ދައުލަތެއް ފެއިލްވެފައިވާ ކަމުގެ އެންމެ ސާފު އެއް މަންޒަރު!

ރާއްޖޭގައި ގަވައިދާހިލާފަށް އުޅޭ ބިދޭސީންގެ އަދަދު މިހާތަނަށް އައިއިރު ވެސް ނޭނގެ އެވެ. ރަސްމީ އެއްވެސް ލިޔެކިޔުމެއްގައެއް ވެސް އެ އަދަދެއް އަދިއަދަށް ދާންދެން ވެސް ނެތެވެ! އެކަމަކު މި ސަރުކާރު އައިސް، ހީވާ އަދަދު ކަމަށް ބުނެ، އެންމެ ފުރަތަމަ ފަހަރަށް އާންމުކުރި އިރު ވެސް 63،000 އަށް އަރަ އެވެ. އާންމުން ގަބޫލުކުރަނީ އެ އަދަދު ދެ ގުނަ އިތުރުވެދާނެ ކަމަށެވެ. މި ހިސާބު އަކުރު، މީހުންގެ ސިފަ އަށް ބަދަލުވި އިރު ގަލޮޅު ދަނޑާއި ދަނޑުގެ ވަށައިގެންވާ މަގުތައް އޮތީ ފުރާލައިފަ އެވެ! އެތައް ބަޔަކު ހައިރާންކޮށްލައި އަންތާރީސްކޮށްލައިފި އެވެ.


ގަލޮޅު ދަނޑު ކައިރިން ފަހަކަށް އައިސް މި ފެންނަ މަންޒަރަކީ ޖޯކެއް ނޫނެވެ؛ އެއީ ވަރަށް ސީރިއަސް، އަދި ލަދުވެތި މައްސަލައެކެވެ. މި ފެނިގެން ދަނީ، ދައުލަތުގެ އެކި ފެންވަރުގެ މީހުން ހިންގާފައިވާ ވަރަށް ބޮޑު ޖަރީމާއެކެވެ. ގަވައިދާހިލާފަށް އުޅޭ ބިދޭސީންގެ އަދަދު މިހާރު މިއޮތީ، ދެބަސްވެވެން ނެތް ހަގީގަތަކަށް ބަދަލުވެ، ލޯ ކުރިމަތިން ފެންނާށެވެ! އެ މަންޒަރު އާންމުންނަށް ދައްކާކަށް ޚުދު ބިދޭސީން ވެސް ފަހެއް ނުޖެހެ އެވެ. ސަބަބަކީ، އެ މީހުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި އެ މީހުންނަށް އަދިވެސް ފުރުސަތު އޮތުމެވެ!

އާންމުން ކުރަނީ މި ސުވާލެވެ؛ ގަވައިދާހިލާފަށް މި އުޅޭ އެންމެންގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟ މި މީހުންނަށް ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް އެ މީހުންނަށް އުޅެވުނީ ކީއްވެގެން ހެއްޔެވެ؟ އެއީ އަމިއްލަ އަށް އެތެރެވި ބައެއް ހެއްޔެވެ؟ މިހާ ހިސާބަށް މިކަން ދިޔައީ ކީއްވެ ހެއްޔެވެ؟ މިހާ ހިސާބަށް ދިޔައިރު ސަރުކާރު އޮތީ ނިދައިފައި ހެއްޔެވެ؟

އެ ސުވާލުގެ ޖަވާބުތައް ތިރީގައި މި ވަނީ އެވެ.

މިއީ ދައުލަތުގެ އިސް މީހުން ބައިވެރިވެގެން ހިންގާފައިވާ ޖަރީމާއެއް

އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ގަބޫލުކުރައްވާ ގޮތުގައި، ބިދޭސީންގެ މައްސަލަ މި ހިސާބަށް މި ދިޔައީ ކުރީ ސަރުކާރުތަކުން މިކަން ހައްލުކުރަން އެއްގޮތަކަށް ވެސް މަސައްކަތް ކޮށްފައި ނުވާތީ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ބިދޭސީންގެ މައްސަލަތައް ހައްލުކުރަން މި ޖެހެނީ "ސްކްރެޗުން" ފަށައިގެންނެވެ.

