އެއްވެ އުޅުން ހަނިކުރަން ދެއްކޭނެ ބަހަނާއެއް ނެތް

އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އެންމެ ބޮޑަށް ވަކާލާތުކުރީ މި ސަރުކާރުގެ އިސް ބޭފުޅުންނެވެ. އެ ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު، މަގުމަތީގެ ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅަން ކުރީގެ ސަރުކާރުގައި ހައްގުތައް ހަނިކުރުމުން އެކަން ބަލައިނުގަނެ، މުޒާހަރާތަކަށް ނުކުތީ އެއީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށް ބުނެ، ތަބާނުވާންވެގެންނެވެ. އެކަމަކު ވެރިކަން ބަދަލުވުމުން އެ ބޭފުޅުންގެ ވިސްނުން ވެެސް ބަދަލުވެ، ކުރީ ސަރުކާރުގެ ނިންމުން ދިފާއުކުރެއްވީ އެވެ.


މާލޭގައި މުޒާހަރާތަކާއި އެއްވުންތައް އިތުރުވާން ފެށުމުން ދާދި ފަހުން ހޯމް މިނިސްޓްރީން ދިނީ ކުރިން ވެސް އައި ފަދަ އިންޒާރުތަކެކެވެ. ހުއްދަ ހޯދުމަކާ ނުލައި މާލޭގައި މުޒާހަރާކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ކުރީގެ ސަރުކާރުގައި ކަނޑައަޅާފައި އޮތްއޮތުން ދިފާއުކުރީ އެވެ. އެ ނޫން ސަރަހައްދެއްގައި މުޒާހަރާ ކުރެވޭނީ ޚާއްސަ ހުއްދައެއް ދުރާލާ ހޯދައިގެން ކަމަށް ކަނޑައެޅީ 2016 ވަނަ އަހަރު އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުންނެވެ.

އެކަން ބަލައިގަންނަން ގިނަ ބަޔަކަށް ދަތިވީ މި ސަރުކާރު ވެރިކަމަށް އައީ ކުރިން ހަނިކުރި ހައްގުތައް އަނބުރާ އިއާދަ ކުރުމުގެ ބޮޑު ވައުދަކާ އެކު ކަމަށް ވުމުންނެވެ. ސިޔާސީ ގޮތުން އެކި ފަރާތްތަކަށް އަމާޒު ކޮށްގެން ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް އުވާލުމުގައި ކިތަންމެ އަަވަހަށް ނަތީޖާ ފެނުނަސް، އެއްވެ އުޅުމުގެ މިނިވަންކަން އަލުން އަނބުރާ އިއާދަކުރެވޭނެ ކަމުގެ ފެހި ސިގްނަލެއް މިހާތަނަކަށް ނުފެނެ އެވެ.

އެ އިސްލާހު އުވާލަން ބިލް ހުށަހެޅުއްވި މެމްބަރުގެ ވިސްނުން ބަދަލުވެ، ބިލް އަނބުރާ ގެންދެވީ ކަމެއް ނުވަަތަ ނޫންކަން ވެސް ކަށަވަރު ނުކުރެވި، ރައްޔިތުންގެ މަޖިލީހުގައި މަޑުޖެހިފައި އޮންނަތާ އަހަރެއް ވަނީ އެވެ. މަޖިލީހުގައި ބޮޑު ސުޕަ މެޖޯރިޓީއެއް ސަރުކާރަށް އޮތަސް، އެ ބިލް އަލުން ހުށަހަޅުއްވާނެ މެމްބަރަކު ވެސް ނުވި އެވެ. ސަރުކާރުގެ އިސް ބޭފުޅުންގެ ބަސް މަގު ހުރި ގޮތުން ވެސް އެކަން ސާފެވެ.

ގާނޫނު އަސާސީގެ 32 ވަނަ މާއްދާ ބުނާ ގޮތުން ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ލިބިގެންވެ އެވެ. އެ ހައްގު ކުރިއަރުވައި، ނެގެހެއްޓުމަކީ ރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ދައުލަތަށް ލާޒިމް ކަމެކެވެ. ގާނޫނު އޮތް ގޮތުން ކަމަށް ބުނެ އެއްވެސް ހުއްޖަތެއް ދެއްކެން ނެތީ އެ ބާރު ގާނޫނުން ސަރުކާރަށް ކުރިން ވެސް ދީފައި އޮތުމުންނެވެ.

އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ހުއްދަ ހޯދުމަކާ ނުލައި، މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ކަނޑައެޅީ ގާނޫނަކުން ނޫނެވެ. އެ އިސްލާހުގެ ދަށުން އެފަދަ ސަރަހައްދުތައް ކަނޑައެޅުމުގެ ބާރު ދީފައި އޮތީ ހޯމް މިނިސްޓްރީއަށް ކަމަށް ވާތީ އެ މިނިސްޓްރީން އޭރު ކަނޑައެޅީ ކާނިވާ ސަރަހައްދެވެ. އެހެންވެ، އެ ފުރުސަތު އެހެން ސަރަހައްދުތަކުގައި ދިނުމަށް ސަރުކާރަށް މިހާރު ވެސް ހުރަހެއް ނެތެވެ. ގާނޫނު އޮތް ގޮތުން ކަމަށް ބުނެ ބަހަނާއެއް ދެއްކެން ނެތީ މިހެން ވެގެންނެވެ.

ހިނގާލުމަކަށް ފުލުހުން ހުރަސް އަޅަނީ: އެއްވުންތައް ބާއްވަން ގާނޫނުއަސާސީން މިނިވަންކަން ލިބޭ -- ފޮޓޯ/މިހާރު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ކުރިން ވިދާޅުވެފައިވަނީ އެއްވެ އުޅުމުގެ ހައްގު ކުރިން އޮތް ގޮތަށް އަލުން ދޫކޮށްލައިފި ނަމަ ހަމަޖެހުން ގާއިމް ކުރަން ދަތިތައް ކުރިމަތިވާނެ ކަމަށެވެ. އަދި މިހާރު އޮތް ގޮތަށް ގާނޫނު ބާއްވައިގެން ވެސް، އެއްވެ އުޅުމުގެ މިނިވަންކަން ދެވިދާނެ ކަމުގެ އިޝާރާތެއް ވެސް އޭރު ކުރެއްވި އެވެ.

"އިސްލާހު އެއްކޮށް އުވައި ނުލައި، ރައްޔިތުންނަށް ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ތެރެއިން ދެވެން އޮތް އެންމެ ފުޅާ ފުރުސަތެއް ދެވިދާނެ ކަމަށް ނުވަތަ އިސްލާހެއް ގެނެވިދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މިދިޔަ އަހަރު ފަހުކޮޅު މަޖިލީހުގެ ކޮމެޓީއެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވެ އެވެ.

އެކަމަކު އިމްރާން އެގޮތަށް ވިދާޅުވިތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް، އެ ވިދާޅުވާ ފުޅާ ދާއިރާއެއްގައި އެއްވެ އުޅުމުގެ ހައްގު ބޭނުން ކުރުމުގެ ފުރުސަތު "ގާނޫނީ އިމުގެ ތެރެއިން" ފަހިކޮށެއް ނުދިނެވެ. މާލޭގައި މިހާރު މުޒާހަރާތަކަށް ނުކުންނަނީ ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމަށް ދެކިގެންނެވެ. ފުލުހުން ބޭނުންވާ ނަމަ، އެއްވުންތަކާއި ހިނގާލުންތަކަށް ހުރަސް އެޅުމުގެ ފުރުސަތު އޮތުމުން ސަރުކާރުން އެއްވެ އުޅުމުގެ ހައްގު ފަހިކޮށް ދިނީ ކަމަށް ބުނެވޭނެ ގޮތެއް ނެތެވެ.

