ކޮވިޑް ވެކްސިނެއް ރާއްޖެ އަށް އަވަހަށް ލިބެން އޮތް މަގު

އާބާދީގެ 20 ޕަސެންޓަށް ވާ ވަރަށް ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭ ޕްރޮގްރާމަކުން ބޭރުގެ އެހީގައި ވެކްސިން ލިބޭނެ 92 ގައުމުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ. އެ ޑޯޒްތައް ބަހާނީ ސިއްހީ ހިދުމަތާއި އިޖުތިމާއީ ހިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކޮވިޑް ޖެހިގެން ފުރާނަ އަށް ނުރައްކާވުމުގެ ބިރު ބޮޑު މީހުންނަށް އިސްކަން ދީގެން.

ކޮވިޑް-19ގެ އަނދަވަޅުން އަރައިގަތުމުގެ ހުރިހާ އުއްމީދެއް ވެކްސިނަކާ ގުޅިފައިވާ އިރު، އެންމެ އަވަހަށް އުފައްދާ ވެކްސިނެއް ލިބިގަންނަން ކޮންމެ ގައުމެއް ވެސް އޮތީ ހިތްއަވަސްވެފަ އެވެ. އެކަމަކު ވެކްސިނެއް ތަރައްގީކޮށް ނިމުނަސް، އުފެއްދޭ މިންވަރު މަދުވާނެތީ، އަލަށް ބާޒާރަށް ނުކުންނާނީ ބޭނުންވާ ވަރަށް ވުރެ މާ މަދުންނެވެ. މާނައަކީ، ކޮންމެ މީހަކަށް ވެކްސިނެއް ލިބުމުގެ ފުރުސަތެއް ފުރަތަމަކޮޅު ނޯންނާނެ ކަމެވެ.


މުއްސަނދި އެތައް ގައުމަކުން މިހާރު ވެސް ވަނީ ތަރައްގީކުރަން މަސައްކަތްކުރަމުންދާ ވެކްސިންތައް ގަންނަން ފައިސާ ކަނޑައަޅައި ބޮޑެތި އޯޑަރުތައް ދީފަ އެވެ. ދެން ހުރި ގައުމުތަކަށް އޮތީ ކޮން ގޮތެއް ހެއްޔެވެ؟

ކޮވިޑަށް ވެކްސިނެއް ހޯދިއްޖެ ނަމަ އެންމެ އަވަހަށް އެ ވެކްސިން ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނަން މަސައްކަތްކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިދިޔަ މަހު ވަނީ ވިދާޅުވެފަ އެވެ. އަމީން އެ އިޝާރާތްކުރެއްވީ ހަމަހަމަކަމާ އެކު ހުރިހާ ގައުމަކަށް ވެސް ވެކްސިން ލިބޭނެކަން ކަށަވަރުކުރަން ފަށާފައިވާ ބައިނަލްއަގުވާމީ ޕްރޮގްރާމަކުން ރާއްޖެ އަށް އޮތް ފުރުސަތަށެވެ.

"ކޯވެކްސް ފެސިލިޓީ"ގެ ނަން ދީފައިވާ އެ ޕްރޮގްރާމް މެދުވެރިކޮށް، ބައިނަލްއަގުވާމީ މާލީ އެހީތެރިކަމުގެ ދަށުން ވެކްސިން ލިބެން ޝަރުތު ހަމަވާ 92 ގައުމު ޖުލައި 31ގައި އިއުލާންކުރި އިރު ރާއްޖެ ހިމެނެ އެވެ.

މި ކަށަވަރުވީ ކޯވެކްސް ފެސިލިޓީ މެދުވެރިވެގެން ވެކްސިނެއް ނުކުމެއްޖެ ނަމަ ފުރަތަމަ ބުރުގައި ވެސް، ތަނަވަސް ގައުމުތަކާ އެއް ވަގުތެއްގައި، ރާއްޖެ އަށް އެ ވެކްސިން ލިބުމުގެ ފުރުސަތެވެ.

މުއްސަނދި ގައުމުތަކުން ކޮވިޑްގެ ވެކްސިން ގަނެ ހުސްކޮށްލުން ނުވަތަ އެ ގައުމުތަކުގައި އުފައްދާ ވެކްސިން ބައްކުރުމުގެ ސަބަބުން، ތަނަވަސްކަން ކުޑަ ގައުމުތަކަށް އެއްޗެއް ނުލިބިދާނެ ކަމުގެ ކަންބޮޑުވުން ދުނިޔޭގެ ބައެއް ފަރާތްތަކުން ފާޅުކުރެ އެވެ. އެކަމަކު ސަރުކާރަށް، ކޯވެކްސް ފެސިލިޓީން ފުރުސަތު ލިބުމުގެ ހިތްހަމަޖެހުން އޮވެފައި މާ ބޮޑު ކަންބޮޑުވުމެއް ނެތްކަން ދޭހަވެ އެވެ.

