ރިޕޯޓް / ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ

ކުދިންގެ ފުރާނަ ސަލާމަތްކުރަން އެޅި ފިޔަވަޅަކަށް 30 މީހަކަށް ދައުވާ؟

ފުލުހުން ޑިއުޓީގައި ހަރަކާތްތެރިވަނީ: ކުދިންތަކަކަށް އަނިޔާކުރި ކަމުގެ ތުހުމަތު އެ މުއައްސަސާގެ ބައެއް ފުލުހުންނަށްކޮށް ދައުވާކޮށްދޭން ވަނީ އެދިފައި.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ތުހުމަތުތައް ސީރިއަސް އެވެ: ދައުލަތުން ބެލެހެއްޓި ކުދިންތަކަކާ މެދު ލާއިންސާނީ އަމަލުތަކެއް ހިންގައިފި އެވެ. ހަޑިހުތުރު ބަހުން މުއާމަލާތުކޮށް ބިޑިއަޅުވައި ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކެއް ދީފި އެވެ.

ތަހުގީގަށް ހެކި ލިބިފައިވާ ކަމަށް ބުނެ މި މައްސަލަތަކުގައި 30 މީހަކަށް ދައުވާކޮށްދޭން ކޮމިޝަނުން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ.

ކޮމިޝަނުން އެއްފަހަރާ މިހާ ގިނަ ބައެއްގެ މައްޗަށް ދައުވާ އުފުލައިދޭން އެދުނު މިއީ ފުރަތަަމަ ފަހަރެވެ. ތުހުމަތު އަމާޒުކުރި އެއް ބޭފުޅަކީ އޭރުގެ ޖެންޑަ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވެ. އޭގެ އިތުރުން ފުލުހުންގެ އެފްސީޕީޑީގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ހިމެނޭ ގޮތުން އަށް ފުލުހަކާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންތަކަކާއި ސިފައިން ވެސް ހިމެނެ އެވެ.

މީގެ ހަތަރު އަހަރު ކުރިން ހިނގި ކަމެއް ތަހުގީގުކޮށް ދައުވާކުރަން އެދުނީ އެޗްއާރުސީއެމުން ބުނާ ގޮތުގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބަލާ ކޮމިޝަނުން އެ މައްސަލަ ސަމާލުކަމަށް ގެނައުމުންނެވެ.

ޖެންޑާ މިނިސްޓަރު ޒެނީޝާ އާއި އެފްސީޕީޑީގެ ހެޑަކަށް ހުންނެވި ބަޝީރު: އެންމެ ބޮޑު ތުހުމަތެއް އަމާޒުވަނީ މި ދެ ބޭފުޅުންނަށް.

ކުޑަކުދިންގެ ހިޔާގައި އަބަދުވެސް އެތައް ބައިވަރު ކަމެއް ފެންމަތިވެ ޝަކުވާ ބޮޑު ތަނެއްގެ ގޮތުގައި އޮތްއިރު މާކުރިން ހިނގި އެންމެ ކަމެއް ނަގައި ތަހުގީގަށް ފަހު ގިނަ ބައެއްގެ މައްޗަށް ދައުވާ އުފުލައިދޭން އެދުމަކީ ސުވާލު އުފެދޭ ކަމެކެވެ. މިކަމުގައި, އެޗްއާރުސީއެމުން ދަނީ މާބޮޑު ތަފްސީލެއް ދޭން ވެސް އުޒުރުވެރިވަމުންނެވެ.

އެނގިފައިވާ ގޮތުގައި މައްސަލައިގައި އެކި މިންވަރަށް ތުހުމަތު ކުރެވުނު އެންމެން ހިމެނޭހެން ދައުވާ އުފުލަން އެދުނު އިރު އެކަން ހިނގިކަން އެނގި ތިބެ އަޅާނުލީ ކަމަށް ތުހުމަތުކުރާ މީހުން ވެސް ހިމެނެ އެވެ.

