އައްޑޫ ހިތަދޫގައި މިދިޔަ ހަފުތާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއްވި މީހާ މިއަދު ނިޔާވެއްޖެ އެވެ. 

އެ ހާދިސާގައި ނިޔާވީ ހިތަދޫ، ޖަބްރާނުގޭ، ރަމީޒް އަބްދުﷲ އެވެ. އުމުރުން 48 އަހަރުގެ ރަމީޒްގެ ކަށުނަމާދު އޮންނާނީ މާދަމާގެ މެންދުރު ނަމާދަށް ފަހު މާލޭގެ އާސަހަރާގަ އެވެ.

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ އެ އެކްސިޑެންޓު ހިނގީ ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލު ޖެހިގެންނެވެ. 

އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ބޮޑުމަގުން ބާރު ސްޕީޑުގައި ނުބައި ފަޅިން ދިޔަ ސައިކަލެއް އެ ދިމާލުން މަޑުން ދިޔަ ސައިކަލެއްގައި ޖެހި އެކްސިޑެންޓުވި ތަނެވެ. 

އެ ހާދިސާގައި ބޮޑުވަރުވީ ރަނގަޅު ފަޅިން ދުއްވި ފެނަކަ، ހިތަދޫ ބްރާންޗުގެ މުވައްޒަފު ރަމީޒަށެވެ. އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑި އަށް ގެއްލުންތަކެއް ލިބުނުއިރު އައްޑޫގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވީ އެވެ. 

އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ ރިޕޯޓުކުރީ މިދިޔަ މެއި 31 ގެ ރޭގަނޑު 9:30 ހާއިރު ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ ދިވެހި ދެ ފިރިހެނުންނަށް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.