"ވަރުގަދަ ކައްޕިއެއް އެބަހުރި، ދެން ބޭނުން ވަނީ ސަރަނގެއް"

އޭނާ ފެއްޓެވީ މި ހިސާބުންނެވެ؛ އެއީ މާލޭގެ މޭޔަރުކަން ކުޑަ ދުވަސްކޮޅަކަށް ކުރެއްވުމަށް ފަހު އިސްތިއުފާ ދެއްވި ހިސާބެވެ.


"ހަގީގަތުގައި އޭރު ވީ ގޮތަކީ އަޅުގަނޑުމެން ރައްޔިތުންނަށް މަސައްކަތްތަކެއް ކޮށްދޭ ތަން އިދިކޮޅަށް މި ފެނުނީ. ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޓަކައި އަޅުގަނޑުމެން ވެށިފަހި ނަމުގައި ބޮޑު މަޝްރޫއެއް ފެށިތަން ފެނިގެން ދިޔައީ. ހަގީގަތުގައި އެ މަންޒަރުތަކަށް ކެތް ނުކުރެވިގެން އޭރު [ރައީސް މުހަންމަދު ނަޝީދު] ގެ ސަރުކާރު ވައްޓާލީ،" މާލޭގެ އެންމެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު (އެޑަމް) ވިދާޅުވި އެވެ.

މާލޭގެ ކުރީގެ މޭޔަރު އެޑަމް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރައްވާ ކެމްޕޭން ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި އޭނާ ވާހަކަ ދައްކަވަނީ -- މިހާރު ފޮޓޯ: ނިޝާން އަލީ

އޭރުއްސުރެ އެޑަމް ގެންދެވީ ސިޔާސީ ކަންތައްތަކުގެ ތެރޭގައި ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ. މާލޭ މުނިސިޕަލްޓީގެ ރައީސްކަން ކުރެއްވުމަށް ފަހު، މޭޔަރުކަން ކުރައްވައި އަދި އޭގެ ފަހުން ރައީސް ނަޝީދުގެ މަންދޫބެއްގެ ގޮތުގައި ހުންނެވި އެވެ. އޭގެ ފަހުން ރައީސް މުހަންމަދު ވަހީދުގެ އެޑްވައިޒަރުކަން ވެސް ކުރެއްވި އެވެ. އެޑަމްގެ މައިގަނޑު އެއް މަސައްކަތަކަށް ވީ ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި މާލޭގެ ކަންކަން ބެލެހެއްޓެވުމެވެ. އެހެންވެ، މާލޭގެ މޭޔަރު ކަމަށް އަނެއްކާ ވެސް އޭނާ ކުރިމަތިލެއްވުމަކީ ސުވާލު އުފެދެން ޖެހޭވަރުގެ ކަމެއް ނޫނެވެ. އެޑަމް ވިދާޅުވި ގޮތުގައި މިހާރު މިއޮތީ ސީދާ މާލޭގެ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ޓަކައި ފަހި ފުރުސަތެއް ހުޅުވިފަ އެވެ.

"ލޯކަލް ކައުންސިލްގެ ގާނޫނަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު މާލޭގެ މޭޔަރު ކަމަށް މިހާރު މިއޮތީ ވަރަށް ބޮޑެތި ބާރުތަކެއް ލިބިފައި. މިނިވަންކަމާ އެކު މިއޮތީ މަސައްކަތް ކުރެވޭ ގޮތަށް. މި މަގާމަށް އަޅުގަނޑު މި ކުރިމަތިލީ ވެސް އެހެންވެ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު އިސްތިއުފާ ދެމުން ވެސް ދެންނެވިން މި މަސައްކަތް ކުރެވޭނެ ފަހި މާހައުލެއް އޮތް ދުވަހަކުން މިކަމަށް ނުކުންނާނަމޭ. އެހެންވެ މިހާރު މިއޮތީ އެ ވަގުތު އައިސްފައި."

"އޭރު އަޅުގަނޑު [މޭޔަރުކަމުން] އިސްތިއުފާ ދިން މައިގަނޑު ސަބަބަކީ ވެސް ކޮރަޕްޝަން. މާލޭގެ މޭޔަރު ކަމަކީ ކައުންސިލްގެ މެމްބަރުންގެ ތެރެއިން އަންނަ މަގާމެއް. އެހެންވެ މޭޔަރު ވަކި ކުރުން ވެސް އޮތީ އެ މީހުންގެ އަތުގައި. އަޅުގަނޑަކީ ކޮރަޕްޝަނާ ދުރު މީހަކަށް ވާތީ އެތާނގައި އޭރު ހިނގަމުން އައި ކަންކަން އަޅުގަނޑު ދެކެން ބޭނުން ނުވީ. ކޮރަޕްޓް އިންސްޓިޓިއުޓެއްގެ ހެޑަކަށް އަޅުގަނޑު ހުންނަން ބޭނުން ނުވީމަ ރައީސް ނަޝީދަށް ވެސް އެ ވާހަކަ ދެންނެވިން."