އެޗްއާރުސީއެމްގެ މި ތަހުގީގާ މެދު ފާޅުކުރާ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެއް ކަމަކަށް, "ހެޔޮ ނިޔަތެއްގައި އެޅި ފޔަވަޅަކަށް" ދައުވާ އުފުލުމުގެ ހިތްހަމަނުޖެހުމެވެ.

"ކުދިން ބިޑި އެޅުވީ ރައްކާތެރިކަމަށް"

އެޗްއާރުސީއެމްގެ ތަހުގީގާ ގުޅިގެން އިދާރާތަކުން އާއްމުވި މައުލޫމާތުން މިހާތަނަށް ފެންނަ މަންޒަކީ ރައްކާތެރިކަން ދޭން ޖެހޭ ތިން މުއައްސަސާއެއްގެ އިސްވެރިން ހިމެނޭ ގޮތަށް ކުދިންތަކަކަށް ރަހުމްކުޑަ އަމަލުތަކެއް ހިންގާފައި ވުން ކަމަށް ވިޔަސް ކަން ހިނގައި ދިޔައީ އެގޮތަކަށް ނޫން ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި އެވެ.

ކުދިންތަކެއްގެ ބިޑި އެޅުވީ ކަނޑުމަތީގައި ދިމާވި ހާލަތެއްގައި ކުދިންގެ ފުރާނަ ސަލާމަތްކުރަން އަޅަން ޖެހުނު ފިޔަވަޅެއްގެ ގޮތުން ކަމަށް ވެސް އޭގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވެ އެވެ. މިކަމެއް ހިނގީ ހިޔާގެ ކުދިން ކޭމްޕެއްގައި ގެންދަނިކޮށެވެ.

ކުރީގެ ސަރުކާރުގައި, 2017 ގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުންތަކަކަށް ފަހު ކޭމްޕެއްގައި ގެންދަން ނިންމީ އޭރު އެތަނުގައި ތިބި ބައެއް ކުދިންގެ ފަރާތުން ހިޔާގައި ރޯކުރުން ފަދަ އަމަލުތަކެއް ހިނގައި ތަނަށް ލިބިފައި ހުރި ގެއްލުންތައް މަރާމާތު ކުރުމަށެވެ.

އާއިލާތަކުން އިހުމާލުވުމުން ދައުލަތަށް ނަގައި ބަލަހައްޓަމުން ދިޔަ ކުދިންގެ އަދަދު ވިލިމާލޭގެ ހިޔާގައި އޭރު ގިނަކަމުން އެ ކުދިން ބައިތިއްބައިގެން ތަން މަރާމާތުކުރުން ދަތިތަކެއް ކުރިމަތިވީ އެވެ.

އެހެންވެ މުއައްސަސާތަކަށް އެއްބަސްވެވުނު އެންމެ ރަނގަޅު ގޮތަކީ ދެ ދުވަހުގެ ކޭމްޕަކަށް ކުދިން ގެންގޮސް ހިޔާ މަރާމާތު ކުރުމެވެ.

އެކަމަކު އެ ކޭމްޕް ދާން ހިޔާގައި އޭރު ތިބި ތަންކޮޅެއް ބޮޑެތި (12-18 އަހަރާ ދެމެދުގެ) ކުދިން ބޭނުން ނުވީ ކަމަށް ވެ އެވެ. އެ ކުދިން އެއްބަސްކުރުވައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އާއި ސިފައިން ހިމެނޭ ގޮތުން އެ ކުދިންނަށް ދެ ދުވަހުގެ ހަރަކާތްތަކެއް ރާވައި ކޭމްޕް ގެންދިޔައީ އެމްޓީސީސީގެ ފެރީއެއްގަ އެވެ.

