އައްޑޫ ބޮނޑީގެ ރަހަ އަދިވެސް އެގޮތުގައި!

އައްޑޫ މީހުން އެންމެ އާންމުކޮށް ދޭ ހަދިޔާއަކީ "އައްޑޫ ބޮނޑި" އެވެ. އައްޑު އަށް ޒިޔާރަތް ކުރާ މީހުން އެނބުރި ދާ އިރު، އައްޑޫ ބޮނޑި ގެންދިއުމަކީ ވެސް އާދައެކެވެ. އައްޑު އަށް އަންނަ މެހުމާނުންނަށް މަރުހަބާ ކިޔާ އިރު ވެސް އެ ބޮނޑި މުހިންމު އެއްޗަކަށްވެ އެވެ. މިއީ އައްޑޫ ރަމްޒުކޮށްދޭ އެމީހުންގެ އަމިއްލަ ދިވެހި އުފެއްދުމެކެވެ.


ބޮނޑި ހެދުމުގެ ދިގު ތާރީހެއް އެބަ އޮތެވެ. މިހާރު މިއީ އައްޑޫގެ ބައެއް އާއިލާތަކުން އާމްދަނީ ހޯދަން ވެސް ކުރާ މަސައްކަތެކެވެ. ހާއްސަކޮށް ގޭގައި ތިބޭ އަންހެންވެރިންނަށް ހާއްސަ ކަމެކެވެ. ނަމަވެސް މި މަސައްކަތުގައި ފިރިހެނުންގެ ހިއްސާ ވެސް ބޮޑެވެ. ބޮނޑި ހަދަން ބޭނުންވާ މައިގަނޑު ދެ ބާވަތް ކަމަށްވާ ގަނބުޅި އާއި ދިޔާހަކުރު ހޯދުން ގުޅިފައި އޮންނަނީ ފިރިހެނުންނާ އެވެ.

އައްޑުއަށް ޒިިޔާރަތްކުރި ބަޔަކަށް މަރުހަބާ ކިޔަން ބޮނޑިތަކެއްގައި ލިޔުން ތަތްކޮށްފައި

ބޮނޑި ހަދާ މީހުން ބުނަނީ އޭގެ ޑިމާންޑް ދަށަށް ނުދާ ކަމަށެވެ. އެކަމަކު ބޮނޑީގެ ސައިޒާއި އޭގެ އަގުތަކާ މެދު މިހާރު ކޮންމެވެސް ވަރެއްގެ ޝަކުވާތަކެއް ވެސް އެބަ ހުއްޓެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި ބޮނޑީގެ ސައިޒް ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ. އެކަމަކު އަގު ކުރިއަށް ވުރެ ބޮޑެވެ.

ކުރިން އާންމުކޮށް ބޮނޑިއެއް 10-15ރ. އާ ދެމެދުގެ އަގަކަށް ލިބެ އެވެ. މިހާރު އަގު އުޅެނީ 12-25ރ. އާ ދެމެދުގަ އެވެ. ބޮނޑި ހަދާ މީހުުން ބުނާ ގޮތުގައި އަގަށް މި ބަދަލު އައުމުގައި ވެސް ސަބަބުތަކެއް އެބަ ހުއްޓެވެ.

ބޮނޑި ހެދުމުގައި 30 އަހަރު ހޭދަކޮށްފައިވާ އައިޝަތު ބަޝީރާ ބުނީ ތަކެތި ލިބުން ދަތިވެފައި، އެއްޗެހީގެ އަގު ވެސް މިހާރު ބޮޑު ކަމަށެވެ.

އައްޑޫ ބޮނޑި: މިއީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ފޮނިކާ އެއްޗެއް.

