ކެންސަރަށް ފަހު އާ ހިތްވަރެއް، އައްބާސް ބާލިން މެރެތަން އަށް!

މީގެ ތިން އަހަރު ކުރިން އޭނާ އޮންނެވީ ކެންސަރު ބައްޔާ ހަނގުރާމަކުރައްވަން އެނދުމަތީގަ އެވެ. އެކަމަކު ބޮޑު ދެ އޮޕަރޭޝަނަށް ފަހު، އެކަމުން ސަލާމަތްވުމުން ދިރިއުޅުމުގެ މިސްރާބު މުޅިން ބަދަލުކޮށްލެއްވި އެވެ. މިހާރު އޭނާ އަކީ ކެންސަރު ފަދަ ބޮޑެތި ބަލިތަކުގެ މީހުންނަށް ހުރި ނަމޫނާ ހިތްވަރެކެވެ. އެހިތްވަރުގެ އެންމެ ރީތި މިސާލަކީ، އަންނަ އާދިއްތަދުވަހު ދުނިޔޭގެ އެންމެ ބޮޑު އެއް މެރެތަން ރޭސް ކަމަށްވާ ބާލިން މެރެތަންގައި ބައިވެރިވެވަޑައިގަތުމެވެ


މިދިޔަ އަހަރު ރިޓަޔާކުރެއްވި ހައި ކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފް ބޭނުންފުޅުވަނީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދުނިޔޭގެ ހަތް ބައްރުގައި މެރެތަން ފުރިހަމަ ކުރެއްވުމަށެވެ. އޭނާގެ މަގްސަދަކީ ކެންސަރު ފަދަ ނުރައްކާތެރި ބައްޔެއް ކުރިމަތިވި ނަމަވެސް އެއީ މަރުވުން ނޫން ކަމާއި ދިރިއުޅުން އަލުން ފަށައިގަތުންކަން ސާބިތުކޮށްދެއްވުމެވެ.

ކެންސަރު ޖެހިވަޑައިގެންފައިވާކަން އެންމެ ފުރަތަމަ އައްބާސްއަށް އެނގިވަޑައިގެންނެވީ 2012 ވަނަ އަހަރުގެ ތެރޭގަ އެވެ. ބައްޕަ ގޮވައިގެން އިންޑިއާއަށް ކުރެއްވި ދަތުރެއްގައި ހެދި މެޑިކަލް ޓެސްޓަކުން ބަނޑުގައި ޓިއުމަރެއް ހުރިކަން އެނގިވަޑައިގަތުމުން ތައިލެންޑަށް ވަޑައިގެން އޮޕަރޭޝަންކޮށްގެން އެ ޓިއުމަރު ނެގި އެވެ. އެއީ ޕެންކްރިއޭޓިކް ކެންސަރެވެ.

އައްބާސް (ކަނާތް ފަރާތުގައި) ބަލިވުމުގެ ކުރިން އާއިލާއާ އެކުގައި: ދެ އަހަރު ވަންދެން ކެންސަރާ ހަނގުރާމަކުރެއްވި

އެހެންވެ، ޕެންކްރިއޭސްއިން ބައެއް ނަގައިގެން ހަށިގަނޑުން ޓިއުމަރު ވަކިކުރި ނަމަވެސް އޭގެ ދުވަސްތަކެއް ފަހުން އަނެއްކާވެސް ހަމަ އެތަނުގައި ކެންސަރުގައި ފެތުރެން ފެށި އެވެ. ދެން އޭނާ ސިންގަޕޫރުން އޮޕަރޭޝަން ކޮށް، ގޮހޮރުން ވެސް ބައެއް ނެގި އެވެ.

އައްބާސް ވިދާޅުވި ގޮތުގައި ފަރުވާ ހޯއްދެވުމަށް ހޮސްޕިޓަލުގައި އޭނާ ހޭދަކުރެއްވީ ވޭން ހުރި ދުވަސްތަކެކެވެ. އޭރު ބަރުދަނަކީ 101 އެވެ. ނަމަވެސް ހޮސްޕިޓަލުގައި އޮތް 20 ދުވަހުގެ ތެރޭގައި ބަރުދަން 69 ކިލޯއަށް ލުއިވި އެވެ. ޕެންކްރިއޭސް އާއި ގޮހޮރުގެ ބައެއް ނަގައި، ހަތަރު ތަނަކުން ބައިޕާސް ހެދުމަށް ފަހު، އަލުން ކުރީގެ ދިރިއުޅުމަށް އެނބުރި ވަޑައިގަތުމަކީ ވެސް އޭނާއަށް ކުރިމަތިވި ވަރަށް ބޮޑު ޗެލެންޖެއް ކަމަށް ދެކެވަޑައިގަންނަވަ އެވެ.