ރީރެޖިސްޓްރޭޝަން ކުރިއަށް ދަނީ: ބިދޭސީން އެތެރެކުރުމުގައި ވައްކަމާއި ޚިޔާނާތް ބޮޑު -- ފައިލް ފޮޓޯ/ މިހާރު

"ހަމަ ހަގީގަތުގައި ވެސް މި ޖެހެނީ މިކަން އަލުން ފަށައިގެން ގެންދަން. މިއީ ކުޑަ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މިއީ، އެންމެ ތިން އަހަރަކުން ފަސް އަހަރަކުން، ވީ ކަމެއް ނޫނެވެ. މީގެ އެތައް އަހަރެއް ކުރިން ވެސް ބިދޭސީންގެ މައްސަލަތައް ރާއްޖޭގައި ބޮޑެވެ. އެއްވެސް ފިޔަވަޅެއް ނޭޅި، އަދި އޭގެ ތެރޭގައި ޚިޔާނާތްތައް ހައްދުން ނެއްޓި ސަރުކާރުތައް އޮތީ ފަހަތު ފަޔަށް ބުރަވެފަ އެވެ. ފިޔަވަޅެއް އަޅަން ބަލާއިރު، ޚުދު ސަރުކާރު ވެސް މިކަމުގައި ކުށްވެރިވެ އެވެ. ބިދޭސީން ފޮނުވާލަން ބަލާއިރު، ފައިސާ ނުހުންނަ ކަމަށް ވެ އެވެ. އެހެންވެ ކުރީ ސަރުކާރުތަކުން ވެސް މިކަމުގައި އަމަލުކޮށްފައި ވަނީ، މިކަމުގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުން ނަމަ، ގާނޫނުތަކާ މުޅިން ހިލާފަށެވެ! އޭގެ ބަދަލުގައި، ސަރުކާރުގެ ބައެއް އިސް ވެރިން މި ވިޔަފާރީގެ ތެރެއަށް ވަދެ، ހިއުމަން ޓްރެފިކިންގައި އަމަލީ ގޮތުން ބައިވެރިވާން ވެސް ފެށީ އެވެ. އޭގެ ބައެއް މައްސަލަތައް މިހާރު ވެސް ފެންނަން އެބަ ހުއްޓެވެ.

ހަނަފީ ވިދާޅުވި ގޮތުގައި، ބިދޭސީންގެ މައްސަލަތަކުގެ ހިޔާނާތްތައް އެންމެ ބޮޑުވެގެން މިދިޔައީ ހާއްސަކޮށް މިދިޔަ ސަރުކާރުގަ އެވެ.

"އޭގެ ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބިދޭސީ ލޭބަރުން އެތެރެކުރުން ވަކި ހިސާބަކުން ހުއްޓާލި ވެސް މެ އެވެ. ނަމަވެސް، އާންމުންގެ ދޫދޫމަތިން އަޑުތައް އޭރު ފެތުރުނު ގޮތުން، އެކަން ހުއްޓާލައިފައި އޮތް އިރު ވެސް މާލެ-ޑާކާ އަށް ބާއްވާ މޯލްޑިވިއަންގެ މަތިންދާ ބޯޓު އަބަދު އޮންނަނީ ފުރިފަ އެވެ. މާނައަކީ، ވަގަށް ކޯޓާ ދިނުން ނުހުއްޓި ކުރިއަށް ދިޔަ ކަމެވެ. ސަރުކާރުގެ ވެރިން އޭގެ ތެރޭގައި މުހިންމު ރޯލެއް އަދާކުރި ކަމެވެ.