"ދިޔާހަކުރަކީ މިހާރު ވަރަށް އަގު ބޮޑު އެއްޗެއް. އެހެންވީމާ އެއީ ހަގީގަތުގައި ބޮނޑީގެ އަގު އުފުލެން ދިމާވި މައިގަނޑު އެއް ސަބަބު،" ހުޅުދު އަށް ނިސްބަތްވާ ބަޝީރާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އާދައިގެ ކުކިން އޮއިލް ފުޅިއެއްގެ ދިޔާ ހަކުރު ލިބެނީ 300ރ އަށް ވުރެ ބޮޑު އަގެއްގަ އެވެ. އެހާ ހިސާބުން އަދި ނިމުނީއެއް ނޫނެވެ. އެއް ދުވަހުން އަނެއް ދުވަހަށް ދިޔާ ހަކުރުގެ އަގު ދަނީ އުފުލެމުންނެވެ.

"އެހެންވީމާ އަހަރެމެންނަކަށް ވެސް ނޯވޭ ބޮނޑި އެންމެ ކުރިން ވިއްކި އަގަކަށް ވިއްކޭކަށް،" ބަޝީރާ ބުންޏެވެ.

އައްޑޫ ބޮނޑި ނޫސް ކަރުދާހުގައި ބަންދުކޮށްފައި: ބޮނޑީގެ ރަހަ ހިފެހެއްޓެނީ ކެޔޮ ފަތުގައި ބަންދުކުރުމުން

އަައްޑޫ ބޮނޑީގައި ފޮނި ރަހަ ލައްވަން ބޭނުންކުރަނީ ހަމައެކަނި ދިޔާ ހަކުރެއް ނޫނެވެ. ދޯބުރާލި ހަކުރު ވެސް ބޭނުން ކުރެ އެވެ. އެކަމަކު ބަޝީރާ ބުނާ ގޮތުގައި ބޮނޑީގެ ކޮލިޓީ އާއި ރަހަ އަށް އޭގެ ސަބަބުން ބަދަލެއް ނާންނާނެ އެވެ.

"ދެން ރަހަމީރު ކުރަން އިތުރަށް ބޭނުން ކުރާ އެއްޗަކީ މާފެން [ހުވަނދުމާ ފެން]. ބޮނޑި އަދިވެސް ހަމަ މި ހަދަނީ އެންމެ ކުރީގައި ވެސް ހަދާ ގޮތަށް،" އޭނާ ކިޔައިދިނެވެ.

ބޮނޑި މިހާރު ކަރުދާހުގައި!

އައްޑޫ ބޮނޑި ކުރިން ބަންދުކޮށްފައި ހުންނަނީ ހިކި ކެޔޮ ފަތުގަ އެވެ. އެކަމަކު ބައެއް މީހުން މިހާރު ނޫސް ކަރުދާހާއި އެހެން ވައްތަރުގެ ކަރުދާހުގައި ވެސް ބަންދުކުރެ އެވެ. މިއީ އައްޑޫ ބޮނޑީގެ އަސްލު ކޮލިޓީ ހިފަހައްޓަން ބޭނުން ބަޝީރާ ކަހަލަ މީހުން އެހާ ގަޔާވާ ބަދަލެއް ނޫނެވެ. އޭނާ ބުނި ގޮތުގައި ދުވަހަކު ވެސް ކެޔޮ ފަތް ނޫން އެއްޗެއް ބޭނުންކޮށްފައެއް ނުވާނެ އެވެ.

ކެޔޮފަތުގައި ބަންދުކޮށްފައި ހުރި އައްޑޫ ބޮނޑިތަކެއް ފިހާރަައެއްގައި

"ބޮނޑީގެ އަސްލު ރަހަ ނުގެއްލި އަދި ހަލާކު ނުވެ ގިނަ ދުވަހަށް ހުންނާނީ ވެސް ކެޔޮފަތުގައި ހެދީމަ،" ބަޝީރާ ބުންޏެވެ.

"އަހަންނަކީ އަބަދުވެސް ކޮލިޓީ އަށް ވަރަށް ބަލާ މީހެއް،" ބަޝީރާ ބުންޏެވެ.

