މާލީ ބަޔާން ހުށަހަޅާ މުއްދަތަށް ބަދަލު ގެންނަން ފުރުސަތެއް ނުދެން: އޮޑިޓް އޮފީސް

މާލީ ބަޔާން ހުށަހެޅުމަށް އޮންނަ މުއްދަތަށް ބަދަލެއް ގެނައުމަށް އެއްވެސް ބޭފުޅަކަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ފުރުސަތު ދެއްވާފައި ނުވާ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.


އޮޑިޓަ ޖެނެރަލް އޮފީހުން މިގޮތަށް ބުނީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން އެމަނިކުފާނުގެ މާލީ ބަޔާންތައް ހުށަހަޅަން އޮޑިޓާ ޖެނެރަލް ދާދި ފަހުން ފުރުސަތު ދެއްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ (މުއާ) ވިދާޅުވެފައިވަނިކޮށެވެ.

އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މާލީ ބަޔާން އޮޑިޓަ ޖެނެރަލަށް ހުށަހެޅުމަށް ގާނޫނުއަސާސީގައި ނުވަތަ ގާނޫގައި ކަނޑައަޅާފައި އޮންނަ ވަގުތު ނުވަތަ މުއްދަތަށް ބަދަލު ގެނެސް، އެ މުއްދަތު ކުރުކޮށް، ނުވަތަ ދިގު ކޮށްދިނުމަކީ އޮޑިޓަ ޖެނެރަލް ގާނޫނުން ލިބޭ ބާރެއް ނޫން ކަމަށެވެ.

މީގެއިތުރުން، އޮޑިަރ ޖެނެރަލް މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭ ބޭފުޅުންނާ މުއާމަލާތް ކުރަމުން ދަނީ އެބޭފުޅު ނިސްބަތްވާ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ނޫން ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ މުއާމަލާތްތައް ހިންގަވަނީ ސީދާ އެ މާލީ ބަޔާން ހުށަހަޅުއްވާ ބޭފުޅަކާ އެކުގައި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"އޮޑިޓަ ޖެނެރަލަށް މާލީ ބަޔާން ހުށަހަޅަމުންދާ ގޮތާ ބެހޭ ގޮތުން ގާނޫނީ ބާރު ލިބިގެންވާ ތަހުގީގީ އިދާރާއެއް ފިޔަވައި އެހެން އެއްވެސް މީހަކާއެކު އޮޑިޓަ ޖެނެރަލްގެ އޮފީހުން މައުލޫމާތުތައް ހިއްސާކޮށްފައި ނުވާނެ،" އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ގާނޫނުއަސާސީގައި އާއި ގާނުނުގައި ކަނޑައަޅާފައިވާ ގޮތަށް އެބޭފުޅެއްގެ މިލްކިއްޔާތުގެ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް، ތައްޔާރުކުރާ މާލީ ބަޔާނެއް ކޮންމެ އަހަރަކު އޮޑިޓަ ޖެނެރަލަށް ހުށަހަޅަން ޖެހެ އެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި، މާލީ ބަޔާންތައް ހުށަހަޅުއްވަން ޖެހޭ ބޭފުޅުން ހޯދުމަށް އެ އޮފީހުން ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ.

ރައީސް ޔާމީންގެ މާލީ ބަޔާން ހުށަނާޅުއްވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަން ފެށުމުން ރައީސް އޮފީހުން ކުރިން ބުނެފައިވަނީ އެމަނިކުފާނު މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު މާލީ ބަޔާން ހުށަހެޅުއްވި ކަމަށެވެ. އެކަމަކު މާލީ ބަޔާނުގެ އާ ފޯމެޓެއް އޮޑިޓް އޮފީހުން ނެރެފައިވާތީ އެ ފޯމެޓާ އެއްގޮތަށް އެމަނިކުފާނުގެ މާލީ ބަޔާން ހުށަހަޅުއްވާނެ ކަމަށް ރައީސް އޮފީހުން ކުރިން ބުނެފައިވެ އެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިމަހު ފޮނުއްވި ސިޓީއެއްގައި ވަނީ ރައީސްގެ މާލީ ބަޔާން 2013 ގެ ފަހުން ލިބިފައިނުވާ ކަމަށް ބުނެފަ އެވެ.