އެ ދަތުރުގައި ފުރައި ވަކި ހިސާބަކަށް ދެވުނުތަނާ އެކު ބައެއް ކުދިން ހިތްހަމަނުޖެހުންފާޅުކޮށް އަޑުގަދަކޮށް ދޯނީގެ ކުޑަދޮރުތަކުން މޫދަށް ފުންމާލަން އުޅުނު ކަމަށް, މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު"އަށް ކިޔައި ދެއްވި އެވެ.

ރޭގަނޑު ވަގުތު ކަމުން އެ ހަމަނުޖެހުމުގެ ތެރޭގައި ކުއްޖަކަށް އަނިޔާއެއް ވެދާނެ ކަމުގެ ބިރަށް ކުދިންތަކެއްގެ އަތުގައި ބިޑި އެޅުވި ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ދޯނީގައި އެ ވަގުތު ތިބި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންނަށް ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހާ ގިނައިރަކަށް ނޫން, ކުދިން ކޮންޓްރޯލްކުރަން އެ ވަގުތު އަޅަން ޖެހުނު ފިޔަވަޅެއް އެއީ. އަނިޔާވެރި ވުމުގެ ގޮތުން ކުދިންނާ މެދު ހިންގި ކަމެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.

"އޭގެތެރެއިން ކުއްޖަކު މޫދަށް ފުންމާލައި ނުވަތަ އެހެން ވެސް އަނިޔާއަކުން ފުރާނައަށް ނުރައްކަލެއްވި ނަމަ ކޮން ބައެއްތޯ ޒިންމާވާނީ."

އޭނާ ވިދާޅުވި ގޮތުގައި ބިޑި އެޅުވީ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެޔޮ ނިޔަތުގަ އެވެ.

"މިކަން ހިނގައިދިޔަ ކަމާއި ފިޔަވަޅުއެޅީ ކޮން ސަބަބަކާ ހެދިކަން މުއައްސަސާތަކަށް އޭރު ވެސް އެނގޭ،"

ކުދިންތަކެއްގެ ބިޑިއެޅުވުމާއި އަނިޔާ ދިނުން ބޮޑު މައްސަލައެއްގެ ގޮތުގައި ކޮމިޝަނުން ނަގަނީ އެންޓި ޓޯޗާގެ ގާނޫނާ ހަވާލާދީ އެވެ. ކޮމިޝަނުން ހަވާލާދޭ އެ ގާނޫނުގެ 44 ވަނަ މާއްދާގައި އޮންނަނީ އަނިޔާކުރުމާއި ރަހުމްކުޑަ އަމަލު ހިންގުމާއި ލާއިންސާނީ އަމަލު ހިންގުމާއި އިހާނެތި އަމަލު ހިންގުމާއި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބު ދިނުމާ ދެކޮޅަށް މަސައްކަތް ކުރުމާ އެކު އެފަދަ ކަންކަން ހިނގިޔަ ނުދޭން މަސައްކަތް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ އޮޕަރޭޝަނެއްގައި: އެޗްއާރުސީއެމުން ތަހުގީގު ގެންދިޔަ ގޮތުން ފުލުހުންގެ ކަންބޮޑުވުންތަކެއް އެބަހުރި. --ފޮޓޯ ނިޝާން އަލީ / މިހާރު

މި ރިޕޯޓަށް ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވަނީ ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ބިޑި އެޅުވުމަކީ އޭރުގެ ގާނޫނުތަކަށް އަދި މިހާރަށް ބަލާއިރު ވެސް ނުކުރެވޭނެ ކަމެއް ނޫނެވެ. އަދި ކުދިންނާ މެދު ހަޑިހުތުރުބަހުން މުއާމަލާތުކޮށް އަނިޔާދިން ކަމުގެ ތުހުމަތުތައް ދޮގުކުރެ އެވެ.

