އެކި މީހުންނަށް އެކި އުސޫލު! ދެން ނަތީޖާ ނެރޭނީ ކިހިނެއް؟

ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ އާމްދަނީއާ ނުބައްދަލު މުއްސަނދިކަން ކުށެއް ކަމަށް ކަނޑައެޅުމުގެ ވަގުތު ކުޑަތަންވަނީ އެވެ. އެއީ ދައުލަތުގެ ތެރޭގައި ބިލިއަނުން ހިނގަމުންދާ ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގައި އެޅޭނެ އެންމެ ވަރުގަދަ އެއް ފިޔަވަޅަށް ވެގެން ދާނެ އެވެ. އެކަމަކު ނުހައްގު މުއްސަނދިކަން ކުށެއް ކަމަށް ހެދުމާ ގުޅިފައި އޮތީ މާލީ ބަޔާން ހުށައެޅުމުގެ ބަލިކަށި ނިޒާމެވެ.


މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާން އާންމު ކުރަން ޖެހޭ ކަމަށް ފުރަތަމަ ފަހަރަށް މަޖިލީހުގެ ގަވާއިދުގައި ހިމަނައި، މާލީ ބަޔާން ހުށަނާޅާ މެމްބަރުން ޖަލްސާތަކާއި ކޮމެޓީތަކުން ސަސްޕެންޑް ކުރެވޭ ގޮތަށް ވެސް ހެދި އެވެ. އެ ގަވާއިދަށް އެއް އަހަރު ނުވަނީސް، މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުވާ ކުދިންގެ މާލީ ބަޔާން އާންމު ނުކޮށް، ހަމައެކަނި މެމްބަރުންގެ މާލީ ބަޔާން އާންމު ކުރާ ގޮތަށް މިދިޔަ ޖުލައި މަހު ގަވާއިދަށް ގެނައި އިސްލާހަކީ މާލީ ބަޔާނުގެ ސިއްރުވެރި ސަގާފަތުގެ ތެރެއިން ފަހަތަށް އެޅި ފިޔަވަޅެއް ކަމުގެ ކަންބޮޑުވުންތަކާ އެކު ފާޑުކިޔުން އަމާޒުވި އެވެ.

އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ޖެހޭ މާލީ ބަޔާންތަކާ މެދު ހަރުކަށި އުސޫލުތަކެއް ހިމަނައި އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ ޖުލައި މަހު އާ އުސޫލެއް ނެރުނެވެ. މަގާމުން ވަކިވިޔަސް ވަކި މުއްދަތެއް ވަންދެން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ފުރަތަމަ ފަހަރަށް ރާއްޖޭގައި ލާޒިމްކުރީ އެ އުސޫލުގަ އެވެ. އަދި މާލީ ބަޔާނުގައި ދޮގު މައުލޫމާތު ހިމަނައި، އޮޅުވާލަން މަސައްކަތްކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ އުސޫލުތަކެއް ވެސް ހިމެނި އެވެ.

ނަމަވެސް މާލީ ބަޔާންތައް ސިއްރުވެރި ލިޔުމެއްގެ ގޮތުގައި އޮތް އޮތުމަށް އެ އުސޫލުގެ ދަށުން ވެސް ފަރުވާއެއް ނުލިބުނެވެ. އެ އުސޫލު އޮތް ގޮތުން އޮޑިޓާ ޖެނެރަލަށް ފޮނުވާ މާލީ ބަޔާންތައް އާންމުކުރެވޭނީ ބަޔާން ހުށަހަޅާ މީހާ ބޭނުންވާ ހާލަތްތަކުގައި އެކަންޏެވެ. އޭނާ ބޭނުން ނުވާ ނަމަ، ސިއްރެއްގެ ގޮތުގައި އެ ލިޔުން ރައްކާ ކުރާނެ ކަމުގެ ޔަގީންކަން އެ އުސޫލުން ދެ އެވެ. މާލީ ބަޔާނުގައި ދޮގު މައުލޫމާތެއް ހިމެނޭ ކަން އެނގޭ ނަމަ، އެކަން އޮޑިޓާ ޖެނެރަލްގެ ސަމާލު ކަމަށް ގެނައުމުގެ ފުރުސަތު އެ އުސޫލުގެ ދަށުން ލިބެ އެވެ. އެކަމަކު އާންމު ނުކުރާ މާލީ ބަޔާނެއްގެ ދޮގު، ތެދު އެހެން މީހަކަށް އެނގޭ ގޮތެއް ނޯންނާނެ އެވެ.