ބާލިން އަށް ފުރުމުގެ ކުރިން އައްބާސް އިންޓަވިއު ދެއްވަނީ، ކައިރީގައި ކޯޗު ނަސީރު އިސްމާއިލް: އޭނާގެ އުއްމީދަކީ ދުނިޔޭގެ ހަތް ބައްރުގައި އޮންނަ މެރެތަންގައި ދުވުން -- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު

"ހޮސްޕިޓަލުން ދޫކޮށްލި އިރު އަޅުގަނޑުގެ ގައިގެ މަސްތައް ވިރި، މުޅި ގައިގައި ހުރީ ރޫޖެހިފައި. ހީވަނީ 80 އަހަރުގެ މުސްކުޅިއެއްހެން،" އައްބާސް ވިދާޅުވި އެވެ.

މާލެ ވަޑައިގެން އޭނާ ޖިމަށް ދާން ފެއްޓެވީ ވެސް ހަށިގަނޑު ރީތި ކުރުމުގެ މަގްސަދުގަ އެވެ. އެކަމަކު އެންމެ ފުރަތަމަ ދުވަހު ވެސް ވިއްސަކަށް މިނިޓް ވޯމްއަޕްކޮށްލުމުން ހޮޑުލެވިގެން އަންނަން ޖެހުނީ ގެއަށް ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ހިތްވަރު އެލުވާނުލައި ދެ އަހަރު ވާންދެން ކޮންމެ އަހަރަކު ވެސް އޭނާ ޖިމަށް ވަޑައިގެންނެވި އެވެ. އަދި މިދިޔަ އަހަރުގެ ރޯދަ މަހު ފުރަތަމަ ފަހަރަށް ދުވަން ފެއްޓެވި ގޮތަށް މިހާރު އޭނާ ވަނީ ރާއްޖޭގެ ބައެއް ރޭސްތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ސްރީ ލަންކާ އަށް ކުރެއްވި ދަތުރެއްގައި ކޮލަމްބޯގައި ވެސް އައްބާސް ތަމްރީން ހައްދަވަނީ: ބަލިވުމުގެ ކުރިން އޭނާގެ ބަރުދަން 100 ކިލޯއަށް ވުރެ މަތި

"ދެ އަހަރު ޖިމަށް ގޮސް، ޓްރެއިން ވުމަށް ފަހު ދުވަން ފުރަތަމަ ނިކުތް ދުވަހު ދުވެވުނީ ޓްރެކް ވަށައި ދެ ބުރު. އެކަމަކު އޭގެ ދުވަސްކޮޅެއް ފަހުން، ހަމަ އެ ރޯދަ މަސް ނިމުމުގެ ކުރިން މާލެ ވަށައި ބުރެއް ޖަހާލެވޭ ވަރުވި،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވި ގޮތުގައި ކެންސަރު ފަދަ ބޮޑެތި ބަލިތައް ކުރިމަތިވުމުން ނަފްސާނީ ގޮތުން މީހާ ވަރަށް ބޮޑަށް ނިކަމެތިކޮށްލަ އެވެ. އެހާ ބަލިކޮށް އުޅެފައި، ފިޒިކަލް ބޮޑު ޗެލެންޖަކަށް ނިކުންނަ އިރު ޖިސްމާނީ ގޮތަށް ވުރެ ބޮޑަށް ތައްޔާރުވާން ޖެހެނީ ނަފްސާނީ ގޮތުން ކަމަށް ވިދާޅުވި އެވެ.

"ކެންސަރު ބަލި ޖެހުމަކީ އަދި މަރުވުން ނޫން ކަން ދިވެހިންނަށް އެނގެން ޖެހޭ. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ހިތްވަރާ އެކު އަދި ނިކުންނަން ލިބޭ ފުރުސަތެއް،" އައްބާސް ވިދާޅުވި އެވެ.

ސްކޫލް ދައުރުގައި ކްރިކެޓް ފަދަ ކުޅިވަރުތައް ކުޅުއްވި ނަމަވެސް ބަލިވުމުގެ ކުރިން އޭނާއަކީ ކަސްރަތާ ދުރު، ބަރުހެލި ބޭފުޅެކެވެ. މާލެ ވަށައި ފައި މަގުގައި ބުރެއް ޖަހާލެވޭނެ ކަމަށް ވެސް ރަހުމަތެރިން އޭރު ގަބޫލެއް ނުކުރެ އެވެ. އެކަމަކު އައްބާސް ވިދާޅުވާ ގޮތުގައި އޭނާއަށް އެކަން ކުރެވޭ ނަމަ އެހެން ކޮންމެ މީހަކަށް ވެސް ކުރެވޭނެ އެވެ.