މި ހާދިސާ ހިނގިއިރު ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާ މަގާމެއްގައި އޭރުގެ މިނިސްޓަރު ޒެނީޝާ ހުންނެވުމުން އޭނާގެ މައްޗަށް ވެސް ދައުވާ އުފުލާފައިވާ އިރު ތުހުމަތުތަކަކީ "އަސްލެއް ނެތް ވާހަކަތަކެއް" ކަމެއް އޭނާ ވިދާޅުވި އެވެ. މުޅި މައްސަލަ އުފައްދާފައި އޮތީ ޒާތީ މަގްސަދެއްގައި ކަމަށް ޒެނީޝާ ވިދާޅުވެފައިވެ އެވެ.

ގާނޫނާ ހިލާފު އަމަލެއް ހިންގާފައި ނުވާއިރު އެފަދަ އަމަލެއްގައި ބައިވެރިވެފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް މައްސަލައާ ގުޅިގެން ނެރުއްވި ކުރު ބަޔާނުގައި ދެއްވި އެވެ.

ތަހުގީގު ހިންގީ މައްސަލަތައް ހައްލުކުރަން ދިން މައުލޫމާތަށް!

ހިޔާގެ ރަނގަޅުކުރެވޭނެ ގޮތްތަކަކާ ގުޅޭ މަޝްވަރާ އަށް ކުޑަކުދިންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ގެންދިއުމުން, 2017 ގެ މި ހާދިސާ ހިނގިކަން ހިއްސާކުރީ އެނގިފައިވާ ގޮތުގައި ކޭމްޕްގެ ބައިވެރިވި މުއައްސަސާތަކުންނެވެ. ހިޔާގައި ދިމާވާ މައްސަލަތަކާއި ރަނގަޅު ކުރަން ހުރި ކަންކަމުގެ ކަންކަން ނެގިއިރު އެ ހާދިސާގެ ވާހަކަ ހިއްސާކުރީ އެވެ.

އެކަމަކު ފަހުން އެ މައުލޫމާތުތައް ބޭނުންކޮށް ތަހުގީގެއް ފެށީ އެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން ވެސް ތަހުގީގަށް އެޗްއާރުސީއެމަށް ހާޒިރުކުރި އެވެ. ގިނަ ތުހުމަތުތަކެއްކޮށް, ބައެއް މީހުންގެ ބަޔާންތައް ނެގުމުގައި ކޮމިޝަންގައި ގިނައިރުތަކެއް ހޭދަކުރަން ޖެހިފައި އެބަހުއްޓެވެ. ދައުވާ އުފުލަން އެދުނީ ކޭމްޕްގެ ހުރިހާ ބައިވެރިންނާއި ޒިންމާ އުފުލަން ޖެހޭ އެންމެން ވެސް އެއް ތުހުމަތުތަކަކަށް ފައްތާފައި ކަމުގެ ކަންބޮޑުވުން ވެސް އެބައޮތެވެ.

މިހާ ބޮޑު މައްސަލައެއްގައި އެޗްއާރުސީއެމްގެ ތަހުގީގަކަށް ފަހު ދައުވާކުރަން ފޮނުވުމަކީ އެކަން ހިންގާފައިވާ ނަމަ އެ ބަޔަކާ މެދު ވެސް މުއައްސަސާތަކުންފިޔަވަޅު އަޅަން ޖެހޭ ކަމެކެވެ. އެކަމަކު މުއައްސަސާއަކުން އެފަދަ ފިޔަވަޅެއް މިހާތަނަކަށް ނާޅަ އެވެ.

އެޗްއާރުސީއެމްގެ ތަހުގީގާ މެދު ފުލުހުންގެ ކަންބޮޑުވުން

މި މައްސަލައިގައި ފުލުހުންގެ ތަރުޖަމާން ޔޫނުސް ސޮބާހްއާ "މިހާރު"ން ސުވާލުކުރުމުން ވިދާޅުވީ ފުލުހުންތަކަކަށް ދައުވާކުރަން ފޮނުވިކަން އަންގާފައި އެބައޮތް ކަމަށެވެ. އޭގެއިތުރަށް އެ މައްސަލައިގެ އެއްވެސް ތަފްސީލެއް އެޗްއާރުސީއެމުން މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫނުސް ވިދާޅުވި ގޮތުގައި މައްސަލައިގެ ތަހުގީގު އެޗްއާރުސީއެމުން ގެންދިޔަ ގޮތުން ފުލުހުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ތަފްސީލަކަށް ވަޑައެއް ނުގަންނަވަ އެވެ.