މާލީ ބަޔާން ހުށަހެޅުން ގާނޫނީ ގޮތުން ލާޒިމްވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ދަށުން އުފެދޭ މަގާމުތަކުގައި އެކަންޏެވެ. ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާން އާންމު ކުރަން ސަރުކާރުން އަމިއްލަ އިސް ނެގުމުގައި ކުރަން ފެށިއިރު، އެ ފެންވަރުގެ މަގާމުތައް ކަމަށްވާ ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ސަފީރުންނާއި ޑިޕްލޮމެޓިކް މިޝަންތަކުގެ އިސް ވެރިންނަކަށް އެ އުސޫލެއް ނުހިނގަ އެވެ. ސަރުކާރު ކުންފުންޏެއްގެ ވެރިއަކަށް ލިބިވަޑައިގަންނަވާ އިންތިހާ ބޮޑު މުސާރަ އާއި އިނާޔަތްތައް ސޯޝަލް މީޑިއާގައި އާންމުވުމުން އެ ކުންފުނިން ކަންބޮޑުވެ، ބަޔާންތައް ނެރޭ ހިސާބަށް ދިޔަ ދިއުން އޭގެ ހެއްކަކަށް ފުދެ އެވެ.

މާލީ ބަޔާނުގައި ހުށަހެޅުމުގެ އެއް އުސޫލެއް، އެއް މިންގަނޑެއް ނެތި އެކި މުއައްސަސާތަކަށް ވެސް އެކި އުސޫލުތައް ހިނގުމަކީ އެންމެ ބޮޑު މައްސަލަ އެވެ. ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ލޯކަލް ކައުންސިލްތަކުގެ މެމްބަރުން މާލީ ބަޔާން ފޮނުވަން ޖެހެނީ އޮޑިޓާ ޖެނެރަލަށެވެ. މަޖިލިސް މެމްބަރުންގެ މާލީ ބަޔާން ހުށަހަޅަން ޖެހެނީ މަޖިލީހުގެ އަމީން އާންމަށެވެ. ފަނޑިޔާރުންގެ މާލީ ބަޔާން ފޮނުވަން ޖެހެނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށެވެ. މާލީ ބަޔާނުގައި ހިމަނަން ޖެހޭ މައުލޫމާތުތައް ވެސް މުޅިން ތަފާތެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު: އާ އުސޫލު ވެސް އެހާ ރަނގަޅެއް ނޫން -- ފޮޓޯ/މިހާރު

މަޖިލީހުގެ މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުފުރޭ ކުދިންގެ މާލީ ބަޔާން ހުށަހަޅަން މަޖިލީހުގެ ގަވާއިދު ލާޒިމް ކުރާއިރު، ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުންނަށް މި އުސޫލެއް ނުހިނގަ އެވެ. މާނައަކީ އެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އާމްދަނީއާ ނުބައްދަލު މަންފާތަކެއް ހޯއްދެވިޔަސް، ދަރިން ނުވަތަ އާއިލާގެ މެމްބަރެއްގެ ނަމުގައި އެ ހުރިހާ "މިލްކެއް" އޮވެއްޖެ ނަމަ އެ މީހަކާ ހިސާބަށް ދެވޭނެ ގޮތް ގާނޫނުގައި ނެތެވެ.

