ބޮލީވުޑްގެ އެކްޓަރު ރިތޭޝް ދޭޝްމުކް އޭނާގެ އާއިލާއާ އެކު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ. 

ރިތޭޝް އާއި އޭނާގެ އަންހެނުން އަދި އެކްޓްރެސް ޖެނީލިއާ އާއި އެ ދެމަފިރިންގެ ދެ ކުދިންގެ އިތުރުން އާއިލާގެ އެހެން ބައެއް މެމްބަރުންނާއި ރައްޓެހިން ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ އަތޮޅުގައި އޮންނަ ސެންޓާރާ މައިރޭޖް ލެގޫން މޯލްޑިވްސް ރިސޯޓުގަ އެވެ. 

އެ ދަތުރުގެ ބައެއް ފޮޓޯތައް ރިތޭޝްގެ އިންސްޓަގްރާމްގައި އިއްޔެ ވަނީ ހިއްސާކޮށްފަ އެވެ. 

"ފްރެންޑްސް، ފެމިލީ، ގުޑް ޓައިމްސް އެންޑް އަ ބީޗް - އަ ޕާފެކްޓް ގެޓްއަވޭ،" އެ ޕޯސްޓުގައި ރިތޭޝް ލިޔެފައިވެ އެވެ. 

ރިތޭޝް އާއިލާއާ އެކު ޗުއްޓީއަށް ރާއްޖެ މި އައީ އޭނާގެ އެންމެފަހުގެ ފިލްމަށް ލިބުނު ބޮޑު ކާމިޔާބީއަށް ފަހުގަ އެވެ. 

މިދިޔަ މެއި މަހު ނުކުތް އޭނާގެ ފިލްމު "ރާޖާ ޝިވާޖީ"އަކީ އިންޑިއާގެ ކުރީގެ ރަސްކަލެއް ކަމަށްވާ ޗައްތުރަޕަތީ ޝިވާޖީ މަހާރާޖްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި ތާރީޚީ ފިލްމެކެވެ. އެ ފިލްމަކީ ރިތޭޝް އަމިއްލައަށް ޑައިރެކްޓުކޮށް، ލީޑު ރޯލު ވެސް ކުޅެފައިވާ ފިލްމެކެވެ.

އެ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ގާތްގަނޑަކަށް 130 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ މަރާޓީ ސިނަމާގެ ތާރީޚުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. އަދި އިންޑިއާގައި އެކަނިވެސް 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފުރަތަމަ މަރާޓީ ފިލްމެވެ.