"ވަކިވަކި ފުލުހުންގެ މައްޗަށް ތުހުމަތުތަކެއްކޮށް ދައުވާކޮށްދޭން އެދުނުކަން އެކަނި އަންގާފައި އޮތީ. ތަފްސީލެއް ނުދޭ. މައުލޫމާތު ހިއްސާނުކުރާތީ އަދި އެއްވެސް ފުލުހަކާ މެދު އަޅުގަނޑުމެން ފިޔަވަޅެއް ނާޅަން," ޔޫނުސް ވިދާޅުވި އެވެ.

އެޗްއާރުސީއެމަށް ހާޒިރުކޮށް ފުލުހުންގެ ބަޔާންތައް ނެގުމުގައި ވަރަށް ގިނައިރު ބައެއް މީހުން ހޭދަކުރަން ޖެހުނެވެ. ހާދިސާ ހިނގި ގޮތް ތަފްސީލްކޮށް ކިޔައިދިނުމުން ވެސް އެ ބަޔާންތަކުގައި ބައެއް ވާހަކަތައް އުނިކޮށްފައި ހުރި ކަމުގެ ޝަކުވާ ވެސް އެބައޮތެވެ.

އެޗްއާރުސީއެމަށް ފާޑުކިއުން! ތަފްސީލެއް ނުދޭ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކަކާ މެދު, ރައްކާތެރިކަން ދޭން ޖެހޭ ދެ މުއައްސަސާތަކަކުން ލާއިންސާނީ އަމަލުތަކެއް ހިންގާފައިވާ ނަމަ އެކަން ހާމަކުރަން ޖެހެ އެވެ. ތަހުގީގާ މެދު ސުވާލު އުފައްދަނީ ސިއްރު ތަހުގީގަކުން ނިންމާލައި ދައުވާކޮށްދޭން ފޮނުވައި ތަފްސީލް އާއްމު ނުކޮށް ތިބުމުންނެވެ.

ކޮމިޝަނުން ނިންމައި ކުރީގެ މިނިސްޓަރު ހިމެނޭ ގޮތުން ދައުވާކުރަން ފޮނުވި މައްސަލައިން މުޖުތަމައަށް ހެވެއް ނެތް ކަމަށާއި ފެންނަނީ ކޮމިޝަނުން ޒާތީވެފައި އޮތް މިންވަރު ކަމަށް ބުނެ ދަނީ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ. މިއީ އިންސާނީ ހައްގުތައް ނިގުޅައިގަތް އިރު އަޅާނުލައި އޮތް މުއައްސަސާއެއް ކަމަށް ކުރިން ލޭބަލް ވެފައިވާ އެޗްއާރުސީއެމްގެ އިތުބާރާ މެދު އަނެއްކާވެސް ސުވާލު އުފައްދަން ޖާގަ ލިބޭ ކަމެކެވެ.

އެހެންވިޔަސް މިހާ ގިނަ އަދަދެއްގެ ބަޔަކަށް ދައުވާކުރަން ފޮނުވި ސަބަބުގެ ތަފްސީލު ހާމަކުރާކަށް އެޗްއާރުސީއެމުން ބޭނުމެއް ނުވެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުން--ފޮޓޯ/އެޗްއާރްސީއެމް

އެ ކޮމިޝަނާ "މިހާރު"ން ސުވާލުކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ މިކަމާ ގުޅޭ ގޮތުން "އަޅުގަނޑުމެންގެ ބަޔާނުގައި ހިމެނޭ މައުލޫމާތަށް ވުރެން އިތުރަށް މިވަގުތު ހާމަކުރެވެން ނެތް" ކަމަށެވެ.