ވަގަށް ކޯޓާ ދޫކުރުމުގައި އިމިގްރޭޝަންގެ އިސް ވެރިންގެ ބައިވެރިވުން ހިމެނޭ ވާހަކަތަކަކީ އާންމު ވާހަކައެކެވެ. ހަނަފީ ވިދާޅުވި ގޮތުގައި އެއީ ރާއްޖޭގައި އޭރު އޮތް "ބިޒްނަސް މޮޑެލް" އެކެވެ. އެހެންވެ، އިމިގްރޭޝަންގެ އިސް ވެރިންނާއި މުވައްޒަފުންނަށް ރިޝްވަތު ދީގެން ބޭރު މީހުން، ހާއްސަކޮށް ބަންގާޅުން މީހުން އެތެރެކުރުން އޮތީ މެކުހަށް ޖަހައިފަ އެވެ. އެ ވާހަކަ އާންމުންނާއި މީޑިއާތަކުގައި ދެއްްކިޔަސް، އެކަމަށް އެޅި ފިޔަވަޅެއް ނެތެވެ. އެ ޚިޔާނާތް ހިންގާނެ ގޮތަކަށް ހިންގަން އޮތީ މަގުފަހިވެފަ އެވެ.

ރީރެޖިސްޓްރީ ވުމަށް އިއްޔެ ގަލޮޅު ދަނޑު ކައިރި ފުރާލައިފައި

އޭގެ ބައެއް މައްސަލަތައް މިހާރު ވެސް ދަނީ އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަމުންްނެވެ. އޭގެ ތެރެއިން ހަތަރު މައްސަލައެއް މިހާރު އޮތީ ދައުވާކުރަން ފޮނުވުމުގެ މަގުމަތީގަ އެވެ. އަދި 40 އަށް ވުރެ ގިނަ މައްސަލައިގެ ތަހުގީގު ހިނގަމުންދާއިރު، ހަނަފީ އިއްޔެ ވިދާޅުވި ގޮތުގައި، އިތުރު 40 އަށް ވުރެ ގިނަ މައްސަލަ އޮތީ ތަހުގީގު ފަށާ ހިސާބުގަ އެވެ. މީގެ ތެރޭގައި "ވަރަށް އެހެން ކަހަލަ" މައްސަލަތައް ވެސް ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"ދިހަ ރޫމްގެ ގެސްޓް ހައުސްތަކަށް ވެސް 100 އިން ކޯޓާ ދޫކޮށްފައި އެބަހުރި. ބައެއް މަޝްރޫއުތަކަށް އެބަހުރި 3،000 އިން ވެސް ކޯޓާ ދޫކޮށްފައި. މިކަހަލަ ބައިވަރު މައްސަލަތައް އެބަހުރި،" ހަނަފީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުން ދާތީ އެ މައްސަލަތަކުގެ މާ ބޮޑު ތަފުސީލަކަށް ވަޑައިގަންނަވާކަށް ބޭނުން ނޫން ކަމަށެވެ.

އެކަމަކު ސާފުކޮށް ފެންނަން އޮތް ހަގީގަތަކީ، މިއީ އާންމު ރައްޔިތުންނާއި ސަރުކާރުގެ އިސް މީސްމީހުންނާއި ސަރުކާރުގެ ވަޒީފާތަކުގައި ތިބެގެން ބަޔަކު ހިންގާފައިވާ ވަރަށް ބޮޑު ޚިޔާނާތެއް ކަމެވެ. އެއީ އެކަން ހިންގި މީހުންނަށް އަދަބު ނުދީ ދޫކޮށްލާ ވަރުގެ ކުށެއް ނޫނެވެ.

"އަޅުގަނޑުމެން އެ އެންމެން ވެސް ގާނޫނުގެ ކުރިމައްޗަށް ގެންނަން މަސައްކަތް ކުރާނަން،" ހަނަފީ ޔަގީންކަން ދެއްވި އެވެ.

ބިދޭސީންގެ ވަގު ވިޔަފާރި ނިމުމަކަށް!

ބިދޭސީން ނުވަތަ ބަންގްލަދޭޝް އިން މަސައްކަތު މީހުން ގެނެސް ވަގު ވިޔަފާރިކޮށްގެން ވަރަށް ގިނަ ބަޔަކު މުއްސަނދިވެއްޖެ އެވެ. އެއްވެސް ކަމެއް ނުކޮށް އެތައް ބަޔަކު މިލިއަނަރުންނަށް ވެ ނިމިއްޖެ އެވެ. ދިވެހިންްގެ އިތުރުން ރާއްޖޭގައި ތިބެގެން ބޭރު މީހުން ވެސް އެތައް ބަޔަކު މި ވިޔަފާރީގައި ބައިވެރިވެ އެހެން ކަންކަމަށް އިންވެސްޓްކޮށް ކަޅު ފައިސާތައް ދޮވެލައިފި އެވެ. ބިދޭސީން އެތެރެކުރާ ކުންފުންޏެއްގެ އިސް ވެރިޔަކު ވިދާޅުވި ގޮތުގައި މިއީ "ރަނުގެ" ވިޔަފާރިއެކެވެ.