ނަޝީދުގެ ވެރިކަމުގައި ބޭއްވި ހަފުލާއެއްގައި އެޑަމާއި ނަޝީދު މަޝްވަރާ ކުރައްވަނީ.

އެ ހިތި ތަޖުރިބާތައް އެއްފަރާތް ކޮށްލެއްވި އިރު، އެޑަމް ވަނީ މާލެ އަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ވެސް މަސައްކަތް ކުރައްވައިފަ އެވެ. މާލޭގައި ބަހުގެ ޚިދުމަތް ތައާރަފު ކުރެއްވި އެވެ. އަދި ކާނުތައް ބަރާބަރަށް ސާފު ކުރުމުގެ ޕްރޮގްރާމަކާއި ހުސްކޮށް ހުންނަ ތަންތަނުގެ ވަށާފާރު ތިރިކޮށް އާންމުންނަށް ފެންނަހެން އެތަންތަން ބަދަލުކޮށްލުމުގެ މަޝްރޫއެއް ހިންްގެވި އެވެ. މީގެ އިތުރުން ވެސް ދެން އެންމެ ވަރުގަދަ އަށް ހިންގެވި މަޝްރޫއަކީ "ވެށިފަހި" އެވެ.

އޭނާ ވިދާޅުވާ ގޮތުން މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމުގެ މައިގަނޑު ސަބަބު އެއީ އެންމެންނަށް ވެސް އެނގޭނެ ކަމެކެވެ. ސަބަބަކީ، މާލެ އަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެންނަން އަމިއްލަ އަށް މަސައްކަތް ނުކުރައްވައި ފާޑު ވިދާޅުވާން ބޭނުން ނުވުމެވެ.

"އަޅުގަނޑު މިކަމަށް ކުރިމަތި ނުލައި ދުރުގައި ބަލަހައްޓައިގެން ހުރީމަ އެގޮތް ކަމަކު ނުދޭ ދެއްތޯ. މިކަމަށް ކުރިމަތިލައި ނުހޮވުނަސް ދެން އަޅުގަނޑަށް ބުނެވޭނެ ނޫންތޯ އަޅުގަނޑަށް ވޯޓު ނުދެއްވީމަ ނޫންތޯއޭ ތިހެން ތިީ."

ސަރަނގު އާދަމް މަނިކު

މާލޭގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަކުރާނެ މީހަކު ކަނޑައަޅާނީ އަންނަ ހުކުރު ދުވަހު އޮންނަ ޕްރައިމަރީގަ އެވެ. މި މަގާމަށް އެމްޑީޕީން އެކަނި ވެސް ވަރަށް ގިނަ ބަޔަކު ވާދަކުރެ އެވެ. އޭގެ ތެރޭގައި މިހާރު ސިޓީ ކައުންސިލްްގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅަކު ވެސް ހިމެނި ވަޑައިގަންނަވަ އެވެ. އެޑަމް ސިފަކުރެއްވި ގޮތުގައި، މާލޭގެ މޭޔަރު ކަމަށް މިހާރުގެ ކައުންސިލަރުން ވާދަކުރައްވަން ނުކުމެ ތިއްބެވީ އެއްވެސް ކަމެއް ނުކޮށްދެއްވަ އެވެ.

"އެ ބޭފުޅުން ވިދާޅުވަނީ ތިމަންނާމެންނަށް ކަމެއް ނުކުރެއްވުނީ ރައީސް ޔާމީންގެ ސަބަބުންނޭ. އެހެން ކަމަށް ވާނަމަ އިސްތިއުފާ ދެއްވަންވީ ނޫންތޯ. އަޅުގަނޑު މިހުރީ އެ މިސާލު ދައްކައިފައި. ކީއްވެގެންތޯ ކަމެއް ނުކުރެވޭއިރު މުސާރަ ނަންގަވައިގެން ތިއްބެވީ،" އެޑަމް ވިދާޅުވި އެވެ.

"އަނެއްކޮޅުން ރައީސް އިބޫ ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާރު 15 މަސް ދުވަސްވީ. ކޮން ކަމެއްތޯ ކުރެއްވުނީ. ކުރެއްވިހާ ވެސް ކަމަކީ މާލޭގެ އިރުމަތީ ފަރާތުގައި 16 މިލިއަން ހަރަދުކޮށްގެން ޕާކެއް ހެދުން. ދެން ކުރި ކަމަކީ ލޯކަލް މާރުކޭޓު ތަޅާލައި ބަޔަކު ނިކަމެތިކޮށްލީ."