އެ ވިދާޅުވި ބަޔާން ކޮމިޝަނުން ނެރުނީ ދައުވާކުރަން ފޮނުވި މައްސަލައިގެ ތަހުގީގުގައި އެޗްއާރުސީއެމުން ވަރަށް ބޮޑަށް ޒާތީވެފައިވާ ކަމުގެ ފާޑުކިއުންތައް އަމާޒުވުމުން ދިފާއެއްގެ ގޮތުންނެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ހުށަހަޅާ މައްސަލަތައް ތަހުގީގު ކުރުމުގައި އެއްވެސް ފަރާތަކާ މެދު ޒާތީ ތައައްސަބެއް ނޯންނާނެ އެވެ.

މައްސަލަތަކުގައި ގޮތް ނިންމަނީ ކުރިމަތީގައިވާ ހެކީގެ މައްޗަށް ބުރަވެ އިންސާފުވެރިކަމާއި އަދުލުވެރިކަމާއި ނަޒާހަތްތެރިކަމާ އެކުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

މި ޔަގީންކަން ދޭ ނަމަ ކޮމިޝަނުން ބަލައި ދައުވާކުރަން ފޮނުވަން އޮންނާނީ އަހަރުތަކެއް ކުރިން ހިނގާފައި އޮތް މި މައްސަލަ އެކަންޏެއް ނޫނެވެ. އިންސާނީ ހައްގުތަކެއް ނިގުޅައިގަނެވުނު ކަން ސާފުކޮށް ފެންނަން ހުރިއިރު ވެސް ކުރީގެ ކޮމިޝަނުން އަޅާނުލައި ދޫކޮށްލި މައްސަލަތަކުގެ ފައިލްތައް ވެސް އަމިއްލަ އިސްނެގުމަށް ބަލައި އިންސާފު ހޯދައިދޭން މަސައްކަތް ކުރާނެ އެވެ.

ކުޑަކުދިންތަކަކާ މެދު ދައުލަތުގެ މުއައްސަސާތަކުން ލާއިންސާނީ އަމަލު ހިންގާފައިވާ ނަމަ މިކަމުގައި ކޮމިޝަނުން ދޫދީގެން ނުވާނެ އެވެ. ޖަވާބުދާރީކުރުވައި ފިޔަވަޅު ވެސް އަޅަން ޖެހެ އެވެ. އެކަމަކު ތުހުމަތުތަކެއްކޮށް އެއްވެސް މީހެއްގެ އަބުރު ކަތިލެވި ހައްގަކަށް އުނިކަން ލިބޭ ގޮތަށް އަމަލުކުރުމަކީ ވެސް ކޮމިޝަނަށް ގާނޫނީ ގޮތުން އޮތް ބާރެއް ނޫނެވެ.

އެޗްއާރުސީއެމުން ހިންގި ބޮޑު ތަހުގީގާ މެދު އުފެދިފައި އޮތް ކަންބޮޑުވުމަށް ގާނޫނީ ޖަވާބެއް ލިބޭނީ ޕްރޮސިކިއުޓަ ޖެނެރަލް އެ މައްސަލައިގައި ގޮތެއް ނިންމެވުމުންނެވެ.

57 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 9%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާމާނު

03 November 2021

ތިޔަ މެންބަރުން އައިސް ލީގަލް ރިޓެއިނަރު ލޯ ފާމެއް ހޯދި. އޭގެ ފަހުން މެންބަރުން، ޚާއްސަކޮށް ސިފާތު ބޭނުންވާގޮތަށް ޤާނޫނީ ލަފާ ލިބޭކަމަށްވަނީ. ނޫސްވެރިން މިކަމުގެ ޙަގީގަތް ހޯދާލުން ފަހަރުގައި ރަނގަޅުވެދާނެ.

The name is already taken The name is available. Register?