ރިސޯޓެއްގެ މަސައްކަތަށް ބިދޭސީންތަކެއް ދަތުރުކުރަނީ: ރާއްޖޭގައި ބިދޭސީންގެ ހާލަތުއޮތް ގޮތް ދައްކުވައިދޭ ފުރިހަމަ މަންޒަރެއް

"ރަނގަޅު ޕްރޮޖެކްޓެއް އުޅެންޏާ އަހަރެމެން އެއަށް ކިޔާ އުޅޭނީ ވެސް މާވަހަރެއް އެބަ ލައްގައޭ،" އޭނާ ބުންޏެވެ. "ގެންނަ ކޮންމެ ބޮލަކަށް އަހަރެމެންނަށް އެކަނި ވެސް އެބަ ލިބޭ ތިން ހާހެއްހާ ޑޮލަރު."

އެހެން ގައުމުތަކާ ހިލާފަށް ބަންގްލަދޭޝްގެ މީހުން ރާއްޖެ އަންނަނީ ރާއްޖޭގެ ގާތްގަނޑަކަށް ލައްކައެއްހާ ރުފިޔާ ހޭދަކޮށްގެންނެވެ. އޭގެ ތެރޭގައި އެ މީހާ އަމިއްލަ އަށް ޑިޕޮސިޓް ދެއްކުމާއި ޓިކެޓް ވެސް ހިމެނެ އެވެ. ބައެއް ރިސޯޓް މަޝްރޫއުތަކަށް މީހުން ގެންނައިރު، ބައެއް ކުންފުނިތަކަށް ތިން ހަތަރު މިލިއަން ޑޮލަރުގެ ފައިދާ ލިބިފައި އެބަ ހުއްޓެވެ. މީގައި އެންމެ މުހިންމީ ކޯޓާ ހޯދުމެވެ. އެކަން "އިމިގްރޭޝަނުގެ ބައެއް މުވައްޒަފުންނަށް ކަޓެއް ދިނުމުން ނިންމާލެވޭ" ކަމަށް އާންމުން ބުނެ އެވެ. އެހެންކަމުން މިއީ ބޮޑު ނެޓްވޯކަކުން ހިންގާ ވަރަށް ބޮޑު ޖަރީމާއެކެވެ.

ކޮންޓްރޯލަރު ވިދާޅުވި ގޮތުގައި އެ ހިޔާނާތް މިހާރު މިއޮތީ ނިމުމަކަށް އައިސްފަ އެވެ. އެ ވިޔަފާރީގެ ނިމުން މިހާރު މިއޮތީ ފެށުމުގެ މަރުހަލާގަ އެވެ.

"މި ފަސް އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި މައްސަލަ ހައްލު ކުރެވޭނެ. މިހާރު ވެސް ކޯޓާގެ ކަންކަން އެ ދަނީ ވަރަށް ރަނގަޅަށް ބެލެމުން. މިހާރު އެއީ އިމިގްރޭޝަނުން ކުރާ ކަމެއް ވެސް ނޫން. އެއީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ކުރާ ކަމެއް. ކޯޓާ ދިނުމުގައި ވެސް އެކަން ބަލާ ކޮމެޓީއެއް އެބަ އޮވޭ،" ހަނަފީ ވިދާޅުވި އެވެ.