އައްބާސް އަންހެނުންނާއި ދަރިފުޅާ އެކު: އާއިލާގެ އެހީތެރިކަމާއި ހިތްވަރުދިނުން އޭނާ ފާހަގަކުރޭ

ޖަރުމަނުގެ ބާލިންގައި އޮންނަ ދުނިޔޭގެ އެންމެ މަޝްހޫރު އެއް މެރެތަން އަކީ، އޭނާގެ އެ ހިތްވަރުގެ މުހިންމު ބައެކެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހު އިންޑިއާގެ ބޮމްބޭގައި އޮންނަ މެރެތަން އަކީ އޭގެ ދެ ވަނަ ބަ އެވެ.

އައްބާސްގެ މި ހިތްވަރު އޭނާގެ އާއިލާ އާއި ރަހުމަތްތެރިން ފާހަގަކުރި ނަމަވެސް، އޭނާ ވިދާޅުވީ، ބޮޑެތި ބަލިތަކުން ސަލާމަތްވާ މީހުން ދައްކާ ހިތްވަރު ބަލައިގަންނަން ގިނަ މީހުންނަށް އަދި ނޭނގޭ ކަމަށެވެ.

"އަޅުގަނޑަށް ވުރެ ގިނަ ދުވަހު ބަލިކޮށް އުޅެފައި، އަދި މާ ދުވަސްވީ މީހުން ވެސް މި ފަދަ ރޭސްތަކުގައި އެބަ ބައިވެރިވޭ. އެކަމަކު މީހުންނަށް އެއީ މާ ބޮޑު ކަމަކަށް ނުވާތީ، ސެންސް އޮފް އެޗީވްމެންޓް އެބަ ކުޑަވޭ. މިއީ ދެރަކަމެއް،" އައްބާސް ވިދާޅުވި އެވެ.

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް، ރަނާސް މޯލްޑިވްސްގެ ދުވުންތެރިންނާ އެކު ބީޗުގައި ތަމްރީން ހައްދަވަނީ

އައްބާސް ވަނީ ހަކުރު ބައްޔަށް ވެސް ބޭސް ނަންގަވައިފަ އެވެ. އެކަމަކަ ކަސްރަތާ އެކު މީގެ ތިން މަސް ކުރިން ބޭސް ކެއުން ހުއްޓާލެއްވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާގެ ޑޮކްޓަރުން ވެސް ގަބޫލުކުރެ އެވެ.

"އަޅުގަނޑު ދަންނަވާނީ ކެއުމަށް ބަލައިގެން، ކަސްރަތު ކުރާ ނަމަ ބޭހަށް ޑިޕެންޑް ނުވެ އުޅެވިދާނެއޭ. އެކަމަށް ބޭނުން ވަނީ ހަމަ ހިތްވަރު،" އައްބާސް ވިދާޅުވި އެވެ.

ދުވުމުގައި އޭނާގެ ބައިވެރިންނަކީ ކޯޗު އަދި ކުރީގެ މަޝްހޫރު ދުވުންތެރިޔާ ނަސީރު އިސްމާއިލްގެ އިރުޝާދު ލިބޭ ރަނާސް މޯލްޑިވްސް އެވެ. ރަނާސް މޯލްޑިވްސްގެ އެހެން ދުވުންތެރިންނާ އެކު އައްބާސް ކޮންމެ ދުވަހަކު ތަމްރީން ހައްދަވަ އެވެ.

"އެންމެ ފާހަގަކޮށްލެވޭ ކަމަކީ ކޯޗު ނަސީރު އެބުނާ ވަރަކަށް ފޫހިނުވެ ދުވުން،" އައްބާސްގެ އެކުވެރި ދުވުންތެރިޔަކު އޭނާއާ ބެހޭ ގޮތުން ބުންޏެވެ.

"މާލެ ވަށައި ފަސް ހަ ބުރު ޖަހާ ދުވަސްދުވަހު ވެސް އޭނާ ކެތްތެރިކަމާ އެކު ދުވާނެ. ވަރުބަލިވެގެން ހުއްޓާލާ ކަހަލަ މީހެއް ނޫން އައްބާސްއަކީ. އަސްލު މެރެތަންއަކަށް އޭނާގެ ސިކުނޑި އެ ތައްޔަރުކުރީ ހަމަ ހިތްވަރު ގަދަކަމުން."