި އެ އުފެއްދުން ސަބްސިޑައިޒް ކޮށްދިނުމަށް ވެސް އެދުނެވެ. ހުރިހާ ބާވަތެއްގެ ޕްލާސްޓިކް ފުޅި މަނާކުރުމަށާއި ރާއްޖެ އަށް އެތެރެކުރާ މުދަލަކީ ޕްލާސްޓިކް ކޮތަޅު ނޫން ބާވަތަކުން ބަންދު ކޮށްފައިވާ މުދަލަށް ހެދުމަށް އެދުނެވެ.

ޑރ. އިބްރާހިމް ވިދާޅުވި ގޮތުގައި ޕްލާސްޓިކުން ތިމާވެއްޓަށް ދިމާވާ މައްސަލަ ހައްލުކުރުމަށް އެތަކެތި އަލުން ބޭނުން ކުރެވޭ ގޮތް ހެދުމާއި ރަނގަޅު ގޮތުގައި ނައްތާލަން އިސްކަންދޭން ޖެހެ އެވެ. އުކާލާ ޕްކާސްޓިކް ބޭނުންކޮށްގެން ތަފާތު ތަކެތި އުފެއްދޭއިރު އެއީ ރާއްޖޭގައި ކުރަން ޖެހިފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޮޑަށް ސަމާލުކަންދޭންވީ ރީސައިކަލް ކުރެވޭނެ ރަނގަޅު ގޮތަކާއި ނައްތާލެވޭނެ ރަނގަޅު ގޮތެއް. އުކާލާ ޕްލާސްޓިކުން އަލުން ތަކެތި ހެދޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހެނީ،" އިބްރާހިމް ވިދާޅުވި އެވެ.

އުކާލާ ޕްލާސްޓިކް ބޭނުންކޮށްގެން ކުޑަކުދިން ކުޅޭ ސާމާނާއި ކޮންސްޓްރަކްޝަން ދާއިރާގައި ބޭނުންކުރާ ތަކެތި ވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި އުފައްދަ އެވެ. އަދި ބައެއް ކަހަލަ ގަހަނާ އާއި ދުވާ ބޫޓް ފަދަ ތަކެތި ވެސް ހަދަ އެވެ.

ޕްލާސްޓިކާ ދެކޮޅަށް ދުނިޔޭގެ ގިނަ ގައުމުތަކަކުން އަންނަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބައެއް ގައުމުތަކުގައި ޕްލާސްޓިކް ހުއްޓުވުމަށް ބޮޑެތި އަދަދުތަކުގެ ޖޫރިމަނާ ތައާރަފުކުރަން ވަނީ ފަށައިފަ އެވެ. އެގޮތުން ކެންޔާގައި ޕްލާސްޓިކް ކޮތަޅު ގެންގުޅުމުން 38،000 ޑޮލަރުން ޖޫރިމަނާ ކުރެ އެވެ. އަދި އިންޑިއާ އާއި ބަންގްލަދޭޝް ފަދަ ރާއްޖެއާ އަވައްޓެރި ގައުމުތަކުގައި ވެސް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވަން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ޕްލާސްޓިކް ރިސައިކަލް ކުރާ މެޝިންތައް ބޭނުން ކުރާ ގޮތް ބޭރުގެ ތަޖުރިބާކާރަކު ކިޔައިދެނީ -- ފޮޓޯ: ހުސެން ވަހީދު/މިހާރު

އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވި ގޮތުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް އެކި ފެންވަރުގައި ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކަމަށް ތަފްސީލީ ޕްލޭނެއް އެކުލަވާލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކި މުއްދަތެއްގެ ތެރޭގައި ހުއްޓާލާނެ ކަންކަމާއި މަދުކުރާނެ ކަންކަން އެ ޕްލޭނުގައި އެކުލެވޭނެ. މިކަންކަން ތަންފީޒު ކުރެވޭނީ ޕްލޭނެއް ހަދައިގެން ކަމަށް ވާތީ އެކަންކަން ކުރަމުން މިދަނީ. ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ،" ޑރ. ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޕްލޭނާ ގުޅޭ މައުލޫމާތު ވަރަށް އަވަހަށް އެ މިނިސްޓްރީން ހަމާކޮށް އެކަން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާނެ އެވެ.

ގުދުރަތީ ރީތިކަން ވިއްކައިގެން އެންމެ ބޮޑު ނަފައެއް ހޯދާ ގައުމަކަށް ރާއްޖެ ވާއިރު މިހާރު ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ހައްލުކުރަން ރާއްޖެ މިވަނީ އިސްނަގަން ޖެހިފަ އެވެ. އެއް ފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް ރާއްޖޭގައި މަނާ ކުރެވިއްޖެ ނަމަ އެއީ ރާއްޖޭގެ ރީތިކަމަށާއި އިގުތިސާދަށް ވެސް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.