ބޮޑުތަކުރުފާނު މަގުން ސިނަމާލެ ބްރިޖު ކައިރީގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެ އެވެ.
ނިޔާވީ ބ. ދަރަވަންދޫ، ހިޔަލީގުލްޝަން، މުހައްމަދު ނިހާން ނާޒިމް އެވެ. އެއީ އިމާދުއްދީން ސްކޫލްގެ ގްރޭޑް 10 ގައި ކިޔަވަމުން އައި އަދި މި އަހަރުގެ އޯ ލެވެލް އިމްތިހާނު ވެސް ހަދަމުން އަންނަ ދަރިވަރެއް ކަމަށް އެ ސްކޫލުން ބުންޏެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެ ނިހާން ނިޔާވި އެކްސިޑެންޓު ހިނގީ، ބޮޑުތަކުރުފާނު މަގުން ބްރިޖުގެ ޓްރެފިކް ލައިޓު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ޕޭވްމަންޓަށް އެރުމުގެ ސަބަބުން ކަމަށެވެ.
ރޭ ދަންވަރު 1:30 ހާއިރު ހިނގި އެކްސިޑެންޓާ ގުޅިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް، ނިޔާވި ކުއްޖާ އިނީ އެ ސައިކަލްގެ ފަހަތުގައި ކަމަށް ފުލުހުން ބުންޏެވެ. ސައިކަލް ދުއްވަން އިނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ސައިކަލް ދުއްވަން އިން މީހާ އަށް ވެސް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދިނެވެ.
ފުލުހުން ބުނީ، ސައިކަލް ދުއްވަން އިނީ އެ ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ވެސް ނެތް މީހެއް ކަމަށެވެ.
"މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" ފުލުހުން މީގެ އިރުކޮޅެއް ކުރިން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ.
މި އެކްސިޑެންޓުގައި ނިޔާވި ނިހާންގެ ކަށުނަމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.