"ވަރަށް ބޮޑު، ދުނިޔޭގައި މިހާތަނަށް ދުވަހަކު ވެސް ނުކުރާ ކަހަލަ ކަމެއް، މި އިނީޝިއޭޓިވްއަކީ،" އެޗްޕީއޭގެ މެޑިކަލް އޮފިސަރު އަދި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު "މިހާރު" އަށް ވިދާޅުވި އެވެ.

"ވެކްސިން ލިބުމުގެ ޓައިމްލައިން އަވަސްކުރަން އަދި ހަމަހަމަ ގޮތެއްގައި ވެކްސިން ބެހިގެންދާނެ ކަން ޔަގީންކުރަން މި މަސައްކަތްކުރަނީ ދުނިޔޭގެ ވަރަށް ގިނަ މުއައްސަސާތަކެއް ގުޅިގެން. އެހެންވީމާ އަޅުގަނޑުމެން އުއްމީދުކުރަނީ، އެންމެ މަދުވެގެން ވެސް، ހައި ރިސްކު މީހުންނަށް ފުދޭ ވަރަށް ފުރަތަމަ ބުރުގައި ވެސް ރާއްޖެ އަށް ވެސް ވެކްސިން ލިބޭނެ ކަމަށް."

ކޯވެކްސް ފެސިލިޓީން ލިބެނީ ކޮން ފުރުސަތެއް؟

"ކޮވިޑް-19 ވެކްސިންސް ގްލޯބަލް އެކްސެސް" ނުވަތަ ކޯވެކްސް ފެސިލިޓީއަކީ ކޮވިޑް-19 އަށް ޓެސްޓުކުރުމާއި ފަރުވާދޭން ބޭނުންވާ ތަކެއްޗާއި ބައްޔަށް ވެކްސިން އުފެއްދުމުގެ މަރުހަލާތައް އަވަސްކޮށް އެ އެއްޗެހި ހަމަހަމަކަމާ އެކު ބަހަން ޑަބްލިޔުއެޗްއޯ އިން އޭޕްރީލް މަހު އިފްތިތާހުކުރި ޕްރޮގްރާމް، "އެކްސެސް ޓު ކޮވިޑް-19 ޓޫލްސް އެކްސެލެރޭޓާ"ގެ ތެރެއިން އުފަންކުރި ޕްރޮގްރާމެކެވެ.

ކޯވެކްސް ފެސިލިޓީގައި ޑަބްލިޔުއެޗްއޯގެ ބައިވެރިންނަކީ ކުޑަކުދިންނަށް ވެކްސިން ފޯރުކޮށްދޭން ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުން އުފައްދާފައިވާ ގާވީ އާއި އިތުރު ބަލިމަޑުކަން ހުއްޓުވަން ވެކްސިން ތަރައްގީކުރުމުގެ މަސައްކަތްކުރާ ކޯލިޝަން ފޯ އެޕިޑެމިކް ޕްރިޕެއާޑްނެސް އިނޮވޭޝަންސް (ސެޕީ) އެވެ.

ކޯވެކްސް އިން ކުރާނެ ކަމަކީ ފައިސާ އެއްކޮށްގެން، ކޮވިޑަށް ވެކްސިނެއް ހޯދަން ކުރާ ބައެއް މަސައްކަތްތަކަށް ހަރަދުކޮށް އެ މަސައްކަތްތައް ހަލުވިކުރުވައި ގައުމުތަކުގެ މެދުގައި ވެކްސިން އިންސާފުވެރިކޮށް ބެހުމެވެ. އަންނަ އަހަރުގެ ނިޔަލަށް ވެކްސިންގެ ދެ ބިލިއަން ޑޯޒް މި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދޭން އަމާޒު ވަނީ ކަނޑައަޅައިފަ އެވެ.

