13 އަހަރުގެ ކުއްޖާ އަށް އިހުމާލުވި މައްސަލައިގައި މުއައްސަސާތައް ކޮމިޓީ އަށް

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވި މައްސަލައިގައި، ކަމާ ގުޅުން ހުރި މުއައްސަސާތައް ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް މިރޭ ހާޒިރުކުރަން ނިންމައިފި އެވެ.


ކުޑައަންހެން ކުދިންތަކެއް ތައުލީމާއި އިންސާނީ ހައްގުތަކުން މަހްރޫމްކޮށްގެން ގެންގުޅެ، އޭގެ ތެރެއިން އެއް ކުއްޖަކު ފިރިހެނަކާ ހަވާލުކޮށް ބަނޑުބޮޑުވި މައްސަލަ ފެންމަތިވީ ރ. މަޑުއްވަރީގައި އުޅޭ ދީނީ ހަރުކަށި ފިކުރުގެ ބައެއްގެ މެދުގައި ހިނގި މަރާމާރީއެއްގެ ތެރެއިންނެވެ. ލަނޑާ ނަގަން ނުކުމެ އުޅުނު ދޯންޏެއްގައި ހިންގި އެ މާރާމާރީގައި ޒަހަމްވި މީހާ މިހާރު އޮތީ އައިޖީއެމްއެޗުގަ އެވެ. އެ މައްސަލާގައި އެކަކު ހައްޔަރުކޮށް، ބަންދަށް 10 ދުވަސް ވަނީ ޖަހައިފަ އެވެ.

ކުޑަކުއްޖާގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ބަލަން ފަށައި، އެ ކުއްޖާއާ ގުޅުން ހުރި މައުލޫމާތުތައް ވަނީ ކޮމިޓީ އަށް ހޯދައިފަ އެވެ.

ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު މިއަދު ވިދާޅުވީ މުއައްސަސާތައް ކޮމިޓީ އަށް ހާޒިރުކުރަނީ އެ ކުއްޖާގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅުތަކުގެ ތަފްސީލް ހޯދަން ކަމަށެވެ. އެއީ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި، ކޮމިޓީން މިވަގުތު އިސްކަމެއް ދީގެން ބަލަމުން އަންނަ މައްސަލައެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ކުއްޖާއާ ދޭތެރޭގައި އަމަލުކުރަމުން ދިޔަ ގޮތުގެ މައްސަލަ ޖޫން، 2018 ގައި ފުލުހުންގެ އިންޓެލިޖެންސަށް ވަނީ ލިބިފަ އެވެ. އެ ކުއްޖާ އަށް ރައްކާތެރި މާހައުލެއް ހޯދައިދޭން ދައުލަތުގެ ބެލުމުގެ ދަށަށް ވެސް ނެގި އެވެ.

އެކަމަކު ފަހުން އާއިލާއާ ހަވާލުކޮށްފައި ވަނިކޮށް، 12 އަހަރުގައި ބަނޑުބޮޑުވެ މި މަހުގެ ތެރޭގައި ވަނީ ވިހައިފަ އެވެ.