ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނު މާލީ ބަޔާން މިއަދު އާންމުކުރައްވައިފި އެވެ.
ގާނޫނު އަސާސީގެ 120 ވަނަ މާއްދާގައި ބުނާގޮތުން ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކޮންމެ އަހަރަކު އެ ބޭފުޅެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރި މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކުރައްވައި ތައްޔާރުކުރާ މާލީ ބަޔާނެއް އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވަން ޖެހެ އެވެ.
ރައީސް މުއިއްޒުގެ މާލީ ބަޔާންގައި ފާހަގަކޮށްފައިވާ ގޮތުގައި އެ މަނިކުފާނުގެ ތިން ބޭންކް އެކައުންޓެއްގައި ޖުމްލަ ހުރީ 1.8 މިލިއަން ރުފިޔާ އެވެ.
އޭގެ އިތުރުން މިލްކިއްޔާތުގައި ވާރުތައިން ލިބިފައިވާ މާލޭ ދިމްޔާތާއި 5.5 މިލިއަން ރުފިޔާގެ ރޯހައުސްއަކާއި 150،000ރ. ގެ ހއ. ވަށަފަރު، ދިމްޔާތުއޭ ކިޔުނު ގޯއްޗާއި ހިބައިން ލިބިފައިވާ މ. ފިގް ހިމެނެ އެވެ.
ރައީސްގެ މިލްކިއްޔާތުގައި 260،000ރ. ކާރެއް ވެސް އެބައޮތެވެ.
ރައީސް މުއިއްޒުގެ ނަމުގައި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީގައި ލޯނެއް އެބައޮތް ކަމަށާއި ބާކީ ދައްކަން ޖެހެނީ 1.3 މިލިއަން ރުފިޔާ ކަމަށް މާލީ ބަޔާނުގައި ވެ އެވެ. އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ލޯނެއް ނެތެވެ.
މުސާރައިގެ ގޮތުގައި ރައީސަށް ފާއިތުވި ހަ މަހު 285،024ރ. ލިބިވަޑައިގަތެވެ. އަދި ހުޅުމާލޭ ރޯހައުސްއިން ކުލީގެ ގޮތުގައި ހަ މަސް ތެރޭގައި 240،000ރ. ޖަމާވެފައި ވެ އެވެ. ކުލީގެ ގޮތުން މ. ފިގް 180،000ރ. ލިބިފައިވެ އެވެ. އެއީ އާއިލާއިން ހަދިޔާކުރި ފައިސާ ކަމަށް މާލީ ބަޔާނުގައި ވެ އެވެ.
ރައީސްގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދަށް މިދިޔަ ހަ މަސް ތެރޭގައި ފަސްޓް ލޭޑީގެ އެލަވަންސްގެ ގޮތުގައި 199،999ރ. ލިބިވަޑައިގަތެވެ. އަދި ދިމްޔާތު ކުންފުނިން މުސާރައިގެ ގޮތުގައި 78،000ރ. އާއި ހެލުތު މިނިސްޓްރީގެ ކޮންސަލްޓަންްގެ މުސާރައިގެ ގޮތުގައި ހަ މަސް ތެރޭގައި 4،927ރ. ލިބިވަޑައިގަތެވެ.