އޭނާ ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލުން ހަދާ ޕާކަކީ އޭގައި ކޮރަޕްޝަން އަމަލުތަކެއް ހިނގާފައިވާ މަޝްރޫއެކެވެ: "އަޅުގަނޑުމެންނަށް ވެސް އެނގޭ ދެއްތޯ ރުކެއްގެ އަގު."

އެޑަމް ކުރީ ސަރުކާރުގެ އިސް ބޭފުޅުންތަކަކާ އެކު -- ފައިލް ފޮޓޯ: މިހާރު

މާލޭގެ މޭޔަރު ކަމަކީ އެޑަމް ވިދާޅުވިގޮޮތުގައި، އެ މަގާމަށް ހޮވިއްޖެ ނަމަ އެ މީހަކު ހޭބުއްދި ފިލައިގެން ގޮސް "ދުނިޔެ ރަންވެދާނެ" ވަރުގެ މަގާމެކެވެ. ސަބަބަކީ، ރައީސް ފިޔަވައި ރާއްޖޭގައި އެންމެ ގިނަ ބަޔަކު ވޯޓު ލައިގެން އިންތިހާބުވާ ހަމައެކަނި މަގާމަކީ މާލޭގެ މޭޔަރު ކަމަށް ވުމެވެ.

"އެހެންވެ މިވަރުގެ މަގާމަކަށް ހޮވައިގެން ނުވާނެ ތަޖުރިބާއެއް ނެތް އާ މީހަކު. އަނެއްކާ ފުރުސަތު ލިބުނީމަ ކަމެއް ނުކޮށް ތިބި ބަޔަކު ވެސް."

މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާ އިރު، އެމްޑީޕީގެ އެޖެންޑާ 19 ގެ އިތުރުން އެޑަމްގެ ބައެއް އެހެން ތަސައްވުރުތަކެއް ވެސް އެބަހުއްޓެވެ. ވިދާޅުވީ ގޯތިގެދޮރުގެ މައްސަލައަކީ އެންމެ މުހިންމު، އަދި އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަންތައް ކަމަށެވެ.

"ގުޅިފަޅުހިއްކުން އަވަސްކުރުން އެއީ ކުރަން ޖެހޭ ކަމެއް. މާލޭގެ އެންމެ ބޮޑު މައްސަލައަކީ ގޯތިގެދޮރުގެ މައްސަލަ. ދެން ހުރި ހުރިހާ މައްސަލައެއްގެ ފެށުން އޮތީ ވެސް އެކަމާ ގުޅިފައި،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ހިންގި ވެށި ފަހު މާލެ ޕްރޮގްރާމް އިފުތިތާހު ކުރުމުގެ ޖަލްސާގައި އެޑަމް ވާހަކަ ދައްކަވަނީ.

"މީގެ އިތުރުން ހުޅުމާލޭގައި ސްކޫލުތައް އެޅުމާއި ޕާކިންގެ މައްސަލަ އަށް ހައްލު ހޯދައިދިނުން އަޅުގަނޑުގެ ތަސައްވުރުގެ ތެރޭގައި ހިމެނޭ. އަޅުގަނޑު ބަލާނީ ވާހަކަ ދައްކާކަށް ނޫން. ކަން ކުރަން."

އެޑަމް ވިދާޅުވިގޮތުގައި މާލޭގެ މައްސަލަތަކަށް އަޅާނުލެވި މިހާރު ހަތް އަހަރު ވޭތުވެގެން ދިޔައީ އެވެ. އެއީ ރައީސް ޔާމީންގެ ވެރިކަމާއި ރައީސް ޑރ. މުހަންމަދު ވަހީދުގެ ވެރިކަމުގަ އެވެ. އެހެންވެ، މާލޭގެ މައްސަލަތައް މިހާރު މިއޮތީ ހައްލު ނުކުރެވޭ ހިސާބަށް ގޮސްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ މެމްބަރުންނަށް ވެސް އަޅުގަނޑު ދަންނަވާނީ ހައްލު ގެނެވޭނެއޭ. ހައްލު ގެނެސްދޭނަމޭ. މި ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިއްޕަވާށޭ،" އެޑަމް ވިދާޅުވި އެވެ. "އަޅުގަނޑަށް ދެއްވޭ ވޯޓަކީ ތިބޭފުޅުންގެ އަމިއްލަ ނަފުސަށް ދެއްވޭ ވޯޓެއް ކަމަށް ހައްދަވާށޭ."

"ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ރައީސް މުހަންމަދު ނަޝީދު އެ ހުންނެވީ ބާރުތައް ދެއްވައިގެން މިކަންކަން ކުރައްވަން ތައްޔާރަށް. މިހާރު ސަރުކާރުގައި ވަރުގަދަ ކައްޕިއެއް އެބަހުރި. ދެން ބޭނުން ވަނީ ރަނގަޅު ސަރަނގެއް."