"ކޯޓާ އެބަހުރިތަ؟ އަހަންނަށް މީހުން ގެނެވިދާނެ،" މީގެ 10 ވަރަކަށް އަހަރު ކުރިން ފުރަތަމަ ރާއްޖެއަށް އައި އިރުއްސުރެ ދެކެފަރިތަ ބަންގްލަދޭޝް މީހަކު ބުންޏެވެ.
އޭނާ ފުރަތަމަ ރާއްޖެއަށް އައީ އާދައިގެ މަސައްކަތު މީހެއްގެ ގޮތުގަ އެވެ. އޭރު އޭނާ ގެނައި ކުންފުނިން މުސާރަ ނުދީ، އެތައް ދުވަހެއް ވަންދެން ގަނަތެޅުވި އެވެ. މަސައްކަތެއް ލިބޭތޯ މަޖީދީ މަގުގައި ހެނދުނު އިށީނދެ މިތިބޭ މީހުންގެ ތެރޭގައި އޭނާ ވެސް ހިމެނުނެވެ. ދެން އަނެއްކާވެސް ދުވަސްކޮޅަކަށް އޭނާ މާލޭން ގެއްލުނެވެ.
އަހަރުތަކެއް ފަހުން އޭނާއާ ބައްދަލުވި ދުވަހު ފެނުނީ ސައިކަލެއްގައި އައިސް ހޮޓަލެއްގެ ދޮރުމައްޗަށް މަޑުކޮށްލި ވަގުތުގަ އެވެ. އެދުވަހު ފުރަތަމަ ވެސް ކޮށްލީ މަތީގައި އެވާ ސުވާލެވެ.
މިހާރު އޭނާއަކީ ގަވައިދާ އެއްގޮތަށް ރާއްޖެއަށް މީހުން ގެންނަ އެޖެންސީއެއްގެ މީހެކެވެ. ފަހުން އެނގުނު ގޮތުގައި އޭނާ މަސަައްކަތް ކުރާ އެޖެންސީއަކީ ހަމަ ހަގީގަތުގައި ވެސް ރަޖިސްޓްރީކޮށްގެން ހިންގާ ސައްހަ ކުންފުންޏެކެވެ.
އެދުވަހުގެ ފަހުން ދެތިން ފަހަރަކު އޭނާ ގުޅި އެވެ. ކުރީ ހަމަ އެއް ސުވާލެކެވެ.
މިހާރު އޭނާގެ ދެ ސައިކަލް ހުރެ އެވެ. އެކަނިމާއެކަނި އުޅެނީ 12،000ރ. އަށް ކުއްޔަށް ނަގާފައި ހުރި އެޕާޓްމަންޓެއްގަ އެވެ. އޭނާ ބުނި ގޮތުން ނަމަ ބަންގްލަދޭޝްގައި ވެސް މިހާރު ވިޔަފާރި ކުރެ އެވެ. އެކަމަކު ބޮޑު އާމްދަނީއެއް ލިބޭ ގޮތަށް ރާއްޖޭގައި ކުރާ މަސައްކަތެއް އާންމުންނަކަށް ފެންނާކަށް ނެތެވެ.
"މިހާރު ކުރާ ކަމަކީ ރަށު މީހާ މިތަނަށް ގެންނަނީ. ކޮންމެ މީހަކު ދައްކަން ޖެހެނީ 4،000 ޑޮލަރު، ދެން އިމިގްރޭޝަން ކަންތައް ހަމަ ޖައްސާފައި ކުންފުންޏަށް ދެނީ 1،000 ޑޮލަރު. އަހަރެން އަތުގައި ބަހައްޓަނީ އަނެއް 2،000 ޑޮލަރު،" ރާއްޖޭގައި އޭނާގެ ދިރިއުޅުން އާރާސްތުކުރި ގޮތް ކިޔައިދެމުން ބުންޏެވެ.
ރާޖާ ނަމަކަށް ކިޔާ އެ މީހާ މިހާރު ވަނީ، އެއް ބަޔަކު ބުނާ ގޮތުގައި، މައްސަލައެއް ޖެހިގެން ޑިޕޯޓްކޮށްލައިފަ އެވެ.
އެކަމަކު ބޮޑު އަދަދުން ފައިސާ ނަގައިގެން ބަންގްލަދޭޝް އިން ރާއްޖެ ގެންނަ މީހުންނަށް އެޖެންޓުން ވައުދުވާ ވަޒީފާއެއް ނުލިބެ އެވެ. ގިނަ ފަހަރު އެމީހުން އުޅެން ޖެހެނީ ކުރާނެ މަަސައްކަތެއް ނެތި އެވެ. ނުވަތަ އެމީހުން ކުރަން ހުއްދަ ނޯންނަ ކޮންމެވެސް މަސައްކަތެއް ހޯދަ އެވެ. މަސްދޯނިފަހަރުގައި ވެސް ބިދޭސީން ތިބީ މިހެންވެ އެވެ.