އެކަމަކު ޚިޔާނާތްތަކުގައި ގިނަ ފަހަރަށް ކަންކަން ވަނީ އެހެނެއް ނޫނެވެ. މިކަން ހައްލު ކުރަން ސަރުކާރަށް ކިތަންމެ ގިނަ ޕްްލޭނެއް ވެސް ހެދިދާނެ އެވެ. ސުވާލަކީ، މިހާ ބޮޑު ވިޔަފާރިއެއްގެ މުގޫ މި ގައުމުން ލުހެލެވޭ ވަރުގެ ގާބިލް ކަމެއް މި ސަރުކާރުގައި އެބަ ހުރިހެއްޔޭ، އުފެދޭ ސުވާލެވެ. މިވަރުގެ ވިޔަފާރިއެއްގެ ރިޝްވަތުތައް އެތައް ބަޔަކަށް ބެހި، ބައި އެޅިގެން ދާއިރު، އެ މީސްމީހުން ދެން ތެދުވެރިކަމާ އެކު ތިބެދާނެ ހެއްޔެވެ؟ އެހެން ވެއްޖިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ.

ބިދޭސީންގެ މައްސަލަތަކުގެ ހައްލަކީ މިއީތަ؟

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޓަކައި، މި ސަރުކާރުން މުހިންމު ތިން ފިޔަވަޅެއް އަޅައިފި އެވެ. އޭގެ ތެރެއިން އެއް ފިޔަވަޅަކީ އިމިގްރޭޝަނުން މޫތައް ލުހެލުމެވެ. ބިދޭސީން ގެނައުމުގެ އެއްވެސް ބާރެއް މިހާރު އިމިގްރޭޝަނަކު ނެތެވެ. ދެވަނަ ބަދަލަކީ ބަންްގްލަދޭޝްގެ މަސައްކަތު މީހުން ރާއްޖެ ގެނައުން ވަގުތީ ގޮތުން ހުއްޓާލުމެވެ. އަނެއް ފިޔަވަޅަކީ ރާއްޖޭގައި ގަވައިދާހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ވަނުމަށް ޓަކައި ފުރުސަތު ދިނުމެވެ.

ބިދޭސީން ރީރެޖިސްޓްރީ ކުރުމަކީ ހަމައެކަނި މި ސަރުކާރުން އެކަނި ކުރި ކަމެއް ނޫނެވެ. މީގެ ކުރިން ވެސް އެ މަންޒަރު އެތައް ފަހަރަކު ރިޕީޓް ވެއްޖެ އެވެ. އެކަމަކު ހަމަ އެ މީހުން އަލުން ގަވައިދާހިލާފަށް އުޅެން ފަށަ އެވެ. މީގައި ދިމާވާ މައްސަލައަކީ، އެ ފުރުސަތު ތަކުރާރުކޮށް ލިބޭނެކަން އެ މީހުންނަށް އެނގިފައި އޮތުމެވެ.

ރީރެޖިސްޓާ ކުރަން އިއްޔެ ދިޔަ ބިދޭސީއަކު އޭނާގެ ޕާސްޕޯޓް ކޮޕީއެއް ދައްކާލަނީ: ގިނަ ބިދޭސީންގެ އަތުގައި ޕާސްޕޯޓެއް ނެތް -- ފައިލް ފޮޓޯ؛ މިހާރު

އިކޮމިނިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވާ ގޮތުގައި ހުރިހާ ބިދޭސީން ބޯޓަކަށް ލާފައި ގައުމަށް ފޮނުވާލެވޭކަށް ވެސް ނެތެވެ. އޭގައި ސަބަބުތައް ބައިވަރެވެ. ގަލޮޅު ދަނޑުގައި ބިދޭސީން ރީރެޖިސްޓްރީ ކުރާ ޑެސްކަށް ދާ ގިނަ މީހުންގެ އަތުގައި ޕާސްޕޯޓެއް ހާ ހިސާބު ވެސް ނޯވެ އެވެ. އެއީ ކޮން ގައުމެއްގެ މީހެއްކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް ވެސް ނޯވެ އެވެ. ބައެއް މީހުންނަކީ ގަސްތުގައި ޕާސްޕޯޓް ގެއްލުވާލާ މީހުންނެވެ. އަނެއް ބައި މީހުންނަކީ އެޖެންޓަށް ފިލައިގެން އުޅޭ މީހުންނެވެ.