ހިތަދޫގައި ބޮނޑި ހަދާ މީހަކު ބުނި ގޮތުގައި ބޮނޑީގެ ސައިޒާއި އަގަށް ބަދަލު އަޔަސް، އޭގެ ޑިމާންޑް ދަށަށް ނުދިއުމަކީ ހިތްހަމަޖެހުމެކެވެ.

"އެކަމަކު މިހާރު ކުރިއާ ހިލާފަށް ހަދާފައި ބެހެއްޓުމުގެ ބަދަލުގައި އޯޑަރުތައް ލިބުނީމަ މި ހަދަނީ،" އޭނާ ބުންޏެވެ.

ކުރިން ވަރަށް ފުޅާކޮށް މި މަސައްކަތް ކުރި އައްޑޫގެ ބައެއް އާއިލާތަކުން މިހާރު ވަނީ ބޮނޑި ހެދުން ހުއްޓާލައިފަ އެވެ. ސަބަބަކީ ދިރިއުޅުމަށް އައި ބަދަލާ އެކު، ގެ އިމާރާތް ކުރުން ކަހަލަ ކަންކަމަށް ގޯތި ތެރޭގައި ހުރި ރުއްތައް ކަނޑާލަން ޖެހި، ގަނބުޅި އާއި ދިޔާހަކުރު ހޯދަން ދަތިވުމެވެ. އަދި އެކަމަށް މިހާރު ކުރަން ޖެހޭ ހޭދަ ބޮޑުވެ، ކުރާ މަސައްކަތުން ދެކޮޅުނުޖެއްސޭނެ ކަމަށް ވެސް އޭގެ ތެރެއިން ބައެއް މީހުން ބުނެ އެވެ.

އައްޑޫ ބޮނޑިއަކީ އެކި ހަފުލާތަކުގައި ވެސް ބޭނުންކުރާ ފޮނިކާއެއްޗެކެވެ. އެހެންވެ ގުޅަ ހުންނަ ބައްޓަމަށް ވެސް މިހާރު ބައެއް މީހުން ބޮނޑި ހަދައިދެ އެވެ.

އައްޑޫ ބޮނޑިއެއް ދެ ފަޅިކޮށްލައިގެން ކާން ތައްޔާރުވެފައި

"އެގޮތަށް ހަދައި ދެނީ އޯޑަރަށް އެކަނި. އެހެން ނޫނީ ހަމަ އެންމެ ކުރިން ވެސް ބޮނޑި ހުންނަ ގޮތަށް ދިގުކޮށް މި ހަދަނީ،" މަރަދޫގައި ބޮނޑި ހަދާ މީހަކު ކިޔައިދިނެވެ.

ބޮނޑި ހަދާ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އައްޑޫ ބޮނޑި ބޮނޑިއަކަށް ވަނީ ވެސް ކުރިން ވެސް ހަދަމުން އަންނަ ސިފަޔަށް، ދިގުކޮށް ހުރީމަ އެވެ.

"އެ ނޫން ގޮތްގޮތަށް ބޮނޑި ހެދުމަކީ އަހަންނަށް އެހާ ކަމުދާ ގޮތެއް ވެސް ނޫން،" ބަޝީރާ ބުންޏެވެ.

އައްޑޫ ބޮނޑީގެ ޑިމާންޑް ނުގެއްލޭކަން މާލޭގެ ލޯކަލް މާރުކޭޓުން ވެސް ފެންނާނެ އެވެ. އަދި އައްޑޫގެ ފިހާރަތަކުން ވެސް އާންމުކޮށް ލިބެން ހުރެ އެވެ. ދުވަސް ވީ މި އުފެއްދުމަށް ޓޫރިސްޓުން ވެސް ގަޔާވެ އެވެ. އެހެންކަމުން އައްޑޫ ބޮނޑީގެ ޒަމާނަށް އިރު އޮއްސުމެއް އަންނާނެ ތަނެއް އަދި ނުފެނެ އެވެ.