އައްޑޫ ފޭދޫ ސްކޫލްގައި މިހާރު ކުރިއަށް ގެންދާ ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުންތަކެއް ކާނާވިހަވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބަލަން ފަށައިފި އެވެ.
އެ ކޮމިޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އައްޑޫ ބޭސިކް ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުން ކާނާވިހަވެ، ބައެއް ކުދިން ހާލުދެރަވެ ހޮސްޕިޓަލުގައި އެނދުމަތިކުރަން ޖެހުމަކީ އެ ކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެ މައްސަލަ މޮނިޓާކުރަމުން އަންނަ ކަމަށެވެ.
މިކަން ހިނގާދިޔަ ގޮތް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، މި ބާވަތުގެ ކަންކަން ތަކުރާރު ނުވާނެ ގޮތެއްގެ މަތިން ކަންކަން ބައްޓަން ކުރަން ކަމާބެހޭ އިދާރާތަކަށް އެޗްއާރުސީއެމުން ވަނީ ގޮވާލައިފަ އެވެ.
"މި ހާދިސާގައި ފަރުވާ ހޯދަމުންދާ އެންމެހައި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދެމެވެ،" އެޗްއާރުސީއެމުން ބުންޏެވެ.
މި ހާދިސާގެ މައުލޫމާތު އެނގިވަޑައިގަންނަވާ އިސް އޮފިޝަލަކު މިއަދުގެ މެންދުރު "މިހާރު" އަށް ވިދާޅުވީ ކާނާވިހަވެގެން ޖުމްލަ 24 ދަރިވަރަކަށް އެ ވަގުތާ ހަމައަށް ފަރުވާ ދެމުން އައި ކަމަށެވެ. އެއީ ފޭދޫ ހެލްތު ސެންޓަރުގައި 12 އަދި މަރަދޫ ހެލްތު ސެންޓަރުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އައި 12 ކުއްޖެކެވެ.
"އެ ކުދިންގެ ބަނޑަށް ތަދުވެ، ހޮޑުލައި، ފާހާނާ އަށް ދިއުމުގެ މައްސަލަތަކެއް ވަނީ ފާހަގަކުރެވިފައި. މިހާރު އެ ތިބީ އޮބްޒަވޭޝަންގައި،" އޮފިޝަލް މެންދުރު ވިދާޅުވި އެވެ.
ނަމަވެސް މިރެއާ ހަމައަށް 10 ކުއްޖަކު ދޫކޮށްލައި، މިވަގުތު ފަރުވާދެނީ 14 ކުއްޖަކަށް ކަމަށް އޮފިޝަލަކު ވިދާޅުވި އެވެ. އޭގެ ތެރެއިން ހަ ކުއްޖަކު މިހާރު އެޑްމިޓް ކޮށްފައި ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގަ އެވެ. އަދި ހަތް ކުއްޖަކަށް ފަރުވާދެނީ އޭނާ ވިދާޅުވި ގޮތުގައި މަރަދޫ ސިއްހީ މަރުކަޒުގަ އެވެ.
"އެ ހުރިހާ ކުދިންގެ ހާލު ވެސް މިހާރު ސްޓޭބަލް،" އޮފިޝަލް ވިދާޅުވި އެވެ.
އެޑްމިޓްކޮށްގެން ފަރުވާދެމުން އައި ނަމަވެސް އެ ކުދިން ކާނާވިހަވީ ކޯޗަކަށް ކަމެއް ނޭނގެ އެވެ. އަދި ކޭމްޕަށް ކެއުން ފޯރުކޮށްދިން ފަރާތުގެ މައުލޫމާތެއް ސާފެއް ނުވި އެވެ.
މި ފަހަރުގެ ކެޑޭޓް ކޭމްޕުތައް ބައެއް ސްކޫލުތަކުގައި އިއްޔެ ނިންމާލާފައިވާ ނަމަވެސް ގިނަ ސްކޫލުތަކުގައި ކުރިއަށް ގެންދަނީ ތިން ދުވަހަށެވެ. ކޭމްޕުގެ ފަހު ދުވަހަކީ މާދަމާ އެވެ.