ބައިނަލްއަގުވާމީ މިންގަނޑުން ބަލާ ނަމަ މިއީ ހިއުމަން ޓްރެފިކިންގެ އަމަލުތަކެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ހިއުމަން ޓްރެފިކިން ވޮޗް ލިސްޓްގައި އެތައް އަހަރެއް ވަންދެން ރާއްޖެ އޮތީ މިހެންވެ އެވެ.
ހުކުރުދުވަހުގެ ރޭ ޑީޕޯޓްކޮށްލި އަބޫ ހަނީފަކީ ވެސް، ބެލެވޭ ގޮތުގައި، މިގޮތަށް ކުރިއަށް ދިޔަ މީހެކެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ މަސައްކަތެއް ހޯދަން މަގުތަކުގައި މި އުޅޭ ގިނަ މީހުންނަކީ ހިއުމަން ޓްރެފިކިންގެ ސަބަބުން ހާލުގައި ޖެހުނު ކަމަށް ބެލެވޭ ބައެކެވެ. އެކަމަކު ހަމައެކަނި ދޭތެރެދޭތެރެއިން އޮޕަރޭޝަނެއް ހިންގައިގެން ހައްލެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލޭގައި ނޫނީ ރާއްޖޭގެ އެހެން ހިސާބެއްގައި ވެސް އަޅުގަނޑުމެންނަށް ކުއްލިއަކަށް އޮޕަރޭޝަނެއް ހިންގިދާނެ. މީހުން ތަކެއް ޑީޕޯޓް ވެސް ކޮށްްލެވިދާނެ. އެކަމަކު ރާއްޖެއަށް ނުގަވައިދުން މީހުން އައުމަށް އެކަމުން އެޅޭނެ މާ ބޮޑު ހުރަހެއް ނެތް،" ހަނަފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޭރުން ގެންނަ ލޭބަރުން މަގުމަތުވަނީ އެ މީހުން ރާއްޖެ ގެނައި އެޖެންޓުން ބޮޑެތި އޮޅުވުންތައް އޮޅުވާލާފައި ވާތީ އެވެ.
"މި މީހުންނަކީ އާދައިގެ މީހުން. މި މީހުން ހައްޔަރުކޮށްގެން އަސްލު މައްސަލަޔަށް ލިބޭނެ ހައްލެއް ނެތް،" ހަނަފީ ވިދާޅުވި އެވެ.
މުއްސަނދި ދިރިއުޅުން
ބިޒްނަސް ކްލާހުގެ ދަތުރުތަކެވެ. އެކި މީހުންނާ އެކު ވިޔަފާރީގެ ބައްދަލުވުންތަކެވެ. މިއީ އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ ރާއްޖެއިން ޑިޕޯޓްކޮށްލި ހަނީފްގެ ބައެއް ފޮޓޯތަކެވެ. ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އެ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ދިރިއުޅުމުގެ ފެންވަރު މައްޗެވެ. އެކަމަކު އޭނާ ރާއްޖެ އެތެރެވީ ވަޑިއެއްގެ ވިސާގަ އެވެ. އެވަރުގެ މީހަކު އެހާ މުއްސަނދިވުމުން، އޭނާ ދަންނަ ދިވެހިންގެ މެދުގައި އޭނާ މަޝްހޫރުވެފައި އޮންނަނީ "އެންމެ މުއްސަނދި ވަޑީ"ގެ ގޮތުގަ އެވެ.
ޑީޕޯޓް ކުރުމަކީ ހައްލެއްތަ؟
ހަނީފްގެ އިތުރުން، ގަވައިދާ ހިލާފަށް މީހުން ރެކްރޫޓް ކުރުމާއި ހުއްދަ ނެތި ވިޔަފާރިކުރާ ބަންގްލަދޭޝްގެ އެތައް ބަޔަކު ރާއްޖޭގައި އުޅެ އެވެ. އެކަމަކު މިހާތަނަށް އެ ސީރިއަސް މައްސަލަ އަށް ހައްލެއް ނުލިބެ އެވެ.
ވޯކް ވިސާގައި ރާއްޖެ އެތެރެވެފައިވާ 144،607 މީހުންގެ ތެރެއިން 63،000 މީހުން އުޅެނީ ގަވާއިދާ ހިލާފަށް ކަމަށް އިމިގްރޭޝަނުން ކުރިން ވަނީ ބުނެފަ އެވެ.