"ހަމައެކަނި ބުނެލަނީ ތިމަންނާއަކީ ބަންގާޅީއެކޭ. ދެން އަހަރެމެން މި ބުނަނީ ހަ މަހުގެ ތެރޭގައި ހުރިހާ ޑޮކިއުމެންޓެއް ހޯދައިގެން އަންނާށޭ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަގުތީ ގޮތުން ގަވައިދެއްގެ ތެރޭގައި މި ހުންނަނީ. އޭގެ ފަހުން ދެން ފުރުސަތެއް ނޯންނާނެ،" ޑެސްކެއް ބަލަހައްޓަން ހުރި އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފަކު ބުންޏެވެ.

އަލުން ރެޖިސްޓާ ކޮށްގެން ފުރުސަތު ދިނުމާ މެދު ބައެއް މީހުންގެ ހިޔާލު ތަފާތެވެ. އެކަމަކު އޭގެ ތެރޭގައި "ވަރަށް އިނޮސެންޓް" މީހުން ތިބިކަން ވެސް ހަނަފީ ފާހަގަކުރެއްވި އެވެ.

"މީގައި އެބަހުރި ވަޒީފާ ދޭނަމޭ ކިޔައިފައި ރާއްޖެ ގެނަސް މަގުމައްޗަށް ދޫކޮށްލައިފައި ތިބި މީހުން ވެސް. އޭރު އެ މީހާ ރާއްޖެ މި އަންނަނީ ގެދޮރު ވިއްކާލައިފައި ނުވަތަ ބޮޑެތި ލޯނުތައް ނަގައިގެން. ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން މި ލަނޑުދެނީ. އެހެންވީމަ، އޭނާ ކުށްވެރިވާއިރު ދިވެހި މީހާ ވެސް އެބަ ޖެހޭ ކުށުގެ ޒިންމާ ނަގަން،" ހަނަފީ ވިދާޅުވި އެވެ.

"މިއީ މި މައްސަލަ ހައްލު ކުރުމުގެ ގޮތުން އެޅޭ ރަނގަޅު ފިޔަވަޅެއް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި."

ރާއްޖޭގައި އެތައް އަހަރެއް ވަންދެން ހިންގި މި ޖަރީމާ ވަރަށް ބޮޑަށް ތަހުގީގު ކުރެވެން ޖެހޭނެ އެވެ. ރާއްޖެ މި ވަނީ ހަގީގަތުގައި ހިއުމަން ޓްރެފިކިންގެ ހާއްޔަކަށް ވެފަ އެވެ. ވަޒީފާ ދޭނެ ކަމުގެ ޔަގީން ކަމާ އެކު މީސްމީހުން އެތެރެކޮށް އެ މީހުން މަގުމަތިކޮށްލައިފައި އެބަ ހުއްޓެވެ. މުސާރަ ނުދީ މަސައްކަތް ކުރުވައިގެން އެ މީހުން މަގުމަތިވެއްޖެ އެވެ. މިފަދަ ތަފާތު އެތައް ކޭސްތަކެއް ހުރިކަން ގަލޮޅު ދަނޑުން މިހާރު ފެންނަން އެ އޮތީ އެވެ.

މިއީ، މާ ކުރިން ވެސް އަޅުގަނޑުމެން އާންމުން ދައްކަމުން އައި ވާހަކައެކެވެ. މީގައި އެއްވެސް ސަރުކާރެއްގެ ނިޔަތް މިހާތަނަކަށް ރަނގަޅެއް ނޫނެވެ. ކޮންމެ ސަރުކާރެއް ވެސް އައުމަށް ފަހު ބިދޭސީންގެ މައްސަލަ، އެޖެންޑާގެ ކުރިއަށް ލައި، އެކަމަށް ހައްލު ގެނެސް މަސައްކަތް ފަށަ އެވެ. އެކަމަކު ދައުރު ނިމޭއިރު ފެންނަނީ ސަރުކާރު ބައިވެރިވެގެން ހިންގާ ބޮޑު ޖަރީމާއަކަށް މިކަން ބަދަލުވެގެން ދާ މަންޒަރެވެ. -- ބޭނުމީ އިޚުލާސްތެރި ކަމެވެ. މިއީ އެފަހަރު ކަމަށް ވުން ވެސް އެކަށީގެންވެ އެވެ.