މުއްސަނދި ގައުމުތަކާއި ފަގީރު ގައުމުތައް ހިމެނޭ ގޮތަށް، ކޯވެކްސް ފެސިލިޓީގައި ބައިވެރިވާ ކޮންމެ ގައުމަކަށް ވެސް އާބާދީގެ 20 ޕަސެންޓަށް ވާ ވަރަށް ވެކްސިން ލިބޭނެ އެވެ. ގިނައިން އާމްދަނީ ލިބޭ 78 ގައުމަކުން މިހާތަނަށް ވަނީ ކޯވެކްސް މެދުވެރިކޮށް ވެކްސިން ގަންނަން ފައިސާ ދައްކާނެ ކަމުގެ ޝައުގުވެރިކަން ލިޔުމުން ފާޅުކޮށްފަ އެވެ. އަމަލުކުރުން ލާޒިމް އެއްބަސްވުމެއްގެ ދަށުން އެ ގައުމުތަކުން މި މަހު ފައިސާ ދައްކަން ޖެހެ އެވެ.

ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް މި ޕްރޮގްރާމުން ޑޯނާ ފަންޑިންގެ ދަށުން ވެކްސިން ފޯރުކޮށްދޭނެ އެވެ. އެގޮތަށް ވެކްސިން ލިބެން ޝަރުތު ހަމަވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެނީ ތަރައްގީވަމުން އަންނަ ކުޑަ އިގްތިސޯދެއްގެ ގޮތުގައި ބައިނަލްއަގުވާމީ އެހީ އަށް ޝަރުތު ހަމަވޭތޯ ވޯލްޑް ބޭންކުން ބަލާ މިންގަނޑަށް ފެތޭތީ އެވެ.

މި 92 ގައުމަށް ވެކްސިން ފޯރުކޮށްދޭން ހިނގާ ޚަރަދުގެ، އެންމެ ކުޑަމިނުން ބައެއް ހަމަޖައްސައިދޭން ގާވީން ވަނީ ވައުދުވެފަ އެވެ. މިދިޔަ މަސް ނިމުނު އިރު ގާވީން ބުނެފައިވަނީ "ކޯވެކްސް އޭއެމްސީ" ކިޔާ ޕްރޮގްރާމެއްގެ ދަށުން އެކަން ކުރަން މިހާތަނަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ލިބިފައިވާ އިރު 92 ގައުމަށް ބޭނުންވާ އަދަދަށް ޑޯޒްތައް ކަށަވަރުކުރަން މި އަހަރު ނިމެންވާ އިރަށް ދެ ބިލިއަން ޑޮލަރު ހަމަވާން ޖެހޭ ކަމަށެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް އެއް ބިލިއަން ޑޯޒް ގަންނަން އިތުރު 3.4 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ވެސް ގާވީން ބުނެ އެވެ.

ވޮޝިންޓަން ހެލްތު ރިސާޗް އިންސްޓިޓިއުޓުގައި ކޮރޯނާވައިރަހުގެ ވެކްސިން ޓެސްޓްކުރަން މީހެއްގެ ހަށިގަނޑަށް ޖަހަނީ: ދުނިޔޭގެ އެކި ހިސާބުތަކުގައި އަންނަނީ ވެކްސިން ޓެސްޓް ކުރަމުން. --ފޮޓޯ:އޭޕީ

ގުޅިލާމެހިފައިވާ ދުނިޔެއެއްގައި ކޮވިޑް ފަދަ ބަލިމަޑުކަމަކުން އަރައިގަންނަން ހުރިހާ ގައުމަކަށް ވެސް ވެކްސިން ލިބުން މުހިއްމުވާ އިރު ކޯވެކްސްގައި މިހާތަނަށް ބައިވެރިވެފައިވާ ގައުމުތަކުން ދުނިޔޭގެ އާބާދީގެ 60 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް ތަމްސީލްކުރެ އެވެ.

"ވެކްސިނެއް އައިމަ، އެނގޭނީ، ހައި ރިސްކު ގްރޫޕްތަކުން ހުރިހާ އެންމެންނަށް ވެކްސިން ޖެހޭނެތޯ ނުވަތަ މީގެ ތެރެއިން ބައެއް މީހުންނަށްތޯ ޖެހޭނީ."--ޑރ. ނަޒްލާ