ކުރިއެކޭ އެއްގޮތަށް އިމިގްރޭޝަނުން މިފަހަރު ފެށި އޮޕަރޭޝަނުގައި ވެސް އަތުލައިގަންނަ މީހުންނަށް އަޅާ ފިޔަވަޅަކީ ޑީޕޯޓްކޮށްލުމެވެ. އެގޮތަށް ޑީޕޯޓްކޮށްލާ މީހުން އެހެން ނަމެއްގައި އެނބުރި އަންނަ ވާހަކަ އަބަދުވެސް ދައްކަ އެވެ.
އެކަމަކު މިހާރު އެހެން ނުވާނެކަން އިމިގްރޭޝަނުން އަންނަނީ ސާބިތުކޮށްދެމުންނެވެ. އެހެން މީހުންގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެެރެވާން މަސައްކަތް ކުރި ދެ މީހަކު މިދިޔަ ހަފްތާގައި ހިފެހެއްޓި އެވެ. ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ކުރުމުގެ ނިޒާމު މިހާރު ވަނީ އެފެންވަރަށް ކުރިއަރައިފައި ކަމަށް އިމިގްރޭޝަންގެ އޮފިޝަލުން ވިދާޅުވެ އެވެ.
އެހެންވީމާ ރާއްޖޭގެ "ދުވެލި މަޑު" ޝަރުއީ ނިޒާމުގެ ތެރެއިން އަދަބެއް ދޭން ބަންދުކޮށްފައި ބައިތިއްބައިގެން ހަރަދު ކުރުމަށް ވުރެ ފަސޭހަ ހައްލަކީ ޑީޕޯޓްކުރުން ކަމަށް، ބައެއް މީހުން ދެކެ އެވެ.
ހައްލުކޮށްފައި ނޫނީ ހުއްޓައިލުމެއް ނެތް
ކޮންޓްރޯލާ ހަނަފީ ވިދާޅުވީ މިފަހަރު ފެށި ހާއްސަ އޮޕަރޭޝަން ނިންމާލާނީ ބިދޭސީންގެ މައްސަލަޔަށް ހަގީގީ ހައްލެއް ހޯދައިފަ އެވެ. އެގޮތުން މިފަހަރުގެ އޮޕަރޭޝަންގެ މުޅި އަމާޒަކީ ވެސް މީހުން ރެކްރޫޓް ކުރާ ފަރާތްތައް ހޯދައި، މައްސަލައިގެ ހަގީގީ ސަބަބު ނައްތައިލުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމަށް ހަގީގީ ހައްލެއް ހޯދޭނީ މީހުން އެތެރެކުރުމުގައި އުޅޭ މީހުން ހޯދިގެން. އަޅުގަނޑުމެން މިހާރު މިފެށީ އެކަންތައް،" އޭނާ ވިދާޅުވި އެވެ.
ހަނަފީ ވިދާޅުވި ގޮތުގައި މިހާރު ކުރަމުން އަންނަ މަސައްކަތާ ގުޅިގެން އާއްމުންގެ އިތުބާރު އަންނަނީ އިމިގްރޭޝަނަށް ލިބެމުންނެވެ. އެހެންވެ ރިޕޯޓްކުރާ މިންވަރު އިތުރުވެ އާއްމުންގެ ބައިބެރިވުން ވެސް އަންނަނީ ފުޅާ ދާއިރާއެއްގައި ލިބެމުންނެވެ.
"މިހާރު މީހުން ރިޕޯޓް ކުރާ މިންވަރު ވެސް އިތުރުވެއްޖެ. ފިޔަވަޅު ނާޅާ ދޫނުކުރާނެކަން ގަބޫލުކުރެވޭ ވަރަކަށް ރިޕޯޓް ކުރާ މިންވަރު އިތުރުވާނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" އޭނާ ވިދާޅުވި އެވެ.
ހިއުމަން ޓްރެފިކިންގައި ރާއްޖެއަށް ލިބިފައި ވަނީ ހުތުރު ނަމެކެވެ. ސަރުކާރުން އެކަށީގެންވާ ފިޔަވަޅު ނާޅައިފި ނަމަ ބައިނަލްއަގުވާމީ ގޮތުން ސީރިއަަސް މައްސަލަތަކަކާ ވެސް ކުރިމަތިވެދާނެ އެވެ. އެހެންކަމުން ރާއްޖޭގައި އުޅޭ، ގޮތް ނޭނގޭ މުއްސަނދި ބިދޭސީންނާ ދެކޮޅަށް ފިޔަވަޅު އެޅުން ކުރިއަށް ގެންދަން ޖެހެ އެވެ.