މުޒާހަރާތަކުގެ ސަބަބުން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތިވުމުގެ ކަންބޮޑުވުމަކީ އެއްވެސް ގޮތަކަށް ދެއްކެން އޮތް ހުއްޖަތެއް ނޫނެވެ. އެހެނީ، އެއްވެ އުޅުމުގެ ގާނޫނަށް 2013 ގައި އަމަލު ކުރަން ފެށިއިރު ވެސް، "ގްރީން ޒޯން" ގެ ގޮތުގައި ހިމެނޭ ސަލާމަތީ ބާރުތަކުގެ މަރުކަޒުތަކާއި ރައީސާއި ނައިބު ރައީސްގެ ރަސްމީ ގެކޮޅާއި މަޖިލިސް އިދާރާ އާއި ކޯޓުތައް ފަދަ މުހިންމު އިމާރާތްތަކާ ވަކި މިންވަރަކަށް ވުރެ ކައިރީގައި މުޒާހަރާ ނުކުރެވޭ ގޮތަށް ފޫޓް ކަނޑައަޅައި، ލިޔެފައި އެބަ އޮތެވެ. އެހެންވެ، އެއީކީ ވެސް އަސާސީ ހައްގެއް އެއްކޮށްގެން ހިފަހައްޓައިގެން ތިބެވޭނެ ސަބަބެއް ނޫނެވެ.

ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި އެއްވެ އުޅުމުގެ ހައްގު ހަނިކޮށްފައި އޮތީ ގާނޫނުގެ ސަބަބުން ކަމަށް ބުނެވޭނެ އެއްވެސް ސަބަބެއް ނެތެވެ. ކުރީގެ ސަރުކާރުން ކަނޑައެޅި ގޮތުން އެއްވެ އުޅުމުގެ ހައްގު އެހާ ބޮޑަށް ހަނިކުރި ކުރި ކުރުން މި ސަރުކާރުން ވެސް ދިފާއު ކުރުމުން އެ ހައްގު އަނބުރާ އިއާދަ ކުރުމުގެ ވިސްނުމެއް ނެތްކަން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އިސްލާހުގައި ބުނަނީ ހޯމް މިނިސްޓްރީންނޭ ސަރަހައްދުތައް ކަނޑައަޅާނީ. ހޯމް މިނިސްޓްރީން ކަނޑައެޅީ ކާނިވާ ސަރަހައްދު ކަމަށް. އެ ހިސާބުން މި ހައްގު އެހާ ބޮޑަށް ހަނިވެގެން މި ދިޔައީ. އެ އިސްލާހު ބާތިލް ނުކުރިޔަސް، އެ ފުރުސަތު ދެވެން އެބަ އޮތް،" ކުރިން ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވެ އުޅުމުގެ ހައްގު ދޭން ޖެހޭނީ އެހެން މީހުންގެ ހައްގުތަކާއި ގައުމީ ސަލާމަތަށް ނުރައްކާ ނުވާނެ ގޮތެއްގެ މަތިން ކަމަށެވެ. އެކަމަކު އެއީ ސަބަބެއްގެ ގޮތުގައި ދެއްކުމަށް ފަހު، އެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ބިލު މަޖިލީހުގައި މަޑުޖައްސާލަނީ އެއްވެސް ސަބަބެއް އޮވެގެން ނޫން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"މަޖިލީހުގެ ގަވާއިދުގައި އެބަ ބުނޭ އެއްވެސް ބިލެއް އަނބުރާ ނުގެންދެވޭނެއޭ ބިލް މަޖިލީހަށް ބަލައިގަތުމަށް ފަހު. އެހެންވީމަ މެމްބަރު ބިލް އަނބުރާ ގެންދިޔައީއޭ ބުނެފައި އެ ބިލްގެ މަސައްކަތް ކުރިއަށް ނުގޮސް ބޭއްވޭކަށް ނެތް،" އުޝާމް ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމޭ އެއްފަދައިން ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަން ކަމަކީ ސަރުކާރެއްގެ ރިޔާސީ ވައުދަކަށް ވުރެ ބޮޑަށް، ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެކެވެ. އަސާސީ ހައްގުތަކަކީ ސަރުކާރުން ބޭނުންވާއިރަށް ހަނިކޮށް ނުވަތަ ހިފެހެއްޓޭ ހައްގެއްގެ ގޮތުގައި އޮވެގެން ނުވާނެ އެވެ. އެހެންކަމުން ގާނޫނީ އިމުގެ ތެރެއިން އެއްވެ އުޅުމުގެ ހައްގު ބޭނުން ކުރަން ހުރަސް އެޅުމަށް ސަރުކާރަށް ނުވަތަ މަޖިލީހަށް ވެސް ދެއްކޭނެ ހުއްޖަތެއް ނެތެވެ.