ދެން އޮތީ މާލީ ބަޔާން ހުށަނޭޅުމުން ފިޔަވަޅު އެޅުމުގެ އުސޫލެވެ. މެމްބަރަކު މާލީ ބަޔާން ހުށަނޭޅުމުގެ ނަތީޖާއަކީ ޖަލްސާތަކާއި ކޮމެޓީތަކުން އެ މެމްބަރަކު ސަސްޕެންޑް ކުރުމެވެ. އެކަމަކު މާލީ ބަޔާން ހުށަނާޅާ ފަނޑިޔާރުންނަށް އޮތީ އެ ބޭފުޅުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޖޭއެސްސީން ހަމައެކަނި ބުނާ ބުނުމެކެވެ. ދެން ހުރި މަގާމުތަކުގައި މާލީ ބަޔާން ހުށަނޭޅިޔަސް، އޮޑިޓާ ޖެނެރަލަށް ގާނޫނީ ގޮތުން ބާރު ލިބިދެނީ އެ ބޭފުޅުންނަށް އެކަން "ހަނދާން ކޮށްލަ" ދިނުމަށެވެ. އެއްވެސް ފިޔަވަޅެއް އެ މީހަކާ ދެކޮޅަށް އެޅުމުގެ ބާރެއް ނެތެވެ. މީގެ ފައިދާ ނަގައިގެން ބައެއް ބޭފުޅުން މާލީ ބަޔާން ހުށަނާޅާ އެތައް ދުވަހެއް ވަންދެން ތިއްބެވި އެވެ.

މިފަދަ ދެކޮޅުނުޖެހޭ ތަފާތުތަކެއް އޮތުމުން އޮޑިޓާ ޖެނެރަލް ނެރުއްވި މާލީ ބަޔާން ހުށަހެޅުމުގެ އާ އުސޫލު ވެސް ހިނގާނީ ސަރުކާރާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް އެކަންޏެވެ. މަގާމުން ވަކިވުމަށް ފަހު ވަކި މުއްދަތެއް ވަންދެން މާލީ ބަޔާން ހުށަހަޅަމުން ގެންދަން ޖެހޭނީ އަދި ދޮގު މައުލޫމާތު ހިމަނައިފިި ނަމަ ފިޔަވަޅު އެޅޭނީ ވެސް ވަކި މަގާމުތަކެއް އަދާކުރެއްވި ބޭފުޅުން އެކަންޏެވެ. މެމްބަރުންނާއި ފަނޑިޔާރުންގެ މައްޗަށް އެ އުސޫލެއް ނުހިނގަ އެވެ.

މަރުކަޒީ ވަކި އިދާރާއެއް ނެތި، އޮޅުންބޮޅުން ވެފައިވާ މާލީ ބަޔާނުގެ ނިޒާމެއް އޮތުމުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ މާލީ ބަޔާންތަކުގެ ސައްހަކަން ކަށަވަރު ކުރަން އުނދަގޫވުމެވެ. މާލީ ބަޔާނުގެ ކަންކަން އެކި މުއައްސަސާތަކުގެ ދަށުގައި އޮތުމުން މަސްލަހަތު ފުށުއަރާ ކަންކަމާއި ދެނެގަތުމަށް އުނދަގޫވުމެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވެސް ފާހަގަކުރާ އެންމެ ބޮޑު މައްސަލައަކީ ތަފާތު އެކި އުސޫލުތަކުގެ ދަށުން މާލީ ބަޔާންތައް ހުށަހެޅުމުން ސައްހަކަން ކަށަވަރު ނުކުރެވި އަދި އެއީ ރަމްޒީ ކަމެއްގެ ގޮތުގައި އެކަން އޮތުމެވެ. މާލީ ބަޔާނުގެ ސައްހަކަން އެއް އުސޫލަކުން ކަށަވަރު ކުރާނެ ނިޒާމެއް ނެތީސް، އާއިލާ މެމްބަރުންގެ މާލީ ބަޔާން ހުށަނޭޅުން ނުވަތަ އާންމު ކުރަން ނުޖެހޭ ގޮތަށް ހެދުމުން މަގާމުގައި ހުންނަވާ ބޭފުޅާގެ މާލީ ބަޔާން އާންމު ކުރުމުގެ ބޭނުން ކެނޑިގެންދާ ކަން ޓްރާންސްޕޭރެންސީ ފާހަގަކުރެ އެވެ.

