ސާކް ބިޒްނަސް އެސޯސިއޭޝަން ފޯ ހޯމް ބޭސްޑް ވޯކާސް (ސަބާ) ގެ ރާއްޖޭގެ ގޮފި ސަބާ މޯލްޑިވްސް އިން މި އަހަރު ބާއްވާ އަހަރީ ބާޒާރު އައްޑޫގައި ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ސަބާ މޯލްޑިވްސްގެ އަހަރީ ބާޒާރު އައްޑޫގައި ބާއްވާނީ އަންނަ މަހުގެ 24 ގައި ކަމަށެވެ.
ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބާއްވާ ބާޒާރުގައި ބައިވެރިވުމަށް ނަން ނޯޓް ކުރުމުގެ ފުރުސަތު އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމައަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
މިނިސްޓްރީން ބުނީ ސަބާގެ މެންބަރުންގެ އިތުރުން ވިޔަފާރިވެރިންނަށާއި ކުލަބް ޖަމިއްޔާތަކާއި އާންމުންނަށް ވެސް އަހަރީ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އައްޑޫގައި މި ބާޒާރު ބާއްވާއިރު ފާހަގަކޮށްލެވޭ ކަމަކީ ސަބާ މޯލްޑިވްސްގެ މެމްބަރުންގެ ތެރޭގައި އައްޑު އަށް ނިސްބަތްވާ މެމްބަރުން ގިނަ ކަމެވެ.
އަދި ސަބާގެ ކޮމިއުނިޓީ ފެސިލިޓޭޝަން ސެންޓަރު (ސީއެފްސީ) އެއް އައްޑޫގައި ގާއިމް ކުރަން ވަނީ ނިންމައިފަ އެވެ.
ސަބާ މޯލްޑިވްސް އަކީ ދިވެހި އަންހެނުން އުފައްދާ ތަފާތު ތަކެތި މާކެޓްކޮށް ވިޔަފާރި ކުރާ އަންހެނުންނަށް ތަފާތު ގޮތް ގޮތުން އެހީތެރިވުމަށް އުފައްދާފައިވާ ޖަމިއްޔާ އެކެވެ.
ސަބާ މޯލްޑިވްސް ބާޒާރެއް އެންމެ ފަހުން ބާއްވާފައި ވަނީ މި އަހަރުގެ މެއި މަހު މާލޭގަ އެވެ.