ކޯވެކްސް އިން މިހާރު ވަނީ އުފެއްދުމުގެ މަސައްކަތް ކުރީގައި އުޅޭ އަދި އުއްމީދީ ނުވަ ވެކްސިން ކެންޑިޑޭޓެއް އެކި ގައުމުތަކުން ހޮވައިފަ އެވެ. އޭގެ ތެރޭގައި، ހިއުމަން ޓްރަޔަލް މަރުހަލާގައި އުޅޭ ހަތް ވެކްސިނެއް ހިމެނެ އެވެ. އެ ވެކްސިންތައް އުފައްދަން މަސައްކަތްކުރާ ފަރާތްތަކާ އެކު އެ ފެސިލިޓީން އެއްބަސްވުންތައް ހަދަނީ، ރަނގަޅުވާނެ ކަން ނުވަތަ ހުއްދަ ލިބޭނެކަން ނޭނގި ގިނަ އަދަދަކަށް ވެކްސިން އުފެއްދުމުގެ ރިސްކު ނަންގުވައި އެކަމުން ލިބިދާނެ މާލީ ގެއްލުން ފެސިލިޓީން ފޫބައްދައިދޭށެވެ.

އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވަސިޓީއާ ގުޅިގެން ކޮވިޑަށް ވެކްސިނެއް ހެދުމުގެ މަސައްކަތްކުރަމުން އަންނަ އެސްޓްރަޒެނެކާ އިން ކޯވެކްސް އަށް 300 މިލިއަން ޑޯޒް ސަޕްލައިކޮށްދޭން މިހާރު ވެސް ވަނީ އެއްބަސްވެފަ އެވެ. ކޮވިޑަށް ވެކްސިނެއް ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި އެމެރިކާގެ މޮޑާނާގެ އިތުރަށް އުޅެނީ އެސްޓްރަޒެނެކާ އެވެ.

ގާވީ އިން ބުނާގޮތުގައި ކޯވެކްސްއަކީ ވެކްސިން އުފައްދާ ފަރާތްތަކާ އެކު ވަކިން ޑީލް ހަދާ ގައުމުތަކަށް ވެސް އޮތް "އިންޝުއަރެންސް ޕޮލިސީ" އެކެވެ. އެއީ އެ ގައުމުތަކުން އަމިއްލަ އަށް އޯޑަރު ދެމުންދާ ވެކްސިންތައް ނާކާމިޔާބުވިޔަސް އިތުރު ގޮތެއް މީގެ ސަބަބުން އޮންނާނެތީ އެވެ. ބޮޑު ހަރަދެއް ނުކުރެވޭނެތީ ނުވަތަ އާބާދީ ކުޑަކަމުން އަމިއްލަ އަށް އުޅެގެން ވެކްސިން ގަންނަން އުނދަގޫވާނެ ރާއްޖެ ފަދަ ގައުމުތަކަށް އޮތް އެންމެ ފަހި ނުވަތަ ހަމައެކަނި ފުރުސަތަކީ ކޯވެކްސް އެވެ. އެ ފެސިލިޓީން ލިބޭ ހާއްސަ ފައިދާއެއް ވެސް ވެ އެވެ.

"މި ފެސިލިޓީގައި ބައިވެރިވީމަ ރަނގަޅު ކަމަކީ އެ މީހުންގެ ޕޯޓްފޯލިއޯގައި ހުންނަ ކޮންމެ ވެކްސިނަކުން ވެކްސިނެއް ރައްކާތެރި އަދި އިފެކްޓިވް ކަމަށް ދެއްކިޔަސް އަވަހަށް އޭތި މެނުފެކްޗާ ވެސް ކުރެވިފައި ހުންނާނީ، އަދި އަޅުގަނޑުމެންނަށް އެ ވެކްސިނެއް ލިބޭނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އާބާދީގެ 20 ޕަސެންޓަށް ވުރެ ގިނަ މީހުންނަށް ވެކްސިން ހޯދަން އެދޭ ގައުމުތަކަށް، ފައިސާ ލިބޭ މިންވަރާއި ޑަބްލިޔުއެޗްއޯގެ ލަފަޔާއި އާއްމު ސިއްހަތާއި ބަލީގެ ހާލަތާ ބެހޭ އެންމެ ފަހުގެ ހެކިތަކަށް ބިނާކޮށް، އިތުރު ޑޯޒްތައް ކަނޑައަޅާނެ ކަމަށް ގާވީން ބުނެ އެވެ.

20 ޕަސެންޓުގައި ހިމެނޭނީ ކޮން ބައެއް؟

ރާއްޖޭގެ އާބާދީ މި އަހަރާއި އަންނަ އަހަރު ހުންނާނެ ކަމަށް އަންދާޒާކޮށްފައިވާ ދެ އަދަދުގެ 20 ޕަސެންޓަށް ބަލާ ނަމަ، 111،000-113،600 މީހުންނަށް ވާ ވަރަށް ކޯވެކްސް ފެސިލިޓީން ރާއްޖެ އަށް ވެކްސިން ލިބޭނެ އެވެ.