"އިސް މަގާމުތަކުގައި ތިބޭ މީހުން އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުފުރޭ ކުދިންގެ މާލީ ބަޔާން އާންމު ކުރުމަކީ ޚިޔާލު ތަފާތުވުން ހުރި ކަމެއް މި ދާއިރާގެ މީހުންގެ ތެރޭގައި. އެކަމަކު އާންމު ނުކުރިޔަސް، އެ މީހުން ވެސް މާލީ ބަޔާނެއް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން ޖެހޭނެ ކަމަށް އެންމެން ވެސް އެއްބަސްވޭ. އެގޮތަކަށް ނޫން މިހާރު ރޭވިފައި މި އޮތީކީ. އެއް އުސޫލެއް ނެތް މިކަމުގައި،" ޓްރާންސްޕޭރެންސީގެ އެޑްވޮކެސީ އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު އައިމަން ރަޝީދު ވިދާޅުވި އެވެ.

އައިމަން ވިދާޅުވީ ނުހައްގު މުއްސަނދިކަން ކުށެއް ކަމަށް ގާނޫނަކުން ކަނޑައެޅިޔަސް، މާލީ ބަޔާން ހުށައެޅުމުގެ ނިޒާމު އޮތް ގޮތުން އެއްވެސް ނަތީޖާއެއް ނުކުމެދާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ މާލީ ބަޔާން އާންމު ނުކުރުމާއި އަނބިދަރިންގެ މިލްކިއްޔާތު ބެލޭނެ ހަރުދަނާ ނިޒާމެއް ނެތުމުގެ އިތުރަށް އެއް އުސޫލަކުން އެކަންކަން ބެލޭނެ ގޮތެއް ވެސް ނެތުމެވެ. އަދި ދޮގު މައުލޫމާތު ހިމެނޭ މާލީ ބަޔާން ހުށައަޅާ ނަމަ ވަކި ގާނޫނެއްގެ ތެރެއިން ވެސް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންކަމް ޓެކްސް ނެގޭނެ ނިޒާމެއް އޮތުމާއި ނުހައްގު މުއްސަނދިކަން ކުށެއް ކަމަށް ހެދުން އޮތުން އަދި މާލީ ބަޔާން ހާމަކުރުމުގެ ވަރުގަދަ ނިޒާމެއް އޮތުން މިއީ ވަރަށް މުހިންމު ތިން ކަންތައް. އިންކަމް ޓެކްސްގެ ނިޒާމެއް މިހާރު އެބަ އޮތް. އެކަމަކު މާލީ ބަޔާނުގެ ނިިޒާމު ރަނގަޅު ގޮތަކަށް ނޫން މި އޮތީ. އެހެން އޮއްވާ ނުހައްގު މުއްސަނދިކަން ކުށަކަށް އެކަނި ހަދައިގެން ނަތީޖާއެއް ނުނިކުންނާނެ،" އޭނާ ވިދާޅުވި އެވެ.

ނުހައްގު މުއްސަނދިކަން ކުށެއް ކަމަށް ކަނޑައެޅުމާއި މާލީ ބަޔާނުގެ ސިއްރުވެރި ނިޒާމް ބަދަލު ކުރެވިގެން ނޫނީ ކޮރަޕްޝަނާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތައް އެޅޭނެ ގޮތެއް ނެތެވެ. އެހެންކަމުން ދައުލަތުގެ އިސް ވެރިންގެ އާމްދަނީ އާއި މުއްސަނދިކަން ދެނެގަތުމުގައި ރާއްޖޭގައި މިހާރު މި އޮތް ނިޒާމު ވަރުގަދަ ކުރަން އެބަ ޖެހެ އެވެ.