މެލްބަން

03 November 2021

ބޭރުގައުމުތަކުން ކިޔަވާގެން އަންނަ ގިނަ މީހުންނަށް ދިވެހިރާއްޖެގައި ކަންކަން ވާގޮތެއް ނޭގޭ

The name is already taken The name is available. Register?

ބަތް ޕާރުސިލް

03 November 2021

މައްސަލައަކީ ބޭރު ޤައުމަކުން ކިޔެވުމެއް ނޫން. ދާއިރާގެ ތަޖުރިބާ ނެތުމާއި ޒާތީ ތައައްސަބުން ފުރިފަ ތިބި ރޯނުއެދުރުންތަކެއް މެންބަރުންނަށްލުން. ވެރިން ބުނާމަ ކޮންމެ ކަމަކަށް އާނ ބަސް ބުނާ މީހުން ނޫން އެހެން މީހުންނަށް ވަޒީފާގަ ތިބެވެން ނެތުން.

The name is already taken The name is available. Register?

އެމްޑީޕީ އެޗުއާރުސީއެމް ފެކްޝަން

03 November 2021

ފަރަންޖީން ރުއްސަން ތިހިންގަނީ މާބޮޑު ޖަރީމާއެއް.ހައްގު ބޮޑުކޮއްގެން ޅަދަރިން ހަލާކުކޮއްފި. އިސްލާހިއްޔާއިން ނުކުއް ކުދިން ތެރޭން ގިނަކުދިން އުޅެނީ ރަގަލަށް. އެކި ނަންތައް ކިޔާގެން ތަންތަންހަދައިން ދަރިން ހަލާކުކުރަން ފެސީ ތިއަތަނަކުން. ދަރިން ތަރުބިއްޔަތުކުރުމުގައި އިސުލާމުދާނުގެ އުސޫލުތައް ދޫކޮއްލާ ހުޅަނގުގެ ފަރަންޖީ ރުއްސަން އުޅޭ ބައިގަނޑެއްތީ. ތީގައުމަށް އެއްވެސް މިންވަރެއްގެ ފައިދާއެއްނުވާ ހަރަދުބޮޑު ސިޔާސީ އައްޑާއެއް.

The name is already taken The name is available. Register?

ކޮބާކޮބާ މަގޭ ވޯޓު؟

03 November 2021

މިސަރުކާރުގެ ހަމައެކަނި ސިޔާސަތަކީ ރައީސްޔާމީނު /ކުރީ ސަރުކާރު ފަހަތުން އަޅާގަނެގެން ލޮލައް ނިދިނާސްގެން އުޅުން. އެކަމުން އަރައިނުގަނު ސޯލިހުގެ 5 އަހަރު މިނިމެނީ. ރައްޔެތުންނަށް ސޯލިހު ކޮއްދިންކަމެއްނެތް. އަދިވެސް ފެންނަންހުރީ ރައީސްޔާމީނު ކޮއްދިން ކަންތައްތައް

The name is already taken The name is available. Register?

ފިޔަވަތި

03 November 2021

ހިއުމަން ރައިޓުސް ކޮމިސަންވެސް މިފެންނަނީ އެހާލުގައި އޮތްތަން. ކުރީ ކޮމިސަން ފަހަތުން ނުނެއްޓިގެން މިސަރުކާރުގެ ޖަރީމާތައް ނުބަލަން ޖައްސާ ސުޓަންޓް

The name is already taken The name is available. Register?

ޖައުފަރު

03 November 2021

މިހާރުގެ ހިއުމަން ރައިޓުސް ކޮމިސަން މެންބަރުން ޒާތީހަސަދައިން ނުހައްގުން ވަޒީފައިން ވަކިކުރި އެތަނުގެ މުވައްޒަފުންތަކެއްގެ މައްސަލަ ޓުރައިބިއުނަލުން ބަލަމުން އެބަދޭ. ޒާތީތައުއްސުބަކީ ސައިތޯނީ ވަސްވާހެއް

The name is already taken The name is available. Register?