ކޯވެކްސް އިން 20 ޕަސެންޓަށް ފޯރުކޮށްދޭ ވެކްސިން ޑޯޒްތައް ހާއްސަވާނީ، ގާވީ އާއި ޑަބްލިޔުއެޗްއޯ އިން ބުނެފައިވާ ގޮތުގައި، ސިއްހީ ހިދުމަތް ދޭ މީހުންނަށާއި ކޮވިޑަށް އެންމެ ނާޒުކު މީހުންނަށެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ކޯވެކްސް މެދުވެރިކޮށް ލިބޭ ވެކްސިން ބަހާނީ ސިއްހީ ހިދުމަތާއި އިޖުތިމާއީ ހިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އާބާދީގެ ތިން ޕަސެންޓް އަދި ބާކީ 17 ޕަސެންޓަކީ ރިސްކު ބޮޑު މީހުން ކަމަށް ބަލައިގެންނެވެ.

އޭނާ ވިދާޅުވީ ވެކްސިން ދިނުމުގައި އުސޫލެއްގެ ގޮތުން އިސްކަންދޭނީ ކޮވިޑް ޖެހިގެން ހާލު ދެރަވެ ފުރާނަ އަށް ނުރައްކާވުމުގެ ބިރު ބޮޑު މީހުންނަށް ކަމަށެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި އެހެނިހެން ބޮޑެތި ބަލިތައް ހުންނަ މީހުންނެވެ. އެކަމަކު ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ނުރައްކާ ބޮޑު ގްރޫޕްތަކާއި އެ ނޫން މީހުންގެ ތެރެއިން ވެސް އިސްކަން ދޭނެ ތަރުތީބު، ވެކްސިން ލިބެން ހުރި މިންވަރެއްގެ އިތުރުން، ބިނާވާނީ ލިބޭ ވެކްސިނެއްގެ މައްޗަށެވެ. މިސާލަކަށް، ފުރަތަމަ ލިބޭ ވެކްސިން އުމުރުން ދުވަސްވީ މީހުންނަށް ދޭން އެކަށީގެން ނުވާ ނަމަ، އޭނާ ވިދާޅުވި ގޮތުގައި، އެ އުމުރުފުރައިގެ މީހުން ޖެހޭނީ އެ ވަގުތަށް ބާކީ ކުރާށެވެ.

"އެހެންވީމާ ވެކްސިން އެވެއިލެބިލިޓީ އަށާއި ގްލޯބަލް ރެކޮމެންޑޭޝަންސް އަށް ބަލާފައި، ދެން ގައުމުން ނިންމަން ޖެހޭނީ، ކޮންކޮން ބަޔަކަށްތޯ ދޭނީ. ކޮވިޑްގައި ވާ ގޮތަކީ މުޅިން އަލަށް، ކޮރޯނާވައިރަސްއަކަށް ވެކްސިން ހަދަން މި އުޅެނީ. އެހެންވީމާ އަދި ނުއެއް އެނގޭ، ކިހިނެއް ކަމެއް ކަނޑައެޅިގެންދާނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

"ވެކްސިނެއް އައިމަ، އެނގޭނީ، ހައި ރިސްކު ގްރޫޕްތަކުން ހުރިހާ އެންމެންނަށް ޖެހޭނެތޯ ނުވަތަ މީގެ ތެރެއިން ބައެއް މީހުންނަށްތޯ ޖެހޭނީ."

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި އެ ކަންކަން ކަނޑައަޅާނީ ވެކްސިންތަކާއި ވެކްސިންދޭނެ ގޮތާ ބެހޭ ގޮތުން ޑަބްލިޔުއެޗްއޯ އަށް ލަފާ ދޭ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސް (ސޭޖު)ގެ ނިންމުންތަކާ އެއްގޮތަށެވެ.

"މިހާރު ވެސް ސޭޖު އޮތީ އޮންބޯޑް ވެފައި. [ވެކްސިންގެ] ޑޭޓާ ލިބޭހާ އަވަހަކަށް ޑޭޓާ ބަލާފައި އެ މީހުންގެ ރެކޮމެންޑޭޝަންސް ދޭނެ،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ނޫސްވެރިންނާ އޮންލައިންކޮށް ވާހަކަ ދައްކަވަނީ.

