އަބީޝެކް ބައްޗަން އާއި ރިތޭޝް ދޭޝްމުކް 2005 ގައި ކުޅުނު "ބްލަފްމާސްޓާ" އަކީ ވަރަށް މޮޅު ފިލްމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. މި ފިލްމުން ވަނީ އަބީޝެކް އާއި ރިތޭޝްގެ އޮތް އެކުވެރިކަން ވެސް ވަރަށް ބޮޑަށް ހާމަވި އެވެ. ފިލްމުގައި ބަތަލާގެ ރޯލު ކުޅެފައިވަނީ ޕްރިޔަންކާ ޗޯޕްރާ އެވެ.

"ބްލަފްމާސްޓާ" ރިލީޒްކުރިތާ 12 އަހަރު ފުރުމާ ދިމާކޮށް ފިލްމުގެ ތަރިންނާއި މިއުޒިކް ޑައިރެކްޓަރު ވިޝާލް ދަދްލާނީ ކުރި ޓުވީޓްތަކެއްގައި މީގެ ސީކުއަލްއެއް އުފެއްދުމާ ގުޅޭ ވާހަކަތަކެއް ވަނީ ދައްކާފަ އެވެ.

ކޮމެޑީ ޑްރާމާއެއްގެ ގޮތުގައި އުފެއްދި މި ފިލްމާ ގުޅޭ ގޮތުން ފުރަތަމަ ޓުވީޓްކުރީ ރިތޭޝް އެވެ. ރިތޭޝް ބުނެފައިވަނީ "ބްލަފްމާސްޓާ"އަކީ އޭނާއަށް އެންމެ މަގްބޫލު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެއް ކަމަށާއި ފިލްމުގެ ތަރިން ކަމަށްވާ އަބީޝެކް އާއި ޕްރިޔަންކާ ޗޯޕްރާ އަދި ބަމަން އިރާނީ އާއި ނާނާ ޕަޓޭކަރް އަކީ އޭނާއަށް އެންމެ މަގްބޫލު ތަރިން ކަމަށެވެ.

ރިތޭޝްގެ ޓުވީޓަށް ފުރަތަމަ ޖަވާބު ދިނީ މިއުޒިކް ޑައިރެކްޓަރު ވިޝާލް އެވެ. ފިލްމުގެ ޑައިރެކްޓަރު ރޯހަން ސިއްޕީގެ ގެޔަށް ގޮސް ފިލްމުގެ ސީކުއަލްއެއް އުފެއްދުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ދިއުމަށް ވިޝާލް ވަނީ ރިތޭޝް އާއި އަބީޝެކްގެ ކިބައިން އެދިފަ އެވެ.

ފަހުން އަބީޝެކް ވެސް ވަނީ ރިތޭޝް އާއި ވިޝާލްގެ ޓުވީޓްތަކަށް ތާއީދުކޮށް ފިލްމުގެ ސީކުއަލްއެއް އުފެއްދުމަށް ބޭނުންވާ ކަމަށް ބުނެ ޓުވީޓް ކޮށްފަ އެވެ.

އެހިސާބުން ފިލްމުގެ ޑައިރެކްޓަރު ސިއްޕީ ކުރި ޓުވީޓެއްގައި އޭނާ ވެސް "ބްލަފްމާސްޓާ"ގެ ސީކުއަލްއެއް ހަދަން ޝައުގުވެރިވާ ކަމަށް ބުނެފައިވެ އެވެ. އަދި ހުރިހާ އެންމެން ގޮވައިގެން ވިޝާލް ކައިރިއަށް ގޮސް ލަވައެއް އުފައްދައިގެން ފިލްމުގެ މަސައްކަތް ފަށަން ގަސްތުކުރާ ކަމަށް ރޯހަން ބުނެފައިވެ އެވެ.

"ބްލަފްމާސްޓާ"ގެ އެންމެ އުސް އަލިތަކަކީ ވެސް އޭގެ ރީތި ލަވަތަކެވެ.