ޢަބައުޓް އަސް

03 November 2021

މައްސަލަތައް ތަޙުޤީޤުކުރަން ތިބި މީހުންގެ ވަނަވަރަށް ބަލާލަމާ. މޫމިނާ، އަދުހަމް، މުނާއަކީ ބިޒްނަސް، ހިއުމަން ރިސޯސް ދާއިރާގެ މީހުން. ސިފާތަކީ ވަކި ދާއިރެއްގެ މީހެކޭ ބުނެވޭވަރަށް މަސައްކަތްކޮށްފަ ހުރި ކުއްޖެއްނޫން. ސަމާއުއަކީ ސަރުކާރު ދިފާއުކުރަން 5 ވަަަރަކަށް އަހަރު އެޓަރނީ ޖެނެރަލްގެ އޮފީހުގަ ވަކީލެއްގެ ގޮތުގައި އުޅުނު ކުއްޖެއް. .

The name is already taken The name is available. Register?

ަޖަނާހް

03 November 2021

ރައްޔަތުންގެ އިހޫތިރާމާގަދަރު ލިބިފާހުރި ހިކުމަތްތެރި އެއްވެސްމީހަކު ތިއާގެ ތެރެއަކު ނެތް. ތަސައްރަފު ނުފުދޭ ބައަކު އައްޔަނުކޮއްގެން މުވައްސަސާއެއްގެ އިތުބާރު ރައްޔިތުންގެ ކުރިމަތީ ގެށްލުވާލާފި

The name is already taken The name is available. Register?

ސިޔާސީ ޕަޕެޓުން

03 November 2021

މި ދައުވާތަކަކީ މިހާރުގެ ސަރުކާރުން ފޭލިވެފައި ހުރި ކަންކަން އޮއްބާލަން ކުރާ ކަމެއް. އެޗްއާރުސީއެމް މިހާ ފާޅުގައި ސިޔާސީގޮތުން ވަކިފަރާތަކަށް ޖެހުނު ފުރަތަމަ ފަހަރުމީ.

The name is already taken The name is available. Register?

އަދު

03 November 2021

ކުޑަކުދިންގެ ހިޔާ ބަލަހައްޓަން އެޗްއާރުސީއެމާ ޙަވާލުކުރޭ. އެންމެ ދުވަހަކަށްވެސް ކެތްނުވާނެ.

The name is already taken The name is available. Register?

ސިވިލް

03 November 2021

ގޮޑި ހޫނުކޮއްގެން މުސާރަ ހަލާލުކުރާ ބައަކަށް ތިއަކަމެއް ނުވާނެ.

The name is already taken The name is available. Register?

ޒާތީ ކޮމިޝަން

03 November 2021

30 މީހުންގެ އަބުރު ކަތިލި މައްސަލައިގައި އެޗްއާރުސީއެމުގެ މެންބަރުންނާ ދެކޮޅަށް ދައުވާ ކުރައްވާ.

The name is already taken The name is available. Register?

އިންސާފުގެދަތުރު

03 November 2021

މިހާރުވެސް އެޗުއާރުސިއެމްއާ ދެކޯޅަށް 4 މައްސަލައޭއް ވަޒީފާގެ ޓުރައިބިއުނަލުގަ ކުރިއައްއެބަދީ.

The name is already taken The name is available. Register?

ޓަކޭ

03 November 2021

ކޮބާ ފިޔަވަތި ކުދިންނަށް މިސަރުކާރުން ދިން އަނިޔާ؟ ކޮބާ ކޮވިޑުގައި އެމްބޫލެންސް ލަސްވެގެން މަރުވި މިޝްކާ؟ އެމައްސަލަަތައް ބަލަފެލެ. ސިޔާސީ ދިޔާސީ ވެގެން ލައްކަ ކަޑައޭ އެޗުއާރުސީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454