ދެން ތިބި މީހުންނަށް ކޮން ގޮތެއް؟

ނުރައްކާ ބޮޑު މީހުންގެ އިތުރުން ދެން ވެކްސިން ދޭނީ އާބާދީގެ ކޮން ބަޔަކަށް ނުވަތަ ކިހާ މީހުންނަކަށް ކަމެއް އަދިއެއް ނޭނގެ އެވެ. ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި އާއްމު ސިއްހަތުގެ ނަޒަރުން ބަލާ އިރު އުސޫލެއްގެ ގޮތުން ބޭނުންވާނީ ހާޑް އިމިއުނިޓީ (އާބާދީގެ ބޮޑު ބައެއްގެ މީހުން ގައިގައި ބައްޔަށް ދިފާއު އަށަގަތުމުން ބަލި ފެތުރުން ނާދިރުވުން) ހާސިލްކުރާށެވެ. ހާޑް އިމިއުނިޓީ އަށް ބޭނުންވާ އާބާދީގެ ނިސްބަތް މައިގަނޑު ގޮތެއްގައި ބިނާވަނީ އެކަކުގެ ފަރާތުން ބަލި ޖެހޭ މީހުންގެ އަދަދު ނުވަތަ "އާރް" އަށެވެ. ކޮވިޑްގެ ދުނިޔޭގެ އާރްއަކީ 2-3 އެވެ.

"ކޮވިޑް އެންމެ ބާރަށް ފެތުރޭ އިރު ވެސް އާރް މި އުޅެނީ ގާތްގަނޑަކަށް ތިނެއްގައި. އެހެންވީމާ، އޮންނަ ފޯމިއުލާ އިން ބަލައިލާ އިރު، ކޮވިޑްގައި އިމިއުނިޓީ ބޭނުންވާނެ ކަމަށް ލަފާކުރެވެނީ ގާތްގަނޑަށް [އާބާދީގެ] 65-70 ޕަސެންޓަށް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ބައެއް ދިރާސާތައް ބުނާ ގޮތުން ކޮވިޑަށް ހާޑް އިމިއުނިޓީ ހޯދަން ބޭނުންވަނީ އެއަށް ވުރެ ވެސް ކުޑަ ނިސްބަތެކެވެ.

ގައުމަކުން ވެކްސިން ހޯދަން ކުރާ މަސައްކަތާއި ވެކްސިން ދިނުމުގެ ނިންމުންތައް ނިންމުމުގައި، އެ ވެކްސިނެއް މަސައްކަތްކުރާ ގޮތް ވެސް މުހިއްމުވެ އެވެ.

"އިންފުލެންޒާ ވެކްސިން ގޮތަށް ކޮންމެ އަހަރަކު ޖަހަން ޖެހެންޏާ އެ ގޮތަށް ކުރިއަށް ގެންދަން ޖެހޭނީ. އެހެން ނޫނީ އެއް ފަހަރު ޖަހާފައި، އިތުރަށް، އަލަށް އުފަންވާ ކުދިންނަށް ޖަހައި އެކަހަލަ ގޮތަކަށް ހެދިދާނެ. އެކަމަކު މި ހުރިހާ ކަމެއް ބިނާވާނީ [ވެކްސިނުން ލިބޭ] އިމިއުނިޓީ ދެމިހުންނަނީ ކިހާ ދުވަހަކަށްތޯ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޯވެކްސްގެ އެހީގެ އިތުރަށް ވެކްސިން ހޯދަން ރާއްޖެ އިން ރާވާ ގޮތާއި ކުރިމަތިވެދާނެ ގޮންޖެހުންތަކާ ބެހޭ ގޮތުން ސުވާލުކުރުމުން ޑރ. ނަޒްލާ ވިދާޅުވީ އެ ފެސިލިޓީން ފުރަތަމަ ބުރުގައި 20 ޕަސެންޓަށް ވާ ވަރަށް އެކަނި ވެކްސިން ފޯރުކޮށްދޭން ކަނޑައަޅާފައި އޮތަސް އެއަށް ފަހު އިތުރު ޑޯޒްތައް ވެސް ލިބޭނެ ކަމަށެވެ.

"އިތުރަށް ވެކްސިން އުފެއްދޭ ވަރަކަށް އިތުރު ވެކްސިން އެ މީހުން ފޯރުކޮށްދޭނެ، އެ ތަނެއްގައި ކޯވިޑް ފެތުރެނީ ކިހާ ވަރަކަށްތޯ އާއި އެކަހަލަ ކަންތައްތަކަކަށް ބަލާފައި،" އޭނާ ވިދާޅުވި އެވެ.